މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވިލިމާލޭގައި ހިންގާ މަޝްރޫއުތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލުތަކުގައި ކަންހިންގާފައިވާގޮތް އޮޅުންއަރާފައިވާތީ، އެކަން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ނެރޭ ނޫސްބަޔާން

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް 02 މާޗް 2023 ވީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި އަހަރުގެ ފުރަތަމަ  ބައްދަލުވުމުގައި ރިއާސަތާކުރެވުނު ސުވާލުތަކުގެ ތެރެއިން ވިލިމާލޭގައި ހިންގަމުންދާ ސީޝިއާ ރެސްޓޯރަންޓުގެ މުއްދަތު އިތުރުކޮށްދީ، އަދި ރެޑްވޭވްއަށް ވިލިމާލެއިން ބިމެއް ދޫކޮށްފައިވާކަމަށް ވިދާޅުވެ ކުރެއްވި ސުވާލަކީ އެކަމުގެ ހަޤީޤަތް އޮޅޭގޮތަށް ކޮށްފައިވާ ސުވާލަކަށްވާތީ، އެކަންކަން ހިނގާފައިވާގޮތް މާލޭ ސިޓީގެ ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމުގެ ގޮތުން ދަންނަވަމެވެ.

1- މާލޭ ސިޓީގައި ހިމެނޭ ވިލިމާލޭގައި ހިންގާ ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައިވަނީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުޞޫލުތަކާއި ޤަވާއިދުތަކުގެ ދަށުންނެވެ. އެގޮތުން މި އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވިލިމާލޭގައި ޕާކެއް ތަރައްޤީކުރުމާއި، ވިލިމާލޭގެ އިރުމަތީފަރާތު މާލެއާއި ވީފަރާތުން ޕިކުނިކު ދާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާޚާނާބަރިއާއި ޝަވަރތައް އަދި ޗޭންޖިންގ ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސަރވިސްކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލޭ ސަރވިސް ކޮމެޓީގެ މުޤައްރިރުކަން އޭރު ކުރެއްވި، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކަމާއި އަދި އެ ހުށަހެޅުން ކޮމެޓީން ފާސްކޮށްފައިވަނީވެސް، އެ ކޮމެޓީގެ 10ވަނަ ބައްދަލުވުމުން 13 އޭޕްރީލް 2022ގައި،އެ ކޮމެޓީގެ މުޤައްރިރުކަމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކޮމެޓީއަށް ހުށަހެޅުއްވި ހުށާހެޅުމާއި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅުއްވި ލިޔުންތައް ކޮމެޓީން ދިރާސާކުރުމަށްފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ނިމުނުގޮތަށް ކަމުގައިވެސް ދަންނަވަމެވެ. އަދި މި ދެންނެވުނު މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމުގައި ދެންނެވީމެވެ.

 

2- ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީވެސް އެފަދަ ކަންކަން ކުރުމަށް އޮންނަ އުޞޫލުގެ ތެރެއިންކަމުގައިވެސް ދަންނަވަމެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ޚިދުމަތް ލިބިދިނުމަށް ބޭނުންވެ، ވިލިމާލޭގައި ކޮމާޝަލް ބިލްޑިންގއެއް އެޅުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދުމަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު މި ކައުންސިލުން ގެޒެޓުގައި އިއުލާންކުރެވުނެވެ. އަދި މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ މި ކައުންސިލުގެ ބިޑުކޮމެޓީންނެވެ. އަދި މި ކޮމާޝަލް ބިންލިޑިންގ އެޅުމަށާއި ވިލިމާލޭގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 09 ފެބުރުއަރީ 2022ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 39 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި، 23 ފެބުރުއަރީ 2022 ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި، 23 މާޗް 2022ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ ރަސްމީ އާންމު ބައްދަލުވުމާއި، 13 އޭޕްރީލް 2022 ގައި ބޭއްވި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 48 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ބަހުސްކޮށް، އަދި މިތަންތަނަށް ވިލިމާލެއިން ކަނޑައަޅާފައިވާ ބިންތައްވެސް ފާސްކޮށް މިކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ،  މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުންނެވެ. އަދި މި ހުރިހާ ބައްދަލުވުން ތަކުގައިވެސް ވިލިމާލޭގެ ކައުންސިލަރު ހާޟިރުވެ ބަހުސްގައި ބައިވެރިވެ މިކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައި ވެއެވެ. އަދި މި ބައްދަލުވުންތަކުގެ ހާޟިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކޮށްފައިވެއެވެ. އެހެންކަމުން މި ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށްފެންނަ ގޮތަށް ކައުންސިލަށާއި ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

 

04 މާޗް 2023

04 މާރިޗު 2023
ހޯދާ