މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ޢާންމު ޙިއްޞާދާރުންގެ ފަރާތުން އެމް.ޓީ.ސީ.ސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި އިޢުލާނާއެކު ޢާންމުކޮށް ހުޅުވާލަމެވެ.

ކުންފުނީގެ ހިންގާ ޤަވާއިދުގެ 60 ވަނަ މާއްދާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތް ބަޔާންކޮށްފައިވެއެވެ. އަދި، ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ޙައިސިއްޔަތުން ސަރުކާރުގެ ފަރާތުން 05 (ފަހެއް) ޑިރެކްޓަރުން އައްޔަނު ކުރަން ޖެހެއެވެ. އަދި ޢާންމު ޙިއްޞާދާރުންގެ ތެރެއިން 02 (ދޭއް) ޑިރެކްޓަރުން އިންތިޚާބު ކުރަން ޖެހެއެވެ.

ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މިކުންފުނީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ، އަދި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.

 

  • ކުންފުނީގެ ޙިއްޞާދާރެއްކަމުގައިވުން.
  • އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވުން.
  • ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކާއި، ބޯޑު ކޮމިޓީތަކުގެ ބައްދަލުވުންތަކާއި، ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
  • ކޯޓު ޙުކުމަކާ އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.
  • ކުށުގެ ރެކޯޑު ސާފު ފަރާތެއްކަމުގައިވުން.
  • ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ މާއްދާތަކުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވުމާއެކު، އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.
  • ކުންފުނީގެ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުމާއި، ފާއިތުވި 01 (އެކެއް) އަހަރުތެރޭގައި ކުންފުނީގައި ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން، އަދި ކުންފުނީގެ ވިޔަފާރިއާއި މަސްލަހަތު ފުށުއަރާ މަސައްކަތެއްގައި ޝާމިލުވާ ފަރާތެއް ކަމުގައި ނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑުގެ ޑިރެކްޓަރުކަން ނުވަތަ މުވައްޒަފެއްގެ ގޮތުގައި ވޭތުވެދިޔަ 01 (އެކެއް) އަހަރު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.
  • ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެވޭ ނުވަތަ އިންތިޚާބުކުރެވޭ ޑިރެކްޓަރުންނަކީ ކުންފުނީގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ޝަރުޠުތަކާއި، ކޯޕަރޭޓް ގަވަރނަންސް ކޯޑާއި، ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިންއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތަކުން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުޞޫލުތަކުގައި ބަޔާންކުރާ ޝާރުތުތަކާއި، ކުންފުނިން ފާސްކޮށްފައިވާ ބޯޑު ޑިރެކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކުރާ ގައިޑްލައިންގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައިވުން.
  • ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 02 (ދޭއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތެއް ކަމުގައިނުވުން.
  • ޕަބްލިކް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވުން ނުވަތަ ޕަބްލިކް/ސަރުކާރު/ޕްރައިވެޓް ކުންފުންޏެއްގެ މެނޭޖްމަންޓް ލެވެލްގައި ނުވަތަ އެއަށްވުރެމަތީ ފެންވަރުގެ މަގާމެއްގައި މަދުވެގެން 10 (ދިހައެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަރސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 05 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 (ދިހައެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

 

މިމަޤާމަށް ހޮވުމުގައި ކޯޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނީ، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާއި ގުޅޭ ދާއިރާއަކުން މަތީ ތަޢުލީމާއި ތަޖުރިބާ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަޤާމަށް، ވީހާވެސް ގިނަ އަންހެނުން ކުރިމަތިލައްވަވާ އިންތިޚާބުގައި ވާދަކުރެއްވުމަކީ މި ކުންފުނިން ނުހަނު ބާރުއަޅާކަމެއްކަމުގައި ދެންނެވީމެވެ. 

ވީމާ ދަންނަވަމެވެ. އެމް.ޓީ.ސީ.ސީގެ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބު ކުރާ، 02 (ދޭއް) ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، މިދެންނެވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމް.ޓީ.ސީ.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވުމަށް އެދި ހުށަހަޅާ ފޯމު" އަދި "ކުށުގެ ރެކޯޑު ބަލާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 23 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3001254 / 3001492 އަށް ގުޅުއްވުން އެދެމެވެ. 

ކުންފުނީގެ "ހިންގާ ޤަވާއިދު"، "ބޯޑު ކެނޑިޑެންސީ ޕޮލިސީ"، "އެމް.ޓީ.ސީ.ސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވުމަށް އެދި ހުށަހަޅައި ފޯމު" އަދި "ކުށުގެ ރެކޯޑު ބަލާ ފޯމު" މިކުންފުނީގެ ވެބްސައިޓް mtcc.mv އިން ލިބިވަޑައިގަންނަވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރައްވާނެއެވެ. 

ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މަޢުލޫމާތު، އަހަރީ ޢާންމު ޖަލްސާ ބޭއްވުމުގެ ކުރިން ޙިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އިޢުލާން ކުރާނެއެވެ. މި 02 (ދޭއް) މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ.

01 އޭޕްރިލް 2024
ހޯދާ