ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސް ބަޔާން

ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާއާއި، މި ކައުންސިލްގެ ބައެއް މެމްބަރުން ބަދުނާމު ވާގޮތަށް، މީސްމީޑިޔާގައި ދައުރުކުރަމުންދާ، ހަގީގަތާ ޚިލާފު މަޢުލޫމާތު ހިމެނޭ ޕޯސްޓާއި ބެހޭގޮތުން ދަންނަވަމެވެ. މި އިދާރާގެ ޕްރޮކިޔޯމަންޓު މަސައްކަތައް ހިންގަނީ ދައުލަތުގެ މާލިއްޔާގެ ޤާނޫނާއި، ގަވައިދުތަކާއި، އުޞޫލްތަކާ އެއްގޮތަށެވެ. ދައުލަތުގެ ޕްރޮކިޔޯމަންޓުގެ ކަންކަމާއި، މާލީ ކަންކަން ބެލެހެއްޓުމަށް، ޤާނޫނީގޮތުން ބާރުލިބި، މަސްއޫލް ކޮށްފައިވާ، ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތުގައި މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާތަކާއި ވާޖިބުތައް ހިމެނެއެވެ. އެހެންކަމުން، މި އިދާރާގެ މާލީ ޒިންމާތައް ތަންފީޒުކުރަނީ ސެކްރެޓަރީ ޖެނެރަލެވެ.

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް ރަށްރަށް، ބަލަހައްޓާ ދޭނެ ފަރާތް ހޯދުމަށް، މި އިދާރާއިން ކުރި "ކްލޯސްޑްބިޑް" އިއުލާނަކީ، ވަކި ފަރާތަކަށް ކުރިމަތި ނުލެވޭގޮތަށް ކުރި އިޢުލާނެއް ނޫނެވެ. ކައުންސިލްގެ މެމްބަރުންނަށްވެސް އެ ބިޑުގައި ބައިވެރިވުމަކީ އެއްވެސް ޤާނޫނަކުން، އަދި ގަވައިދަކުންވެސް މަނަޢު ކަމެއް ނޫނެވެ. ބިޑުކުރި ފަރާތަކާއި، ބިޑް ކާމިޔާބުވެ، އެވޯޑު ކުރި ފަރާތްތައް ނިންމީ، މި އިދާރާގެ ބިޑް ކޮމެޓީންނެވެ. ބިޑު ކޮމެޓީއަކީ މިނިސްޓްރީ އޮފް ފިނޭސްގައި ރަޖިސްޓަރީ ކޮށްފައިވާ ކޮމެޓީއެކެވެ. އަދި ދަންނަވަމެވެ. މިކަމާގުޅޭ އެއްވެސް އެގްރީމެންޓެއްގައި، މި ކައުންސިލްގެ ނައިބު ރައީސް ސޮއެ ނުކުރައްވައެވެ. އަދި ރަށް ބަލަހައްޓާތީވެ، މި އިދާރާއަށް ދައްކަން އެއްބަސްވެފައިވާ ފައިސާ، ދައްކަންޖެހޭ ފަރާތްތަކުން ގަވައިދުން ދައްކަމުން ދެއެވެ.

ކަން މިހެން އޮތްހިނދު، ކަންކަމުގެ ހަގީގަތް ނުބަލައި، ނުވަތަ ނޭނގިތިބެ، މި އިދާރާއާއި، މި ކައުންސިލްގެ މެމްބަރު، (ބުރުނީ ކައުންސިލްގެ ރައީސް) އަލްފާޞިލް އާދަމް މުޙައްމަދު، ބަދުނާމުކޮށް، މި ކައުންސިލްގެ ނައިބު ރައީސް (ވިލުފުށީ ކައުންސިލްގެ ރައީސް) އަލްފާޟިލް ޙުސެއިން ޖަބީނުގެ އިސްތަށިފުޅުގައި ނުކުރާކަމެއްގެ ދޮގު އިލްޒާމު ކުށްވެރިކުރަމެވެ. އަދި މީސްމީޑިޔާގައި ދައުރުކުރަމުންދާ ހަރަކާތް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ. އަދި ދަންނަވަމެވެ. ކަންކަމުގެ ހަގީގަތްބަލައި ސާފުކުރުމަށްފަހު، މަޢުލޫމާތު ފެތުރުމަށް ދިނުމަށްވެސް ނަޞޭޙަތްތެރިވަމެވެ.

06 އޭޕްރިލް 2024
ހޯދާ