އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
“YUVRAJ” ނަމަކަށް ކިޔާ ޕްލެޓްފޯމް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތު ފަރަށް އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

                                                  

ނޫސްބަޔާން

“YUVRAJ” ނަމަކަށް ކިޔާ ޕްލެޓްފޯމް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތު ފަރަށް އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން

"YUVRAJ" ނަމަކަށް ކިޔާ ޕްލެޓްފޯމް 16 އޮގަސްޓް 2022 ވަނަ ދުވަހު ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް ވަނީ އަރާފައެވެ. ޕްލެޓްފޯމް ފުންކޮށް ނިމުމުން 07-06 ސެޕްޓެމްބަރ 2022 ގައި އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް މި އެޖެންސީއާއި ޕްލެޓްފޯމްގެ ވެރިފަރާތާއި ގުޅިގެން ޖޮއިންޓް-ސާރވޭއެއް ކުރެވި، 22-14 އޮކްޓޯބަރ ގައި ޕްލެޓްފޯމްގެ ވެރިފަރާތުން ކުރިޔަށް ގެންދިޔަ ސާރވޭ އެއްގައި މި އެޖެންސީގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައިވާނެއެވެ. މި އެޖެންސީގެ އެސެސްމެންޓް ރިޕޯޓުންނާއި، ޕްލެޓްފޯމުގެ ވެރިފަރާތުން ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރެވުނު މަސައްކަތުން އެ ސަރަޙައްދުގެ ފަރުގެ އެކި ދިމާދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާކަމާއި، އެގޮތުން 2755 އަކަމީޓަރުގެ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާކަމަށް މި އެޖެންސީން ވަނީ ކަނޑައަޅާފައެވެ.

މި ޕްލެޓްފޯމް ފަރަށް އަރާފައިވަނީ "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ – މާލޭ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ ކޮންޓްރެކްޓަރ އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑްގެ ފަރާތުން އެ ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔުމުގެ ތެރޭގައި ކަމަށްވާތީ، ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެފްކޮންސް އިންފްރާސްޓަރަކްޗަރ ލިމިޓެޑް ކަމުގައިވާތީ، އެ ޕްލެޓްފޯމް ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް އެރުމާ ގުޅިގެން ފަރުގެ މާޙައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު: 2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ދިވެހިރުފިޔާއިން އެފްކޮންސް އިންފްރާސްޓަކްޗަރ ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާކަމާއި، އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް އެފްކޮންސް އިންފްރާސްޓަކްޗަރ ލިމިޓެޑަށް 13 ނޮވެމްބަރ 2022 ގައި ވަނީ އެންގިފައެވެ.

22 ރަބީޢުލްއާޚިރު 1444

 

16 ނޮވެންބަރު 2022
ހޯދާ