އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

(IUL)38-AC/38/2023/313 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު، 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2023 ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލާ މީހުންގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ. އަދި ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނާންޖެހޭ ޝަރުޠުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުޠުތަކެވެ.

(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.

(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

(ނ) ޢުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން.

(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.

(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާޞްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.

(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.

(ކ) މި ބައިގެ (ޅ) ގައި އެހެން އޮތްކަމުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އަދި އެ މާއްދާގައިވާގޮތުން ރަސްމީ އިންތިޚާބީ އޭޖެންޓްގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. އެ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމުގައި ނުވުން.
  2. އެ އިންތިޚާބުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ މީހަކުކަމުގައި ނުވުން.
  3. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުކަމުގައި ނުވުން.
  4. އެ އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިނުވާ މީހަކުކަމުގައި ނުވުން.

ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ޙާޟިރުވެ އަންނަނިވި މަޢުލޫމާތާއި ލިޔުންތަކާއި ތަކެތި ހުށަހަޅަން ވާނެއެވެ. އެމީހަކަށް ޙާޟިރުވެވެން ނެތްނަމަ، އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން އެމީހަކަށް ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި ހުށަހެޅިދާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީޚް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް).
  6. ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
  7. އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރާއެކު).
  8. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
  9. ރިޔާސީ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އަލަށް ހުޅުވި އެކައުންޓްގެ ނަމާއި އެކައުންޓް ނަންބަރު.
  10. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި ދާއިމީ އެޑްރެސް.
  11. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހާއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހަކާ ގުޅޭގޮތުން އިސްވެ ބަޔާންކޮށްފައިވާ މަޢުލޫމާތުތަކުގެ ތެރެއިން 1 ވަނަ ނަންބަރުން ފެށިގެން 6 ވަނަ ނަންބަރާ ހަމައަށް ބަޔާންކޮށްފައިވާ މަޢުލޫމާތު.
  12. އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/100,000 (އެއްލައްކަ) ރުފިޔާ. ފައިސާ ދައްކާނީ ބަނޑޭރި ޕޯޓަލް ލިންކު https://bandeyripay.finance.gov.mv މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ބަލައިގަންނާނީ އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ލިބުމުންނެވެ. (ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާނެގޮތުގެ މެނުއަލް މި އިޢުލާނުގެ އެޓޭޗްމަންޓެއްގެ ގޮތުގައި ހިމަނާފައިވާނެއެވެ.)
  13. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއެއް.
  14. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރު.
  15. ރައީސުލްޖުމްހޫރިއްޔާކަމަށް އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް އެމީހާ ހުށަހަޅާ އިޤްރާރު.
  16. ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރާއި އެމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
  17. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ، އެ ނިޝާނުގެ ޕްރިންޓް ކޮށްފައިވާ ކޮޕީ އަދި އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ.
  18. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހާ އާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުންނަން އެމީހަކު ހުށަހަޅާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރާއި އެމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.
  19. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޮޑިޓަރުކަމަށް ކަނޑައަޅާފައިވާ، ދައުލަތުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީވެފައިވާ އޮޑިޓަރެއްގެ ނަމާއި، އެޑްރެހާއި، އަދި އެފަރާތުން އެކަން ޤަބޫލުކޮށްފައިވާ ކަމުގެ އިޤްރާރު.
  20. ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 (އެއްހާސް ފަސްސަތޭކަ) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން.
  21. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހާގެ، 2023 ޖުލައި 22 ން ފެށިގެން ފަހުގެ ތާރީޚެއްގައި ފުރިހަމަކޮށްފައިވާ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު.
  22. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ނައިބުކަމަށް ހުށަހަޅާ މީހާގެ، 2023 ޖުލައި 22 ން ފެށިގެން ފަހުގެ ތާރީޚެއްގައި ފުރިހަމަކޮށްފައިވާ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު.
  23. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ، 2023 ޖުލައި 22 ން ފެށިގެން ފަހުގެ ތާރީޚެއްގައި ފުރިހަމަކޮށްފައިވާ ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު.
  24. ސީޑީ (ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒް ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް ބޭނުންކުރާނަމަ އެ ނިޝާނުގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި) އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ތާއީދު އޮތްކަން ހާމަކުރާ 1500 މީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު ހިމެނޭ ލިސްޓުގެ ސޮފްޓް ކޮޕީ).

އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ހުށަހަޅާ 1500 މީހުންގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި) ހިމެނޭ ލިޔުން ފުރިހަމަވާންވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2023 ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓާއި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

22 ޖުލައި 2023
ހޯދާ