މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު

ކ.ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު

                           

ތަޢާރަފް

1.

މިއުސޫލަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ވ)، (ހކ) އާއި 23 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި، 138 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ ޤާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، ޤާނޫނު ނަންބަރު 2002/01 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ބިނާވެށި  ޕްލޭން  ކުރުމާއި ހިންގުމުގެ ގަވާއިދާއި، ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގަވާއިދާއި އަދި ކ. ގުރައިދޫގެ ލޭންޑްޔޫސް ޕްލޭން އާއި އެއްގޮތްވާގޮތުގެ މަތިން، މާލެއަތޮޅު ކ.ގުރައިދޫކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި ކ.ގުރައިދޫއިން ގޯތި ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ. މިއުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކ.ގުރައިދޫގެ އަލަށް ހިއްކުނު ބިމުން ދިރިއުޅުމަށްޓަކައި  314 ގޯއްޗާއި، ރަށުގެ މިހާރުގެ ބިމުން 24 (ސައުވިސް) ބަންޑާރަ ގޯއްޗެވެ.

ނަން

2.

މިއުސޫލަށް ކިޔަނީ "ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އެވެ.

މަޤްޞަދު

3.

މިއުސޫލުގެ މަޤްޞަދަކީ، ކ.ގުރައިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިއްކާފައިވާ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި ބިން ދޫކުރުމަށް އެކަށައަޅާފައިވާ ސަރަހައްދުން ދިރިއުޅުމަށް އިމާރާތްކޮށް ގެދޮރުއެޅުމަށް، އިންސާފުވެރި ކަމާއިއެކު ޙައްޤުތައް ކަށަވަރު ކުރުމާއެކު ދެފުށްފެންނަ ގޮތެއްގެ މަތިން ބަންޑާރަ ގޯތި ދޫކުރުމާއި އަދި ކ.ގުރައިދޫ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމެވެ.

އުސޫލު ތަންފީޒުކުރާފަރާތް

4.

މި އުސޫލު ހިންގައި ތަންފީޒުކުރާނީ، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއިންނެވެ.

ޢަމަލު ކުރަންފަށާ ތާރީޚް

5.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހި ދަޢުލަތުގެ ގެޒެޓްގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންނެވެ .

ކުރީގައި ހިނގާފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން.

6.

މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަށް މިއުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު މިއުސޫލުގައި ލާޒިމްކޮށްފައިވާ އެންމެހައިކަންކަން މިއުސޫލުގެ ދަށުން ހިނގާނެއެވެ .

އުސޫލަށް ބަދަލު ގެނައުން

7.

މިއުސޫލަށް ބަދަލު ގެނައުމަށް ބޭނުންވެއްޖެނަމަ، މިއުސޫލަށް ބަދަލުގެނެވޭނީ ގޯތި ދިނުމަށް މިއުސޫލުގެ ދަށުން އައްޔަން ކުރެވޭ ވިލަރެސްކުރާ ކޮމެޓީގެ ލަފާގެ މަތިން ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް، އެ ނިންމި ނިންމުން ޢާއްމުކުރުމަށްފަހުއެވެ. މިގޮތަށް މިއުސޫލަށް ބަދަލެއް ގެނެވޭނަމަ، އަލުން އިޢުލާން ކުރެވި ރައްޔިތުންނާއި ހިއްސާކުރެވޭނެވެ.

ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު

8.

ކ.ގުރައިދޫ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ކ.ގުރައިދޫގެ ހިއްކި ބިމުންނާއި، ރަށުގެ މިހާރުގެ ބިމުން ބަންޑާރަގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުންނެވެ.

ދޫކުރުމަށް ކަނޑައަޅާ ގޯތީގެ ބޮޑުމިން

9.

މިއުސޫލުގެ ދަށުން ކ.ގުރައިދޫ ލޭންޑްޔޫސް ޕްލޭންގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވާ ގޯތީގެ ބޮޑުމިނަކީ 1051 އަކަފޫޓުގެ ގޯއްޗެވެ .

ވިލަރެސް ކުރާކޮމެޓީ އެކުލަވާލުން.

10.

(ހ)

ކ. ގުރައިދޫއިން ދިރިއުޅުމަށް ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތި ދިނުމުގެ އެކިއެކި މަރުޙަލާގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރިއަށް ގެންދިޔުމަށް 11 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ކައުންސިލް ބެލުމުގެ ދަށުން އެކުލަވާލަން ވާނެއެވެ. މިކޮމެޓީ އެކުލަވާލަންވާނީ މިއުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށެވެ.

(ށ)

ވިލަރެސްކުރާ ކޮމެޓީ އެކުލަވާލަންވާނީ ތިރީގައިވާ ފަރާތްތައް ހިމެނޭ ގޮތަށެވެ.

1)     ކ.ގުރައިދޫ ކައުންސިލްގެ 5 މެމްބަރުން. (ކައުންސިލްގެ ރައީސް، ނައިބު ރައީސް، ކައުންސިލްގެ 3 މެންބަރުން)

2) ކ. ގުރައިދޫ ރައްޔިތުން ތަމްސީލުކުރާ 2 މެންބަރުން.

3) ކ. ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ 1 މެމްބަރު.

4) ކ.ގުރައިދޫ މުއައްސަސާ ތަކުން 2 މެންބަރުން.

5) ކްލަބް ޖަމުއިއްޔާ/އެކެޑަމީ ތަކުގެ 1 މެމްބަރު

(ނ)

މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ ކ. ގުރައިދޫގެ ރަށްވެހިން ކަމުގައިވާންވާނެއެވެ.

 

 

(ރ)

ވިލަރެސްކުރާ ކޮމިޓީގެ ކޯރަމަކީ ކައުންސިލުން ކޮމިޓީއަށް އައްޔަންކުރާ މެމްބަރުންގެ ތެރެއިން މަދުވެގެން 6 މެމްބަރުންގެ އަޣުލަބިއްޔަތެވެ. ކޮމިޓީއަށް ކަމެއް ނިންމޭނީ ކޮމިޓީގެ ކޯރަމްހަމަވެ، އަޣުލަބިއްޔަތު ކަމަށް މަދުވެގެން ބަޔާންކޮށްފައިވާ ކޮމިޓީ މެންބަރުންގެ އަދަދު ހަމަވެގެންނެވެ.

 

 

(ބ)

މި އުސޫލުގައި ވަކިގޮތެއް ބަޔާން ކުރެވިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ، މިއުސޫލާއި އަދި ބަންޑާރަ ގޯތި ދޫކުރުމަށް ހެދިފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ވިލަރެސްކުރާ ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވިލަރެސް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތު

11.

 

 

 

 

 

 

 

 

(ހ)

ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ  ގަވާއިދާއި އަދި މިއުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ކަމާއިބެހޭ އިދާރާ ތަކުގެ ހުއްދައާއިކު ގޯތި ދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް މިކައުންސިލުން ފާސްކޮށްފައިވާ މިއުސޫލާއި އަދި "ކ. ގުރައިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުސޫލު" އާއި އެއްގޮތަށް މަސައްކަތްތައް ނިންމުން.

(ށ)

މިއުސޫލުގެ 13 ވަނަ މާއްދާ އާއި އެއްގޮތަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާ އާއި އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން.

(ނ)

ޝަރުތު ހަމަވާ ފަރާތްތަކަށް މިއުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތިން ޕޮއިންޓް ދީ ގޯތިލިބޭ ފަރާތްތައް ކަނޑައެޅުން.

