ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުންތަކުގައި އަމަލުކުރާނެގޮތުގެ އުޞޫލް

  1. ތަޢާރަފާއި ނަން:

(ހ) މިއީ ޤާނޫނު ނަންބަރ 7/2010  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ގައިވާ ބައްދަލުވުންތައް ބޭއްވުމުގައި މި ކައުންސިލްއިން އަމަލުކުރާނެ ގޮތުގެ އުޞޫލާއި އަދި ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތުގެ މައްޗަށް ހެދިފައިވާ އުޞޫލެވެ.

(ށ) މި އުޞޫލަށް ކިޔާނީ "ރައްޔިތުންގެ ބައްދަލުވުންތަކުގައި އަމަލުކުރާނެ ގޮތުގެ އުޞޫލް" އެވެ.

(ނ) މި އުޞޫލު އެކުލަވާލައިފައިވާނީ ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާއިންނެވެ.

2. މަޤްޞަދު:

މި އުސޫލްގެ މަޤްޞަދަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކަލައިދޫ ކައުންސިލްގެ އިޚްތިޞާޞް ތެރޭގައި ހިމެނޭ ކަންކަމާއި ގުޅިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހަމަޖެއްސުމުގެ އިންތިޒާމާއި، ކުރިއަށްގެންދާނެގޮތާއި، އެ ބައްދަލުވުންތަކުގައި ވޯޓަށް އެހުމުގައި ޢަމަލުކުރާނެގޮތް އެއް އުޞޫލެއްގެ މަތިން ބޭއްވުމަށް މަގުފަހިކުރުމެވެ.

 3.  ޢަމަލުކުރަން ފަށާ ތާރީޚް:

(ހ) މި އުޞޫލަށް ޢަމަލު ކުރަން ފަށާނީ، މި އުޞޫލް ކައުންސިލުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި މިއުޞޫލު ޝާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

 4.  ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުޞޫލުގައި ހިންގުން:

(ހ)  މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ހިނގާފައިވާ ކަންކަމުގެ މައްޗަށް، މި އުޞޫލެއް ނުހިނގާނެއެވެ. މި އުޞޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މިއުޞޫލުގައި ވަކިކަމެއް ލާޒިމް ކޮށްފައިވާނަމަ، އެކަމެއް މި އުޞޫލުގެ ދަށުން ހިނގާނެއެވެ.

  5. ބައްދަލުވުން ބާއްވާނެތަން ކަނޑައެޅުން:

(ހ) ރައްޔިތުންގެ ބައްދަލުވުންތަކުގައި އިންތިޒާމް ހަމަޖައްސާނީ ކައުންސިލުންނެވެ.

(ށ) މިގޮތަށް ބާއްވާ ބައްދަލުވުން އިންތިޒާމް ކުރުމުގައި އަންނަނިވި ކަންކަން ކައުންސިލުން ކުރަންވާނެއެވެ.

1. ބައްދަލުވުމުގެ ބައިވެރިންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެއްސުން.

2. ބައްދަލުވުމަށް އަންނަ މީހުންނަށް އިށީންދެގެން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން.

3. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުން.

4. ބައްދަލުވުމުގެ އިދާރީ ކަންކަން ބަލަހައްޓައި ޔަޢުމިއްޔާ ލިޔެ ބެލެހެއްޓުން.

 6. ބައްދަލުވުން ބޭއްވުމަށް އެޖެންޑާ ކުރުމާއި އާންމު ކުރުން

(ހ) ބައްދަލުވުގެ އެޖެންޑާ ތައްޔާރުކުރާނީ ކައުންސިލުންނެވެ.

(ށ) (ހ)ގައިވާ އެޖެންޑާ ތައްޔާރުކުރުމުގައި އެވަގުތެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ކައުންސިލުން ގޮތް ނިންމަންޖެހޭ ކަންކަން އެޖެންޑާ ކުރުމަށް އިސްކަންދޭންވާނެއެވެ.

(ނ) ބައްދަލުވުމުގެ އެޖެންޑާ ކުރެވިފައިވާ މައްސަލަތަކުގެ އިތުރުން ބައްދަލުވުން އޮންނާނެ ތަނާއި، ތާރީޚާއި އަދި ވަގުތު އެޖެންޑާގައި ހިމަނާ ބައްދަލުވުން އޮންނަ ދުވަހުގެ 5 (ފަހެއް) ދުވަސް ކުރިން ޢާއްމުކުރަންވާނެއެވެ.

