އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކެއްކަމުގައިވާ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

ނޫސް ބަޔާން

ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކެއްކަމުގައިވާ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މިދުވަސްވަރަކީ، ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވެ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ފަތުރުވެރިކަމާއި ގުޅޭ ސްނޯރކްލިންގް، ޑައިވިން، ކްރޫޒިން ފަދަ ހަރަކާތްތައް އިތުރުވާ ދުވަސްވަރެކެވެ. މިއާއިއެކު ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތައް ބަލާލުމުގެ ޝައުގުވެރިކަމަށް ބޮޑު ޑިމާންޑެއް ލިބޭ ދުވަސްވަރެކެވެ. ނަމަވެސް ދަތުރުފަތުރުކުރުމުގައާއި ސްނޯރކްލިންގް، ޑައިވިން، ކްރޫޒިން އަދި މޫދަށްއެރިއުޅުމުގައި ހިމާޔަތްކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ހުރުމަކީ މިއެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ގަވާއިދު ނަންބަރު: 2021/R-25 ގުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު ގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިއެއްވަނީ ހިމާޔަތްކުރެވިފައެވެ. އަދި މިގަވާއިދުގެ ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ޠަބީޢީ ގޮތްތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ އަމަލެއް ކުރުމަކީ މަނާ ކަމެކެވެ. ހަމަމިއާއިއެކު ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި، އެތަކެތީގައި އަތްލާ، ކާންދީހެދުމަކީ އޭގެ ޠަބީޢީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރާ، އަދި އެކިކަހަލަ ބަލިތަކަށް މިދިރުންތައް ހުށަހެޅިގެންދާނެފަދަ އަމަލެއްކަން މިފުރުސަތުގައި ހަނދާންކޮށްދެމެވެ.

އެހެންކަމުން، ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާއިރުގައާއި ފަތުރުވެރިކަމާއި ގުޅޭ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެއްވެސް ބާވަތެއްގެ މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބޫރޫ ނާރާނެ ގޮތަށް މަދުވެގެން 3 މީޓަރު (10 ފޫޓު) ދުރުން މަޑީގެ ހިތްގައިމު މަންޒަރު ބަލާލުން އެއީ އެންމެ އެކަށީގެންވާގޮތެވެ. އަދި ބައެއް މަޑީގެ ދިރުންތަކަކީ ކާނާހޯދުމަށް ލޮނުގަނޑު ކައިރިން ހަރަކާތްތެރިވެ އުޅޭ ދިރުންތަކަށްވާތީ މިހާލަތްތަކުގައި އެސޮރުމެންނަށް ގޯނާނުވާގޮތަށް އުޅަނދުފަހަރުގެ ދުވެލި ދަށްކޮށް، އަދި މޫދަށްއެރިއުޅޭ ފަރާތްތަކުންވެސް މަޑިއަށް އުނދަގޫނުވާނެ ފަދައިން ހަރަކާތްތައް ގެންގުޅުމަށް ނަސޭހަތްތެރިވަމެވެ.

އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ ގިނަ ބާވަތްތަކަކީ ބައިނަލްއަގުވާމީ އެކި މުޢާހަދާތަކާއި އޯގަނައިޒޭޝަންތަކުން 'ނެތެމުންދާކަން' ނުވަތަ 'މަދުވަމުންދާކަން' ފާހަގަކުރެވިފައިވާ ބާވަތްތަކެވެ. ޚާއްސަގޮތެއްގައި އެންމަޑީގެ ދެބާވަތްކަމުގައިވާ ”ރީފް މަންތާރޭ“ އަކީ "ވަލްނަރަބަލް" އަދި ”ޖަޔަންޓް އޯޝަނިކް މަންތާރޭ“ އަކީ "އެންޑޭންޖަރޑް" ދިރުންތަކެއްގެ ގޮތުގައި އައި.ޔޫ.ސީ.އެން ރެޑްލިސްޓް ގައި ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން މިދިރުންތަކަކީ މިސަރަހައްދުގެ އެހެން ގައުމުތަކުން ވަރަށް ފުޅާދާއިރާއެއްގައި ބާނަމުންދާ  ދިރުންތަކަށްވެފައި އަދި ވިހާ އާލާވުމަށް ދިގުމުއްދަތެއް ނަގާ ދިރުންތަކަށް ވާތީ އޭގެ އާބާދީތައް ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ އަމާން ކަނޑުފަޅުގެ ސަރަހައްދުތައް ވަރަށް މުހިއްމު ދައުރެއް އަދާކުރަން ޖެހެއެވެ.

ވީމާ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތަކަކީ ރާއްޖޭގެ އިޤުތިޞާދާއި އިޖުތިމާއީ ހަރަކާތްތަކާ  ގުޅިލާމެހިފައިވާ ދިރުންތަކަށް ވީހިނދު މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ގުދުރަތީ މި ވަސީލަތް ރައްކާތެރިކަންމަތީ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އަދި މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާއިމެދު މިއޭޖެންސީއިން ގާނޫނީގޮތުން ފިޔަވަޅު އަޅާނެކަންވެސް އަންގަމެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، މި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުން އެދެމެވެ. އަދި، މިހާރުވެސް އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

05  ޖުމާދުލްޢާޚިރާ     1444

29 ޑިސެންބަރު 2022
ހޯދާ