އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ އޮއިވާލި ދާގަނޑުތަކުގައި ތާށިވެފައިވާ ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭ

      އިރުވައި މޫސުމަކީ ދިވެހިރާއްޖޭގެ ކަނޑުތަކުން އާދަޔާ ޚިލާފަށް އޮއިވާލި ދާގަނޑު ފެންނަ ދުވަސްވަރެކެވެ. ދިވެހިރާއްޖޭގައި ދާ އަޅައިގެން މަސްވެރިކަން ކުރުން މަނާކަމުގައިވިޔަސް ރާއްޖެ ސަރަހައްދުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން މޫދަށް އުކާލެވޭ މިފަދަ މަސްހިފާ ދާގަނޑުތައް ކޮންމެ އަހަރެއްގެ އިރުވައިމޫސުމުގައި އިންޑިޔާ ކަނޑުގެ އޮއިވަރަށް އަންނަ ބަދަލާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއެވެ. އަދި އޮއިވާލީގައި އެހެނިހެން ކުނިބުނި އަޅައިގަނެ، ދިވެހިރާއްޖޭގެ ވެށީގައި ހިމާޔަތްކޮށްފައިވާ އެކި ބާވަތްތަކުގެ މިޔަރާއި މަޑިއާއި ކޯމަހާއި ކަނޑުމަތީ ދޫނި އަދި ވެލާ ކަހަނބު ތާށިވެ މަރުވަމުންދެއެވެ. އިނގިރޭސި ބަހުން މިފަދަ އޮއިވާލި ދާގަނޑަށް ކިޔަނީ "ގޯސްޓް ނެޓް"އެވެ އަދި ދިވެހިރާއްޖޭގެ ކަނޑާއި ގުޅިފައިވާ ދިރުންތަކަށް އޮއިވާލި ދަލުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކަނޑުން ފެންނަ އޮއިވާލި ދާގަނޑު ރައްކާތެރިކަމާއިއެކު ނަގައި، ނައްތާލުމުގައި މިއަދާއި ހަމައަށް ރާއްޖޭގެ މަސްވެރިން އަދި ހިލޭއެހީއަށް މަސަކަތްކުރާ ޖަމިއްޔާތަކުން ގުޅިގެން ހަރަކާތްތެރިވާކަން ފާހަގަކުރަމެވެ.

 

  1. 1.      އޮއިވާލި ދާގަނޑެއްގައި ތާށިވެފައިވާ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުމެއް ފެނިއްޖެނަމަ ކަންކުރަންވީ ގޮތް

       ގަވާއިދު ނަންބަރު: 2021/R-25، ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައިތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުމެއް، އޮއިވާލި ދާގަނޑެއްގައި ތާށިވެފައިވާތަން ފެނިއްޖެނަމަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް (ހޮޓްލައިން: 7980379 ނުވަތަ އީމެލް:[email protected]) ރިޕޯރޓް ކުރުމަށް އެދި ދަންނަވަމެވެ.

 

  1. 2.      އޮއިވާލި ދާގަނޑެއްގައި ތާށިވެފައިވާ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާ/ކަހަނބެއް ފެނިއްޖެނަމަ ކަންކުރަންވީ ގޮތް

