ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ، ކައިވެނިކުރާ ތަނަކީ ކޯޓުން ބޭރުގައި ކައިވެނިކުރަން އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން ބަޔާންކުރާ އުސޫލު

ފިހުރިސްތު

ތަޢާރަފް. 3

މަޤްސަދު.. 3

މަޖިލިސް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން.. 3

މާނަކުރުން.. 4

ޢަމަލުކުރަން ފެށުން.. 4

 

 

 

 

ތަޢާރަފް

  1. މިއީ ގަވައިދު ނަންބަރު 2022/R-99 (ޢާއިލާއާއިބެހޭ ޤަވާއިދު)ގެ 6 (ހައެއް) ވަނަ މާއްދާގެ (ށ)ގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ. މި އުސޫލަށް ކިޔަނީ "ކައިވެނިކުރާ ތަނަކީ ކޯޓުން ބޭރުގައި ކައިވެނި ކުރަން އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން ބަޔާންކުރާ އުސޫލު" އެވެ.

 

މަޤްސަދު

  1. މި އުސޫލުގެ ބޭނުމަކީ (ކޯޓުން ބޭރުގައި ކުރުމަށް) މި ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކުރުމުގައި، ކައިވެނީގެ މަޖިލިސް ބާއްވާ ތަނަކީ ކޯޓުން ބޭރުގައި ކައިވެނި ކުރަން އެކަށީގެންވާ ތަނެއްތޯ ބެލުމުގައި މި ކޯޓުން ރިޢާޔަތްކުރާނެ ކަންތައްތަކެއް ލިޔެވި، ޢާއްމުކުރެވިފައި އޮތުމެވެ. އަދި ކޯޓުން ބޭރުގައި ކައިވެނިކުރަންޖެހޭ ޙާލަތްތަކުގައި ކައިވެނީގެ މަޖިލީސް ކަނޑައެޅުމުގައި ޢާއްމުކޮށް އެއްހަމައަކުން ޢަމަލުކުރުމެވެ.

 

މަޖިލިސް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން

  1. ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ، މި އުސޫލުގެ ދަށުން ކައިވެނީގެ މަޖިލީހެއް ކަނޑައެޅުމުގައި މި ކޯޓުން ރިޢާޔަތްކުރާނެ ކަންކަން މި ދަންނަވަނީއެވެ.

(ހ) ފަސޭހަ ކަމާއިއެކު އިށީނދެ ތިބެވޭ، ޖާގައޮތް ތަނަކަށްވުން.

(ށ) މަދުވެގެން 7 (ހަތެއް) މީހުންނަށް އިށީނދެ ތިބެވޭނެ އިންތިޒާމް ހަމަޖެހިފައި  އޮތުން.

(ނ) ކައިވެނީގެ މަޖީލީހަށް ބޭނުންކުރާ މޭޒާއި ގޮނޑި ފިޔަވައި އެނދު ފަދަ ތަކެތި ނެތް    ތަނަކަށްވުން.

(ރ) މަޖީލީހުގައި ތިބޭ މީހުން އެނގޭވަރަށް އަލިކަމެއް ހުރި ތަނަކަށްވުން.

(ބ) ކައިވެނީގެ މަޖިލީހުގައި ދައްކާ ވާހަކަ ސާފުކޮށް އަޑު އިވޭނެ (އެހެން އަޑެއްގެ ސަބަބުން އުނދަގޫކަމެއް ނެތް) ތަނަކަށްވުން.

(ޅ) އެކަށީގެންވާ މިންވަރަކަށް ފިނިހޫނުމިން ހިފެހެއްޓިފައިވާ (ވެންޓިލޭޓް ކުރެވިފައިވާ) ތަނަކަށްވުން.

 

މާނަކުރުން

  1. މި އުސޫލުގައި ބޭނުންކުރެވިފައިވާ ލަފުޒެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ ލަފުޒުތަކާއި ޢިބާރާތްތަކަށްދީފައި އެވަނީ، ގަވައިދު ނަންބަރު 2022/R-99 (ޢާއިލާއާއިބެހޭ ޤަވާއިދު) ގައި އެ ލަފުޒުތަކަށް ދީފައިވާ މާނަކުރުމެވެ.

 

ޢަމަލުކުރަން ފެށުން

  1. މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ، 2022 ޖުލައި 25 ވަނަ ދުވަހުން ފެށިގެންނެވެ.

 

17 އޭޕްރިލް 2023
ހޯދާ