ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ފަރުމާކުރުމާގުޅޭ

އިޢުލާން 

 

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

 

މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ އިތުބާރާ ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާރސްތަކާއިއެކު ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުންވަނީ ނިންމާފައެވެ. އެހެންކަމުން މިކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން މިޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.

އައި.ޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތުގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައެވެ. އައި.ޑީ ކާޑު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތަކުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

 


ހ. ފަރުމާކުރާ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ

  • ފަރުމާކުރާ ފަރާތްތަކުގެ ވަނަވަރު ހުށަހަޅަންވާނެއެވެ.
  • ފަރުމާކުރާ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯގައި ހިމަނަންވާނެއެވެ. މިގޮތުން ޕޯޓްފޯލިއޯގައި ހިމަނަންވާނީ ގިނަވެގެން 10 މަސައްކަތެވެ.
  • އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން އެއް ޕްރޮޕޯސަލެއް ހުށަހަޅާނަމަ ކޮންމެ ފަރާތެއްގެ ވަކި ޕޯޓްފޯލިއޯއެއް ހުށަހަޅަންވާނެއެވެ.
  • ޕޯޓްފޯލިއޯގައި ކުރިންކޮށްފައިވާ މަސައްކަތްތައް ހިމަނާއިރު އައިޑީކާޑު ފަރުމާކުރުމުގައި ގެންގުޅޭ ކޮންސެޕްޓާ އެންމެ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކެއް ހިމެނުމަށް އިސްކަން ދޭންވާނެއެވެ.
  • ޕޯޓްފޯލިއޯ ދެގޮތަކަށް ހުށަހެޅިދާނެއެވެ.

-          ޕްރިންޓްކޮށްފައިވާ ލުއި ފޮތެއް ނުވަތަ ފޯލްޑަރއެއް.

-          އޮންލައިން ޕޯޓްފޯލިއޯއެއް. މިގޮތުން ހުށަހަޅަންވާނީ އެއް ވެބް އެޑްރެހެވެ. އެކިއެކި ވެބްސައިޓްތަކަށް ރިފަރެންސް ދީފައި ހުރެއްޖެނަމަ ޕޯޓްފޯލިއޯއެއްގެ ގޮތުގައި ޤަބޫލެއް ނުކުރެވޭނެއެވެ.

 

ށ. ފަރުމާގައި ބޭނުންކުރާ ކޮންސެޕްޓް

  • އައި.ޑީ ކާޑުގައި ފަރުމާކުރަން ޖެހޭނީ އައި.ޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމްގައި ބޭނުންކުރާނެ ކުރެހުމެކެވެ. މި ތިންބައި ވެސް ފަރުމާކުރަންވާނީ އެއްކޮންސެޕްޓެއްގެ މައްޗަށެވެ.
  • ކޮންސެޕްޓްގައި ހިމަނަންޖެހޭ ބައިތަކަކީ:

-          އައި.ޑީ ކާޑުގެ ފަރުމާގައި ބޭނުންކުރުމަށް ހޮވާފައިވާ މަޢުޟޫޢު.

-          ކުރެހުންތަކުގައި މަޢުޟޫޢު(ތައް) ގެނެސްދިނުމުގައި އެކުލަވާލެވިފައި ހުންނާނޭ ތަކެއްޗާއި، އެތަކެތި ގެނެސްދިނުމަށް ބޭނުންކޮށްފައިވާ ކުލަތަކުގެ ތަފްޞީލު.

-          ކޮންސެޕްޓް ދައްކައިދިނުމުގެ ގޮތުން އައި.ޑީ ކާޑުގެ ހޮލޮގްރާމްގެ ކުރެހުން.

-          މަތީގައިވާ ހަތަރުބައި ޚިޔާރުކުރި ސަބަބުތަކާއި، އެބައިތައް ގުޅިލާމެހޭ ގޮތް.

-          މިބައިތަކުގެ އިތުރަށް، ކޮންސެޕްޓްގައި ހިމަނަން ބޭނުންވާ އިތުރުކަމެއް ވާނަމަ އެކަމެއް ހިމެނިދާނެއެވެ.

