ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ކޮލަމާފުށީ ބަނދަރު ބެލެހެއްޓުމާއިގުޅޭ ގަވާއިދު

                 ގއ. ކޮލަމާފުށީ ބަނދަރު ބެލެހެއްޓުމާއިގުޅޭ ގަވާއިދު

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާގެ (ހހ) އަށް ރިޢާޔަތްކޮށް، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނީ "ގއ. ކޮލަމާފުށީގެ" ބަނދަރާއި، އެ ބަނދަރާ ގުޅިފައިވާ ސަރަޙައްދެވެ.

 

 

(ށ)

މި ގަވާއިދަށް ކިޔާނީ، "ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

(ހ)

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާތާ 1 މަސް ދުވަހުން ފެށިގެންނެވެ.

 

 

(ށ)

މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިދާރާއިން ބަނދަރުގެ ސަރަޙައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅައި އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.

ބަނދަރު ބެލެހެއްޓުން

  1.  

(ހ)

ބަނދަރު ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

 

 

(ށ)

ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މި ގަވާއިދުގެ ދަށުން ނަގަން ޖެހޭ ފީ ނެގުމުގެ މަސައްކަތް ކުރާނީ ކައުންސިލުންނެވެ.

 

 

(ނ)

ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި މުދާ ބޭލުމުގެ ސަރަޙައްދުތައް ކަނޑައެޅުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަޙައްދުތައް

  1.  

 ބަނދަރުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަޙައްދުތައް ވަކިވަކިން އެނގޭގޮތަށް ކައުންސިލުން ކަނޑައަޅައި އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން

  1.  

(ހ)

ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް، ނުވަތަ އެ ނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް 3 މީޓަރާއި 21 މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 24 (ސައްވީސް) ގަޑިއިރަށެވެ.

 

 

(ނ)

މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 22 މީޓަރާއި 36 މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ، ގިނަވެގެން 48 (ސާޅިސް އަށެއް) ގަޑިއިރަށެވެ.

 

 

(ރ)

މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 37 މީޓަރަށްވުރެ ދިގު އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅިސް އަށެއް) ގަޑިއިރަށެވެ.

 

 

(ބ)

މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

 

 

 

(1)

3 މީޓަރާއި 21 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް -/3 (ތިނެއް) ރުފިޔާ ގެ މަގުންނެވެ.

 

 

 

(2)

22 މީޓަރާއި 36 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް -/5 (ފަހެއް) ރުފިޔާގެ މަގުންނެވެ.

 

 

 

(3)

37 މީޓަރަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 50/7 (ހަތެއް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

 

 

(ޅ)

މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަންވާނީ، ތޮށިގަނޑުގެ ހުރަހަށެވެ.

 

 

(ކ)

ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިއާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައެވެ. ތެލާއި ގޭސް ފިޔަވައި އެހެނިހެން ތަކެތި ބާލަންވާނީ، އެ ސަރަޙައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން، އެންމެ ލަސްވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދު ސާފުކުރަންވާނެއެވެ.

 

 

(އ)

މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަޙައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

 

 

(ވ)

މި މާއްދާގެ (އ) އާ ޚިލާފަށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވާ ގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލައިފައިވާ ތަކެތިކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޢަމަލުކުރެވޭނެއެވެ.

ބަނދަރު ސާފުކުރުން

  1.  

(ހ)

 ބަނދަރާއި ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

 

 

(ށ)

މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަޙައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތި، އެ މަސައްކަތް ނިމުމުން، އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތް ކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

 

 

(ނ)

މި މާއްދާގެ (ހ) އާއި (ށ) އާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500/- (ފަސްސަތޭކަ) ރުފިޔާއާއި 1,000/- (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1,000/- (އެއްހާސް) ރުފިޔާއާއި 3,000/- (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3,000/- (ތިންހާސް) ރުފިޔާއާއި 5,000/- (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

  1.  

އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ، ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ޒިންމާވާން ޖެހޭނެއެވެ. އަދި ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ބަލައި، އެ ތަނެއް މަރާމާތުކުރުމަށް އަންގައިފިނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން، ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

  1.  

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ތޮށިގަނޑަށް ލިބުނު ގެއްލުމަށް ޒިންމާވުމަށް ނުވަތަ ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އިންކާރުކޮށްފިނަމަ، މައްސަލަ ނިންމާނީ، ޝަރުޢީ ކޯޓު މެދުވެރިކޮށެވެ.

މައްސަލަ ޙައްލުކުރުމަށް ހިނގާ ޚަރަދު

  1.  

މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތަށް ކައުންސިލުގެ ފަރާތުން ކޯޓަށް ދާންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަށް ހިނގާ ޚަރަދު އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ދޭންވާނެއެވެ.

އެއްގަމަށް ވާ އެޅުމާއި ލޮތާރި އެޅުން

  1.  

(ހ)

އުޅަނދުތަކުގެ ވައު އައްސަންވާނީ، ކައުންސިލުގެ ފަރާތުން ބަނދަރުގައި ވައު އެޅުމަށް، ނުވަތަ އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

 

 

(ށ)

އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް ލައިގެން ނުވާނެއެވެ.

ބަނދަރު ވަކި ފަރާތަކަށް ޚާއްޞަވުން

  1.  

(ހ)

ބަނދަރުގެ ޚިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ޚިދުމަތަކަށްވުމުން، މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ބަނދަރުން ކަނޑައަޅައިފައިވާ ބަނދަރު ސަރަޙައްދުގެ ވަކި ދިމާއެއް ވަކި އުޅަނދަކަށް ޚާއްޞަކޮށްފައެއް ނުބޭއްވޭނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިޢާޔަތްކޮށްފައި، ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް ޚާއްޞަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި، ފައްތިޔާ ބޭއްވުމަށް ވަކި ސަރަޙައްދެއް ކަނޑައެޅުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް ޚާއްޞަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިން، ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ކައުންސިލުން ކަށަވަރުކުރަން ވާނެއެވެ.

 

 

(ނ)

މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގެ ވަކި ސަރަޙައްދެއް ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ރ)

މި މާއްދާގެ (ނ) ގެ ދަށުން، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގައި ޚާއްޞަކުރާ ސަރަޙައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ބ)

މުދާ އަރުވައި ބޭލުމާއި، މީހުން އަރައި ފޭބުމާއި ފެރީ އުޅަނދުތައް ގާތް ކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަޙައްދުގައި އެ ނޫން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

ފަޅުތެރޭގައި ވައު އެޅުން

  1.  

ފަޅުތެރޭގައި ވައު އެޅުމާއި ލޮތާރި އެޅުން ފަދަ ކަންތައްތައް ކުރަންވާނީ، ވައު އެޅުމާއި ލޮތާރި ލުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

ރަސްމީ ފާލަމުގެ ސަރަޙައްދު

  1.  

(ހ)

ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާގޮތަށް، ފާލަން ކައިރީގައި އެއްވެސް އުޅަނދެއް އަޅައިފައި ބޭއްވުމަކީ މަނާކަމެކެވެ.

 

 

(ށ)

ކައުންސިލުން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދު "ރަސްމީ ފާލަން" އަށް ކައިރިކޮށް، ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށި ތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

ބަނދަރު ތެރޭގައި މަސްކިރުން

  1.  

(ހ)

ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލަށް ހުށަހަޅައިގެން ލިއުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ.

 

 

(ށ)

މަސްކިރުމުގެ ތެރޭގައި ވެސް، ބަނދަރުތެރެއަށް، ކުންޏާއި މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.

ފަތުރުވެރިންގެ އުޅަނދުފަހަރު

  1.  

