ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
Th. Burunee Magistrate Court - Kaaveneege gadithaka gulhey usoolu

 

ކޯޓުގެ އެތެރޭގަޔާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ގަޑިތަކާއިގުޅޭ އުސޫލު

 

ތަޢާރަފް

  1. މިއީ ގަވައިދު ނަންބަރު 2022/R-99 (ޢާއިލާއާއިބެހޭ ގަވައިދު)ގެ 9 (ނުވައެއް) ވަނަ މާއްދާގެ (ނ)ގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ. މި އުސޫލަށް ކިޔަނީ "ކޯޓުގެ އެތެރޭގަޔާއި ބޭރުގައި ކައިވެނިކޮށްދޭނެ ގަޑިތަކާއިގުޅޭ އުސޫލު" އެވެ.

 

މަޤްސަދު

  1. މި އުސޫލުގެ ބޭނުމަކީ ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްދުވަހު ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް ކަނޑައެޅި، ޢާއްމުކުރެވިފައި އޮތުމެވެ. އަދި ކައިވެނި ކޮށްދޭނެ ގަޑިތައް ކަނޑައެޅުމުގައި ޢާއްމުކޮށް އެއް ހަމައަކުން ޢަމަލުކުރުމެވެ.

 

ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނިކޮށްދޭ ގަޑި

  1. (ހ) ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދިނުން އޮންނާނީ އެ ދުވަހެއްގެ 13:00ގެ  ފަހުންނެވެ.

(ށ) މި މައްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، މަޤުބޫލު އުޒުރަކާއިއެކު ރަސްމީ ދުވަހެއްގެ 13:00ގެ ކުރިން ކައިވެނިކުރަން ހުށައަޅައިފިނަމަ، އެކަމެއް ބެލުމަށްފަހު ކައިވެނީ ކޮށްދޭ ގަޑި އަވަސްކުރުމުގެ އިޙްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

ނުރަސްމީ ގަޑީގައާއި ކޯޓުގައި އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑި

  1. (ހ) ބަންދުނޫން ދުވަހެއްގެ ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދެވޭނީ އެދުވަހުގެ 20:30 އިން 21:30 އާއި ދެމެދުގައެވެ.

(ށ) ބަންދުނޫން ދުވަހެއްގެ ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކުރާ ކައިވެނި ކޮށްދެވޭނީ އެ ދުވަހުގެ 16:00 އިން 22:30 އާއި ދެމެދުގައެވެ.

 (ނ) މި މައްދާގެ (ހ) އަދި (ށ)ގައި އެހެން އޮތް ނަމަވެސް، މަޤުބޫލު ޢުޒުރަކާއިއެކު ބަޔާންކުރެވިފައިވާ ގަޑިނޫން އެހެން ގަޑިއެއްގައި ކައިވެނި ކުރަން ހުށައަޅައިފިނަމަ، އެކަމެއް ބެލުމަށްފަހު ކައިވެނި ކޮށްދޭ ގަޑި ބަދަލުކުރުމުގެ އިޙްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

ބަންދު ދުވަސްތަކުގައި ކޯޓުގައި އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑި

  1. (ހ) ބަންދު ދުވަހެއްގައި ކައިވެންޏެއް ކުރަން ހުށައަޅާނަމަ، އެ ދުވަހެއްގައި ކައިވެނި ކުރަން ބޭނުންވާ ސަބަބު ލިޔުމުން ބަޔާންކޮށް ކޯޓަށް ހުށައަޅަންވާނެއެވެ.

(ށ) ބަންދު ދުވަހެއްގައި ކޯޓުގައި ކައިވެނި ކޮށްދެވޭނީ އެދުވަހުގެ 20:30 އިން 21:30 އާއި ދެމެދުގައެވެ.

(ނ) ބަންދު ދުވަހެއްގައި ކޯޓުން ބޭރުގައި ކުރާ ކައިވެނީގެ ތެރެއިން ގޭގައި ނުވަތަ ކޯޓު ނިސްބަތްވާ ރަށުގެ އެހެން ތަނެއްގައި ކުރާ ކައިވެންޏެއްނަމަ، އެ ކައިވެނި ކޮށްދެވޭނީ އެ ދުވަހުގެ 16:00 އިން 22:30 އާއި ދެމެދުގައެވެ.

(ރ) މި މައްދާގެ (ށ) އަދި (ނ)ގައި އެހެން އޮތް ނަމަވެސް، މަޤުބޫލު ޢުޒުރަކާއިއެކު ބަޔާންކުރެވިފައިވާ ގަޑިނޫން އެހެން ގަޑިއެއްގައި ކައިވެނިކުރަން ހުށައަޅައިފިނަމަ، އެކަމެއް ބެލުމަށްފަހު ކައިވެނި ކޮށްދޭ ގަޑި ބަދަލުކުރުމުގެ އިޙްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

މާނަކުރުން

  1. މި އުސޫލުގައި ބޭނުންކުރެވިފައިވާ ލަފުޒެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ ލަފުޒުތަކާއި ޢިބާރާތްތަކަށްދީފައި އެވަނީ، ގަވައިދު ނަންބަރު 2022/R-99 (ޢާއިލާއާއިބެހޭ ގަވައިދު) ގައި އެ ލަފުޒުތަކަށް ދީފައިވާ މާނަކުރުމެވެ.

 

ޢަމަލުކުރަން ފެށުން

  1. މި ޤަވައިދަށް ޢަމަލުކުރަން ފަށާނީ، 2022 ޖުލައި 25 ވަނަ ދުވަހުން ފެށިގެންނެވެ.

________________

17 މާރިޗު 2024
ހޯދާ