މިއޭޖެންސީއަށް ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ މިފަދަ އޮއިވާލި ދާގަނޑުތަކުގެ 35% އަށްވުރެ ގިނަ ދާގަނޑުގައި ވެލާ ކަހަނބު ތާށިވެފައި ހުރެއެވެ. ރާއްޖެއިން ފެންނަ މިފަދަ ދާތަކުގައި އެންމެ ގިނައިން ހައްޔަރުވެފައި ހުންނަނީ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާގެ ބާވަތެއް ކަމުގައިވާ ވާވޮށިވެލައެވެ. މިމޫސުމުގައި ވަކިން ހާއްސަކޮށް ވާވޮށިވެލާ މިފަދައިން ތާށިވަމުން ދަނީ ކީއްވެގެންކަން އަދި މުޅިއަކުން ހޯދިފައެއް ނުވެއެވެ. ނަމަވެސް މިއީ އެސޮރުމެން ބިސްއަޅާ އާލާވުމަށް އިންޑިއާގެ އިރުމައްޗަށް މިދުވަސްވަރު ކުރާ ޒިޔާރަތުގެ ތެރޭގައި ދިމާވާކަމެއް ގޮތުގައި ވަނީ ބެލެވިފައެވެ. އޮއިވާލިދަލުގައި ޖެހިފައިވާ ވެލާ ކަހަނބު ގިނަފަހަރު ފެންނަ އިރު އެސޮރުމެން ތިބެނީ އެކި ވަރުގެ އަނިޔާލިބި، ލޮނުގަނޑު މައްޗަށް އަރާފައެވެ. މީގެ ބައެއް ވެލާތަކުގެ ފިޔަފަތްގަނޑުގައާއި ކަރުގައި ދާގަނޑު އޮޅުމުގެ ސަބަބުން ބައެއް ފަހަރު ބޮޑެތި ޒަޚަމްތައް ފެންނަން ހުރެއެވެ. އަދި ބައެއް ހާލަތްތަކުގައި މިދާގަނޑު ވެލާގެ މަސްގަނޑުތެރެއަށް ވަދެ، އޭގެ އަތްފައި ބުރިވާ ހިސާބަށްވެސް ދެއެވެ. މިފަދަ ވެލާ ކަހަނބު ފެނިއްޖެނަމަ އަމަލުކުރަންވީގޮތް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.

 

 

 

2.1   އެންމެ ފުރަތަމަ، ހާލަތު ވަޒަން ކޮށްލާ!

ދާގަނޑުގައި ވެލާ ކަހަނބު ތާށިވެފައިވާ ގޮތް ބެލުމަށްފަހު، ވެލާ ކަހަނބު ސަލާމަތް ކުރުމުގައި އެސޮރަށް އެންމެ އަނިޔާ ނުވާނެގޮތް ދެނެގަންނާށެވެ. ފަހަރުގައި މިއީ ފަރުމަތީގައި އަޅައިގަނެފައިވާ ވާގަނޑަކަށް ނުވަތަ ދަލަކަށް ވެދާނެއެވެ. މިފަދަ ހާލަތެއްގައި މުރަކަގަނޑަށާއި ފަރަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމަށް، ވަޅިއެއް ފަދަ އެއްޗެއްގެ ބޭނުން ކޮށް، މިދާގަނޑު ބުރިކޮށް ނަގަންވާށެވެ.

 

2.2   ވެލާ/ކަހަނބު ހިފައި، ނަގަންވީ ގޮތް

ދާގަނޑުގައި އަޅައިގަނެފައިވާ ވެލާ ކަހަނބު ދޯންޏަށް އެރުވުމުގައި، އެންމެ ރަނގަޅު ގޮތަކީ އޭގެ ތޮށިގަނޑުގެ ދެފަރާތުން ހިފާފައި ނެގުމެވެ. ވެލާކަހަނބު މޫދުން ނަގާއިރު އޭގެ ފިޔަފަތްގަނޑުގައި ހިފުމާއި، ދާގަނޑުން ދަމާ، ވާންވާ ފަދަ ގޮތްގޮތަށް ނެގުމުން ދުރުހެލިވާށެވެ. އަދި މިފަދައިން ވެލާ ކަހަނބު ނަގައިގެން އުޅޭ އިރު، އެސޮރުމެންގެ އަނގަޔާ ވީހާވެސް ދުރުން ތިމާގެ އަތް ގެންގުޅޭށެވެ. ވެލާކަހަނބަކީ ވަރަށް ބާރަށް ދަތް އެޅުމުގެ ކުޅަދާނަކަން ލިބިފައިވާ ޖަނަވާރެކެވެ.