(ރ)

ކ. ގުރައިދޫއިން ގޯއްޗަށްއެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް ކަނޑައެޅުމަށްފަހު ކޮމެޓީގެ މެންބަރުން، ޝަރުޠު ހަމަވާ ފަރާތްތަކުގެ ފޯމުގައި ޝަރުތު ހަވާކަމަށްލިޔެ، ޝަރުޠު ހަމަވާކަމަށް އަންގައިދޭ އިޤްރާރުގައި ސޮއިކޮށް އެ އިޤްރާރު ފޯމާއިއެކު އެއްކަރުދާސްކުރުން.

(ބ)

ގޯއްޗަށް އެދި ހުށަހެޅި ފޯމެއް ބާޠިލް ކުރަންޖެހޭނަމަ ބާޠިލްކުރަންޖެހޭ ސަބަބު ކޮމެޓީން ކަނޑައަޅައި އެސަބަބު ފޯމުގައި ލިޔެ އެކަން އަންގައިދޭ އިޤްރާރުގައި މެންބަރުން ސޮއިކޮށް އެ އިޤްރާރު ފޯމާއި އެއްހީރަސްކުރުން.

(ޅ)

ޝަރުތުހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކަށް، އެކަމުގެ ސަބަބު ބަޔާންކޮށް ލިޔުންފޮނުވުން. އަދި އެފަރާތްތަކަށް ލިޔުން ލިބުނުކަން ޔަޤީންކުރުން.

(ކ)

ނަޒާހަތްތެރި ކަމާއިއެކު ދެފުށް ފެންނަގޮތުގެ މަތިން، ގޯތިލިބޭނެ މީހުން ޝޯޓްލިސްޓްކޮށް ގޯތިލިބޭ ފަރާތްތަކުގެ ވަގުތީލިސްޓު ޢާއްމުކޮށް ޢިއުލާން ކުރުން.

(އ)

މިމާއްދާގެ (ވ) ގައިވާ ވަގުތީ ލިސްޓު ޢާންމުކުރާ ތާރީޚުން ފެށިގެން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައި، އެފަދަ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުން. ޝަކުވާ ހުށަހެޅުމަށް ރަސްމީ 7 (ހަތެއް) ދުވަސް ދޭންވާނެއެވެ.

(ވ)

ކޮމިޓީގެ މަޞްލަޙަތު ހިމެނޭ ފަރާތެއް ފޯމު ހުށަހަޅާފައިވާނަމަ، އެ މެމްބަރަކު މަސްލަޙަތު ހިމެނޭ ފަރާތުގެ ފޯމު އިވެލުއޭޓް ކުރުމުން ތަނާޒުލްވާން ވާނެއެވެ. އަދި ތަނާޒުލުވާ ފަރާތުން ތަނާޒުލްވިކަން އަންގައިދޭ އިޤްރާރެއްގައި ސޮއިކުރަންވާނެއެވެ.

ގޯތި ދޫކުރުމަށް އިޢުލާން ކުރުން

 

12

(ހ)

ކ. ގުރައިދޫއިން ގޯތި ދޫކުރުމަށްޓަކައި ގޯއްޗަށް އެދި ހުށަހެޅުމަށް ޢާންމުކޮށް އިޢުލާން ކުރަން ވާނެއެވެ.

(ށ)

މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިޢުލާން ކުރާއިރު ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަން ވާނެއެވެ.

1) ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލެވުނުކަން.

2) ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން.

3) ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ގޮތުން ހަދައި ފާސްކޮށްފައިވާ އުސޫލު.

4) ގޯއްޗަށްއެދި ހުށަހަޅާ ފޯމު ލިބޭނެ ތަނާއި، ގަޑި.

5) ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް.

6) ފުރިހަމަކޮށްފައިވާ ފޯމު ހުށަހަޅަންޖެހޭ ތަނާއި، ވަގުތު.

7) ގޯއްޗަށްއެދި ހުށަހަޅާފޯމު.

8) ޕޮއިންޓު ދިނުމަށް ކަނޑައެޅިފައިވާ ގޮތް.

9) ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު.

10) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބިފައިވާނަމަ އެފަދަ ތަންތަން ދޫކޮށްލުމަށް ވެވޭ އިޤްރާރު.

ގޯއްޗަށްއެދި ހުށަހެޅުން

13

(ހ)

މިއުޞޫލުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަމަށް އިޢުލާން ކުރުމުން، ގޯއްޗަށް އެދި ހުށަހަޅަންވާނީ މިއުސޫލަށް ރިޢާޔަތްކޮށް ކ.ގުރައިދޫއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ކުރާ އިޢުލާންއާއެކު ޢާއްމުކޮށްފައިވާ  ފޯމު ބޭނުންކޮށްގެންނެވެ. މި ފޯމު ދިވެހި ދަޢުލަތުގެ ގެޒެޓުން އަދި ކ.ގުރައިދޫކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

(ށ)

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅުމަށް ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ފޯމާއިއެކު ހުށަހަޅަންވާނެއެވެ.

(ނ)

ގޯއްޗަށް އެދި ފޯމު ހުށަހަޅާނީ، ގޯއްޗަށްއެދި ފޯމު ހުށަހެޅުމަށް ކ.ގުރައިދޫ ކައުންސިލުން ކުރި އިޢުލާންގައިވާ ދުވަސްތަކާއި ވަގުތުތަކުގައި ކ.ގުރައިދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ.

(ރ)

ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށް ވެސް ގޯއްޗަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު އޮންނާނެއެވެ.

ފޯމު ބަލައިގަތުން

14

(ހ)

ހުށަހަޅާ ފޯމުތައް ބަލައިގަންނަންވާނީ، ފޯމު ހުށަހެޅުމަށް ކުރި އިޢުލާންގައި ބަޔާންކޮށްފައިވާ ދުވަސްތަކާއި ވަގުތުތަކުގައި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. އިޢުލާނުގައިވާ ފޯމު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

(ށ)

ކައުންސިލަށް ފޯމު ބަލައިގަތުމަށްފަހު، ބަލައިގަތްކަމުގެ ލިޔުން، ފޯމު ހުށަހެޅިފަރާތަށް ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް ފޯމާއިއެކު އެއްހީރަސްކުރުމުގެ ގޮތުން ބަލައެއް ނުގަނެވޭނެއެވެ.

(ނ)

ފޯމު ބަލައިގަތުމުގެ ކުރިން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަތޯބަލައި ޗެކްކުރަންވާނެއެވެ. އަދި ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ތަފްޞީލު ހިމެނޭ ކަރުދާހުގައި (ޗެކްލިސްޓްގައި) ކައުންސިލް އިދާރާގެ ފަރާތުން އަދި ފޯމު ހުށަހެޅި ފަރާތުން ސޮއިކޮށް ފޯމާއެކު އެއްކަރުދާސް ކުރަންވާނެއެވެ.

(ރ)

މިމާއްދާގެ (ނ) ގައިބަޔާންކުރާ ދެފަރާތުން ސޮއިކޮށްފައިވާ ޗެކްލިސްޓްގެ ކޮޕީއެއް ފޯމު ހުށަހެޅި ފަރާތާއި ޙަވާލުކުރަން ވާނެއެވެ.