(ހ)

ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ބަނދަރަށް ވަދެނުކުމެ ހަދަންވާނީ، ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައްވީސް) ގަޑި އިރަކަށް 35 (ތިރީސް ފަހެއް) އެމެރިކާ ޑޮލަރު ނުވަތަ 50/- (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ.  24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ 24 (ސައުވީސް) ގަޑިއިރަށެވެ.

 

 

(ށ)

ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށްފަހު، އުޅަނދު ނެރުން ނުކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި، ފަޅުވެރިން އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.

 

 

(ނ)

ޞިއްޙީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިއަކު ގޮވައިގެން ދަތުރުކުރާ އުޅަނދު ފަހަރަކީ މި މާއްދާގައި ބުނާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއްކަމުގައި ނުބެލެވޭނެއެވެ.

ޚާއްޞަ ޙާލަތެއްގައި އުޅަނދު އަޅާފައިވާ ސަރަޙައްދުން ނެގުން

  1.  

(ހ)

ޚާއްޞަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން، އުޅަނދެއް އޮތްތަނުން ނަގަން ބޭނުންވެއްޖެނަމަ، އެ އުޅަނދެއް ނަގަންޖެހޭ ޚާއްޞަ ހާލަތް ބަޔާންކޮށް ލިއުމަކުން އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.

 

 

(ށ)

މި މާއްދާގެ ބޭނުމަށްޓަކައި ޚާއްޞަ ހާލަތުތައްކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެއެވެ.

 

 

 

(1)

ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަޙައްދު ހުސްކުރަން ޖެހުން؛

 

 

 

(2)

ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން؛

 

 

 

(3)

ބަނދަރުތެރެ ސާފުކުރުމަށް ރާވައިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން؛

 

 

 

(4)

ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.

 

 

(ނ)

މި ގޮތަށް ޚާއްޞަ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގައި، އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ޖެހުން އިސްތިސްނާވާނެއެވެ.

 

 

(ރ)

މި މާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތާ ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކާ ހަވާލު ކުރުމުން، ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުން، ފަޅުވެރިޔަކުވެސް ނެތްނަމަ ނުވަތަ، އެ ނޯޓިސްއާ ހަވާލުވުމަށް އުޒުރުވެރިވާނަމަ، އެ އުޅަނދުގައި އެ ލިއުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީ ކަމަށް ބަލަންވާނެއެވެ.

އިންޖީނަށް ގެއްލުން ލިބުންފަދަ ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

  1.  

އިންޖީނަށް ގެއްލުން ލިބުންފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑު ކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވަގެން 5 (ފަހެއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100/- (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަ ނުވިކަމުގައި ވިޔަސް، 5 (ފަހެއް) ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ، ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިއުމަކުން ހުށަހެޅުމުންނެވެ.

ބަނދަރާއި ބަނދަރު ސަރަޙައްދަށް ކުނި އެޅުން

  1.  

(ހ)

އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަޙައްދަށް ކުންޏާއި އެފަދަ އެހެން ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކައިލެވޭ ބައިތަކާއި، ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަޙައްދަށް ޤަޟާޙާޖާތް ކުރުމަކީވެސް މަނާކަމެކެވެ.

 

 

(ށ)

އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއެކު ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

ބަނދަރު ސަރަޙައްދުގައި މަސްކެނޑުން

  1.  

(ހ)

މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި މަސް ކެނޑުމާއި މަސް ވިއްކުމަކީ މަނާކަމެކެވެ.

 

 

(ށ)

މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަނަށް މަސް ގެންދިއުމުގައި ނުވަތަ މަސް އުފުލުމުގައި، ބަނދަރުގެ އެއްގަމުތޮށްޓާއި ބަނދަރު ސަރަޙައްދުގައި އަޅައިފައިވާ ގާތަށް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަ ކަމެއް ދިމާވެއްޖެނަމަ، އެ ހަޑިވި ތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު

  1.  

