މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖޭއިން ބޭރުން ބިދޭސީން ގެނައުމަށް އެޖެންސީތަކަށް ހުޅުވާލުން

މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިނގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާގޮތަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ބިދޭސީން ގެނައުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމަށް ރާއްޖޭގައި ރަޖިސްޓަރީކޮށް 25 ނޮވެންބަރު 2014ގެ ކުރިން ހުއްދަ ލިބިފައިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީ ނުވަތަ އޭޖެންސީތަކުން ތިރީގައި ދެންނެވިފައިވާ ޝަރުޠު ހަމަވާ ޖޮބް އެޕްލިކޭޝަންތައް އެ ފަރާތްތަކުން ރަޖިސްޓަރީވާންޖެހޭ ކައުންސިލުން ރަޖިސްޓްރޭޝަން ފޯމު އަދި ބައޯޑާޓާ ފޯމު ފުރުމަށްފަހު މިމިނިސްޓްރީގެ ތައްގަނޑުޖެހުމަށްޓަކައި މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނަށް ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަޤާމު: ރަޖިސްޓަރ ނާރސް

މަޤާމުގެ އަދަދު: 200

މުސާރަ: -/5610 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަަރުޠު:

  1. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު، އޭގެ ތެރެއިން 6 މަސްދުވަހު ލޭބަރރޫމުގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  2. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު އޮޕަރޭޝަން ތިއޭޓަރ ނުވަތަ އައިސީޔޫގައި މަސައްކަތް ކޮށްފައިވުން. ނުވަތަ
  3. މަދުވެގެން 200 އެނދުގެ ހޮސްޕިޓަލެއްގައި 2 އަހަރާއި 6 މަސްދުވަހު މަސައްކަތްކޮށް ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން
  4. ޞިއްޙީ ޚިދުމަތުގައި ޢަމަލީގޮތުން މަސައްކަތްކޮށް ލިބިފައިވާ ތަޖުރިބާއަކީ ފަހުގެ ތާރީޚެއްގައި ލިބިފައިވާ ތަޖުރިބާއަކަށްވުން. ފަހުގެ ތާރީޚެއްކަމުގައި ބަލާނީ 2010 އަށް ވުރެ ފަހުން ހޮސްޕިޓަލެއްގައި މަސައްކަތްކޮށް ލިބިފައިވާ ޢަމަލީ ތަޖުރިބާއަށެވެ.

މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ފަރާތްތަކަށް އޮފަރ ލެޓަރ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލުގެ ޕުރީ ރަޖިސްޓްރޭޝަން އަދި މަތީގައި ދެންނެވުނު ޝަރުޠު ހަމަވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީން ކަނޑައަޅާ ސުންގަޑިއަށް މި މިނިސްޓްރީއަށް ހުށަހެޅުއްވުމުން، މި އިޢުލާނުގައި ކަނޑައެޅިފައިވާ އަދަދު ހަމަވަންދެންނެވެ. މި އިޢުލާނުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަނެއް އޭޖެންސީއިން ސީދާ ގެނެސް ހުށަހެޅުން ނޫންގޮތަކަށް މި މިނިސްޓްރީއިން ބަލައެއް ނުގަންނާނެއެވެ. އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުގެ ތެރެއިން އޭޖެންސީއަކަށް ގިނަވެގެން ދޫކުރެވޭނީ 15 އޮފަރ ލެޓަރއެވެ. މި އިޢުލާނުގެ ދަށުން ބޭނުންވާ ނަރުހުންގެ އެޕްލިކޭޝަން ޖުމްލަ އަދަދަށްވުރެ އިތުރުވާނަމަ  ހުށަހަޅާފައިވާ އޭޖެންސީތަކަށް ހުށަހެޅި އެޕްލިކޭޝަންގެ ނިސްބަތުން އޮފަރ ލެޓަރގެ ފުރުޞަތު ދެވޭނީ އޭޖެންސީތަކަށް ހަމަހަމަ އުސޫލަކުންނެވެ. އަދި ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާނަމަ، ހުށަހަޅާ އޭޖެންސީތަކަށް އިތުރު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. އޮފަރ ލެޓަރ ދުކުރުމަށްފަހު އެއޮފަރ ލެޓަރުގެ ބަދަލުގައި އެހެން އޮފަރލެޓަރަކަށް ބަދަލު ކުރުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދަންނަވަމެމެވެ. އޮފަރ ލެޓާރ ދޫކުރާތާ 5 ދުވަސްތެރޭގައި ވާރކްޕާމިޓަށް ބޭނުންވާ ޑޮކިއުމަންޓްތައް މިމިނިސްޓރީއަށް ހުށަހަޅައި އަދި ވާރކްޕާމިޓް ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި ވަޒީފާ ދިންފަރާތް މިމިނިސްޓްރީ ރިޕޯޓް ނުކޮށްފިނަމަ އެފަރާތެއްގެ ވާރކްޕާމިޓް ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

މަތީގައިވާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅާ އޭޖެންސީތަކުން އޭޖެންސީތަކުގެ ރަޖިސްޓަރީގެ ކޮޕީއެއް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ) އަދި އޭޖެންސީއަކީ ރާއްޖެއިން ބޭރުން ބިދޭސީ ގެނައުމުގެ މުއްދަތު ހަމަނުވާ ހުއްދަ އޮތް ފަރާތެއްކަން އަންގައިދޭ ކަމާގުޅޭ އިދާރާއިން ދޫކޮށްފައިވާ ލިއުމުގެ އަސްލު ހުށަހަޅަންވާނެއެވެ.

އަލަށް ގެނެވޭ ބިދޭސީން އެމީހަކު ރާއްޖެ އައުމަށް ކަނޑައެޅިފައިވާ ވަގުތާއި ތާރީޚާއި، އަދި ޓިކެޓުގެ ކޮޕީއެއް 3 ދުވަސްވުމުގެ މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި އެމީހަކު ހުރުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ނުވަތަ ހޮޓަލަކާ ހަމައަށް ގެންދިއުމަކީ އޭޖެންސީގެ ޒިންމާއެކެވެ.

އެ ބިދޭސީއަކު މަސައްކަތް ކުރަން މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މަރުކަޒަކަށް ބިދޭސީމީހާ ފޮނުވުމުގެ އިންތިޒާމުތައް މިނިސްޓްރީން ހަމަޖެއްސުމުން އެމަރުކަޒުތަކަށް އެ މުވައްޒަފުން ފޮނުވާނީ އޭޖެންސީތަކުންނެވެ. އެޕްލިކޭޝަން ބަލައިގަންނީ 4 ޑިސެންބަރު 2014 ން 18 ޑިސެންބަރު 2014 ގެ ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރަކީ 3014343 އަދި އީމެއިލް [email protected] ފޮނުވުން އެދެމެވެ.

04 ޑިސެންބަރު 2014
ހޯދާ