(ބ)

ފޯމު ބަލައިގަންނަ ވަގުތުގައި ފޯމު ހުށަހަޅާމީހާގެ ހާޒިރުގައި ފޯމުގައިވާ ހުރިހާ ބަޔަކަށް މަޢުލޫމާތު ހިމަނާފައިވޭތޯ ބަލައި ޗެކްކުރަންވާނެއެވެ. ޗެކްކުރުމުގައި އެއްވެސް މަޢުލޫމާތެއް ހިމެނިފައި ނުވާނަމަ އެކަމެއް ރަނގަޅުކޮށްގެން ގެނައުމަށް ފޯމު އަނބުރާ ފޮނުވާލެވޭނެވެ. މިގޮތަށް އަނބުރާ ފޮނުވާލެވޭ ފޯމުވިޔަސް، އިޢުލާނުގައިވާ ސުންގަޑީގެ ފަހުން ބަލައެއް ނުގަނެވޭނެއެވެ. ފުރިހަމަ މަޢުލޫމާތު ބަޔާންކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯމު ފުރުން

15

(ހ)

ފޯމު ފުރާފައި ހުންނަންވާނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ނުފޭދޭ ގަލަމަކުން، ދިވެހި ބަހުން ސާފުކޮށް ކިޔަން އެނގޭ ފަދައިންނެވެ.

 

(ށ)

ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖެހުމަކީ މަނާކަމެކެވެ. ފޯމުގައި ހިމަނާފައިވާ މަޢުލޫމާތެއް ކަނޑަންވާނީ 1 (އެކެއް) ނުވަތަ 2 (ދޭއް) ރޮނގު ދަމައިގެންނެވެ. މީގެ އިތުރުން ރޮނގު ދަމައިގެން ތަނެއް ނުވަތަ ބައެއް ކަނޑާފައިވާނަމަ އެތަނެއްގައި ނުވަތަ އެބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ނ)

ކ.ގުރައިދޫ ކައުންސިލްގެ އިދާރާގެ ތެރޭގައި ނުވަތަ މިއިދާރާގެ ގޯތިތެރޭގައި ގޯއްޗަށް އެދޭ ފޯމު އެއްވެސް ފަރާތަކުން ފުރައިގެން ނުވާނެއެވެ .

ގޯއްޗަށް އެދި ހުށަހަޅާމީހުންގެ ކިބައިގައިހުންނަޖެހޭޝަރުޠުތައް

16

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަ ވާންވާނެއެވެ .

(ހ)

ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ)

ގޯތި ދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަރު ހަމަވާ ތާރީޚާ ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

(ނ)

ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައި ނެތުން.

(ރ)

ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަބައި މި އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. (އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއިއެކު ހުށައަޅަންވާނެއެވެ).

(ބ)

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށްއެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން. ނުވަތަ މިފަދަ ބެއެއް ގަތުމަށް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

(ޅ)

ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާތާ ނުވަތަ ވިއްކާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.

ލިބިފައި އޮތް ނުވަތަ ލިބެން އޮތް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލުން

17

 

މިއުސޫލުގެ ދަށުން ގޯއްޗެއް ލިބިއްޖެނަމަ އަންނަނިވި ޝަރުޠުތަކަށް ބިނާކޮށް ލިބިފައި އޮތް ނުވަތަ ލިބެން އޮތް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކޮށްލަންވާނެއެވެ.

 

(ހ)

ލިބިފައިވާ ބަންޑާރަ ނުވަތަ އަމިއްލަ ގޯތި މިއުސޫލުގެ ބޭނުމަށް ދޫކޮށްލުމުން ދެން މިތަން ލިބޭނީ މިގޯތީގެ ބާކީ ތިބި އެއްމެދު މިލްކުވެރިންނަށެވެ. އެއްމެދު މިލްކުވެރިން ނެތް ހާލަތުގައި އެބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ށ)

ދޫކޮށްލަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ލިބިފައިވާ ފްލެޓެއް/ރޯހައުސްއެއް ނުވަތަ ހައުސިންގ ޔުނިޓެއްނަމަ އެތަނެއް ދޫކޮށްލާނީ އެޕްރޮޖެކްޓެއްގެ ބެލެނިވެރި ނުވަތަ ހިންގި ފަރާތަށްކަން. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ)

ތަރިކައިން ލިބެން އޮންނަ ގޯތި ދޫކޮށްލުމުން ދެން މިތަން ލިބޭނީ މިގޯތީގެ ބާކީ ތިބި ވާރުތަވެރިންނަށެވެ. އަދި މިގޯތީގެ އިތުރު ވާރުތަވެރިއެއް ނެތް ހާލަތުގައި އެބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤުރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ރ)

ދޫކޮށްލާ ގޯއްޗަކީ އަމިއްލަ ކޮށްފައިވާ ގޯއްޗެއްނަމަ މިތަނުގެ އަގު މިތަން ލިބޭ އެއްމެދު މިލްކުވެރިން ނުވަތަ ދައުލަތުން ގޯތި ދޫކޮށްލާ ފަރާތަށް އަނބުރައި ދައްކަންޖެހޭނެއެވެ.

(ބ)

ތަރިކައިން ދޫކޮށްލާ ބިމަކީ އަމިއްލަ ކޮށްފައިވާ ބިމެއްނަމަ، ތަރިކައިގެ މައްސަލަ ހިނގާއިރު އަމިއްލަ ކުރުމަށް ހޭދަކޮށްފައިވާ ޚަރަދު (ގޯތި ދޫކޮށްލާ ފަރާތަށް ލިބެން އޮތް ބައިގެ އަކަފޫޓަށް ޖެހޭވަރުގެ އަގު) އެގޯތީގެ ބައި ދެންލިބޭ ވާރުތަވެރިން ނުވަތަ ކައުންސިލުން ގޯތި ދޫކޮށްލި ފަރާތަށް ދޭންވާނެއެވެ.

(ޅ)

ލިބިފައިވާ އަމިއްލަ ނުވަތަ ބަންޑާރަ ގޯތި ދޫކޮށްލަން އެއްބަސްވުމުން އަލަށް ނަގާ ގޯތި އެފަރާތަށް ރަޖިސްޓްރީ ކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ރަޖިސްޓްރީން އެފަރާތުގެ ނަން އުނިވުމުންނެވެ.

(ކ)

ތަރިކައިން ލިބެން އޮންނަ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކުގެ މަޢުލޫމާތު އެފަރާތްތަކުން އެކަމަށް އެއްބަސްވާ އިޤުރާރާއެކު ކަމާބެހޭ ޝަރުޢީ ކޯޓަށް ގޯތިދޫކުރާ އިދާރާއިން ހިއްސާކުރަންވާނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭލިޔެކިޔުން

18

  ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.

(1)

ގޯއްޗަށް އެދޭމީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ.

(2)

ގޯއްޗަށް އެދޭމީހާ އަކީ ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ގޯއްޗަށް އެދޭ މީހާގެ އަބިމީހާ/ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

(3)

ގޯއްޗަށް އެދޭމީހާ އަކީ ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ ކައިވެނީގެ ސެޓްފިކިޓްގެ ސާފު ކޮޕީ (ހުރިހާ ޞަފްޙާއެއް ހިމެނޭ ގޮތަށް(

(4)

ގޯއްޗަށް އެދޭ ފަރާތުގެ އުފަން ދަރިން ދުނިޔޭގައި ތިބިނަމަ އެކުދިންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީ

(5)

ގޯއްޗަށް އެދި ހުށަހަޅާ ފޯމާއިގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ، އެންމެހާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެސާފު ފޮޓޯކޮޕީ.

(6)

ގޯއްޗަށްއެދޭ ފަރާތުގެ ފިރިމީހާ/އަނބިހާ މަރުވެފައިވާނަމަ އެކަމާއި ގުޅުންހުރި ރަސްމީ ލިޔުންތަކުގެ ސާފުކޮޕީ.