 

2.3   ވެލާކަހަނބަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް ފޮޓޯނެގުން

ރަނގަޅަށް ވެލާ ނުވަތަ ކަހަނބު ބޯޓަށް އެރުވުމަށްފަހު، އޭގެ ދެފުށަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ފޮޓޯ ނަގާށެވެ. މިހެން ވެލާ ބަނޑުވަތަށް ބާއްވާ އިރު، އޭގެ އަތްފައިގާ މަޑުމަޑުން ހިފާލައި، މާގަދައަށް ތެޅުނަ ނުދޭށެވެ. މިފޮޓޯތަކުގެ ބޭނުމަކީ ވެލާގެ ސިއްހީ މަރުކަޒުތަކުގައި ފަރުވާ ހޯދަންޖެހޭ ވެލާ ކަހަނބު ދެނެގަނެ، މިފަދަ ހާދިސާތަކުގެ ރިކޯޑް ބެލެހެއްޓުމެވެ.

 

2.4   ތާށިވެފައިވާ ދާގަނޑުން ވެލާ ސަލާމަތް ކުރުން

ދާގަނޑުން ވެލާ/ކަހަނބު މިނިވަން ކުރުމަށް، ވަޅިއަކުން ނުވަތަ އެހެން ތޫނުއެއްޗަކުން ވާގަނޑު ކަނޑާލާށެވެ. ނަމަވެސް އެސޮރުގެ މަސްގަނޑުތެރެއަށް ވާގަނޑު ވަދެފައިވާނަމަ، މިފަދަ ހާލަތްތަކުގައި މަސްގަނޑު ތެރެއަށް ވަދެފައިވާބައި ދުރުން ބުރިކޮށްލުމަށްފަހު ވެލާ ކަހަނބަށް ފަރުވާދޭ މަރުކަޒަކަށް ގެންދިއުމަށް ބާއްވާށެވެ. އަދި ދާގަނޑު މުޅިން ނައްޓާލެވިއްޖެ ނަމަ، ދާގަނޑު އަލުން އަނބުރާ މޫދަށް އެއްލައިނުލާށެވެ. މިފަދަ ދާގަނޑުތައް އެންމެ ކައިރި ކުނި މެނޭޖްކުރާ ސަރަހައްދަކަށް ގެންދިއުން ވަރަށް މުހިއްމެވެ.

 

2.5   މާބޮޑު އަނިޔާއެއް ވެފައިނުވާ ވެލާ މޫދަށް ނުވަތަ ކަނޑަށް ދޫކޮށްލުން

މިހާ ހިސާބުން ވެލާކަހަނބަށް ސިއްހީ ފަރުވާދޭ ސެންޓަރަކަށް ގުޅައިގެން މައުލޫމާތު ދޭންވާނެއެވެ. މިފަދަ ސެންޓަރުތަކުގައި ހަރަކާތްތެރިވާ ވެލާކަހަނބުގެ އިރުޝާދުގެ މަތިން ބަލާބެލުމުގައި މާބޮޑު އަނިޔާއެއްވެފައި ނުވާކަމަށް ފެންނަ ވެލާ ކަހަނބު ވަގުތުން މޫދަށް ނުވަތަ ކަނޑަށް ދޫކޮށްލާށެވެ. އަދި މިގޮތަށް ވެލާކަހަނބު ކަނޑަށް ދޫކޮށްލާ އިރު ވެލާ ނަގައި އެއްލުމުގެ ބަދަލުގައި ވީހާވެސް ބަލައިގެން މަޑުމަޑުން އެސޮރުމެން ކަނޑަށް ތިރިކޮށްލާށެވެ. މޫދަށް ދޫކޮށްލުމުން ވެސް ވެލާ ނުވަތަ ކަހަނބު ފީނުމަށް ނުކުޅެދޭ ކަމަށް ފެންނަނަމަ، 2 ވަނަ ސްޓެޕްގައި ވާގޮތަށް އަލުން އެސޮރު ނަގައި، ވެލާ/ކަހަނބަށް ފަރުވާދޭ މަރުކަޒަކަށް ގެންދިއުމަށް ބާއްވާށެވެ. 

