ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޑެޕިއުޓީ ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަގާމުގެ ނަން:

ޑެޕިއުޓީ ލީގަލް އޮފިސަރ

ރޭންކް:

ޕީ.އޯ.އެލް 4

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ލީގަލް އެފެއާޒް އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

9,412.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

4,235.40 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޑެޕިއުޓީ ލީގަލް އޮފިސަރ ގްރޭޑް 1 ގެ މަގާމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ޤާނޫނީ ދާއިރާގައި  މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ޤާނޫނީ ލަފަޔަށް އެދި މި އޮފީހުގެ އެކި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓުތަކުން ހުށަހަޅާ މައްސަލަތަކަށް ޤާނޫނީ ލަފާ ތައްޔާރުކުރުމާއި މައްސަލަތައް ދިރާސާކޮށް، ޖަވާބު ތައްޔާރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފޯރުކޮށްދޭން ޖެހޭ ޤާނޫނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.

- ޖިނާއީ ކުށްތަކުގެ ޙުކުމްކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވުމާއި އަދަބު ލުއިކޮށްދެއްވުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

- ލީގަލް އެފެއާޒް އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަވާ ބައްދަލުވުންތައް ވިލަރެސްކުރުން.

- ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައިވާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނ. ފުރިހަމަ ކުރަމުންދާ ކޯސް ނިމި، ނަމަވެސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން.

ރ.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2023 އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

13 އޮގަސްޓް 2023
ހޯދާ