(7)

ގޯއްޗަށް އެދޭމީހާ އަކީ ކައިވެނި ރޫޅިފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓްގެ ސާފު ކޮޕީ (ހުރިހާ ޞަފްޙާ އެއް ހިމެނޭ ގޮތަށް(

(8)

ގޯއްޗަށް އެދޭފަރާތަކީ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތެއްނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުމުގެ ސާފު ކޮޕީ (އެންސްޕާގެ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަމުގެ ލިޔުން ނުވަތަ ދިވެހިރާއްޖެގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސަރުކާރުގެ ހޮސްޕިޓަލްތައް ނުވަތަ ޞިއްހީ މަރުކަޒްތަކުން ދޫކުރާ ލިޔުން) 

(9)

ގޯއްޗަށްއެދޭފަރާތުން ދާއިމީ ނުކުޅެދުންތެރިކަމެއް ހުންނަ ދަރިއަކު ބަލާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުމުގެ ސާފު ކޮޕީ. (އެންސްޕާގެ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަމުގެ ލިޔުން ނުވަތަ ދިވެހިރާއްޖެގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސަރުކާރުގެ ހޮސްޕިޓަލްތައް ނުވަތަ ޞިއްހީ މަރުކަޒްތަކުން ދޫކުރާ ލިޔުން) 

(10)

ގޯއްޗަށްއެދޭ ފަރާތަކީ ސިއްޙީ މައްސަލައެއްގެ ސަބަބުން ދަރިންލިބުމުން މަޙްރޫމްވެފައިވެފައިވާ ފަރާތެއްނަމަ އެކަން ކަށަވަރު ކޮށްދޭ ސިއްހީ އިދާރާއެއްގެ ރަސްމީ ލިޔުމެއް/ލިޔުންތަކުގެ ސާފު ކޮޕީ.

(11)

ގޯއްޗަށްއެދޭ މީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެންމެހައި އިމާރާތްތަކާއި ބިމުގެ ރަޖިސްޓަރީގެ ކޮޕީ

(12)

ގޯއްޗަށްއެދޭ މީހާގެ ނަމުގައި އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު ފުލެޓެއް އޮތްނަމަ އެތަނުގެ ރަޖިސްޓަރީގެ ކޮޕީ.

(13)

ގޯއްޗަށްއެދޭ މީހާގެ މަންމަ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެންމެހައި ތަންތަނާއި ބިމުގެ ރަޖިސްޓަރީ ކޮޕީ.

(14)

ގޯއްޗަށްއެދޭ މީހާގެ ބައްޕަ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެންމެހައި ތަންތަނާއި ބިމުގެ ރަޖިސްޓަރީ ކޮޕީ.

(15)

ގޯއްޗަށްއެދޭ މީހާގެ އަނބިމީހާގެ/ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެންމެހައި އިމާރާތްތަކާއި ބިމުގެ ރަޖިސްޓަރީގެ ކޮޕީ

(16)

ގޯއްޗަށްއެދޭ މީހާގެ ދަރީންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެންމެހައި އިމާރާތްތަކާއި ބިމުގެ ރަޖިސްޓަރީގެ ކޮޕީ

(17)

ގޯއްޗަށް އެދޭ ފަރާތާއި، ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ/ފިރިމީހާ އަދި ދަރިން ރަށްވެހިކަން ކ.ގުރައިދޫއަށް ބަދަލުކޮށްފައިވާނަމަ އެކަންއަންގައިދޭ ރަސްމީ އިދާރާއެއްގެ ލިޔުމުގެ ސާފު ކޮޕީ.

(18)

ޝަރުޢީ ގޮތުން ބަލަދުވެރިކަން ހަވާލުވެގެން ބަލަހައްޓާ ފަރާތެއް ހުރިނަމަ އެކަންބަޔާން ކޮށްފައިވާ ޝަރުޢީ ކޯޓަކުންދޫކޮށްފައިވާ ޝަރުޢީ ލިޔުމެއްގެ ސާފުކޮޕީ

(19)

ގޯއްޗަށްއެދި ހުށަހެޅާ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ނުވަތަ ތަރިކައިން ބައެއް ލިބިފައިވާނަމަ ނުވަތަ ރަޖިސްޓްރީވެފައިވާނަމަ އެބައެއް ދޫކޮށްލުމަށް އެއްބަސްވާ އިޤްރާރު

ޝަރުތު ހަމަނުވާ ފަރާތް ކަނޑައެޅުން

19

(ހ)

ގޯއްޗަށްއެދި ހުށަހެޅުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 120 ދުވަހުގެ ތެރޭގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތަށް ޝަރުޠު ހަމަނުވާނަމަ ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް އެފޯމްތަކަށް ލިޔުމުން ޖަވާބުދޭން ވާނެއެވެ.

(ށ)

ޝަރުޠު ހަމަނުވާ ފަރާތްތައް ކަނޑައަޅާނީ ފޯމާއެކު ހުށަހަޅާ ލިޔުންތަކާއި ސަރުކާރުގެ އިދާރާ ތަކުން އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބަލައި، މިއުޞޫލުގެ 16 ވަނަ މާއްދާ ގައި ބަޔާންކުރާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކެވެ.

(ނ)

ހުށަހަޅާފައިވާ ލިޔުންތަކުން ފޯމު ހުށަހެޅި ފަރާތަކީ ޝަރުޠު ހަމަވާ ފަރާތެއް ކަމަށް ކަނޑައަޅައިފައި ވަނިކޮށް ފޯމު ހުށަހެޅި ފަރާތުން ހުށަހަޅާފައި ވަނީ ދޮގު މަޢުލޫމާތު ހިމެނޭ ލިޔުމެއްނަމަ، ނުވަތަ ސަރުކާރުގެ އިދާރާއަކުން ލިބޭ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު އެފަރާތުގެ ޝަރުޠު ހަމަނުވާ ކަމުގައި ވަނީ ނަމަ، ގޯތިދޫކުރުމުގެ މަސައްކަތް އެވަގުތަކު އޮތް މަރުޙަލާ އަކާއި ހިސާބުން އެފަރާތެއް ވަގުތުން ޝަރުޠު ހަމަނުވާ ކަމަށް ކަނޑައަޅައި މިމާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން އެފަރާތަށް ފޮނުވަން ވާނެއެވެ .

(ރ)

ގޯތި ދޫކުރުމަށް އިޢްލާންކުރާ ތާރީޚުގެ ފަހުން، ގޯތީގެ ބޭނުމުގައި އެމީހެއްގެ ނަންމަތީގައިވާ ބިމެއް ނުވަތަ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރިކަން ކައުންސިލަށް އެނގިއްޖެނަމަ، އެފަރާތެއްގެ ފޯމު ވަގުތުން ބާޠިލުކޮށް، މިމާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުން އެފަރާތަށް ފޮނުވަން ވާނެއެވެ.

(ބ)

މިމާއްދާގެ (ނ) އާއި އެއްގޮތަށް އެއްވެސް މަރުޙަލާ އެއްގައި ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަނުވާ ކަމުގައި ކަނޑައެޅިއްޖެނަމަ އެފަރާތެއްގެ ފޯމު ބާޠިލުކޮށް އެފަރާތެއް ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުން އުނިކޮށް މިއުޞޫލުގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ލިސްޓް ތަރުތީބު ކުރެވޭނެއެވެ.

