އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖް ކުރުމާއި ބެހޭ ޤަވާޢިދުގެ (2013/R-58) ދަށުން އދ. ދިއްދޫގެ ކުނިމެނޭޖް ކުރުމާބެހޭ އުޞޫލް (އިޞްލާޙްކޮށްފައި)

ކުނި މެނޭޖް ކުރުމާއި ބެހޭ ޤަވާޢިދުގެ (2013/R-58) ދަށުން އދ. ދިއްދޫގެ ކުނިމެނޭޖް ކުރުމާބެހޭ އުޞޫލް (އިޞްލާޙްކޮށްފައި)

 

1-      އދ. ދިއްދޫގައި ކުނި ނައްތާލުމަށް ހަމަޖެހިފައިވަނީ ފަތްކުނި ފަދަ ފަނާވާޒާތުގެ ކުންޏާއި ބަދިގެއިން ބާކީވާ ފަނާވާޒާތުގެ ކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިއުމަށްފަހުއެވެ. އަދި ފަނާނުވާ ޒާތުގެ ކުނިތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ނައްތާލާ ގޮތަށެވެ. އދ. ދިއްދޫގައި އުފެދޭ ހުރިހާ ކުންޏެއް ނައްތާލަންވާނީ ޤަވާޢިދުން ކުނިނައްތާލުމަށް ސަރުކާރުން ހުއްދަ ދީދައިވާ ފަރާތެއް މެދުވެރި ކޮށެވެ. މިނޫން ގޮތަކަށް، ކުނިއެޅުމަށް ހަމަޖެހިފައިވާ ތަނެއް ފިޔަވައި އެހެން ތަންތަނަށް ކުނިއަޅާ ފަރާތްތައް -/501ރ (ފަސްސަތޭކަ އެއްރުފިޔާ) އާއި 100,000,000ރ (ސަތޭކަ މިލިއަން ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

2-      ކައުންސިލްގެ ފަރާތުން ހަފްތާއަކު 5 ދުވަހު (އާދީއްތައިން ބުރާސްފަތި ދުވަހަށް) ހެނދުނު 8:15 އިން 10:15 އާއި ދެމެދު  ކުނީގެ ޚިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ގޭބިސީ ތަކާއި ގެސްޓްހައުސް،ސައިހޮޓާ،ރެސްޓޯރަންޓް އަދި ކެފޭ، ފަޅުގޯތި، އަދި ފިހާރަ ތަކާއި، ކާޕެންޓްރީ، ވޯރކްޝޮޕް ފަދަ ތަންތަނުގައި އުފެދޭ ކުނި ނެގުމަށް ގޭގެއަށް ދާނެއެވެ. ދިމާވެދާނެ ޙާލަތެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ މުވައްޒަފުންނަށް ނުނުކުމެވިއްޖެނަމަ އެ ދުވަހެއްގައި ނެގޭނީ ބަދިގޭކުނި އެޅުމަށް ރަށުގެ ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި ޑަސްބިންތަކުގެ ކުނި އެކަންޏެވެ.

3-      ކައުންސިލުން ބަލަހައްޓާ ބިންތަކާއި،ޕާކު ތަކާއި،ކުޅިވަރުކުޅޭ ދަނޑުތަކާއި، ސަހަރާ ފަދަ ތަންތަނުން ކުނީގެފީ ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

4-      މިއުޞޫލަށް ޢަމަލު ކުރަންފެށުމަށްފަހު ރަށުގެ އެއްވެސް ގޯއްޗެއްގައި ކުނިއެންދުމަކީ މަނާކަމެކެވެ. ހަމައެކަނި ރަށުގައި ކުނި އެންދޭނީ ކައުންސިލުން ކުނިއެންދުމަށް ކަނޑައަޅާފައިވާ ތަންތަނުގައި ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިއާއި ޚިލާފަށް ޢަމަލުކޮށްފިނަމަ ފުރަތަމަ ފަހަރު -/500ރ (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު ޖޫރިމަނާއަށް -/500ރ (ފަސްސަތޭކަ ރުފިޔާ) އިތުރު ކުރެވޭނެއެވެ.

