ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

 

ގއ.ކޮނޑޭއިން 3000 (ތިންހާސް) އަކަފޫޓްގެ 102 ބަންޑާރަ ގޯތި ކޮނޑޭ އިރު އުތުރުން ކޮނޑޭ ސްކޫލްގެ އިރުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ރަށްވެހިންނަށް ޚާއްސަ ކުރެވިގެން ދޫކުރާ 51 ގޯއްޗާއި، ރަށުގެ ރަށްވެހިން ނޫން އެހެން ފަރާތްތަކަށް ޚާއްސަ ކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ 51 ގޯއްޗެވެ. އެހެންކަމުން މިއިޢުލާނާއި ގުޅިގެން ކޮނޑޭއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހުޅުވާލަމެވެ.

ގއ.ކޮނޑޭ އިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް؛

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ވެފައިވުން.( ގޯތި ދޫކުރަން ޢިއުލާނުކުރާ ތާރީޚާ ހަމަޔަށް 18 އަހަރު ވެފައިވުން)
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަލިބިފައިވާ ބަޔެއް ދިވެހިރާއްޖޭގެ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގަވާޢިދު ގައިވާ ގޮތުގެ މަތިން ދޫކޮށްލުން. (ދޫކޮށްލާ ނަމަ ދޫކޮށްލާނެ ކަމުގެ އިގްރާރު ފޯމާއި އެކު ހުށަހަޅަންވާނެއެވެ.)
  5. ސަރުކާރުން ހަދާފައިވާ އިމާރާތެއް، ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ތަންދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
  6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް.
  2. ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ކޮޕީ.
  3. ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ދަރިންނާއި، ބެލުމުގެ ދަށުގައިވާ 18 އަހަރުން ދަށުގެ ކުދިންގެ އައިޑީކާޑް ކޮޕީ (10 އަހަރުން ދަށުގެ ކުއްޖެނަމަ އައިޑީކާޑް ކޮޕީ، 10-18 އަހަރާއި ދެމެދު ނަމަ އައިޑީކާޑްގެ ކޮޕީއާއި، އުފަން ދުވަހުގެ ސެޓްފިކެޓްގެ ކޮޕީ)
  4. ކައިވެނި ކޮށްގެން އުޅޭ ފަރާތެއް ނަމަ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ.
  5. އިނދެ ވަރިވެފައިވާ ފަރާތެއް ނަމަ ވަރީގެ ސެޓްފިކެޓް ކޮޕީ.
  6. ދާއިމީ ނުކުޅެދުންތެރިކަން ހުރި ފަރާތެއް ބަލަހައްޓާނަމަ އެކަން އެނގޭނެ ރަސްމީ ލިޔުން.
  7. ޞިއްޙީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދަރިން ލިބުމުން މަޙްރޫމްވެފައިވުން ނުވަތަ މިފަދަ ކަމަކަށް ބޭސްކުރަމުންދާނަމަ (މިކަން ސާބިތުކުރަން މިކަން ބަޔާންކޮށް ޞިއްޙީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާނަމަ)

 

އެހެންކަމުން، ކޮނޑޭއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުގެ ތެރެއިން މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން 15 ފެބްރުވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ފޯމާއި، އިޢުލާނާއި، ގޯތި ދޫކުރުމުގެ އުޞޫލުގައި ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6820019 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އެނގޭނެ ޗާޓާއި، ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ފޯމާއި، އިޤުރާރު ފޯމް އެއްއުރަ ކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

31 ޖަނަވަރީ 2024
ހޯދާ