(ޅ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ދިވެހިރާއްޖޭގެ މިނިވަން މުވައްސަސާ އަކުން ނުވަތަ މިނިސްޓްރީއަކުން ނުވަތަ ޝަރުޢީ ކޯޓަކުން ފަސްކުރާ ފަސްކުރުމެއް ނުވަތަ އެފަދަ އަމުރަކާއި ވިދިގެން ލަސްވާ ލަސްވުން އިސްތިސްނާ ވާނެއެވެ .

ގޯތިލިބޭ ފަރާތްތައް ކަނޑައެޅުން

20

(ހ)

ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭނީ މިއުޞޫލުގެ ދަށުން ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ، ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުން ތަރުތީބުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކަށެވެ.

(ށ)

މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގޯތި ލިބޭ ފަރާތް ހޮވުމުގައި އެންމެ ފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްފަރާތަށްވުރެ ގިނަފަރާތުން އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާ ނަމަ އެންމެ ފަހު ގޯތި ނުވަތަ ގޯތިތައް ލިބޭ ފަރާތް ކަމުގައި ނިންމާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި މިއުޞޫލުގެ 21 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ .

(ނ)

ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ދެމަފިރިން ހިމެނިފައިވާނަމަ ގޯތި ދޫކުރެވޭނީ އެދެފަރާތުންކުރެ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށެވެ.   

(ރ)

ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނި، އެދެފަރާތުން ޕޮއިންޓް އެއްވަރު ނަމަ ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ ދެފަރާތުން މަޝްވަރާ ކުރުމަށް، މުހުލަތުދީ ކަނޑައެޅޭ މުއްދަތެއްގެ ކުރިން ދެފަރާތުންކުރެ އެއްފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ.

(ބ)

މިމާއްދާގެ (ރ) ގެދަށުން ދެވޭ، މުއްދަތު ހަމަވާއިރު ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމުން ކައުންސިލަށް ހުށަނާޅާނަމަ ދެމަފިރިންގެ މެދުގައި ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ މިއުޞޫލުގެ 21 ވަނަ މާއްދާ އާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ.  

(ޅ)

ގޯއްޗަށް އެދި ހުށައެޅުމަށް ދޭ އެންމެފަހުގެ ތާރީޚާއި ހަމައަށް ކައިވެނީގެ މަތީގައި ތިބި ދެމަފިރިން ކަމުގައިވެފައި، ގޯއްޗަށް އެދި ހުށައެޅުމަށް ދޭ އެންމެފަހުގެ ތާރީޚުގެ ފަހުން އެދެމަފިރިންގެ ކައިވެނި ރޫޅުނު ނަމަވެސް ޢަމަލުކުރާނީ މިމާއްދާގެ  (ށ)، (ނ)  އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ކ)

ވަރިވެފައިވަނީ، ގޯއްޗަށް އެދި ހުށައެޅުމަށް ދޭ އެންމެފަހުގެ ތާރީޚްގެ ފަހުން ކަމަށްވެފައި ގޯތިދިނުމުގެ މަރުހަލާނިމި، ގޯތި ޙަވާލުކުރާ ހިސާބަށް ދާއިރު އެދެމީހުން އިނދެގެން އުޅޭނަމަ، ޢަމަލު ކުރާނީ މިއުޞޫލުގެ 20 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(އ)

ގޯއްޗަށްއެދި ދެމަފިރިން ފޯމުލާފައިވާނަމަ އަދި އެދެމަފިރިންނަކީ މިއުސޫލުގައިވާ ޝަރުތު ހަމަވާ ދެފަރާތަށްވެފައި، އެދެމަފިރިންގެ ތެރެއިން އެއްފަރާތަށް ދެވޭގޯތި، ދެމަފިރިން  އެއްބަސްވާ ގޮތެއްގެމަތިން ދެމީހުންގެ ނަމުގައި ރަޖިސްޓަރީ ހަދައިދެވޭނެއެވެ.

 

 

(ކ)

ހުށައަޅާފައިވާ މަޢުލޫމާތަށް އައިސްފައިވާ އުނި އިތުރު ބަލާނީ ގޯއްޗަށް އެދި ހުށައެޅުމަށްދޭ އެންމެ ފަހު ތާރީޚާއި ހަމައަށެވެ. އަދި ބޯހިޔާވަހިކަމުގެ ޙާލަތު ބަލާނީ ގޯތި ޙަވާލުކުރާ ތާރީޚާއި ހަމައަށެވެ.

ގުރުއަތުލުން

21

(ހ)

މިއުޞޫލުގެ 20 ވަނަ މާއްދާގެ (ށ) އަދި (ބ) ގައި ބަޔާންކުރާ ގުރުއަތުލުން ކުރިއަށް ގެންދަންވާނީ މިއުޞޫލުގެ 10 ވަނަ މާއްދާ ގައި ބަޔާންކުރާ ކޮމެޓީގެ ބައްދަލުވުމަކުންނެވެ.

 

(ށ)

މި ބައްދަލުވުން ބާއްވާނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.

 

(ނ)

ގުރުއަތުލުމަށްޓަކައި ބޭއްވޭ ބައްދަލުވުން ފެށުމުގެ 48 ގަޑިއިރުކުރިން ގުރުއަތުނެގުން ބޭއްވޭ ފަރާތްތަކަށް، ގުރުއަތު ނެގުމުގައި ބައިވެރިވުމަށް ހާޒިރުވުމަށް ލިޔުމުން އަންގަންވާނެއެވެ.

 

(ރ)

ދެފަރާތް، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުގައި، ގުރުއަތު ނަގާނީ ފޯމް ހުށަހެޅި ފަރާތުން ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތަކަށެވެ.

 

(ބ)

މިމާއްދާގެ (ރ) ގައި ބަޔާންކުރާ ފަރާތްތަށް ގުރުއަތުލުމަށް ހާޒިރު ނުވާނަމަ ނުވަތަ ވަކި ފަރާތަކަށް ލިޔުމުން ބާރުދީފައި ނުވާނަމަ ނުވަތަ ގުރުއަތު ނެގުމަށް ބޭއްވޭ ބައްދަލުވުމަށް ހާޒިރުނުވާނަމަ އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ މިޞޫލުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ކޮމެޓީން ނިންމާ ގޮތެއްގެ މަތިންނެންވެ.  

ގޯތިލިބޭ ފަރާތެއް ގޯތިލިބޭ ލިސްޓުން އުނިވުން

22

(ހ)

މިއުޞޫލުގެ 19 ވަނަ މާއްދާ އާއި އެއްގޮތަށް ގޯތިލިބޭ ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާޠިލްކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް ތަރުތީބުކުރެވޭނެއެވެ.

(ށ)

މިގޮތަށް ވަގުތީ ލިސްޓް އަލުން ތަރުތީބު ކުރަންވާނީ މިއުޞޫލުގެ 20 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ .

ގޯތިލިބޭ ފަރާތުގެ ވަގުތީ ލިސްޓު ޢާންމު ކުރުން

23

(ހ)

މިއުޞޫލުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރަން ވާނެއެވެ.

(ށ)

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރުމުގައި މިއުޞޫލުގެ 22 ވަނަ މާއްދާގައި ބުނާ އުނިއިތުރު ގެނެވޭ ކޮންމެ ފަހަރަކު އެ އުނިއިތުރުތަކާއެކު ލިސްޓް އާންމުކުރަންވާނެއެވެ.

(ނ)

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރާ އިޢުލާނުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

1) ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން.

2) ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.

3) ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށަހެޅި ފޯމުގެ ރިފަރެންސް ނަންބަރު.

4) ޕޮއިންޓް ދިނުމުގެ މަރުޙަލާ ގައި ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓު.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

24

(ހ)

މިއުސޫލުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމު ކުރުމަށްފަހު، ރަސްމީ 7 ދުވަހުގެ މުއްދަތެއްދެވިގެން، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވޭނެއެވެ. 

(ށ)

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި ކުރެވޭ އިޢުލާންގައި ޝަކުވާ ހުށަހަޅަން ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްޞީލާއި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހިމަންވާނެއެވެ.

(ނ)

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ހުށަހެޅުނު ޝަކުވާތައް ކޮމެޓީން ބަލާ ދިރާސާކޮށް ކޮންމެ ޝަކުވާ އަކަށް ވަކިވަކިން ލިޔުމުން ޖަވާބު ދޭންވާނެއެވެ.

(ރ)

ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެފަދަ ޝަކުވާއަކާއި ގުޅިގެން ކޮމެޓީން ހޯދި ހޯދުމަކުން ގޯތި ލިބޭ ފަރާތެއް އުނިކުރަން ޖެހިއްޖެ ނަމަ މިއުސޫލުގެ 23 ވަނަ މާއްދާ އާއި އެއްގޮތަށް ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އަލުން ތަރުތީބުކޮށް އާންމުކުރަންވާނާއެވެ .

ގޯއްޗަށްއެދިފައިވާ މީހާ ނިޔާވުން

25

ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތެއް، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރުމުގެ ކުރިން ނިޔާ ވެއްޖެނަމަ، އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކޮށް މިއުސޫލުގެ 23 ވަނަ މާއްދާ އާއި އެއްގޮތަށް ލިސްޓް ތަރުތީބުކޮށް އާންމުކުރަންވާނެއެވެ .       

ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާއްމު ކުރުން

 

 

 

 

 

26

(ހ)

ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށްފަހު އުނިއިތުރެއް ގެންނަން ޖެހޭނަމަ އެ އުނިއިތުރެއް ގެނައުމަށްފަހު ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރަންވާނެއެވެ.

(ށ)

ގޯތިލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރާއިރު އިޢުލާންގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

1) ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން.

2) ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.

3) ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށަހެޅި ފޯމްގެ ރިފަރެންސް ނަންބަރު

4) ޕޮއިންޓްދިނުމުގެ މަރުޙަލާގައި ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓު

ދާއިމީ ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން.

27

(ހ)

ގޯތި ލިބޭ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ލިބޭ ގޯތި ކ.ގުރައިދޫ ޗާޓުގައި ފާހަގަކޮށްފައިވާ ގޯތިތަކުން ކަޑައަޅާނީ ދާއިމީ ލިސްޓް އިޢުލާން ކުރުމަށްފަހުގައެވެ.  

(ށ)

ގޯތިލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި (ބިން ނަންބަރު) ގުރުއަތު ލައިގެންނެވެ. ގުރުއަތު ނަގަންވާނީ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.  

(ނ)

ގުރުއަތު ނެގުން ކުރިއަށް ގެންދަންވާނީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ޗާރޓްގައި ފާހަގަކޮށްފައިވާ ހިސާބު ނަންބަރު ބޭނުންކޮށްގެންނެވެ.

(ރ)

ގުރުއަތު ނަގާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓަގައިވާ ތަރުތީބުންނެވެ.

(ބ)

ގުރުއަތުލުން އޮންނަ ތާރީޚާއި ވަގުތާއި ގަޑި ގުރުއަތުލުން ބާއްވާ ތާރީޚްގެ 7 ދުވަސްކުރިން އިޢުލާން ކުރަންވާނެއެވެ.

(ޅ)

މިމާއްދާގެ (ށ) ގައި ބަޔާންކުރާ ބައްދަލުވުން ބާއްވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ. 

(ކ)

ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޟިރު ނުވާނަމަ ގުރުއަތު ނަގާނީ ކޮމެޓީން ކަނޑައަޅާ ކޮމެޓީގެ މެންބަރުންނެވެ .

ގޯތިބަދަލު ކުރުމުގެ ފުރުޞަތު ދިނުން.

28

(ހ)

ކ. ގުރައިދޫއިން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ޙަވާލުކުރުމަށްފަހު އެއްގޯތި އަނެއް ގޯއްޗަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް އިޢުލާންކުރެވޭނެއެވެ.

(ށ)

ގޯތި ބަދަލުކުރުމަށް 07 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

(ނ)

ގޯތި ބަދަލުކުރުމަށް ދެވޭ 07 ދުވަހުގެ މުއްދަތުގައި ގޯތި ބަދަލުކުރުމަށް ކައުންސިލަށް ހުށަނާޅާ ފަރާތްތަކަށް ފަހުން ފުރުސަތު ދިނުމެއް ނޯންނާނެއެވެ.

ރުއްގަހަށް ބަދަލު ދިނުން

29

(ހ)

ގޯތިލިބިފައިވާ ފަރާތުން ގޯތި އިމަށް އަރާ ރުއްގަހަށް ބަދަލުދޭން ޖެހޭނެއެވެ. މިފަދަ ރުއްގަހަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ކ.ގުރައިދޫ ކައުންސިލަށް އަންގަންވާނެއެވެ.

(ށ)

ގޯތީގެ އިމަށް އަރާ ރުއްގަސްކަމަށް ބެލެވޭނީ އިމުގައި ނުވަތަ ގޯތީގެ އިމުގެ އެތެރޭގައި ހުންނަ ރުއްގަހެވެ.

(ނ)

ގޯތިލިބޭ ފަރާތުން ގޯތިގައި ހުންނަ ރުއްގަހަށް ގޯތި ޙަވާލުކުރާތާ 03 މަސްދުވަހުގެ ތެރޭގައި ބަދަލުދިނުމުގެ މަސައްކަތްކޮށް ނިންމަންވާނެއެވެ .

ގޯތިލިބޭ ފަރާތުން ޢަމަލު ކުރަންޖެހޭ ކަންކަން

30

(ހ)

ކ. ގުރައިދޫ ކައުންސިލުން ދައްކާ ބިމެއްގައި ކަނޑައެޅިފައިވާ މިންތަކަށް ގޯތީގެ ކޮންމެ ކަނެއްގައި އިންވަކިކުރުމަށް ގޯތި ފާހަގަކުރެވޭތާ 03 މަސްދުވަހުގެ ތެރޭގައި ބިމުން މައްޗަށް 6 އިންޗި ފެންނަން ހުންނާނޭ ގޮތަށް 18 އިންޗީގެ ކަންމުޑި ޖަހަންވާނެއެވެ. އަދި މަގާއި ގޯޅިތައް ކައުންސިލުން އަންގާ ގޮތަކަށް ކަން ވަށްކުރަންވާނެއެވެ. 

(ށ)

ގޯތި ޙަވާލުކުރެވޭތާ 01 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލުން ދޭ މިންކަނޑާ އެއްގޮތަށް ގޯތީގެ އިންފާރު ރާނަންވާނެއެވެ. ގޯތީގެ އިންފާރު ރޭނުމަށްފަހުގައި ނޫނީ ގޯތީގައި އެއްވެސް ޢިމާރާތެއް ކޮށްގެން ނުވާނެއެވެ.  

