މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ޓިކެޓް ވިއްކުމާބެހޭ އުޞޫލް

`

 

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ

އޭދަފުށި ، ދިވެހިރާއްޖެ

Secretariat of the South Maalhosmadulu Eydhafushi Council

Eydhafushi.Rep. of Maldives

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ޓިކެޓް ވިއްކުމާބެހޭ އުޞޫލް

ތަޢާރަފް      

1

މިއީ، އޭދަފުށީގައި ހަދާފައިވާ ފުޓްބޯޅަ ސްޓޭޑިއަމްގައިވާ އެންމެހާ ތަންތަނާއި ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް، އަދި މިތަނުގައި އެކިއެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުން މާލީގޮތުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދީ، އަދި ކުޅިބަލާމީހުން މިފަދަ ކަންކަމަށް އަހުލުވެރިކުރުވައި، މުޖުތަމަޢުގެ ބައިވެރުވުން ހޯދުމުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި އެކުލަވާލެވިފައިވާ އުޞޫލެކެވެ.

މަޤްޞަދު

2

މި އޫޞޫލުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލް ކުރުމެވެ.

 

 

2.1

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި އެކިއެކި ފުޓްބޯޅަ މުބާރާތްތައް ހިނގަމުންދާއިރު ކުޅިބަލަން ވަންނަ ފަރާތްތަކަށް ރަގަޅު އިންތިޒާމެއްގެ ދަށުން ކުޅިބެލޭނެ ގޮތްތަކެއް ހަމަޖައްސައި ދިނުން.

 

 

2.2

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި އާމްދަނީ ލިބޭނެ މަގު ފަހި ކުރުން.

 

 

2.3

ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކުން މުބާރާތްތަކަށް މާލީގޮތުން ކުރާ ހޭދަ ތަކަށް ލުޔެއް ހޯދައި ދިނުން.

ޓިކެޓް ވިއްކާނެގޮތް

3

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ޓިކެޓް ވިއްކާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

 

 

3.1

ޓިކެޓް ވިއްކާނެ މުބާރާތްތައް ކަނޑައަޅާނީ އޭދަފުށީ ކައުންސިލުންނެވެ.

 

 

3.2

ޓިކެޓް ވިއްކާނީ އޭދަފުށީ ކައުންސިލުން ކަނޑައަޅާ ފަރާތްތަކުންނާއި، މުބާރާތް އިންތިޒާމް ކުރާ ފަރާތުންނާއި، އެދުވަހެއްގައި މެޗް ކުޅޭ ދެޓީމުންނެވެ.

 

 

3.3

މެޗު ނިމޭތާ 2 (ދޭއް) ގަޑިއިރުގެ ތެރޭގައި ޓިކެޓް ވިއްކުމަށް ކައުންސިލުން ކަނޑައެޅި ފަރާތްތަކުން ޓިކެޓްގެ ތަފްސީލު ކައުންސިލަށް ހުށަހަޅަންވާނެއެވެ. އެގޮތުން ވިކުނު ޓިކެޓްގެ ޢަދަދާއި، ނުވިކި ބާކީ ހުރި ޓިކެޓްގެ ޢަދަދު، އަދި ލިބުނު ފައިސާގެ  ތަފްސީލު ހިމެނިފައިވާންވާނެއެވެ.

 

 

3.4

މި އުޞޫލުގެ 3.3 ގައިވާ ގޮތަށް ޓިކެޓްގެ ފައިސާއާ ޙަވާލުވާ ފަރާތުން ރައްކައުތެރި ގޮތުގައި ފައިސާ ބެލެހެއްޓުމަކީ އެފަރާތުގެ ޒިންމާއެކެވެ. އަދި އެފައިސާ ގެއްލިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނީ އެފަރާތުންނެވެ.

 

 

3.5

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި މެޗް ބެލުމަށްޓަކައި ތިބެވޭނީ ހަމައެކަނި ސިޑިބަރީގައެވެ.

 

 

3.7

ޓިކެޓް ވިއްކާނީ ހަމައެކަނި ދަނޑުގައި ކުޅިބަލަން ތިބުމަށް ހަދާފައިވާ ސިޑިބަރިއަށެވެ.

 

 

3.8

ސްޓޭއިމްއަށް ވަނުމުގައި އެ ދުވަހެއްގެ މެޗުގައި ކުޅެމުންދާ ހޯމް އެންޑް އަވޭ ޓީމަށް ޓިކެޓް ވިއްކާނީ ވަކިން އެނގޭނެގޮތަށެވެ. އަދި ސްޓޭޑިއަމްއަށް ވަނުމުގައި ހޯމް އެންޑް އަވޭ ޓީމަށް ވަކި ދޮރާށިތަކެއް ކަނޑައެޅިފައި ވާނެއެވެ.

