އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގައި ބަޔާންދިނުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި އަޑުއެހުންތަކެއް ކުރިއަށްގެންދިއުމަށް މި އޮފީހުން ވަނީ ނިންމައިފައެވެ.

މި އަޑުއެހުންތަކުގެ ތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން މި އޮފީހުގެ އިޚްތިޞާޞްގެ މުއްދަތުގެ ތެރޭގައި ހައްޔަރުކޮށް ބަންދުކުރުމުގެ އެކި މަރުޙަލާތަކުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ ޢަމަލުތަކުގެ ސަބަބުން، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަނެފައިވޭތޯއާއި، އަނިޔާ ކުރުމުގެ ޢަމަލުތައް ހިނގާފައިވޭތޯއާއި، އެފަދަ ޢަމަލުތައް ހިނގާފައިވާ މިންވަރު ބެލިގެންދާނެއެވެ.

މިގޮތުން މި އަޑުއެހުންތަކުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުދީ، މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާގެ ޢަމަލުތައް މަނާ ކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލެވިގެންދާނެއެވެ.

ވީމާ، މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން 23 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް މި އޮފީހާ ޙިއްސާކޮށްދެއްވުން އެދެމެވެ.

  1. ފުރިހަމަ ނަން
  2. އައިޑީ ކާޑު ނަންބަރު
  3. ގުޅޭނެ ނަންބަރު
  4. ދާއިމީ އެޑްރެސް
  5. މިހާރު ދިރިއުޅޭ އެޑްރެސް
  6. މިކަމާ ގުޅޭ މަޢުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭ ގޮތް

މިގޮތުން، މި އޮފީހުގެ ނަންބަރު 7223473އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected]  އަށް އީމެއިލް ކުރައްވައިގެންވެސް މި މަޢުލޫމާތުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

21 ރަބީޢުލްއާޚިރް 1444

15 ނޮވެންބަރު 2022
ހޯދާ