(ހ)

ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުޅަނދެއް އަޑިއަށް ހިނގައްޖެނަމަ، އެ އުޅަނދެއް ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަޙައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދެއްގެ އޮޕަރޭޓަރަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި ފަރާތް ނޭނގޭނަމަ، އެ ފަރާތެއް ހޯދުމަށް ޓަކައި އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިޢުލާނު ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ޚަބަރެއް ނުވެއްޖެނަމަ، ނުވަތަ އެ ފަރާތް އެނގިގެން، މި މާއްދާގެ (ހ) ގައިވާ އެންގުން އެ ފަރާތަށް އެންގުމަށްފަހު ވެސް އެ އުޅަނދު އޮތް ސަރަޙައްދުން ނުނަގައިފިނަމަ، ބަނދަރު ސަރަޙައްދުން އެ އުޅަނދެއް ނަގައި، ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

 

 

 

(ނ)

މި މާއްދާގެ (ށ) ގައިވާ އުސޫލުން ނަގާ އުޅަނދުތައް ނެގުމަށާއި، އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިޢުލާނު ކުރުމަށާއި، އުޅަނދު އެ ސަރަޙައްދުން ނެގުމަށް ދިޔަ ޚަރަދާއި، އެ އުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވި އެ ފައިސާ ނުދައްކައިވާނަމަ، އެ ކަންކަމުގެ ފައިސާ ދައްކައި ޚަލާޞްކޮށް، ފައިސާ ދެއްކިކަމުގެ ލިޔުމާއި އެ އުޅަނދާބެހޭ ރަސްމީ ލިއުންތައް ހުށަހެޅުމުން، އުޅަނދުގެ ވެރިފަރާތާ އެ އުޅަނދެއް ހަވާލުކުރަންވާނެއެވެ.

 

 

(ރ)

އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން، ދެން އުޅަނދު ދޫކުރެވޭނީ މި މާއްދާގެ (ނ) ގައިވާ ފީއާއި ޖޫރިމަނާގެ ފައިސާއާއި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75/-1 (ސަތޭކަހަތްދިހަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިޚުތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ކަންތައް ކުރާނީ، އާންމުކޮށް އިޢުލާނުކުރުމަށްފަހު، ޝަރުޢީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައެވެ.

 

 

(ބ)

މި މާއްދާގެ (ރ) ގެ ދަށުން ނައްތައިލެވޭ އުޅަނދުތަކަށް، ޖޫރިމަނާއާއި ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާމެދު ދަޢުވާކުރުމުގެ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން ފަޅުތެރެއިން ނަގާ އުޅަނދުތައް ނެގުމުގައި ޢަމަލުކުރާނެ ގޮތް

  1.  

(ހ)

މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަޙައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން، ތިރީގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.

 

 

 

(1)

އުޅަނދު އޮތް ތަނުން ނެގުމުގެ ކުރިން، ފޮޓޯ ނަގަންވާނެއެވެ. ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.

 

 

 

(2)

އުޅަނދު ނެގުމުގެ ކުރިން، އުޅަނދު އޮތް ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި، ކައުންސިލުގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކީންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ.

ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް މޫދަށް އެރި އުޅުން

  1.  

(ހ)

ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެންޖެހިގެން މެނުވީ އާންމުކޮށް މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ.

 

 

(ށ)

މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، އެކަން ތަކުރާރުކޮށްފިނަމަ، އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500/- (ފަސްސަތޭކަ) ރުފިޔާއިން ޖުރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން، ކައުންސިލަށް ލިބިގެންވެއެވެ.

ފަޅުތެރޭގައި އުޅަނދު ދުއްވަންޖެހޭ ސްޕީޑް

  1.  

ބަނދަރު ސަރަޙައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވޭ ވަރުގެ ރައްކައުތެރި ސްޕީޑެއްގައެވެ. 1.5 ނޯޓިކަލް މެއިލް ބާރުމިނުގައެވެ.

ބަނދަރު ސަރަޙައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

  1.  