އޭދަފުށީ ކައުންސިލުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ އާމެދު ޢަމަލުކުރާނެގޮތް

4

އޭދަފުށީ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އޭދަފުށީ ކައުންސިލުން ޓިކެޓް ވިއްކުމަށް ކަނޑައަޅާ މުބާރާތެއްގެ ޓިކެޓު ވިއްކައިގެން ލިބޭ ފައިސާއާމެދު ޢަމަލުކުރާނީ ބަޔާންކުރެވިފައިވާ ގޮތަށެވެ.

 

 

4.1

ހޯމް އެންޑް އަވޭ ޓީމް އުސޫލުން ޓިކެޓް ވިއްކާއިރު، އެ މެޗެއްގެ ހޯމް ޓީމް ސަޕޯޓަރުންގެ ޓިކެޓް ފައިސާގެ %50 (ފަންސާސް އިންސައްތަ) ލިބޭނީ ހޯމް ޓީމަށެވެ. އަދި މި އުޞޫލުން އަވޭ ޓީމަށްވެސް އެ ޓީމުގެ ސަޕޯޓަރުންގެ ޓިކެޓް ފައިސާގެ %50 (ފަންސާސް އިންސައްތަ) ލިބޭނެއެވެ.

 

 

4.2

މި އުޞޫލުގެ 4.1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ފައިސާ ބަޔާންކުރެވިފައިވާ ގޮތަށް އެފަރާތްތަކާއި ޙަވާލު ކުރުމަށްފަހު ބާކީ ފައިސާ ލިބޭނީ އޭދަފުށީ ކައުންސިލަށެވެ.

 

 

4.3

މި މާއްދާގެ 4.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ އެފަރާތްތަކަށް ޖަމާކުރަންވާނީ އެ ކުލަބެއްގެ ބޭންކް އެކައުންޓަށެވެ. ބޭންކް އެކައުންޓެއް ނެތް ފަރާތެއްނަމަ އެފަރާތަކާއި ފައިސާ ޙަވާލުކުރާނީ ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤާވާޢިދުގައި ކަނޑައެޅިފައިވާ ގޮތަށެވެ.

ކައުންސިލް ފިޔަވައި އެހެން ފަރާތްތަކުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ އާމެދު ޢަމަލުކުރާނެގޮތް

5

އޭދަފުށީ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އޭދަފުށީ ކައުންސިލުން ފިޔަވައި އެހެން ފަރާތްތަކުން އިންތިޒާމް ކުރާ މުބާރާތްތަކުގައި ޓިކެޓު ވިއްކައިގެން ލިބޭ ފައިސާއާމެދު ޢަމަލުކުރާނީ ބަޔާންކުރެވިފައިވާ ގޮތަށެވެ.

 

 

5.1

ހޯމް އެންޑް އަވޭ ޓީމް އުސޫލުން ޓިކެޓް ވިއްކާއިރު، އެ މެޗެއްގެ ހޯމް ޓީމް ސަޕޯޓަރުންގެ ޓިކެޓް ފައިސާގެ %50 (ފަންސާސް އިންސައްތަ) ލިބޭނީ ހޯމް ޓީމަށެވެ. އަދި މި އުޞޫލުން އަވޭ ޓީމަށްވެސް އެ ޓީމުގެ ސަޕޯޓަރުންގެ ޓިކެޓް ފައިސާގެ %50 (ފަންސާސް އިންސައްތަ) ލިބޭނެއެވެ.

 

 

5.2

މި އުޞޫލުގެ 5.1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހޯމް ޓީމުގެ ފައިސާއިން ބާކީވާ ފައިސާގެ ތެރެއިން %25 (ފަންސަވީސް އިންސައްތަ) ލިބޭނީ މުބާރާތް އިންތިޒާމް ކުރާ ފަރާތަށެވެ. އަދި ބާކީވާ އަނެއް %25 (ފަންސަވީސް އިންސައްތަ) ލިބޭނީ އޭދަފުށީ ކައުންސިލަށެވެ.

 

 

5.3

މި އުޞޫލުގެ 5.1 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ އަވޭ ޓީމުގެ ފައިސާއިން ބާކީވާ ފައިސާގެ ތެރެއިން %25 (ފަންސަވީސް އިންސައްތަ) ލިބޭނީ މުބާރާތް އިންތިޒާމް ކުރާ ފަރާތަށެވެ. އަދި ބާކީވާ އަނެއް %25 (ފަންސަވީސް އިންސައްތަ) ލިބޭނީ އޭދަފުށީ ކައުންސިލަށެވެ.

ކައުންސިލަށް ލިބޭ ފައިސާއާމެދު އަމަލުކުރާނެގޮތް

6

ޓިކެޓް ވިއްކައިގެން ކައުންސިލަށް ލިބޭ ފައިސާއާމެދު އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

 

 

6.1

ޓިކެޓް ވިއްކައިގެން ކައުންސިލަށް ލިބޭ ފައިސާ ޖަމާކުރާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ޓްރަސްޓް އަކަށެވެ.