 

 

2.6   ސިއްހީ ފަރުވާ ހޯދުމަށް، ވެލައަށް ފަރުވާ ދޭ މަރުކަޒަކަށް ފޮނުވުން

ސިއްހީ ފަރުވާ ބޭނުންވާ ފަދަ ހާލަތުގައިވާ ވެލާއެއްނަމަ ވެލައަށް ފަރުވާދޭ މަރުކަޒަކަށް ގެންދިއުމަށް ތައްޔާރު ކުރާށެވެ. އެގޮތުން ތުވާއްޔެއް ނުވަތަ ޓީޝާރޓެއްފަދަ ފޮތިގަނޑެއް ތެންމާލުމަށްފަހު ވެލާގެ އަތްފައި ނުތެޅުވޭނެ ފަދައިން އޮޅާލާށެވެ. އޭގެން ވެލާގެ ތޮށިގަނޑު ހިކުނަނުދީ ހިފަހައްޓާ، އަދި ތެޅިފޮޅުވުން ހުއްޓުވައިދޭނެ އެވެ. މިފަދަ 3 ޖަމިއްޔާއެއް ދިވެހިރާއްޖޭގައި މިވަގުތު އެބަ ހަރަކާތްތެރިވެއެވެ. އެއީ:

 

ޖަމިއްޔާގެ ނަން

ކޮންޓެކްޓް ނަންބަރު

ރަށް

އޮލިވް ރިޑްލީ ޕްރެޖެކްޓް

9552205

ބ. ކޮކޯޕާމް ދުނިކޮޅު

މެރިން ސޭވަރސް

6600888

ބ. ލަނޑާ ގިރާވަރު

މެރިން ސޭވަރސް

6644888

ކ. ކުޑަ ހުރާ

އެޓޮލް މެރިން ސެންޓަރ

7434782

ޅ. ނައިފަރު

 

2.7   އަނިޔާވެފައިވާ ވެލާ/ކަހަނބު ފަރުވާދޭ މަރުކަޒަކަށް ގެންދިއުން

މަތީގައި ލިސްޓްކޮށްފައިވާ ޖަމިއްޔާތަކަށް ގުޅުމަށްފަހު ސްޕީޑް ބޯޓެއް، ދޯންޏެއް ނުވަތަ ސީޕްލޭންއެއް އެޖަމިއްޔާއަކާ ގުޅިގެން ހަމަޖެހޭ ހިސާބުން ވެލާ/ކަހަނބު ފަރުވާދޭ މަރުކަޒާ ހަވާލު ކުރާށެވެ.

އޮއެވާލި ދާގަނޑެއްގައި ތާށިވެފައިވާ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުމެއް ފެނިއްޖެނަމަ މަތީގައި ބަޔާން ކޮށްފައިވާ ގޮތަށް ހުރިހާފަރާތްތަކުން އަމަލުކުރުމަށް މި އެޖެންސީން ބާރުއަޅަމެވެ. ޚާއްސަގޮތެއްގައި އަނިޔާވެފައިވާ ވެލާ/ކަހަނބަށް ފަރުވާ ދިނުމަށްފަހު ކަނޑަށް ދޫކޮށްލުމުގެ މަސައްކަތުގައި އެހީތެރިވެދިނުމުގެ ފުރުސަތު މިހާރު ރާއްޖެއިން ލިބެންހުރުމާއިއެކު މިފަދަ ހާލަތްތަކުގައި ލަސްނުކޮށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (ހޮޓްލައިން: 7980379 ނުވަތަ އީމެލް:[email protected]) އަދި މަތީގައި ދެންނެވުނު ޖަމިއްޔާތަކާއި މައުލޫމާތު ހިއްސާކުރުމަށް އެދެމެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުން އެދެމެވެ. އަދި، މިހާރުވެސް އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

  16 ރަޖަބް 1444

07 ފެބުރުވަރީ 2023
ހޯދާ