5-      ކުނިނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ފަރާތެއް މެދުވެރިކޮށް މި ޚިދުމަތުގައި ބައިވެރިނުވާ ފަރާތަކުން އޮޅުވާލައިގެން ކުނިނައްތާލަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ. މިގޮތަށް ޢަމަލުކޮށްފިނަމަ ކައުންސިލާއެކު ކުނިނައްތާލުމުގެ ޚިދުމަތަށް އެއްބަސްވެފައިވާ ފަރާތް -/500ރ (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު ޖޫރިމަނާއަށް -/500ރ (ފަސްސަތޭކަ ރުފިޔާ) އިތުރު ކުރެވޭނެއެވެ. މިގޮތަށް ޢަމަލުކުރާ ފަރާތްތަކަށް ދެން ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

6-      ކުނީގެ ބައިތައް ވަކިކުރުން: ނައްތާލުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދެވޭ ކުނި ހުންނަންވާނީ ތިރީގައިވާ ބައިތަކަށް ވަކިކުރެވިފައެވެ.

ބަދިގޭގައި އުފެދޭ ކުނި: ( ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބާކީވާ ކުނިވާ ޒާތުގެ އެންމެހައި ތަކެތި)

ރަށުގެ ހުރިހާ ގޭބިސީއަކުންވެސް ބަދިގޭގައި އުފެދޭ ކުނި އަޅާނީ ރަށުގެ5 ސަރަޙައްދެއްގައި އެކަމަށް ޚާއްސަކޮށް ބަހައްޓާފައިވާ ޑަސްބިންތަކަށެވެ. އަދި މި ޑަސްބިނަށް ކުނިއަޅާއިރު އިތުރު ތަކެތި (ޕްލާސްޓިކް، މުށި، ކަރުދާސް ފަދަ ތަކެތި) ނޭޅުމަށް ސަމާލުކަންދޭންވާނެއެވެ.

 

ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ތަންތަނުން ނެގުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ބާވަތްތަކުގެ ކުންޏެވެ.

ހ) ފަތްކުނި: ( ކުނިކަހައި ސާފުކުރާއިރު ނަގާ ފަތް ކުނީގެ ބާވަތްތައް)

ށ) މައުދަން / ބިއްލޫރި: ( ދަގަނޑު،އެލްމިނިއަމް،ލޯ އަދި ތިމަރަ، ފުޅި، ބޮކި، ހޮޅިބުރި ފަދަ އެންމެހައި ތަކެތި)

ނ) ޕްލާސްޓިކް: ( ޕްލާސްޓިކް ފުޅި،ކޮތަޅު،ހަން އަދި ރަބަރު ފަދަ އެންމެހައި ތަކެތި)

ރ) ނެޕީ: ( ބޮޑެތި މީހުންނާއި ކުޑަކަދިން ޖަހާ ނެޕީ އަދި ޕެޑް ފަދަ ތަކެތި)

ބ) ނުރައްކާތެރި ކުނި: ( އެސިޑް،ބެޓެރި،ކައްކާ ތެޔޮ ފިއަވައި އެހެނިހެން ތެޔޮ،ގަސްކާނާ އާއި ޑަކްޓަރީ ބޭސް ފަދަ ކެމިކަލް،ދޮވުމަށް ބޭނުންކުރާ ކެމިކަލް،ޞިއްޙީ މަރުކަޒުން އުފެދޭ ކެމިކަލް، އަދި ބަލިމީހުނަށް ފަރުވާދީފައި ބާކީވާ އެންމެހައި ނުރައްކާތެރި ތަކެތި)

7-      ގިނަ ޢަދަދަކަށް މަސްކަނޑާފައި ބާކީވާ ތަކެތިވެސް ނައްތާލަންވާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރު މެދުވެރި ކޮށް ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.  

