މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކުނިކަހައި ސާފުތާހިރުކަން ދެމެހެއްޓުމާބެހޭ

މާލޭގެ މަގުތަކާއި ޕާކުތަކާއި މައިދާންތައް ބެލެހެއްޓުން މިމިނިސްޓްރީއާ ޙަވާލުވުމާ ގުޅިގެން، އެތަންތަން ކުނިކަހައި ސާފުތާހިރުކަން ދެމެހެއްޓުމަށް، ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، މާލޭގައި ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާ ކަމުގައި ދަންނަވަމެވެ.

ޚާއްޞަ ގޮތެއްގައި ކުނި މެނޭޖް ކުރުމާބެހޭ ގަވާއިދު ނަންބަރު 2013/R-58 އެންމެހާ ފަރާތްތަކުން ޙުރުމަތްތެރިކޮށް ހިއްތަވައި، މާލޭގެ މަގުތަކާއި، ޕޭމަންޓްތަކާއި، ޕާކުތަކާއި، އަދި މައިދާންތަކަށް ކުނި ނޭޅުއްވުމަށް އިލްތިމާސް ކުރަމެވެ.

މާލޭގެ އެކިއެކި ޢިމާރާތް ތަޅާލުމާ ގުޅިގެން އުފެދޭ ގާކުންޏަކީ އެމަސައްކަތަކާ ޙަވާލުވާ ފަރާތުން ތިލަފުށްޓަށް ގެންދަވަންޖެހޭނެ ކުނި ކަމުގައި ދަންނަވަމެވެ. އެތަކެއްޗަކީ މާލޭގެ މަގުތަކާއި ޕޭމަންޓްމަތި، ނުވަތަ މާލޭގެ އެއްވެސް ހުސް މައިދާނަކަށް އަޅައިގެންވާނެ ތަކެއްޗެއް ނޫނެވެ. އެހެންކަމުން، މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

މާލެ ސާފުތާހިރު ސިޓީއަކަށް ހެދޭނީ، މަގުތަކާއި ޕޭމަންޓްތަކާއި، ޕާކުތަކާއި ހުސްމައިދާންތައް ސާފުކުރުމަށް ކުރާ މަސައްކަތުގައި ތިޔަ އެންމެހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވައިގެން ކަމުގައި ދަންނަވަމެވެ.

7 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