 

 

6.2

ޓްރަސްޓް އަށް ޖަމާކުރާ ފައިސާ ޚަރަދު ކުރަންވާނީ ހަމައެކަނި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށާއި، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕް ކުރުމަށެވެ.

ޓިކެޓްގެ އަގު

7

ޓިކެޓްގެ އަގު ކަނޑައަޅާނީ މުބާރާތް އިންތިޒާމް ކުރާ ފަރާތުންނެވެ. އެގޮތުން އިންތިޒާމް ކުރާ ފަރާތް ބޭނުންވެއްޖެ ހިނދެއްގައި ޓިކެޓްގެ އަގު ތަކާއި ބެހޭގޮތުން ޓީމްތަކާއި މަޝްވަރާ ކުރެވިދާނެއެވެ. އަދި މުބާރާތުގެ އެކި ސްޓޭޖްތަކުގެ މެޗްތަކަށް ޓިކެޓްގެ އަގު ތަފާތު ކުރެވިދާނެއެވެ.

ޓިކެޓް ނުގަނެ ދަނޑަށް ވެއްދޭނެ ފަރާތްތައް

8

ޓިކެޓް ނުގަނެ އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްއަށް މުބާރާތް ބެލުމަށްޓަކައި ވަދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.

 

 

8.1

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ދަޢުވަތު އަރުވާ ފަރާތް

 

 

8.2

މި މާއްދާގެ 8.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަށް ދަޢުވަތު ކާޑު، ފާސް ނުވަތަ ކޮމްޕްލިމެންޓަރީ ޓިކެޓް ދޭންވާނެއެވެ. އަދި މިއީ މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

 

8.3

މުބާރާތުގައި ކުޅޭ އެހެން ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން

 

 

8.4

މި މާއްދާގެ 8.3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ސްޓޭޑިއަމްއަށް ވަދެވޭނީ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ދޫކޮށްފައިވާ ފާސް ދެއްކުމަށްފަހުގައެވެ.

ސްޓޭޑިއަމް އިން ނިކުތުމަށްފަހު އަމަލުކުރާނެގޮތް

 

9

މެޗުގެ ހާފް ޓައިމް ނުވަތަ އެހެން އެއްވެސް ވަގުތެއްގައި ސްޓޭޑިއަމުން ނިކުތުމަށްފަހު އަނބުރާ ސްޓޭޑިއަމަށް ވަދެވޭނީ ޓިކެޓްބުރި ދެއްކުމަށްފަހުގައެވެ. ޓިކެޓް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ކުޅި ބަލަން ވަންނަ ފަރާތްތަކުގެ ޒިންމާއެކެވެ. ޓިކެޓް ނެތިގެން ކުޅި ބަލަން ނުވަދެވުމުގެ ޒިންމާ އިންތިޒާމް ކުރާ ފަރާތްތަކުން ނުއުފުލާނެއެވެ.

ސްޓޭޑިއަމް ގޭޓް ހުޅުވާނެ ވަގުތު

10

ކޮންމެ މެޗެއް ފެށުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ސްޓޭޑިއަމް ގޭޓް ހުޅުވޭނެއެވެ.

ސްޓޭޑިއަމަށް ވެއްދުން މަނާ ތަކެތި އަދި ކަންކަން

11

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްއަށް އަންނަނިވި ތަކެތި ވެއްދުމާއި އަދި ކަންކަން ކުރުމަކީ މަނާކަމެކެވެ.

 

 

11.1

ކާބޯތަކެތި، ކިއްލި، ބޫމާ ފަދަ ތަކެތި ވެއްދުމަކީ މަނާކަމެކެވެ.

 

 

11.2

ސިނގިރޭޓު އަދި އީ ސިގެރޭޓް (ވޭޕް ފަދަ) ބޭނުންކުރުމަކީވެސް މަނާ ކަމެކެވެ.

 

 

11.3

ސްޓޭޑިއަމަށް ވަޅި، ކަޓަރު ފަދަ ތޫނު ހަތިޔާރު ވެއްދުމަކީ މަނާކަމެކެވެ.

 

 

11.4

ސްޓޭޑިއަމްގައި އެއްވެސް ބާވަތެއްގެ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެވެ.

އުޞޫލަށް އުނި އިތުރު ގެނައުން

12

މި އުޞޫލަށް އުނި އިތުރެއް ގެނެވޭނީ އޭދަފުށީ ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

އުޞޫލަށް ޢަމަލު ކުރަން ފެށުން:

13

މި އުޞޫލަށް ޢަމަލު ކުރާނީ މި އުޞޫލު ގެޒެޓުގައި އާންމުކުރާ ތާރީޚުން ފެށިގެންނެވެ.

 

17 އޮކްޓޫބަރު 2023
ހޯދާ