ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
2024-2023 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

އިއުލާން

 

2024-2023 ވަނަ އަހަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން.

 

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

 

ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން 1 (އެކެއް) ޑިރެކްޓަރަކު އިންތިހާބުކެރެވޭނެއެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ 6 (ހައެއް) ޑިރެކްޓަރުންނެވެ. މިގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާކަމެކެވެ. ހަމަމިއާއެކު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއި، އިންތިހާބުގައި ވާދަކުރެއްވުމަކީ ކުންފުނިން ބާރުއަޅާ ކަމެކެވެ. އަދި މިއީ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުންފުނިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެކެވެ.

 

މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ އެންމެ މަދުވެގެން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަކަށް ވާންވާނެއެވެ.

 

  1. ކުންފުނީގެ ހިއްސާދާރަކަށްވުން.
  2. ދިވެހި ރައްޔިތަކު ކަމުގައިވުން.
  3. އުމުރުން 30 އަހަރު ވެފައިވުން.
  4. ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 (ދިހައެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
  5. ހިއްސާދާރަކީ ކުންފުންޏެއްނަމަ، މަގާމަށް ކުރިމަތިލާ ފަރާތަކީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަކުން ރުހުން ދީފައިވާ ފަރާތަކަށްވުން.
  6. ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކާބެހޭގޮތުން އަހުލުވެރި ފަރާތަކަށްވުން.
  7. މާލީ ރިޕޯޓްތައް އެނަލައިޒްކުރުމުގެ ގާބިލްކަން ލިބިފައިހުރި ފަރާތަކަށްވުން.
  8. ކުންފުނީގެ ކަންކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ، ކެރި ކުޅަދާނަވެގެންވާ ފަރާތަކަށްވުން.
  9. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 2 (ދޭއް) ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން.
  10. މިނިވަން މުސްތަގިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ ފަރާތަކަށްވުން).
  11. ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަގާމު އަދާކުރުމަށް ގާނޫނަކުން ނުވަތަ ޝަރުއީ ކޯޓަކުން މަނާކުރެވިފައިވާ، ނުވަތަ ޝަރުތު ފުރިހަމަ ނުވާ ފަރާތެއްކަމުގައި ނުވުން.
  12. ކުންފުނީގައި ނުވަތަ ކުންފުނީގެ ސަބްސިޑަރީ، ޖޮއިންޓް ވެންޗަރ ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ނުވަތަ ކުންފުނީގެ ވިޔަފާރިއާއި ފުށުއަރާ ވިޔަފާރިއެއް ހިންގާ ކުންފުންޏެއްގައި ނުވަތަ ކޮމްޕެޓިޓަރ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ނުވަތަ ފާއިތުވި 1 (އެކެއް) އަހަރުގެ ތެރޭގައި ވަޒީފާ އަދާކޮށްފައިވާ ފަރާތަކަށް ނުވުން.
  13. ޑިރެކްޓަރުންގެ ނަޒަރުގައި ކުންފުންޏާއި ނުވަތަ ކުންފުނީގެ ވިޔަފާރިއަކާއި ތަޢާރަޒުވާ ނުވަތަ އެފަދަ ކުންފުންޏެއްގައި ނުވަތަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތަކަށް ނުވުން.
  14. ފާއިތުވި 10 (ދިހައެއް) އަހަރުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.
  15. ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކަނޑައަޅާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ގައުމެއްގައި ހުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް އޮތް ފަރާތަކަށް ނުވުން.
  16. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއްކުރުމުގެ ލައިސަންސް އުވާލާފައިވާ ފަރާތަކަށް ނުވުން.
  17. ބަނގުރޫޓްވެފައިވާ، ދަރަނިވެރިވެފައިވާ ނުވަތަ ގާނޫނާއި ހިލާފުވެފައިވާ ނުވަތަ އެފަދަ އެއްވެސް ދައުވާއެއް މިހާރު ރައްދުވާ ފަރާތެއް ނުވަތަ އެފަދަ ދައުވާއެއް ރައްދުވާ ކުންފުންޏެއްގެ ބޯޑު މެންބަރަކަށް، ހިއްސާދާރަކަށް ނުވަތަ މެނޭޖަރެއްގެ ވަޒީފާ އަދާކުރާ / ނުވަތަ ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  18. ވައްކަމާއި، މަކަރާއި ހީލަތް، ހިޔާނާތް ނުވަތަ ފައިސާގެ މުއާމަލާތެއްގައި މަކަރުހަދައި އޮޅުވާލުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަމާބެހޭ ރަސްމީ އިދާރާއަކުން އެއްވެސް ބާވަތެއްގެ ތަހުގީގެއް ހިންގާފައިވާ ފަރާތަކަށް ނުވުމާއި، އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  19. ޖިންސީ ފުރައްސާރަ ނުވަތަ ގެވެށި އަނިޔާ ނުވަތަ ކުޑަކުދިންގެ ހައްގުތަކާބެހޭ އެއްވެސް މައްސަލައެއްގައި ތުހުމަތުކުރެވޭ ނުވަތަ އެފަދަ މައްސަލައެއް ތަހުގީގު ކުރެވެމުންދާ ނުވަތަ އެފަދަ މައްސަލައެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން.

 

މަތީގައި ދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން cs@sto.mv އީމެއިލް އެޑްރެހަށް ނުވަތަ ކުންފުނީގެ ވެބްސައިޓްގައި ގާއިމްކުރެވިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ހުށަހެޅުއްވުން އެދެމެވެ. "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، ކުންފުނީގެ ވެބްސައިޓް، sto.mv ގައި އޮންލައިންކޮށް ހުށަހެޅެން އަދި ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރކަމަށް ޝަރުތު ހަމަވާ ފަރާތްތައް، "ބޯޑު ކެނޑިޑަސީ ގައިޑްލައިން" އަދި ސީ.އެމް.ޑީ.އޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ސީ.އެމް.ޑީއޭގެ ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިން އާއި އެއްގޮތަށް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިވޭލުއޭޓްކޮށް، އިންޓަވިއުކުރައްވާނެއެވެ.

 

ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

 

ވޯޓުދިނުން

 

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މައްދާގައި ވާގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު، ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެންބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސްމާލުގެ ހިއްސާގެ 10% (ދިހައެއް އިންސައްތަ) ތަމްސީލުކުރާ މެންބަރުން އެދިއްޖެނަމަ، ޕޯލްގެ އުސޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ، ކޮންމެ މެންބަރަކަށްވެސް އެ މެންބަރެއްގެ މިލްކުގައިވާ ކޮންމެ ހިއްސާއަކަށް 1 (އެކެއް) ވޯޓު ދެވިދާނެއެވެ.

 

ހަމަ މި ގަވާއިދުގެ 46 ވަނަ މާއްދާގައި ވާގޮތުން، ޖަލްސާގައި ނެގޭ ވޯޓު އެއްވަރު ވެއްޖެނަމަ، މެންބަރެއްގެ ހައިސިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަނަށް ދެވިދާނެއެވެ. އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމަކަށް ނެގޭ ވޯޓުގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

 

 

 

10 ރަމަޟާން 1444

 

1 އޭޕްރީލް 2023

 

 

01 އޭޕްރިލް 2023
ހޯދާ