މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އެދި ގޮވާލާ ފާސްކުރާ ޤަރާރު

މެއި 2010 ގައި ތަޞްދީޤުކުރެވުނު ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން) ގެ 6، 21 އަދި 39 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، މި ދެންނެވުނު ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް އުފައްދާފައިވާ ތަންތަނެވެ. އެގޮތުން ހަމަ އެޤާނޫނުގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން ހިމެނެއެވެ.

ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތަކާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެކެވެ.  އަދި ދަޢުލަތުގެ ޤައުމީ އިދާރާތަކަށް މަތިކޮށްފައިވާ މެންޑޭޓްތަކާއި އެ އިދާރާތަކުން ދެއްވާ ބައެއް ޚިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ޤައުމީ އިދާރާތަކުން އެދޭ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނު ނަންބަރ 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކަށް ލާޒިމްކުރާ ކަންކަމެވެ. ނަމަވެސް ކައުންސިލްތަކުގައި ތިއްބަވާ މަދު މުވައްޒަފުން ކޮޅަކާއެކު ރައްޔިތުންނަށް ދޭންޖެހޭ އެންމެހައި ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް އެ މުވައްޒަފުން ގިނަ ވަގުތުތައް ހޭދަކުރެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރާއަށް އެދެވޭ ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. ރަށެއްގައި ދައުލަތުގެ އެތަކެއް އިދާރާތަށް ޤާއިމް ވެފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށްވުރެ ކުޑަ ވެފައި ފަރަޤު ބޮޑުވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާހުރި ރަނގަޅު މުވައްޒަފުން ކައުންސިލުތަކުގެ ވަޒީފާތަކުން ވަކިވެ އެހެނިހެން ދާއިރާތައް އިޚްތިޔާރު ކުރާކަން ފާހަގަ ކުރަމެވެ. އަދި ކިޔަވައިގެން ތިބި ރަނގަޅު މުވައްޒަފުން ހޯދުމަށް ދަތިކަންވެސް ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފައި ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނި ގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަން ފާހަގަ ކުރަމެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލްތަކެވެ. ހަމަ އެއާއެކު ހަތަރުވަނަ ގިންތި ތިންބަޔަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތި ކުރެވިފައިވަނީ ރަށު ކައުންސިލްތަކެވެ. ޕޭ ފްރޭމް ވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާރުގެ ވުޒާރާތައް ހިމެނިފައިވާއިރު ކައުންސިލް ތަކަކީ ދައުލަތުގެ ވުޒާރާތަކުގެތެރެއިން ގުނޭ އިދާރާތަކަކަށްވެސް ނުވެއެވެ. ދައުލަތުގެ ގިނަ ވުޒާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރާއިގެ %35 އެލަވެންސެއް ދެމުން ގެންދާއިރު ކައުންސިލުތަކުގެ ސިވިލް ސާރވިސް މުވައްޒަފުންނަށް މިފަދަ އެލަވަންސްތައް ނުލިބި މުސާރާއިގެ ފަރަގު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިލް ސާރވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއްކަމުގައި މިކައުންސިލުން ދެކެމެވެ.

ކައުންސިލް އިދާރާތަކަކީ ރަށްފުށުގައި އެންމެ މަސްޢޫލު އަދި އެންމެ ޒިންމާ ބޮޑު މުއައްސަސާއަށްވެފައި، ތަނުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެންޖެހޭނެކަމަށް މި ކައުންސިލުން ޤަބޫލުކުރަމެވެ. ރަށު ކައުންސިލް ތަކަކީ ވަކި އޮނިގަނޑެއް އޮންނަ، ނަމަވެސް އެންމެ މުސާރަ ކުޑަ އޮނިގަނޑަށްވާތީއާއި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ އުޞޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފައިވާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން ހިންގޭ ކައުންސިލްތައް ކަމަށްވާތީ އެކަން ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވަލްގައި ކައުންސިލްތައް ބަލައިގަންނަން ޖެހޭނެކަމަށް މި ކައުންސިލުން ދެކެމެވެ. އަދި ދައުލަތުގެ ވުޒާރާތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި ދެވޭ މުސާރާއިގެ %35 އެލަވަންސް، ކައުންސިލެއްގެ އިދާރީ ކޮންމެ މުވައްޒަފަކަށް ދިނުމަށާއި މުވައްޒަފުންގެ މަސައްކަތު ފެންވަރަށް ބަލައި މުވައްޒަފުންނަށް ކުރިއެރުން ލިބެންޖެހޭނެގޮތައް އިދާރީ އޮނިގަނޑު ބައްޓަންވެފައި އޮންނަން ޖެހޭނެކަމަށް ދެކެމެވެ. ހަމަ މީގެ އިތުރުން ކައުންސިލްތަކުގައި ދިގު މުއްދަތަށް ޚިދުމަތްކުރަމުންދާ މުވައްޒަފުންނާއި، އަލަށް ކައުންސިލަށް ގުޅޭ މުވައްޒަފުންގެ މުސާރާގައި އެއްވެސް ފަރަގެއް ނެތުމުގެ ސަބަބުން ގިނަ ދުވަހު ޚިދުމަތްކުރަމުންދާ ފަރާތްތަކުގެ އަގު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭކަމީ މި ކައުންސިލުން ނިހާޔަތައް ހިތާމަކުރާ ކަމެކެވެ. އަދި އަވަސް މުސްތަޤުބަލެއްގައި މިކަންކަމަށް ހައްލެއް ހޯދައިދިނުމަށް، ކަމާބެހޭ އިދާރާތަކަށް މި ކައުންސިލުން ގޮވާލަމެވެ. 

05 އޭޕްރިލް 2023
ހޯދާ