ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރުން ޢައްޔަނުކުރުން

މަޤާމް :ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރުން ޢައްޔަނުކުރުން
ބޭނުންވާ އަދަދު :1

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރުން ޢައްޔަނުކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގެ އެންމެ ފުރިހަމަ ތަޢުލީމީ މަރުކަޒުކަމުގައާއި ސަރަޙައްދުގެވެސް އެންމެ ރަނގަޅު މިފަދަ ތަންތަނުގައި ތެރޭގައި ހިމެނުމަށް މަސައްކަތް ކުރާ މަރުކަޒެކެވެ. ކައުންސިލަކީ، ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލިހެވެ. މި މަޖިލިހުގައި ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. ތިރީގައިވާ ދާއިރާތަކުން، މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު ހަމަވެފައިވާތީ، އައު މެންބަރުން ޢައްޔަނުކުރުމަށް އަންނަނިވި ދާއިރާތައް ފުޅާކޮށް ތަފްސީރުކުރައްވައި، ކައުންސިލްގައި ބައިވެރިވާން ބޭނުންވާފުޅުވާ ފަރާތްޕުޅުތަކުން ކުރިމަތިލެއްވުން އެދެމެވެ.

 

  1. ޝަރުޢީ ދާއިރާ. 2. އެންވަޔަރަމަންޓްއާއި ސައިންސް. 3. ދިވެހިބަހާއި ސަގާފަތާއި ތާރީޚް. 4. ސިއްޙަތު 5. ޤައުމީ ސަލާމަތްތެރިކަން / ކުޅިވަރު  

މިނޫން ދާއިރާތަކުންވެސް ޔުނިވަރސިޓީ ކައުންސިލްގައި ހިދުމަތްކުރުމުގެ ޝައުގުވެރިކަން ހުރިނަމަ ކުރިމަތިލެއްވުން އެދެމެވެ.

މެންބަރުކަމުގެ ޢިނާޔަތްތައް

ގިނަ މީހުން ކައުންސިލްގައި ބައިވެރިވާން ބޭނުންވަނީ، އެހެން މީހުންނަށް އެހީތެރިވެދިނުމާއި، މުޖުތަމަޢުގައި ޙަރަކާތްތެރިވެ އުޅުމަކީ، މީހުންގެ ކިބައިގައި ހުންނަ ހިތަށް ފަހިކަން ގެނެސްދޭ ޠަބީޢީ ސިފައަކަށް ވާތީއެވެ. މިފަދަ ކައުންސިލެއްގައި ބައިވެރިވުމުން، ތިމާއަށް ލިބިފައިވާ ހުނަރާއި ޤާބިލްކަން، މުޖުތަމަޢުގެ ކުރިއެރުމަށާއި ރައްޔިތުންގެ ތަހުޒީބަށް ޙިއްޞާކުރުމުގެ ފުރުޞަތަކަށް ވެއެވެ. އަދި އެކި ފަރާތްތަކާ ގުޅުންތައް ޤާއިމްކޮށް، އެކި މައްސަލަތަކާ ވިސްނާ ފިކުރު ފާގަތިވާ ކަމަކަށް ވެސް ވެއެވެ.

ކައުންސިލްގެ މެންބަރަކަށް ވުމުން، ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއީ ސަބްކޮމިޓީގެ ޖަލްސާއެއް ކަމުގައި ވިއަސް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވެއެވެ. އަދި ޔުނިވަރސިޓީގެ ލައިބްރަރީތަކުގެ މެންބަރަކަށް ވެސް ވެވެއެވެ. ކައުންސިލްގެ ހުރިހާ މެންބަރުންނަކީ، ޔުނިވަރސިޓީގެ މެންބަރުންނެވެ.

މެންބަރުކަމުގެ ޝަރުޠު

މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވުމާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައި ވުމާއި، ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުމާއި ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މަތީގައިވާ ކަންކަމުގެ އިތުރަށް، ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފަކާ އާއިލީ ގުޅުމެއް ނެތުމާއި ވާދަވެރި އެހެން ޔުނިވަރސިޓީ/ކޮލެޖަކަށް ނިސްބަތް ނުވުން މުހިއްމެވެ.

އިތުރު ތަފްޞީލްތައް ޔުނިވަރިސިޓީ ޤާނޫނުގެ ދެވަނަ އިޞްލާޙްގެ 12 ވަނަ މާއްދާގައި ވެއެވެ. މި ޤާނޫނުގެ އެންމެ ފަހުގެ ދެލިކޮޕީއެއް ބޭނުންފުޅުނަމަ، ތިރީގައިވާ އީމެއިލް މެދުވެރިކޮށް އެދިވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. 

ކުރިމަތިލާނޭ ގޮތް

ކުރިމަތިލުމަށް ހައްދަވާނޭ ގޮތަކީ، ސޮއިކުރައްވާފައިވާ ސީވީ (އައިޑީ ކާރޑް ނަންބަރު ހިމެނޭގޮތަށް) އަކާއެކު، އެކަމަށް އެދި [email protected] އަށް އީމެއިލް ކުރައްވާނީ އެވެ. މި އީމެއިލް ފޮނުއްވާނީ، 04 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 2:00 މފ ގެ ކުރީންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3345126 އާ އެވެ.

ޢައްޔަނުކުރުން

ޔުނިވަރސިޓީ ޤާނޫނު ބުނަނީ ޔުނިވަރސިޓީއިން ބޭރުގެ މެންބަރުން ޢައްޔަނުކުރާނީ މަތީ ތަޢުލީމަށް ސަރުކާރުން ޒިންމާވާ ވަޒީރު ކަމަށެވެ. މެންބަރުންގެ ގޮތުގައި ވަޒީރު ޢައްޔަނުކުރާނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.

 

ނޯޓް: ޔުނިވަރސިޓީގެ އިޢުލާން ނަންބަރު 153-SE/IUL/2023/06 އަދި 153-SE/IUL/2023/11 އަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބާތިލެއް ނުވާނެއެވެ. 

30 ނޮވެންބަރު 2023
ހޯދާ