ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫގައި ރަޖިސްޓަރީކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން އެހީދިނުމުގެ އުޞޫލު

ކޮޅުމަޑުލު ގުރައިދޫގައި ރަޖިސްޓަރީކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން އެހީދިނުމުގެ އުޞޫލު

 

 

ތަޢާރަފް

1.

(ހ) މިއީ، ކޮޅުމަޑުލު ގުރައިދޫގައި ރަޖިސްޓަރީކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން އެހީދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލެވެ.

 

 

(ށ) މި އުޞޫލަށް ކިޔަނީ "ކޮޅުމަޑުލު ގުރައިދޫގައި ރަޖިސްޓަރި ކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ކައުންސިލުން އެހީދިނުމުގެ އުޞޫލު" އެވެ.

 

ޢަމަލުކުރަން ފަށާ ތާރީޙް

2.

މި އުޞޫލަށް އަމަލުކުރަންފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް އާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.

 

އެހީދެވޭނެ ދާއިރާތައް

3.

މި އުޞޫލުގެ ދަށުން އެހީދެވޭނީ ކޮޅުމަޑުލު ގުރައިދޫގައި ރަޖިސްޓަރި ކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކުން ރަށުފެންވަރުގައި ހިންގާ އިޖުތިމާޢީ، ތަޢުލީމީ، ސިއްހީ އަދި ކުޅިވަރާއި، ރަށް ތަމްސީލުކުރުމަށް ބައިވެރިވާ ޙަރަކާތްތަކާއި އަދި އެނޫނަސް އެކަންކަމުން މުޖްތަމަޢަށް ފައިދާކުރާނެ ކަންކަން ކަމަށް މިކައުންސިލުން ދެކޭ ކަންކަމެވެ.

 

އެހީދިނުން

4.

(ހ) މި އުޞޫލުގެ ދަށުން އެހީދެވޭނީ ކޮޅުމަޑުލު ގުރައިދޫގައި ރަޖިސްޓަރި ކޮށްފައިވާ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކުގެ ތެރެއިން އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯޒަލްއަށް %50 (ފަންސާސް އިންސައްތަ) އަށްވުރެ މަތިން މާކްސް ލިބޭ ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކަށެވެ.

(ށ) މި އުޞޫލުގެ ދަށުން ކޮންމެ ކުލަބު/ ޖަމިއްޔާ/ ޖަމާޢަތަކަށް އެހީ ދެވޭނީ ގިނަވެގެން އަހަރަކު ދެފަހަރުއެވެ.

ޕްރޮޕޯޒަލް ދިރާސާކުރާނެ ގޮތް

5.

(ހ) މިކައުންސިލަށް ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތަށް ދިރާސާކުރާނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

 

 

(ށ) ޕްރޮޕޯޒަލް ދިރާސާކުރާ ކޮމިޓީގައި ހިމެނޭނީ އަންނަނިވި ފަރާތްތަކުންނެވެ.

  1. ރަށު ކައުންސިލްގެ ރައީސް ނުވަތަ ޒިންމާ ޙަވާލުވާ ފަރާތް
  2. ރަށު ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ނުވަތަ ޒިންމާ ޙަވާލުކުރާ ފަރާތް
  3. ރަށު ކައުންސިލް އިދާރާގެ އިދާރީ 1 މުވައްޒަފު

 

ޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ ކަންކަން

6.

(ހ) މިކައުންސިލަށް ކުލަބު/ ޖަމިއްޔާ/ ޖަމާޢަތްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ ކަންތައް

  1. ޕްރޮޕޯޒަލް ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކުން ހުށަހަޅާފައިވާ ކަމަކަށް ކުރާ ހޭދައަށް (ކުރާ ކޮންމެ -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާ އަކަށް 02 ޕޮއިންޓް. މިބަޔަށް ގިމަވެގެން ލިބޭނީ 40 ޕޮއިންޓް) 40%
  2. ޕްރޮޕޯޒަލް ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތްތަކުން ހުށަހަޅާފައިވާ ކަމެއްގައި ސީދާކޮށް މަންފާކުރާނެ ފަރާތްތަކުގެ ޢަދަދު (ސީދާކޮށް މަންފާ ކުރާ ކޮންމެ 10 މީހަކަށް 01 ޕޮއިންޓް - މިބަޔަށް ގިނަވެގެން ލިބޭނީ 30 ޕޮއިންޓް) %30
  3. ޕްރޮޕޯޒަލް ހުށަހެޅި ކުލަބް/ ޖަމިއްޔާ/ ޖަމާޢަތުން، ފާއިތުވީ އަހަރު ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ހިންގާފައިވާ ޙަރަކާތްތައް (ކޮންމެ ޙަރަކާތަކަށް 05 ޕޮއިންޓް - މިބަޔަށް ގިނަވެގެން ލިބޭނީ 20 ޕޮއިންޓް) %20 (މިބަޔަށް ޕޮއިންޓް ލިބޭނީ ކިތާބީ ހެކި ހުށަހަޅާފައިވާނަމައެވެ.
  4. ޕްރޮޕޯޒަލް ހުށަހެޅި ކުލަބު/ ޖަމިއްޔާ/ ޖަމާޢަތުން ފާއިތުވީ އަހަރު ކައުންސިލުން ހިންގާފައިވާ ހަރާކާތްތަކާއި ބާއްވާފައިވާ ޖަލްސާތަކުގައި ބައިވެރިވެފައިވާ މިންވަރު (ކޮންމެ ޙަރަކާތަކަށް 05 ޕޮއިންޓު – މިބަޔަށް އެންމެ ގިނަވެގެން ދެވޭނީ 10 ޕޮއިންޓު)