(ނ)

ގޯތި ޙަވާލުކުރެވިފައިވާ ތާރީޚުން ފެށިގެން ގޯތި ލިބުނު ފަރާތުން، 05 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށްގެން ދިރިއުޅެން ފަށަންވާނެއެވެ. 

(ރ)

ގޯތި ޙަވާލުކުރެވޭތާ 3 މަސްދުވަސް ތެރޭގައި ގޯއްޗަށް ނަމެއްކިޔައި، އެނަމުގައި ގޯތީގެ ރަޖިސްޓްރީ ހައްދަންވާނެއެވެ. 

(ބ)

ގޭގެނަމާއި، ނަންބަރު އެނގޭ ގޮތަށް މަގުމައްޗަށް ފެންނަގޮތަށް ނަންބޯޑު ބަހައްޓަންވާނެއެވެ. ނަންބަރ ނޭންގޭ ގޮތަށް ނަންބޯޑު ހުރިނަމަ ނުވަތަ ނަންބޯޑު ހަލާކުވެއްޖެ ނަމަ ވީއެންމެއަވަހަކަށް ނަންބޯޑު ހަދަންވާނެއެވެ.

(ޅ)

މަގުމަތީ ފާރު ނުވަތަ ފާރުން ބައެއް ނަމަވެސް ތަޅާލަންވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. އަދި ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް ދޮރު ކެނޑުމާއި، ދޮރާށި ހުރި ތަން ނޫން ތަނަކަށް ބަދަލުކުރުމަކީ މަނާކަމެކެވެ. 

(ކ)

ޙަވާލުކުރެވޭ ގޯތީގައި ހުންނަ ރުއްގަހުގެ ތެރެއިން ކަނޑަންވާނީ ޢިމާރާތް ކުރުމުގައި ކަނޑަންޖެހޭ ރުއްގަހާއި އެއިން ނުރައްކަލެއް ލިބިދާފަދަ ބަލި ރުއްގަހާއި އެހެން މީހަކަށް އުނދަގޫވާ ގޮތަށް ހުރި ރުއްގަހެވެ. މިފަދަ ރުއްގަސް ކަނޑަންވާނީ ކައުންސިލްގެ އިދާރާގެ ހުއްދަ ހޯދައިގެންނެވެ. 

(އ)

އެހެން މީހަކަށް ދީފައިވާ ގޯއްޗެއްގެ އިންފާރު ކައިރީގައި ފާރެއް ރާނައި ނުވަތަ ޢިމާރާތެއް ކުރާނަމަ އެކަމަށް ކައުންސިލް އިދާރާގެ ހުއްދަ ހޯދަންވާނެއެވެ. އަދި އެމީހެއްގެ ގޯތީގައި އިންފާރަށްވާ ގޮތަށް ޢިމާރާތް ކުރުމާއި، އިންފާރުން ދޮރާށި ކެނޑުން ފަދަ ކަމެއް ކުރާނަމަވެސް ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ.

(ވ)

 ގޯތިތެރެ އާއި ގޯތި ގުޅިފައިވާ މަގު ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓަންވާނެއެވެ. 

(މ)

ޖެހިގެންހުރި ގޭގެ ޢިމާރާތަށް ގެއްލުން ލިބޭފަދަ ގޮތަކަށް ވަޅުގަނޑު ކޮނުމާއި ފާހާނާ ވަޅުގަނޑު ހެދުން ފަދަ ކަންތައްތައް ކޮށްގެން ނުވާނެއެވެ.

މާނަ ކުރުން

31

(ހ)

މި އުޞޫލުގައި އިބަރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދެއްގައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިއެވަނީ، އެއިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ށ)

ކ.ގުރައިދޫއިން ގޯތި ދޫކުރުމޭ ނުވަތަ ގޯތިދޫކުރުން ކަމުގައި ބުނެފައި އެވަނީ މިއުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ނުވަތަ ގޯތިތަކުގެ މާނައިގައެވެ.

(ނ)

ގޯތިލިބޭ ފަރާތް ކަމުގައި ބުނެފައި އެވަނީ މިއުޞޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިލިބޭ މިންވަރަށް ޕޮއިންޓް ލިބިގެން ގޯތި ލިބޭނެ ކަމަށް ކަނޑައެޅިފައިވާ ފަރާތްތައް ނުވަތަ ފަރާތްތަކެވެ.  

(ރ)

ކޮމެޓީ ކަމުގައި ބުނެފައި އެވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަން ކ.ގުރައިދޫ ކައުންސިލް އިދާރާ އިން އެކުލަވާލާފައިވާ ކޮމެޓީއެވެ.

(ބ)

ތަނާޒުލްވުން ކަމުގައި ބުނެފައި އެވަނީ ގޯތި ދިނުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީގެ މެންބަރަކާއި ގުޅުންހުރި ފޯމެއް އިވެލުއޭޓް ކުރުމުން އެ މެންބަރަކު އެކަހެރިވާވުމަށެވެ.

(ޅ)

ގޯއްޗަށް އެދޭފަރާތް ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމަށް ކުރާ އިޢުލާނުގެ މުއްދަތުގައި ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ފޯމު (ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއިއެކު) ހުށަހަޅާފައިވާ ފަރާތްތަކެވެ .

(ކ)

މިރަށޭ ބުނެފައިއެވަނީ މާލެ އަތޮޅު ކ.ގުރައިދޫ ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ އެންމެހައި ސަރަހައްދެވެ.

 

 

 

 

 

 

 

ޖަދުވަލު 1

ކ.ގުރައިދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓު ދޭނެގޮތުގެ މިންގަނޑު

1. ކައިވެނީގެ ބައި

(ހ)

މީހަކާ އިނދެގެން އުޅޭނަމަ

20 ޕޮއިންޓު

(ށ)

ކައިވެންޏަށް 01 (އެކެއް) އަހަރު ވެފައިވާނަމަ، 01 ޕޮއިންޓް އަދި އިތުރުވާ ކޮންމެ އަހަރަކަށް 01

ޕޮއިންޓް) މިގޮތުން ގިނަވެގެން ދެވޭނީ 10 ޕޮއިންޓެވެ.

10 ޕޮއިންޓު

(ނ)

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ (18 އަހަރުންދަށުގެ) 

15 ޕޮއިންޓު

އިތުރު ތަފްޞީލް:

  • (ށ) ކައިވެނީގެ މުއްދަތު ގުނާނީ މި ދެމަފިރިންގެ ކައިވެންޏަށް މެދުކެނޑުމެއް ނުވާ ނަމައެވެ. ނަމަވެސް ވަރިވެ އިއްދައިގެ ތެރޭގައި ރުޖޫޢަ ކޮށްފައިވާނަމަ އަހަރު ގުނާނީ ފުރަތަމަ ކައިވެނިކުރި ތާރީޚުން ފެށިގެންނެވެ. މިގޮތަށް ބަލާނީ ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.

 

2. ޢުމުރުގެ ބައި

(ހ)

ޢުމުރުން 18 އަހަރާ 30 އަހަރާ ދެމެދު ނަމަ (ގޯއްޗަށް އެދޭމީހާ)                      

10 ޕޮއިންޓު

(ށ)

30 އަހަރުން މަތިނަމަ  ( ގޯއްޗަށް އެދޭމީހާ)     

07 ޕޮއިންޓު

އިތުރު ތަފްޞީލް:

  • ޢުމުރު ބަލާނީ ގޯތި ދޫކުރުމަށް އިޢްލާންގެ މުއްދަތުހަމަވާ ތާރީޚަށެވެ.
  • ޕޮއިންޓް (ހ) (ށ) ގައިވާ ޢުމުރު ބަލާނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާގެ އެވެ.