  • އައި.ޑީ ކާޑު ފަރުމާކުރުމުގައި ބޭނުންކުރާ ކޮންސެޕްޓް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް ލިޔެވިދާނެއެވެ. އަދި މިކޮންސެޕްޓް 10 ޞަފްޙާއަށްވުރެ ދިގުވެގެން ނުވާނެއެވެ. ދިވެހިން ލިޔާނަމަ ލިޔަންވާނީ ފޮންޓް ސައިޒް 14 ގައެވެ. އިނގިރޭސިބަހުން ލިޔާނަމަ ލިޔަންވާނީ ފޮންޓް ސައިޒް 12 ގައެވެ.
  • ކޮންސެޕްޓް ވާންވާނީ ފަރުމާކުރާ ފަރާތުގެ އަމިއްލަ ފިކުރުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްޗަކަށެވެ.

ނ. ހުށަހަޅަންޖެހޭ ފޯމްތައް

  • ކޮންސެޕްޓް ކަރުދާސް
  • ޕްރޮޕޯސަލް ފޯމް
  • އިޤުރާރު ފޯމް
  • އެޓޭޗްމަންޓް ފޯމް
  • އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އެއް ޕްރޮޕޯސަލެއް ހުށަހަޅާނަމަ، ކޮންމެ ފަރާތެއްވެސް ވަކިން ފުރިހަމަކޮށްފައިވާ އިޤުރާރު ފޯމެއް ޕްރޮޕޯސަލް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެޓޭޗްމަންޓް ފޯމް(ތައް) ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.


ކޮންސެޕްޓާގުޅޭ މުހިއްމު މަޢުލޫމާތު

 


ހ. ކޮންސެޕްޓްގައި ބޭނުންކުރާނެ މަޢުޟޫޢު

  • އައި.ޑީ ކާޑު ފަރުމާކުރުމުގައި ބޭނުންކުރާ ކޮންމެ ކުރެހުމަކާ ކުލައަކުން ވެސް ދިވެހިރާއްޖެއާއި، ދިވެހިންގެ ޘަޤާފަތް އަދި ދިވެހިންގެ އައިޑެންޓިޓީ ރަމްޒުކޮށްދޭންވާނެއެވެ.
  • އައި.ޑީ ކާޑު ފަރުމާކުރުމުގައި ގެންގުޅޭ ފިކުރުގެ އަސާސްތައް ބިނާކުރަންވާނީ ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާއި މާއްދީ އަދި މަޢުނަވީ ޘަޤާފަތުގެ މައްޗަށެވެ.

 

ށ. ކޮންސެޕްޓްގެ ކުރެހުން

  • އައި.ޑީ ކާޑުގައިހިމެނޭ ލިޔުންތައް ހުންނަންވާނީ ތާނަ އަކުރުންނާއި އިނގިރޭސި އަކުރުންނެވެ.
  • ކޮންސެޕްޓް ދައްކައިދިނުމުގެ ގޮތުން އައި.ޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމްގެ ފުރިހަމަ ކުރެހުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންސެޕްޓް ދައްކައިދިނުމަށް ފޮޓޯއެއް ހުރިގޮތަށް ނުހިމެނޭނެއެވެ. ނުވަތަ ކޮމްޕިއުޓަރުން ފިލްޓަރއެއް ލާފައިވެސް ނުހިމެނޭނެއެވެ. ނަމަވެސް ފޮޓޯއެއް ބަލައިގެން ކުރެހިދާނެއެވެ. މިގޮތަށް ފޮޓޯއެއް ބޭނުންކުރާނަމަ، އެފޮޓޯއެއް ރިފަރެންސް (ބޭނުން ކޮށްފައިވާ ފޮޓޯއަކީ ކޮބާކަމާއި ފޮޓޯ ހޯދާފައިވާތަން) ބަޔާން ކުރަންވާނެއެވެ. ފޮޓޯއެއް ބޭނުންކުރާނަމަ މިޑިޕާޓްމަންޓުން ބާރުއަޅަނީ ކުރެހުންތެރިޔާގެ އަމިއްލަ ފޮޓޯއެއް ނުވަތަ ފޮޓޯނަގާ ފަރާތަކާ ގުޅިގެން ނަގާފައިވާ ފޮޓޯއެއް ކުރެހުމަށެވެ.
  • އައި.ޑީ ކާޑު އަދި ހޮލޮގްރާމް ބޭނުން ސައިޒަކަށް ކުރެހިދާނެއެވެ. ނަމަވެސް ކާޑުގެ ސައިޒަކީ ފުޅާ މިނުގައި 54 މިލިމީޓަރު އަދި ދިގު މިނުގައި 85 މިލިމީޓަރެވެ. ވީމާ ކުރެހުން ހުންނަންވާނީ މިރޭޝިއޯގައެވެ.
  • ކުރެހުމުގައި ހިމެނޭ ލިޔުންތައް ފަސޭހައިން ކިޔަން އެނގެންވާނެއެވެ.
  • އައި.ޑީ ކާޑާއި ހޮލޮގްރާމްގެ އޮރިއެންޓޭޝަން ހުންނަންވާނީ ލޭންޑްސްކޭޕް ފޯމެޓަށެވެ.
  • ކުރެހުން ހުށަހަޅާއިރު ކަރުދާހުގެ ދެފުށް ބޭނުންކޮށްގެން ނުވާނެއެވެ.
  • ކުރެހުމާއި ފަރުމާކުރުމުގައި ޢާއްމުކޮށް ބޭނުންކުރާ ކޮންމެ އާލާތެއްވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން އަތުކުރެހުމާއި ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުން ހުށަހެޅިދާނެއެވެ.
  • ކުރެހުންތައް ހުންނަންވާނީ އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޢާއްމުކޮށް ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުނުވާ ގޮތަށެވެ. އަދި މީގެ އިތުރަށް، ކުރެހުމުގައި ދިރިހުރި ނުވަތަ މަރުވެފައިވާ މީހެއްގެ ސޫރަ (ޕޯޓްރެއިޓް) ހިމަނައިގެން ނުވާނެއެވެ.

