ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ވަޒީފާއަށް އަލަށް އަންނަ ބިދޭސީން އެއަރޕޯޓް އިމިގްރޭޝަނަށް ޞައްޙަނޫން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ކޮޕީ ހުށަހަޅަމުންދާ މައްސަލަ

ރާއްޖެއަށް ވަޒީފާއަށް އަލަށް އަންނަ ބިދޭސީން އެއަރޕޯޓް އިމިގްރޭޝަނަށް ޞައްޙަނޫން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ކޮޕީ ހުށަހަޅަމުން ދެއެވެ. މިފަދަ ލިޔެކިޔުމުގައި، ބިދޭސީމީހާގެ މުސާރައިގެ ގޮތުގައި އޭނާގެ ކޮންޓްރެކްޓްގައިވާ އަދަދަށްވުރެ  ބޮޑުކޮށް ލިޔެފައި ހުރުމާއި ވަޒީފާ ދޭ ފަރާތާއި ވާރކްސައިޓް ދިމާނުވާކަން ފާހަގަކުރެވިފައިވެއެވެ. މިފަދަ ކަންކަމީ، އިމިގްރޭޝަންގެ ޤާނޫނުގައި މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމެކެވެ. އަދި އަދަބެއްގެ ގޮތުގައި އެފަދަ އަމަލެއް ހިންގި ފަރާތެއް ރާއްޖެ އެތެރެ ނުކުރުމާއި އަދި ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ އިޚްތިޔާރު ލިބިފައިވެއެވެ. އަދި މަދުންނަމަވެސް ކޯޓާއާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމުގެ މަރުޙަލާގައި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ޞައްޙަނޫން ލިޔެކިޔުންތައް ވަޒީފާ ދޭފަރާތުން ހުށަހަޅަމުންދާކަން ފާހަގަވެފައިވެއެވެ.

ވީމާ، ރާއްޖެއަށް ވަޒީފާއަށް އަންނަ ބިދޭސީން، ރާއްޖެއެތެރެވާ ވަގުތުގައި ޞައްޙަނޫން ލިޔެކިޔުން ހުށަހަޅާނަމަ، ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ނުދެވޭނެކަން އަންގަމެވެ. އަދި އެފަދަ ފަރާތްތައް ވަކިމުއްދަތެއް ވަންދެން ރާއްޖެއަށް ނާދެވޭ ގޮތަށް ފުރުވާލެވޭނެކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. ހަމައެފަދައިން ބިދޭސީން ވަޒީފާއަށް ގެނައުމުގެ އެއްވެސް މަރުޙަލާއެއްގައި ޞައްޙަނޫން ލިޔެކިޔުން ހުށަހަޅާފައިވާނަމަ، ވަޒީފާދޭ ފަރާތް ބްލެކްލިސްޓްކޮށް މައްސަލައިގެ ބާވަތަށް ބަލައި ވަކިމުއްދަތެއް ވަންދެން އެމީހެއްގެ ނަމުގައި ނުވަތަ އެކުންފުންޏެއްގެ ނަމުގައި ބިދޭސީން ވަޒީފާއަށް ނުގެނެވޭނެގޮތް ހެދުމުގެ އިތުރުން އެފަދަ ޢަމަލެއް ހިންގި ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އަޅަމުންދާނެއެވެ.

މިބާވަތުގެ ކަންކަން ޢާންމުކޮށް ކުރަމުންދަނީ ވަޒީފާއަށް ރެކްރޫޓްކުރާ ބިދޭސީން ނިސްބަތްވާ ޤައުމުތަކުގެ އިމިގްރޭޝަނަށް އަދި ވަޒީފާއަށް އަންނަ ބިދޭސީންނަށް ޙަޤީޤަތް އޮޅުވާލައިގެން ރެކްރޫޓް ކުރުމުގެ މަޤްޞަދުގައިކަމަށް މިޑިޕާރޓްމަންޓަށް ފާހަގަކުރެވިފައިވެއެވެ. އަދި މިފަދަ ސަބަބުތަކާއި ހުރެ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ނިކަމެތިގޮތްތައް ދިމާވުމުގެ އިތުރުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވަމުންދެއެވެ.

ވީމާ، ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާއަށް އައުމަށް މަގުފަހިކޮށްދޭ އެޖެންސީތަކުން މިފަދަ ކަންކަމާމެދު ޚާއްޞަ ސަމާލުކަން ދިނުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އިލްތިމާސްކުރަމެވެ. 

16 މުޙައްރަމް 1436

09 ނޮވެންބަރު 2014
ހޯދާ