މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ސްޓެޓިސްޓިކަލް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

(ޕްރައިވެޓް ސެކްޓަރ)

 

ޤާނޫނު ނަންބަރު 16/2021 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) ގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ.

މިގޮތުން ސްޓެޓިސްޓިކަލް ކައުންސިލްގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރެއްވުމަށްޓަކައި، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި، ކައުންސިލްގެ މެމްބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައިހުންނަންވާނެ ޝަރުތުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

 

(ހ) މުސްލިމަކުކަމުގައިވުން؛

(ށ) ދިވެހި ރައްޔިތެއްކަމުގައިވުން؛

(ނ) ބުއްދި ސަލާމަތުން ހުރުން؛

(ރ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛

(ބ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ޅ) ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންނުދާ މީހަކު ކަމުގައި ނުވުން؛

(ކ) ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކުކަމުގައި ނުވުން؛

(އ) ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް، ނުވަތަ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ވ) ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛

(މ) ސިޔާސީ ޕާޓީއެއްގެ މެންބަރަކުކަމުގައި ނުވުން؛ 

(ފ) ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން.

 

އަދި މި ޤާނޫނުގެ 22 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ސްޓެޓިސްޓިކަލް ކައުންސިލަށް މެންބަރުން ޢައްޔަންކުރަންވާނީ، ތަފާސްހިސާބު، ނުވަތަ އިކޮނޮމިކްސް، ނުވަތަ ޑެމޮގްރަފީ، ނުވަތަ ސޯޝަލް ސައިންސް، ނުވަތަ އެންވަޔަރަމަންޓަލް ސްޓަޑީސް، ނުވަތަ ޑޭޓާ ސައިންސް، ނުވަތަ އެކައުންޓިންގ ފަދަ ރޮނގަކުން ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ޙާޞިލުކޮށް، ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ. އަދި މިއީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެކުލަވާލައި ޢާންމުކުރާ ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކަށްވާންޖެހެއެވެ.

 

 ސްޓެޓިސްޓިކަލް ކައުންސިލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ)   ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ ސިޔާސަތާއި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ތަންފީޛުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް ސިޔާސަތުތައް  ކަނޑައެޅުމުގައި ބިއުރޯއަށް ލަފާދިނުން؛ 

(ށ)   ތަފާސްހިސާބުގެ އަސާސްތަކަށް ޢަމަލުކުރާ މިންވަރު ބަލައި، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން؛

(ނ)   ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ޢާންމުންނަށް އެންމެ ބޭނުންތެރި މަޢުލޫމާތުތަކަކީ ކޮބައިކަން ދިރާސާކޮށް ކަމާގުޅޭ ޕްރޮޕޯސަލްތައް ބިއުރޯއަށް ހުށަހެޅުން؛

(ރ)   ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ކުރިއެރުވުމުގެގޮތުން، ތަފާސްހިސާބު އެއްކުރަންޖެހޭ އާ ދާއިރާތަކާގުޅޭ ޕްރޮޕޯސަލްތައް ބިއުރޯއަށް ހުށަހެޅުން؛

(ބ)   ތަފާސްހިސާބާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ މިންގަނޑުތައް ދިރާސާކޮށް އެ މިންގަނޑުތަކާގުޅޭ މަޢުލޫމާތު ޗީފް ސްޓެޓިސްޓީޝަނަށް ދިނުން؛

(ޅ)   ކޮންމެ އަހަރަކު އެއްފަހަރު، ސްޓެޓިސްޓިކަލް ކައުންސިލްގެ މަސައްކަތް ރޭވިފައިވާގޮތުގެ އެކްޝަން ޕްލޭން ފާސްކުރުން؛

(ކ)   ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެކުލަވާލައި ޢާންމުކުރާ، ބިއުރޯއިން ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމުގައި ލަފާދިނުން؛

(އ)   ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގެ އެކްޝަން ޕްލޭން ތަންފީޛުކުރެވުނު މިންވަރު ބަލައި، ތަންފީޛުނުކުރެވޭ ކަންކަން ހުރިނަމަ އެކަންކަން  ތަންފީޛުނުކުރެވުނު ސަބަބުތައް ދިރާސާކޮށް، އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން؛

(ވ)   މި ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން؛

(މ)   މި ޤާނޫނު ތަންފީޛުކުރުމަށް ބޭނުންވާ ކަންކަން ޙާޞިލުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކުން ކުރާ މަސައްކަތްތައް ބަލައި، ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ފޯރުކޮށްދިނުމުގައި އެ އިދާރާތަކުން އިޞްލާޙުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކަށް ލަފާ ދިނުން؛

(ފ)   މި ޤާނޫނުގައި ކައުންސިލްގެ މަސްއޫލިއްޔަތު ކަމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަން ކުރުން.

 

ވީމާ، ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ހުށަހެޅުއްވުން އެދެމެވެ.

 

1. ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު

2 ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހާގެ އިޤްރާރު

3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމް

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

6. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ)

 

ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމަށް ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރެއްވުމަށްޓަކައި، ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔެކިޔުންތައް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓު، https://statisticsmaldives.gov.mv/application-open-for-statistical-council-member/ އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 13 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ. ފޯމް ބަލައިގަނެވޭނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 9 ވަނަ ފަންގިފިލާއިންނެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.  

 

 

04 ފެބުރުވަރީ 2024
ހޯދާ