ބަނދަރު ސަރަޙައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ، ކައުންސިލުގެ އިދާރާގެ ހުއްދަ ލިއުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާ ސަބަބާއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.

ސަބަބެއްނެތި ބަނދަރުގައި އަޅައިފައި ބާއްވާ އުޅަނދުތައް

  1.  

(ހ)

އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅައިފައި، ބޭނުންނުކޮށް ބޭއްވޭނީ، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ.

 

 

(ށ)

މިފަދަ އުޅަނދުތައް ކައުންސިލަށް ފާހަގކުރެވޭ ހިސާބުން ކައުންސިލުން ވެރިފަރާތަށް ނޯޓިސްއެއް ދޭންވާނެއެވެ. އަދި ނޯޓިން ދެވޭ ތާރީޙުން ފެށިގެން މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފެށޭނެއެވެ.

 

 

(ނ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ކައުންސިލަށް ލިއުމަކުން ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތީން، އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައިފައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހުންނަންވާނެއެވެ. މި މާއްދާގެ (ހ) އާއި (ށ) އާ ޚިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަށް 20/- (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށް ވެސް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

  1.  

މި ގަވާއިދު ތަންފީޛުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުން

  1.  

(ހ)

އެހެން ޤާނޫނަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައިފައި ނުވާ ކަންކަމުގައި، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން، ނުވަތަ ނުކުރުމަށް މި ގަވާއިދުގައި ހިމެނިފައިވާ ކަމެއް ކުރުމުން، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500/- (ފަސްސަތޭކަ) ރުފިޔާއާއި 1,000/- (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1,000/- (އެއްހާސް) ރުފިޔާއާއި 3,000/- (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3,000/- (ތިންހާސް) ރުފިޔާއާއި 5,000/- (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000/- (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

 

(ށ)

މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައި، ކުށުގެ ހާދިސާ ދިރާސާކުރުމަށް ފަހުގައެވެ.

 

 

(ނ)

މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

ތަންފީޒުކުރުން

  1.  

(ހ) މިޤަވާޢިދުގައި ބުނާ ފީތައް ނުދައްކާ ނުވަތަ ދައްކަން އިންކާރު ކުރާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ނުވަތަ ތަންފީޒީ އެހެން އިދާރާއަކަށް ހުށަހެޅުމުގެ ބާރު މިކައުންސިލަށް ލިބިގެންވެއެވެ.

މާނަކުރުން

  1.  

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

 

 

(ހ)

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ ހުވަދު އަތޮޅުއުތުރުބުރީ ކޮލަމާފުށީ ކައުންސިލަށެވެ.

 

 

(ށ)

"ތަންފީޛީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި ކައުންސިލަށެވެ.

 

 

(ނ)

"މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ހުސް ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށް އެރި އުޅުންފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލްގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.

 

 

(ރ)

"ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަޙައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

 

 

(ބ)

"ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަޙައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

 

 

(ޅ)

"ރަސްމީ ޖެޓީ" ނުވަތަ "ރަސްމީ ފާލަން" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ރަސްމީ ފާލަން ނުވަތަ ޖެޓީ ކަމުގައި ކަނޑައަޅައި އާންމުކޮށް އިޢުލާނުކޮށްފައިވާ ފާލަމަށް ނުވަތަ ޖެޓީއަށެވެ.

 

 

(ކ)

"އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައި އުޅޭ ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.

 

 

(އ)

"ބަނދަރު ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިޢުލާނުކުރާ ސަރަޙައްދަށެވެ.

 

 

(ވ)

"އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއް ދުއްވާ ފަރާތާއި އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.

 

 

(މ)

މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސީރުކުރުމުގައި، މީހުންނާއި، ފަރާތްތަކުގެ މާނައިގައި، ކުންފުނި، ގުރޫޕު، އޮފީސް، ޖަމްޢިއްޔާ، ޖަމާޢަތްތައް ފަދަ، މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

13 ފެބުރުވަރީ 2023
ހޯދާ