ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓާ ގުޅިގެން ކައުންސިލުން ނެރޭ ނޫސް ބަޔާން

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި  ރައީސް ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނިލަންދޫން ބޮޑު އަޣްލަބިއްޔަތެއް ލިބިފައިވުމުގެ ނަތީޖާއެއްގެ ގޮތުން ނިލަންދޫގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ނިންމަވާފައިވެއެވެ. އަދި  އޭރުއްސުރެ ނިލަންދޫގެ ރައްޔިތުން ދެކެމުންއައި އެއަރޕޯޓުގެ ހުވަފެން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި 2017 ވަނަ އަހަރު އިޢުލާންކުރައްވައި އެކަމާއި ގުޅުންހުރި ބައެއް މަސައްކަތްތައްވެސް ކުރައްވާފައިވެއެވެ. އަދި 2017 ، 2018 އަދި 2019 ވަނަ އަހަރު ސަރުކާރުގެ ބަޖެޓުގައި މިމަޝްރޫޢު ހިމަނުއްވާފައި ވެއެވެ.  އެހެންނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ މިއަދާހަމައަށް އައިއިރުވެސް އެއަރޕޯޓުގެ މަސައްކަތް ފެށިފައިނުވުމުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ.

            ފ. ނިލަންދުއަކީ އަތޮޅުގެ އެންމެ ބޮޑު ، އާބާދީ އެންމެ ގިނަ، ސަރުކާރުގެ ގިނަ މުވައްސަސާތައް ޤާއިމުވެފައި ހުރި  އަދި ހަމަ އެހެންމެ ފ އަދި ދ އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކާއި ރިޒޯޓްތަކާއި އެންމެ ގާތް އަތޮޅު ވެރިކަންކުރާ ރަށްކަމަށްވުމުން، ނިލަންދޫގައި އެއާރޕޯޓެއް އެޅުން އެއީ މިދެންނެވި ރަށްތަކުގައި ދިރިއުޅުއްވާ ރައްޔިތުންނާއި، މި ސަރަހައްދުގެ ރިޒޯޓް ތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކާ ޖުމުލަކޮށް ނިލަންދުއަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތަކަށްވެސް އެކަމުގެ ލުއި ފަސޭހަކަން ލިބިގެންދާނެ ކަމެކެވެ.

           ސަރުކާރުތަކުގެ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތުން އާބާދީ އެއްފަސްކޮށް އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ރައްޔިތުންނަށް  ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިދެވޭނެ ގޮތަކަށް ސަރަހައްދީ ޚިދުމަތް އެއްފަސްކުރުމަކީ އަދަބުވެސް ގެންގުޅޭ މުހިންމު ސިޔާސަތެކެވެ. އެގޮތުން ފ. ނިލަންދުއަކީ މިސަރަހައްދުގެ އެންމެ ބޮޑު އާބާދީއަކަށް ޚިދުމަތް ފޯރުކޮށްދޭ ރަށަށްވެފައި، ސަރަހައްދުގެ އެންމެ ގިނަ ރައްޔިތުން ޒިޔާރަތްކުރާ އަދި ސަރުކާރުގެ ގިނަ ޚިދުމަތްތައް ލިބެންހުރި މަރުކަޒީ ރަށް ކަމުގައި ވީނަމަވެސް މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ނިމި ދިޔަ އެމް.ޑީ.ޕީ ސަރުކާރުން ނިލަންދޫ ބާކީކޮށް ފ. މަގޫދޫގައި އެއަރޕޯޓު އަޅަން ނިންމެވި ނިންމުމަކީ ސަރަހައްދީ ތަރައްޤީއަށް ބެލުމެއްނެތި ސިޔާސީ ވިސްނުމެއްގެ ތެރެއިން އޭރުގެ ރައީސުލް ޖުމުހޫރިއްޔާގެ ޢާއިލީ މަންފާއަކަށްޓަކައި ރައްޔިތުންގެ ލުއިފަސޭހައަށް ބެލުމެއްނެތި ދައުލަތާއި ސަރަޙައްދުގައި ދިރިއުޅޭ ޖުމުލަ ރައްޔިތުންގެ ވިސްނުމާވެސް ދެކޮޅަށް ހިންގާފައިވާ ޢަމަލެކެވެ.

