މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

 

ތަޢާރަފް

1.

(ހ)

މިއީ ޤަވާޢިދު ނަންބަރު 2022/R-99 (އާއިލާއާބެހޭ ޤަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އަދި އެޤަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރި މެޖިސްޓްރޭޓް ކޯޓުން އެކުލަވާލާފައިވާ އުޞޫލެކެވެ.

 

 

(ށ)

މިއުޞޫލަށް ކިޔާނީ "ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތަކުގައި ކައިވެނި ކުރާ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އެވެ.

މަޤްޞަދު

2.

 

ކޯޓުގައި ކުރާ ކައިވެނިތަކާއި ކޯޓުން ބޭރުގައި ކުރާ ކައިވެނިތައްކޮށްދޭނެ ގަޑިތަކަކީ ކޮބައިކަން ޚިދުމަތް ހޯދާ ފަރާތްތަކަށް ހާމަކޮށްދިނުމާއި، ކޯޓުން ބޭރުގައި ކައިވެނި ކުރާނަމަ، އެތަނަކީ އެކަށީގެންވާފަދަ ތަނެއްތޯ ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރާނެ ކަންކަމާއި، އެކަށީގެންނުވާނަމަ ދެން ޢަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

ކޯޓުން ބޭރުގައި ކައިވެނިކުރުމަށް އެދި ހުށަހެޅުން

3.

(ހ)

ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރަން ބޭނުންވަނީ ކޮންތަނެއްގައިކަން ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ.

 

 

(ށ)

ކޯޓުން ބޭރުގައި ކައިވެނިކޮށްދެވޭނީ ކައިވެނި ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ފީގެ އިތުރަށް ކޯޓުން ބޭރުގައި ކުރާ ކައިވެނީގެ ފީ ދެއްކުމުންނެވެ.

ކައިވެނީގެ މަޖިލިސް ބާއްވާ ތަން

4.

(ހ)

ކޯޓުން ބޭރުގައި ކައިވެނިކޮށްދެވޭނީ، ކައިވެނި މަޖިލީސް ބާއްވާ ތަނަކީ އެފަދަ މަޖިލީހެއް ބޭއްވުމަށް އެކަށީގެންވާ ތަނަކަށް ވާނަމައެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ތަނެއްތޯ ބެލުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.

(1)   ކައިވެނީގެ މަޖިލީހުގައި ދައްކާ ވާހަކަ ޙާޟިރީންނަށް އަޑުއިވޭފަދަ އަޑުމަޑު ތަނަކަށްވުން

(2)   ލިޔެކިޔުމުގެ މަސައްކަތަށް އެކަށީގެންވާ ވަރަށް އަލިހުރި ތަނެއްކަމުގައިވުން

(3)   ކައިވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތަކާއި، ކޯޓުގެ ފަރާތުން ޙާޟިރުވާ މުވައްޒަފުންނަށް ތިބެވޭނެފަދަ ތަނަވަސް ތަނެއް ކަމުގައިވުން

(4)   ކައިވެނިކޮށްދިނުމަށް ޙާޟިރުވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއްކަމުގައިވުން

(5)   ކައިވެނީގެ މަޖިލީހަށް ބޭނުންވާ ގޮނޑިމޭޒު ފިޔަވާ، އެނދު އަލަމާރިފަދަ ކައިވެނި މަޖިލީހާއި ނުގުޅޭ ތަކެތި ނެތް ތަނެއް ކަމުގައިވުން

 

 

(ނ)

ކައިވެނީގެ މަޖިލީސް ބާއްވާ ތަނަކީ އެކަށީގެންނުވާފަދަ ތަނެއްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އެހެން ތަނަކަށް މަޖިލީސް ބަދަލުކުރަން އެންގުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތަށް އެންގުމުން އެހެން ތަނަކަށް ބަދަލުނުކޮށްފިނަމަ، ކައިވެނިކޮށްނުދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ރަސްމީ ދުވަސްތަކާއި ބަންދުދުވަސްތަކުގައި ކައިވެނިކޮށްދިނުން

5.

(ހ)

ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި ކައިވެނިކޮށްދެވޭނީ ކޯޓުގައެވެ. ކޯޓުގައި ކައިވެނިކޮށްދެވޭނީ މެންދުރުފަހު 1:00 އާއި 2:00 އާއި ދެމެދުގައެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ރަސްމީ ދުވަސްތަކުގައި، ނުރަސްމީ ގަޑީގައި ކޯޓުގައި  ކައިވެނިކޮށްދެވޭނީ ރޭގަނޑު 8:30 އާއި 10:00 އާއި ދެމެދުގައެވެ.

 

 

(ނ)

ރަސްމީ ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދެވޭނީ ހަވީރު 4:00 އާއި ރޭގަނޑު 9:00 އާއި ދެމެދުގެ ވަގުތުތަކުގައެވެ.

 

 

(ރ)

ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށެއް ނުދެވޭނެއެވެ. ބަންދު ދުވަސްތަކުގައި ކައިވެނިކޮށްދެވޭނީ ކޯޓުން ބޭރުގައެވެ.

 

 

(ބ)

ބަންދު ދުވަސްތަކުގައި ކައިވެނިކޮށްދެވޭނީ ހަވީރު 4:00 އާއި ރޭގަނޑު 9:00 އާއި ދެމެދުގެ ވަގުތުތަކުގައެވެ.

މި އުޞޫލަށް ޢަމަލުކުރުން

6.

 

މިއުޞޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުޞޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މި އުޞޫލު މުރާޖަޢާކުރުން

7.

 

މި އުޞޫލަށް ބަދަލުގެނެސް އަދި މުރާޖަޢާކުރުމުގެ ބާރު މި ކޯޓަށް ލިބިގެންވެއެވެ.

16 ނޮވެންބަރު 2022
ހޯދާ