ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެސްޓުކުރުމަށް ޢާންމުކޮށް ދަޢުވަތުދީ ހުޅުވާލައިގެން ފަންޑު ހޯދުމާއި ފަންޑު މެނޭޖްމަންޓް ޚިދުމަތް ދިނުމާ ގުޅޭ

ޤާނޫނު ނަންބަރު: 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާ، އިންވެސްޓަރުންގެ މަޞްލަޙަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުޢާމަލާތުތަކުގައި ނޭދެވޭ ޢަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ ޢަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ. އަދި އިންވެސްޓްމަންޓް ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމުގެ ޚިދުމަތް އަދި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތް ދިނުމަކީވެސް މި އޮތޯރިޓީން ލައިސަންސް ނަގައިގެންކުރަންޖެހޭ ކަމެކެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، ޢާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމަންޓް ފަންޑު އުފައްދާ މެނޭޖުކޮށް ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް ހެދުމަކީ މަނާކަމެކެވެ. އަދި މި ޤާނޫނުގެ ދަށުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި، އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކުރާ ފަރާތަކީ މި އޮތޯރިޓީ ކަމަށްވީ ހިނދު، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިގެން ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށްވެސް އިސްތިހާރުކޮށްގެން ފަންޑު ހޯދުމާއި އިންވެސްޓުކުރުމަށް ލަފާދިނުމާއި ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން މި އޮތޯރިޓީގެ ލައިސަންސް ނުނަގާ ޚިދުމަތް ދިނުމަކީ، މި ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމުގައި އަންގައި އިޢުލާންކުރަމެވެ. އަދި އެކިއެކި ފަރާތްތަކުން އިންވެސްޓުކުރުމަށް ލިބޭ ހުށަހެޅުމުގައި ބައިވެރިވުމުގެ ކުރިން، މި އޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ސަމާލުވުމަށް އިންވެސްޓަރުންނަށް ނަޞޭޙަތްތެރިވަމެވެ.

އަދި ދަންނަވަމެވެ. މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މަޢުލޫމާތާއި، އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މަޢުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓުގައި މިވާ ލިންކް https://cmda.gov.mv/en/registries އިން ފެންނަން ހުންނާނެއެވެ. އަދި މަތީގައި ބަޔާންކޮށްފައިވާ ފަދައިން އޮތޯރިޓީގެ ލައިސަންސް ނުނަގައި މިފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާވެސް އަވަހަކަށް މި އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްދިނުމަށް އީމެއިލް ([email protected]) މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށްވެސް ދަންނަވަމެވެ.

15 ރަމަޟާން 1444

6 އޭޕްރިލް 2023 

06 އޭޕްރިލް 2023
ހޯދާ