           އިސްވެ ދެންނެވި ކަންކަމަށް ރިޢާޔަތް ކުރައްވައި މިއަދުގެ ސަރުކާރުން ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަމަށް 2024 މާރިޗް 27 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާގެ 2024/6 ޤަރާރުން އާންމުކޮށްފައިވެއެވެ. މިޤަރާރަކީ  ނިލަންދޫގެ ލޮބުވެތި ރައްޔިތުންގެ އިތުރުން ނިލަންދޫން ޚިދުމަތް ހޯދުމަށް އަންނަ ކޮންމެ ފަރުދަކަށްވެސް ބަޔާންނުކުރެވޭ އުފާވެރި އިޙުސާސެއް ކުރުވި ކަމެކެވެ.  ހަމަ މިއާއެކު 2024 އެޕްރީލް 13 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ނިލަންދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީވެ ފުރިހަމަކުރެވިފައިވާ އެއަރ ޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި ، އަދި ހަމައެއާއިއެކު ގިނަ ވަސީލަތްތައް ހިމެނޭހެން މި ސަރަހައްދުގެ އާރބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީ ކޮށްދެއްވާނެކަމަށާ ، ނިލަންދޫގެ މަގުތައް ރަގަޅުފެންވަރެއްގައި ހައްދަވައި ދެއްވައި ، ފެނާއި ނަރުދަމާގެ ޙާލަތު ރަގަޅުކޮށްދެއްވައި ، ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވައި ބަނދަރާއެކު ގިރާ ސަރަހައްދު ޙިމާޔަތް ކޮށްދެއްވާނެކަމުގެ އުފާވެރި އެތައް ކަންތައްތަކެއްގެ ވާހަކަ އިޢުލާންކޮށްދެއްވުމާއި އަދި ހަމައެއާއިއެކު ނިލަންދޫ ރައްޔިތުން ނިލަންދޫގެ ތަރައްޤީއަށް ވިސްނަވާ ކަންތައްތަކަށް ވުރެ މާފުޅާކޮށް ނިލަންދޫ ތަރައްޤީކުރުމަށް މަނިކުފާނުގެ ވިސްނުންފުޅު ހުރިކަމަށް ވިދާޅުވި ވިދާޅުވުމަކީ މުޅި ނިލަންދޫގެ ރައްޔިތުންނަށް ބަޔާން ނުކުރެވޭ ފަދަ އެތަކެއް އުފާތައް ލިބިގެންދިޔަ  ކަމެކެވެ. އަދި އެކަމުގެ ސަބަބުން  މަނިކުފާނާމެދު މުޅި ނިލަންދޫ ތާއަބަދަށް ފަޚްރުވެރިވާނޭ ފަދަ ބަސްކޮޅެކެވެ. އަދި ހަމައެއާއެކު ތަރައްޤީގެ ސަފުން އެކަހެރިކޮށް ބާކީ ކުރުމުގެ ސަބަބުން ހިތްދަތިކަމާއި، މޮޅިޔާއި، މާޔޫސްކަން ލިބިފައިވާ އެތަކެއް ހިތްތަކަށް އާރޯކަން ލިބުނު ޚަބަރަކަށް މިޚަބަރުވެފައިވެއެވެ.

         ދަންނަވަމެވެ. ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވެވަޑައިގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ތަރައްޤީގެ ގޮތުން އެއްވެސް ރަށެއް ތަފާތު ނުކުރައްވައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީ ރައްޔިތުން ވަރަށް ޝުކުރުވެރިކަމާއި ލޯތްބާއެކު ބަލައިގަނެއެވެ. އެގޮތުން ނިލަންދޫގައި އެއަރޕޯޓެއް އެޅުން އެއީ ރަށާއި މުޅި ސަރަހައްދަށް އެތައް ރޮގަކުން ތަރައްޤީއާއި ކުރިއެރުން ލިބި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން މިފުރުޞަތުގައި ނިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ ނަމުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް  އިޚްލާޞްތެރި ކަމާއި ލޯތްބާއި އެކު ޝުކުރު ބަރުތީލަކުރަމެވެ. ނިލަންދޫ ރައްޔިތުންނަކީ މަނިކުފާނާއި، މަނިކުފާނުގެ ސަރުކާރަށް އެއްބާރުލުންދޭ ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. ނިލަންދޫ ރައްޔިތުން އެދެނީ މަނިކުފާނުގެ ޒަޢާމަތަށް އަދަށްވުރެ ފެހި މާދަމާއެއް މާތް ﷲ މިންވަރުކޮށްދެއްވުމެވެ. އާމީން.

07 ޝައްވާލް 1445

16 އެޕްރީލް 2024

16 އޭޕްރިލް 2024
ހޯދާ