އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ.މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން، އޮބްޒާވްކުރުމުގެ ފުރުޞަތު ހުޅުވާލުން

ހއ.މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން، އޮބްޒާވްކުރުމުގެ ފުރުޞަތު ހުޅުވާލުން

ހއ. މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، 2015 މާރިޗު 21 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަގޮތުން އެދޭ ފަރާތްތަކަށް، 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. މަދަނީ ޖަމްޢިއްޔާ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެމީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ނުވުން.
  4. މި އިންތިޚާބުގެ މަސައްކަތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެ ތަކެތި ހުށަހަޅަންޖެހޭ ގޮތް މި ދަންނަވަނީއެވެ.

  1. ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ސީދާ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށެވެ. ސިޔާސީ ޕާޓީތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ޕާޓީގެ ފަރާތުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ސިޓީއެއް ހުށަހަޅަންވާނެއެވެ.
  2. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ނުވަތަ ހއ. މުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމުތަކާއެކު، އެ ފަރާތުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ.

ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ ފާހުގެ އަދަދު އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

ހއ. މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި ހއ. މުރައިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން (www.elections.gov.mv) ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 މާރިޗު 9 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އަށް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނާއި، ހއ. މުރައިދޫ ކައުންސިލްގެ އިދާރާއިންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