8-      ޢިމާރާތް ތަޅާލުމުގެ ސަބަބުން އުފެދޭ ގާ ކުނޑިއާއި ތަށިމުށި ފަދަ ތަކެތި އަޅަންވާނީ ކައުންސިލުން ކަނޑައަޅާ، އެފަދަ ތަކެތި އެޅުމަށް ޚާއްޞަ ކޮށްފައިވާ ތަންތަނަށެވެ.

9-      ފެންހިންދާ ވަޅުތަކާއި ސެޕްޓިކް ޓޭންކު ތަކުން އުފެދޭ ތަކެތި ނައްތާލަންވާނީ މައްޗަށް ނާރާނެހެން ގޮނޑު ދޮށުގައި ވަޅުގަނޑެއް ކޮނުމަށްފަހު އެވަޅުގަނޑަށް އެފަދަ ތަކެތި އަޅައި ވަޅުލައިގެންނެވެ. މިގޮތުގެ މަތިން ޖަންކްޝަން ވަޅުގަނޑުތަކުންނާއި ސެޕްޓިކް ޓޭންކު ތަކުން ނަގާ ތަކެތި ގޮނޑު ދޮށުގައި ވަޅުލަންވާނީ ކައުންސިލަށް އެނގުމަށްފަހު ކައުންސިލްގެ ލަފާގެ މަތިންނެވެ. މިއާއި ޚިލާފަށް ސެޕްޓިކް ޓޭންކުން ނަގާ ތަކެއްޗާއި، ޖަންކްޝަން ވަޅުގަނޑުތަކުން ނަގާ ތަކެތި މޫދަށާއި ގޮޑުދޮށަށް ނުވަތަ އެނޫންވެސް ތަނަކަށް އުކާލައިފިނަމަ -/5000ރ (ފަސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

10- ކުނީގެ ޚިދުމަތަށް ފީނެގުން: މި ނިޒާމުގެ ދަށުން ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވާ ކަސްޓަމަރުންނަށް ކުނި އުފުލައި ނައްތާލުމުގެ ޚިދުމަތުގެ ފީގެ ގޮތުގައި ތިރީގައިވާ ގޮތުގެ މަތިން ފީ ނެގޭނެއެވެ.

ހ) މީހުން ދިރިއުޅޭ ކޮންމެ ގެއަކުން މަހަކު -/100ރ ( ސަތޭކަ ރުފިޔާ)

ށ) މީހުން ދިރިނޫޅޭ ކޮންމެ ގޯއްޗަކުން މަހަކު -/75ރ ( ހަތްދިހަ ފަސް ރުފިޔާ)

ނ) ވިޔަފާރިކުރާ ފިހާރަތަކުން މަހަކު -/130ރ (ސަތޭކަ ތިރީސް ރުފިޔާ)

ބ) ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުން މަހަކު -/130ރ (ސަތޭކަ ތިރީސް ރުފިޔާ)

ޅ) 3 ކޮޓަރީގެ ގެސްޓް ހައުސްތަކުން މަހަކު -/300ރ އަދި އިތުރުވާ ކޮންމެ ކޮޓަރިއަކަށް -/50ރ. ( ފަންސާސް ރުފިޔާ)

ކ) ކާޕެންޓްރީ އަދި ވޯރކްޝޮޕް ފަދަ ތަންތަނުން މަހަކު -/130ރ ( ސަތޭކަ ފތިރީސް ރުފިޔާ)

އ) ދައުލަތާއި، ސަރުކާރުގެ ޢިމާރާތްތަކާއި،ސަރުކާރު ޙިއްސާވާ ކުންފުނި ތަކުން މަހަކު 1000/-ރ (އެއް ހާސް ރުފިޔާ)

ވ) ކްލަބު ޖަމްޢިއްޔާ، ޖަމާޢަތް ތަކުގެ އިދާރީ އޮފީސް ފަދަ ތަންތަނުން މަހަކު -/130ރ ( ސަތޭކަ ތިރީސް ރުފިޔާ)

މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވެއްޖެ ނަމަ އެމަހަކަށް އެއްކޮށް ފީ ނެގޭނެއެވެ. އަދި 15 ވަނަ ދުވަހުގެ ފަހުން ރެޖިސްޓަރވާ ފަރާތްތަކުން ދައްކަންޖެހޭނީ ކުނީފީގެ ދެބައިކޮށްފައި އެއްބައެވެ. ކުނި ނައްތާލުމުގެ ޚިދުމަތުން ވަކިވުމުގައިވެސް ޢަމަލުކުރާނީ މިގޮތުގެ މަތިންނެވެ.

11- ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުނި ނައްތާލުމުގެ ޚިދުމަތުގެ މަހުފީ ކައުންސިލްގެ އިދާރާއަށް

ދައްކަންވާނެއެވެ. މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައި ގަނެވޭނީ 3 މަސްވަންދެން ހިނގާ ކޮންމެ ދުވަހަކަށް (ފީ ދެއްކުމާ ހަމައަށް) 1 ރުފިޔާގެ ޖޫރިމަނާއާއެކުގައެވެ. 3 މަސް ހަމަވުމުން އިތުރަށް ހިނގާ މަސްތަކަށް ފީ ބަލައިގަނެވޭނީ 2 ރުފިޔާގެ ޖޫރިމަނާއާއެކުގައެވެ. އަދި ކުނީފީ ނުދައްކައި 1 މަސް ދުވަސް ފާއިތު ވެއްޖެ ނަމަ އެ ފަރާތަކަށް ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓާލެވޭނެއެވެ. މީގެ އިތުރުން އެފަދަ ފަރާތަކަށް ދެން އަލުން ޚިދުމަތް ދޭން ފަށާނީ ކުނީފީ އާއި ޖޫރިމަނާ ފައިސާގެ އިތުރުން، ޚިދުމަތް އަލުން ފެށުމުގެ ފީއެއްގެ ގޮތުން -/100ރ ( ސަތޭކަ ރުފިޔާ) ގެ ފީ އެއް ދެއްކުމުންނެވެ.

12- ކޮންމެ ގެއަކުންވެސް ކުނީގެ ބައިތައް ވަކިކޮށް ފަސޭހައިން ނަގައިގެން ގެންދެވޭނެ ގޮތަކަށް ވަކިތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ ކަސްޓަމަރުގެ ޒިންމާއެކެވެ. ނަމަވެސް ކަސްޓަމަރުން ނައްތާލަން ބޭނުންވާ ކުނީގެ ބާވަތްތައް ނެރެ މަގުމަތީގައި ބެހެއްޓުމަކީ ކުނި މެނޭޖް ކުރުމުގެ މަޤްޞަދު ގެއްލޭނޭ ކަމެއް ކަމަށްވާތީ މަގުމަތީގައި ކުނި ބެހެއްޓުމަކީ މަނާކަމެކެވެ.

13-  މިގޮތުން މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތައް ފުރަތަމަ ފަހަރު -/20ރ (ވިހި ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/10ރ (ދިހަ ރުފިޔާ)، ޖޫރިމަނާއަށް އިތުރު ކުރެވޭނެއެވެ. ހަމައެހެންމެ ކުނީގެ އެންމެހައި ބާވަތްތައް ހުންނަންވާނީ އުޅަނދަށް ފަސޭހައިން އެރުވޭގޮތަށް އެކިބާވަތްތައް ވަކިވަކީން ގޯނީގައި ނުވަތަ ޓައްޕު ފަދަ ތަކެތީގައެވެ. ބޮޑަތި ޖަންބޯ ބޭގަށް ކުނި އަޅާފައި ބަހައްޓައިގެން ނުވާނެއެވެ.

14- ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވުމާއި ވަކިވުން:

މި ޚިދުމަތުގައި ބައިވެރި ވެވޭނީ ކުނިނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވެ މި އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ޢަމަލު ކުރުމަށް އެއްބަސްވުމާއި އެކު ކުނިނައްތާލުމުގެ ޚިދުމަތަށް އެދޭ ފޯމް ފުރައި އދ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުންނެވެ. މި ޚިދުމަތުން ވަކިވުމަށް އެދޭ ފަރާތްތަކުން ކުނީގެ ޚިދުމަތުން ވަކިވުމަށް އެދޭ ފޯމް ފުރައި ކައުންސިލް އިދާރާއަށް  ހުށަހެޅުމުން ވަކިކޮށްދެވޭނެއެވެ.

15- ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުނި: ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުންޏަކީ ރުއްގަސް ކޮށުމާއި ކެނޑުމުގެ ސަބަބުން  އުފެދޭ ފަތާއި، ކޯޅި އަދި ވަކަރާއި ލަކުޑީގެ ބާވަތްތަކާއި، ޢިމާރާތް ތަޅާލުމުން އުފެދޭ ގާކުނޑި ފަދަ ތަކެއްޗެވެ. މީގެ އިތުރުން ޢާއްމު ގޮތެއްގައި އުފެދޭ ކުނި ފިއަވައި އުފައްދާ އާދައާއި ޚިލާފު ގިނަ ކުންޏެވެ. މިތަކެތީގެ ތެރެއިން ގާކުނޑި ފަދަ ތަކެތި އަޅާނީ ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު އެކަމަށް ކަނޑައެޅިފައިވާ ސަރަޙައްދަކަށެވެ. ޚާއްޞަ ޙާލަތުގެ ސަބަބުން އުފެދޭ ކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދާނީ ރަށުޕިކަޕް ދަތުރަކަށް ކައުންސިލުން ކަނޑައަޅާ ވަކި އަގަކަށެވެ. އަދި މިފަދަ ދަތުރުތައް ދެގޮތަކަށް ކުރެވިދާނެއެވެ. މިގޮތުން ކައުންސިލްގެ ވެހިކަލްގައި ކައުންސިލްގެ މުވައްޒަފުން ކުނި އަރުވާ ބާލާގޮތަށް ކުރެވޭ ދަތުރާއި، ކައުންސިލްގެ ވެހިކަލްގައި،ގޯތީގެ ވެރި ފަރާތުން ނުވަތަ ކަސްޓަމަރު ކުނިއަރުވައި ބާލާގޮތަށް ކުރެވޭ ދަތުރު ހިމެނެއެވެ. މި ދެގޮތަށް ކުރެވޭ ދަތުރަކަށް ނެގޭ އަގު ތަފާތު ވާނެއެވެ. މިގޮތުން:

ހ) ކައުންސިލްގެ މުވައްޒަފުން ކުނި އަރުވައި ބޭލުމާއެކު ކައުންސިލްގެ ޕިކަޕުގައި ކުރެވޭ ދަތުރަކަށް ނަގާނީ -/25ރ (ފަންސަވީސް ރުފިޔާ) އެވެ.

ށ) ކަސްޓަމަރު ކުނިއަރުވާ ބައިލާގޮތަށް ކައުންސިލްގެ ޕިކަޕުގައި ކުރެވޭ ދަތުރަކަށް ނަގާނީ -/15ރ (ފަނަރަ ރުފިޔާ) އެވެ.

ނ) ކަސްޓަމަރުގެ އަމިއްލަ ޕިކަޕުގައި ކުނި އަރުވާ އުކާލާ ނަމަ ފީއެއް ނުނެގޭނެއެވެ. ނަމަވެސް މިގޮތަށް އުކާލެވޭނީ ކައުންސިލަށް އެންގުމަށްފަހު، ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މި ޚިދުމަތް މިގޮތަށް ދެވޭނީ ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުރިހާ ބާވަތެއްގެ ކުނިވެސް އުކާނީ ތިރީގައިވާގޮތަށް ގޭޓްފީ ނަގާގޮތަށް އެ ފަރާތެއްގެ އަމިއްލަ އުޅަނދުގައެވެ.

16- ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކުން ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ކުނި ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އާއި ދެމެދުގައެވެ. މި ގަޑި ތަކުގައި ކުނި ގެންދާ އުޅަނދުތަކުން ތިރީގައިވާ ގޮތުގެ މަތިން ގޭޓްފީއެއް ދައްކަން ޖެހޭނެއެވެ.