 

އެހީގެ މިންވަރު

7.

(ހ) އެހީ ދިނުމުގައި ޝަރުތު ކަމުގައި ބަލާނީ ޕްރޮޕޯޒަލްއަށް މަދުވެގެން %50 އިންސައްތަ ލިބިފައިވާނަމައެވެ. އަދި އެހީގެ މިންވަރު ކަނޑައަޅާނީ ޕްރޮޕޯޒަލްއަށް މާކްސް ލިބޭ މިންވަރުންނެވެ.

 

 

(ށ) މީގެ އިތުރުން، ހުށަހަޅާ ކަމަކީ ކައުންސިލުގެ ވޯކްޕްލޭނުގައި ހިމެނިފައިވާ ކަމަކަށް ވާނަމަ، އެޙަރަކާތުގެ ކޯޑުގައިވާ ފައިސާ އެ ކްލަބު/ ޖަމިއްޔާ/ ޖަމާޢަތަށް ދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިކަން ނިންމާނީ ކައުންސިލްގެ ޖަލްސާއިންނެވެ.

 

އެހީ ދިނުން

8.

މިއުޞޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅާ އެއްވެސް ކްލަބު/ ޖަމިއްޔާ/ ޖަމާޢަތަކަށް އެހީދޭނީ އެހީ ދިނުމާ ބޭނުން ކުރުމާ ގުޅޭ ގޮތުން، މި ކައުންސިލާއި އެހީލިބޭ ކުލަބު/ ޖަމިއްޔާ/ ޖަމަޢަތާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުއެވެ.

 

އެއްބަސްވުން ނިމުމަކަށް ގެނައުން

9.

(ހ) ފައިސާގެ އެހީ ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ލިބުނު ފަރާތުން ކަނޑައަޅާފައިވާ ޙަރަކާތް ނުނިމިއްޖެނަމަ، އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ. މިގޮތަށް އެއްބަސްވުން ނިމުމަކަށް ނިމުމަކަށް ގެނެވޭ ހާލަތުގައި، ހަރަކާތްތަށް ހިނގާދިޔަ ގޮތާއި ޚަރަދުގެ ތަފްސީލީ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްބަސްވުން ނިމުމަކަށް ގެނެވޭއިރު ޚަރަދުނުކޮށް އެއްވެސް ފައިސާއެއްވާނަމަ، ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލަށް އަނބުރާ ރައްދުކުރަންވާނެއެވެ.

(ނ) މިމާއްދާގައި ބަޔާންކުރާ އެއްވެސް އިޖުރާޢެއް ފުރިހަމަ ނުވެއްޖެނަމަ، 2 (ދޭއް) އަހަރުގެ މުއްދަތަކަށް މިއުސޫލުގެ ދަށުން އެހީ ދިނުމުން ސަސްޕެންޑް ކުރެވޭނެއެވެ.

 

ރިޕޯޓު ހުށަހެޅުން

10.

އެހީގެ ފައިސާއިން ހިންގު ޙަރަކާތް ހިނގައިދިޔަގޮތުގެ ތަފްޞީލީ ރިޕޯޓެއް ޙަރަކާތް ނިމޭތާ 1 މަސްދުވަސް ތެރޭގައި މިކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ޕްރޮޖެކްޓް ހިނގާދިޔަގޮތް އަދި ފައިސާ ޚަރަދުކުރި ގޮތުގެ ތަފްޞީލް ހިމަނަންވާނެއެވެ.

 

ނެތްކަމެއް ދިމާވުން

11.

މި އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމާ މަޝްވަރާކުރުމަށްފަހު ޢަމަލުކުރަންވީގޮތް ކައުންސިލުން އެފަރާތަށް އަންގަންވާނެއެވެ.

 

މާނަކުރުން

12.

'ކައުންސިލް' ކަމަށް ބުނެފައިއެވަނީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލަށެވެ.

02 މޭ 2023
ހޯދާ