(ރ) ބައްދަލުވުންއޮންނަ ދުވަހު ބައްދަލުވުން އޮންނާނެ ތަނާއި ވަގުތު އެނގޭގޮތަށް ލައުޑްސްޕީކަރއިން ރަށުތެރޭގައި ގޮވާލަންވާނެއެވެ.

(ބ) (ނ)ގައިވާ ގޮތުގެ މަތިން އެޖެންޑާ އާންމުކުރުމުގައި  ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖާއި،ކައުންސިލްގެ ރަސްމީ ވައިބާރ ގުރޫޕްގައި ޢާއްމުކުރުމުން އެއީ ޢާއްމުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ޅ) ބައްދަލުވުން ބޭއްވުމަށް އިއުލާންކުރުމަށްފަހު ބައްދަލުވުން ކެންސަލްކުރާނަމަ، ބައްދަލުވުން ކެންސަލްކުރި ސަބަބު، ބައްދަލުވުން ފެށުމުގެ ދެ ގަޑިއިރުކުރިން އާންމުކުރަންވާނެއެވެ. އަދި ދެންބައްދަލުވުން އޮންނާނެ ތާރީޚާއި ވަގުތު އެއް ދުވަސްކުރިން އާންމުކުރަންވާނެއެވެ.

 7. ބައްދަލުވުގެ ކޯރަމް

(ހ) މި އުޞޫލުގެ ދަށުން ބާއްވާ ބަދަލުވުމުގައި ވަކިއަދަދަކަށް ރައްޔިތުން ބައިވެރިވުން ލާޒިމްއެއް ނޫނެވެ.

 8.  ބައްދަލުވުން ކުރިއަށް ގެންދިޔުމާއި ވޯޓަށް އެހެން

(ހ) ބައްދަލުވުމުގައި އެޖެންޑާ ތަރުތީބުން ކަންކަމުގައި ރައްޔިތުންނާ ޙިއްސާކުރެވި ކޮންމެ ކަމަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފުރުސަތު ދެވޭނެއެވެ.

(ށ) ވޯޓަށް އަހަންޖެހޭ ކަންކަމުގައި ވޯޓަށް އަހަމުންދާނީ އެޖެންޑާ ތަރުތީބުންނެވެ.

(ނ) ވޯޓަށް އަހަންޖެހޭ ކަމެއް އެޖެންޑާކޮށްފައިވާނަމަ، ވޯޓަށް އެހުމުގެ ކުރިން ވޯޓު ލާނީ ސިއްރު ވޯޓެއްގޮތުގައިތޯ ނުވަތަ އަތް އުފުލައިގެންތޯ ބެލުމަށް ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި އަތް އުފުލައިގެން ނަގާ ވޯޓަކުން ކަނޑައަޅަން ވާނެއެވެ. 

(ރ) މިގޮތަށް ނަގާ ވޯޓުން ފާސްވާ ގޮތަކަށް، އެބައްދަލުވުމުގައި ވޯޓުނެގުމުގައި ޢަމަލުކުރަން ވާނެއެވެ.

(ބ) އަދި ފާސްވިގޮތް އެއީ ރަށުގެ މުޅި ރައްޔިތުންގެ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި އެބައްދަލުވުމުގައި އެކަން އިޢުލާން ކުރަންވާއެވެ.

 9. މާނަކުރުން

(ހ) ކައުންސިލް: މި އުޞޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ " ހައްދުންމަތީ ކަލައިދޫ ކައުންސިލް އެވެ"

(ށ) ރައްޔިތުން: މި އުޞޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، " ރައްޔިތުން" ކަމަށް ބަޔާންކޮށްފައިއެވަނީ ، ލ.ކަލައިދޫ ރައްވެހިންގެ ދަފްތަރުގައި ހިމަނާފައިވާ މީހުންނާއި ރަށުގައި ވަޒަންވެރިވެ ދިރިއުޅޭ މީހުންގެ ތެރެއިން މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހުންނެވެ.

(ނ) ބައްދަލުވުން: މި އުޞޫލުގައި ވަކިތަނެއްގައި، ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، "ބައްދަލުވުން" ކަމަށް ބަޔާންކޮށްފައި އެވަނީ، ޤާނޫނު ނަންބަރ 7/2010  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ އެންމެހައި ބައްދަލުވުންތައް ހިމެނޭ ގޮތަށެވެ.

 10.  އުޞޫލު އުވާލުން ނުވަތަ ބަދަލެއް ގެނައުން.

(ހ) މިއުޞޫލު އުވާލުން ނުވަތަ ބަދަލެއް ގެނެވޭނީ ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ބައްދަލުވުމަކުން ނިންމައިގެންނެވެ.

20 އޮގަސްޓް 2023
ހޯދާ