 

3.ދަރިންގެ ބައި

(ހ)

18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

05 ޕޮއިންޓު

(ށ)

18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް

(މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ) (އިތުރު ތަފްޞީލް ބައްލަވާ)             

04 ޕޮއިންޓު

(ނ)

ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ (އިތުރު ތަފްޞީލް ބައްލަވާ)      

04 ޕޮއިންޓު

(ރ)

އިނދެގެން އުޅޭތާ 5 އަހަރުވީއިރުވެސް ދަރިން ނުލިބި ތިބީ ޞިއްޙީ މައްސަލައެއްގެ ސަބަބުން   ކަމުގައި ޑޮކްޓަރ ދެއްވާފައިވާ ލިޔެކިޔުންތަށް ނުވަތަ އެކަމަށް ޑޮކްޓަރެއްގެ ފަރުވާ  ހޯއްދަވާފައިވާކަމުގެ ލިޔެކިޔުންތަށް ހުށަހަޅާފައިވާނަމަ (އިތުރު ތަފްޞީލް ބައްލަވާ)                                    

05 ޕޮއިންޓު

އިތުރު ތަފްޞީލް:

  • (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓު ދިނުމުގައި  4 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައި ވިޔަސް ދެވޭނީ ޖުމުލަ 16 ޕޮއިންޓެވެ. އަދި މަންމަ ދަރިން ބަލަމުން ގެންދިޔަކަމުގައިވިޔަސް ދަރިންގެ ބައްޕަ ޤަވައިދުން ޚަރަދުދޭކަމަށް ޝަރުޢީ ލިޔުން، ދަރިންގެ ބައްޕަ ގޯއްޗަށް އެދި ހުށަހަޅާ ފޯމާއި އެކު ހުށަހަޅާފިނަމަ، މިބައިން އެ ދެފަރާތަށްވެސް ޕޮއިންޓް ދެވޭނެއެވެ. ދަރިން ތިބެގެން ޕޮއިންޓުދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓު ގޯއްޗަށްއެދިފައިވާ މީހާއަށް ދޭކަށް ނުޖެހޭނެއެވެ.)
  • (ނ) ގައިވާ ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މާރކްސް ދެވޭނީ އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންވެފައިވާ ފަރާތެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ދަފްތަރުގައި ލިސްޓް ކުރެވިފައިވާ ކުއްޖަކު ކަމުގައިވާނަމަ އެކަން އަންގައިދޭފަދަ ލިޔުމުގެ ކޮޕީއެއް ހުށައެޅުމުންނެވެ. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށް ބަލާނީ ގޯތި ދޫކުރުމަށް އިޢުލާންކުރި ތާރީޚާއި ހަމައަށެވެ.
  • (ރ) ގައިވާ ފަދަ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ރާއްޖެއިން ބޭރުގެ ލިޔުމެއްނަމަ ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ޞިއްޙީ ޚިދުމަތްތެރިއެއް ޗެކްކޮށް މިބުނެވުނު ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްކަމަށް ކަނޑައެޅުމުންނެވެ.

 

4. މައިން ބަފައިންގެ ބައި:

(ހ)

މައިން ބަފައިންނާއި ދަރިން ފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުން ގެންދާނަމަ

(އިތުރު ތަފްޞީލް ބައްލަވާ)    

03 ޕޮއިންޓު

އިތުރު ތަފްޞީލް:

  • (ހ) ގައިވާ ފަދަ މީހަކު ބަލަމުން ގެންދާކަމަށް ބެލެވޭނީ ކޯޓުން ޝަރުޢީ ގޮތުން ބެލުމަށް ޙަވާލުކޮށްފައިވާ ފަރާތްތަކާއި، އެއްވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅެވޭފަދަ ފަރާތެއް ބަލަމުން ގެންދާނަމައެވެ.

 

5. ރަށްވެހިކަމުގެ ބައި:

(ހ)

ރަށުގެ ރަށްވެއްސެއްނަމަ                                                 

25 ޕޮއިންޓު

 

(ށ)

ކުރިން ރަށްވެހިވެފައިވާ ރަށްދޫކޮށް މި ރަށުގައި ރަޖިސްޓަރީވެ، ދާއިމީ ގޮތެއްގައި މިރަށުގައި ދިރިއުޅޭތާ 5 (ފަސް) އަހަރު ވެފައިވާނަމަ.     

15 ޕޮއިންޓު

 

(ނ)

މި ރަށުގައި ރަޖިސްޓަރީވެފައި ނުވިނަމަވެސް މިރަށުގައި ދާއިމީ ގޮތެއްގައި ދިރިއުޅޭތާ 10 (ދިހަ) އަހަރު  ވެފައިވާނަމަ.

(އިތުރު ތަފްޞީލް ބައްލަވާ)  

05 ޕޮއިންޓު

 

 

އިތުރު ތަފްޞީލް:

  • (ހ) ގައި ބަޔާންކޮށްފައިވާ ރައްވެއްސެއްކަމުގައި ބަލާނީ މިރަށުގައި ރަށްވެހިވެ ދިރިއުޅޭތާ 15 އަހަރު ވެފައިވާނާމައެވެ.
  • (ހ)، (ށ) ، (ނ) ގައި ބަޔާންކުރާ ދާއިމީ ގޮތެއްގައި ދިރިއުޅޭ ރަށެއް ކަމުގައި ކ. ގުރައިދޫ ބަލަނީ އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހި އާއްމުކޮށް ގުރައިދޫގައި ދިރިއުޅޭ ނަމައެވެ. އެކިއެކިބޭނުންތަކަށް (މިސާލަކަށް ކިޔަވަން، ނުވަތަ ވަޒީފާ އަދާކުރަން، ނުވަތަ ދިރިއުޅުމުގެ އެހެންބޭނުންތަކަށް) މާލޭގައި ނުވަތަ އެހެން ރަށެއްގައި އުޅެފައި ހަފްތާ ބަންދަށް ނުވަތަ ޗުއްޓީއަށް އަންނަ އައުން އެއީ ރަށުގައި ދާއިމީކޮށް ދިރިއުޅުންކަމުގައި ބެލެވޭނެވެ.   
  • (ނ) ގައި ބަޔާންކުރާ ފަރާތްތަކުން ކ.ގުރައިދޫގައި ދިރިއުޅޭކަމުގެ ރަސްމީ ލިޔުމެއް ރަށު ކައުންސިލްގެ އިދާރާއިން ހޯދާ ހުށަހަޅަންވާނެއެވެ. (މިސާލު؛ ވަޒީފާގެ ލިޔުން، ދަރިންގެ ސްކޫލްގެ ސެޓްފިކެޓް، ރަށުގައި ދިރިއުޅޭކަމުގެ ލިޔުން)
         

 

6.     ޚާއްޞަ އެހީގެ ބައި:

(ހ)

ގޯއްޗަށް އެދޭފަރާތަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތެއްކަން ބަޔާންކޮށް ކަމާއިބެހޭ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް ހުށައަޅާފައިވާނަމަ (އިތުރު ތަފްޞީލް ބައްލަވާ)

05 ޕޮއިންޓް

އިތުރު ތަފްޞީލް:

  • (ހ) ގައިވާ ފަދަ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ޚާއްސައެހީއަށް ބޭނުންވާ ފަރާތެއްކަން ބަޔާންކޮށް ކަމާއިބެހޭ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބިނާކޮށް

 

10 ޖުލައި 2023
ހޯދާ