 

ގޭބިސީތަކާއި ފަޅުގޯތިތަކުން

ވިޔަފާރިކުރާ ފަރާތްތަކުން

މުވައްސަސާތަކުން

ރަށުޕިކަޕް (ބަގީ)

25.00 ރުފިޔާ

50.00 ރުފިޔާ

100.00 ރުފިޔާ

ބަރޯ

10.00 ރުފިޔާ

20.00 ރުފިޔާ

30.00 ރުފިޔާ

ގާޑިޔާ

15 ރުފިޔާ

30.00 ރުފިޔާ

60.00 ރުފިޔާ

ޕިކަޕް

50 ރުފިޔާ

100.00 ރުފިޔާ

200.00 ރުފިޔާ

 

ކުނި ނައްތާލުމުގެ ޚިދުމަތުގައި ބައިވެރިނުވާ ފަރާތްތަކުން ގެންދާ ކުނި ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ބަލައިގަނެވޭނީ ގެންދާ ފަރާތުގެ މަޢުލޫމާތު އެ ސެންޓަރުގެ މުވައްޒަފުން ރެކޯޑްކުރުމަށްފަހުގައެވެ. އަދި ކޮންމެ މީލާދީ މަހެއް ނިމުމުން އެ މަހެއްގައި ގޭޓްފީއަށް އަރާފައިވާ ވަރު ކުނި ގެންދިޔަ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ބިލް ކުރެވޭނެއެވެ. މި ބިލްގައިވާ ފައިސާ ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ. މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ފީ ބަލައި ގަނެވޭނީ 3 މަސްވަންދެން ހިނގާ ކޮންމެ ދުވަހަކަށް (ފީ ދެއްކުމާ ހަމައަށް) 1 ރުފިޔާގެ ޖޫރިމަނާއާއެކުގައެވެ. 3 މަސް ހަމަވުމުން އިތުރަށް ހިނގާ މަސްތަކަށް ފީ ބަލައިގަނެވޭނީ 2 ރުފިޔާގެ ޖޫރިމަނާއާއެކުގައެވެ. އަދި ގޭޓްފީ ނުދައްކައި 1 މަސް ދުވަސް ފާއިތު ވެއްޖެ ނަމަ އެ ފަރާތަކުން ގެންދާ ކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބަލައިގަތުން ހުއްޓާލެވޭނެއެވެ.

17-  އޮޑިދޯނި ފަހަރު މަރާމާތު ކުރާ ފަރާތްތަކުންނާއި އެހެލާ ބޭލުމުގެ ސަބަބުން އުފެދޭ ކުންޏާއި ބަނދަރުން މުދާ އަރުވާ ބާލާ ފަރާތްތަކުންވެސް އެމަސައްކަތެއް ކުރުމުގެ ސަބަބުން އުފެދޭ ކުނި ޤަވާޢިދުން ނަގައި ސާފުކޮށް ކުނިކޮށްޓަށް، ނުވަތަ އެ އެއްޗެއް އެޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށް ގެންގޮސް ހަމަޖެހިފައިވާ އުޞޫލުން ޢަމަލު ކުރަންވާނެއެވެ. މިއާއި ޚިލާފަށް ޢަމަލު ކުރާ ކޮންމެ ފަރާތެއް މި އުޞޫލުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ. މިފަދަ ތަންތަނުން ގެންދާ ކުންޏަށްވެސް ކަނޑައެޅިފައިވާ އުޞޫލުން ގޭޓްފީ ނެގޭނެއެވެ.

18-  ސަފާރީ ފަދަ އުޅަނދުތަކުން ކައުންސިލް މެދުވެރިކޮށް ކުނި ނައްތާލަން ބޭނުންވާނަމަ ކައުންސިލްގެ ކަމާބެހޭ މުވައްޒަފަކަށް ގުޅުމަށް ފަހު، ކުނި ބަނދަރަށް ބާލައި ކުނީފީ ދެއްކުމުން ކުނި ނައްތާލުމުގެ ޚިދުމަތް ކައުންސިލުން ދޭނެއެވެ. މިގޮތުން މި ޚިދުމަތްދޭނީ ސަފާރީއަކުން ކުނި ބާލާ ކޮންމެ ފަހަރަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) ދެއްކުމުންނެވެ. މިގޮތުން ބާލާކުނީގެ އަދަދު 1 ޕިކަޕަށްވުރެ ގިނަ ނަމަ ކޮންމެ ޕިކަޕަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) ދައްކަންވާނެއެވެ.

19-  ދަނޑުވެރިކަންކުރާ ފަރާތްތަކުން ދަނޑުގައި އުފެދޭ، ނައްތާލަން ޖެހޭ ކުންޏާއި މިފަދަ އެހެން ތަންތަނުގައި އުފެދޭ މިބާވަތުގެ ކުނިވެސް ނައްތާލަން ވާނީ ކުނިކޮށްޓަށް ގެންގޮސްގެންނެވެ. މިގޮތުން މިފަދަ ތަންތަނުން ގެންދާ ކުންޏަށް ހަމަޖެހިފައިވާ އުޞޫލުން ގޭޓްފީ ނެގޭނެއެވެ.

20- މިއުސޫލަށާއި ކުނީފީގެ ގޮތުގައި ނެގޭ ފައިސާގެ ޢަދަދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނީ އދ. ދިއްދޫ ކައުންސިލުންނެވެ. މިގޮތުން މިފަދަ ބަދަލެއް ގެނެވިއްޖެ ނަމަ އެކަމެއް ޢާއްމުކޮށް އިޢުލާނު ކުރާނެއެވެ.

21- މި އުޞޫލުގައި ހިމެނިފައިވާ ޚިދުމަތްތަކަށް ފީ ނުދެއްކުމާއި،ކަމެއް ކުރަން ޖެހޭ އުސޫލުން ނުކުރުމާއި، ކުރުން މަނާކޮށްފައިވާ ކަމެއް ކުރުމުންނާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކައިފިނަމަ ކައުންސިލުން އެމައްސަލައެއް ޙައްލު ކުރާނީ ޝަރުޢީ ކޯޓު މެދުވެރިކޮށެވެ.

22-  ކުނި ނައްތާލުމުގެ ޚިދުމަތަށް ނަގާ ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުސޫލުންނެވެ.

(ހ) ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު ފަހު 13:30 އަށް ކައުންސިލް އިދާރާއަށް ފީ ބަލައިގަތުމުގެ އިންތިޒާމު ވާނީ ހަމަޖެހިފައެވެ.

(ށ) އޮންލައިންކޮށް ފީ ދައްކަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ފައިސާ ދެއްކި ސްލިޕް ފޮނުވުމުން ފީ ބަލައިގަނެވޭނެއެވެ. ސްލިޕްގައި ފީ ދެއްކި ފަރާތުން ރަޖިސްޓްރީކޮށްފައިވާ ނަމާއި، ފީ ދެއްކި މަހުގެ ނަން ލިޔެފައި އޮންނަވާނެއެވެ.

އެކައުންޓް ނަން: 1399 KHARADHU 1

އެކައުންޓް ނަންބަރު: 7722700349003 

 ވައިބާ ނަންބަރު: 7854747 ނުވަތަ 9119392

23-  ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މުވައްޒަފުންނަށް ގުޅުމަށް ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

އަޙްމަދު އާދަމް 7833805

އަނީސް މުޙައްމަދު 9967152

ޣައްސާން ޢަބްދުﷲ 7942704

މުޙައްމަދު ޙުސައިން 9666529

 

24-  މި އިސްލާޙަށް ޢަމަލުކުރަންފަށާނީ ގެޒެޓްކުރާ ތާރީޚު (27 ނޮވެމްބަރ 2022) އިން ފެށިގެންނެވެ.

 

 

27 ނޮވެމްބަރ 2022

27 ނޮވެންބަރު 2022
ހޯދާ