 

އެހެނިހެން މަޢުލޫމާތު


ހ. ފަރުމާކުރާނޭ ފަރާތެއް ހޮވާނެގޮތް

  • ތިރީގައިމިވާ ކަންތައްތަކަށް ބަލާ އެންމެ މޮޅު ކޮންސެޕްޓެއް ހުށަހަޅާފައިވާ ފަރާތެއް ހޮވާނީ މިޑިޕާޓްމަންޓުން މިކަމަށް އެކުލަވާލާފައިވާ ލަފާދޭ ކޮމިޓީއިންނެވެ.
  • ހުށަހަޅާފައިވާ ޕޯޓްފޯލިއޯއަށް ބިނާކޮށް، އެފަރާތުގެ ފަންނީ ޤާބިލުކަމާއި ކޮށްފައިވާ މަސައްކަތްތަކުގެ ފެންވަރު
  • ހުށަހަޅާފައިވާ ކޮންސެޕްޓްގެ ފެންވަރާއި ފުރިހަމަކަން

-          ކޮންސެޕްޓް ބިނާކޮށްފައިވާ ފިކުރުގެ އަމިއްލަވަންތަކަމާއި ފުރިހަމަކަން. އަދި ފަރުމާކުރާ ފަރާތުގެ ފިކުރު، ކޮންސެޕްޓްގެ ކުރެހުމުން ދައްކައިދީފައިވާ މިންވަރު.

-          ކޮންސެޕްޓްއިން ދިވެހިންނާއި ދިވެހިރާއްޖެ ރަމްޒުކޮށްދީފައިވާ މިންވަރު.

-          އެހެން ޤައުމުތަކުގެ އައި.ޑީ ކާޑުތަކާ އަޅާބަލާއިރު ހުށަހަޅާ ކޮންސެޕް ޚާއްޞަވެ ތަފާތުވާ މިންވަރު

 

  • ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 6 ޕްރޮޕޯސަލް ޝޯޓްލިސްޓް ކުރެވޭނެއެވެ. މިފަރާތްތަކުން ލަފާދޭ ކޮމިޓީއަށް ޕްރެޒެންޓޭޝަނެއްގެ ސިފައިގާ ކޮންސެޕްޓް ހުށަހަޅައިދޭންވާނެއެވެ.
  • ކޮންސެޕްޓް ޕްރެސެންޓޭޝަނަށްފަހު އެންމެ ރަނގަޅު ފަރާތެއް ހޮވައި، އެކޮންސެޕްޓްގެ މައްޗަށް ބިނާކޮށް އައި.ޑީ.ކާޑުގެ ދެފުށުގެ ތަފްޞީލީ ކުރެހުމެއް ފުރިހަމަކޮށް ހުށަހެޅުމަށް އެފަރާތަށް ފުރުޞަތު ދެވޭނެއެވެ.

 

ށ. ހުށަހެޅޭ ފަރުމާތައް ބޭނުން ކުރެވޭނެގޮތް:

  • އެއްވެސް ޕްރޮޕޯސަލްއެއް ޑީ.އެން.އާރު އަށް ހުށަހެޅުމަށްފަހު އަނބުރާ ނުގެންދެވޭނެއެވެ.
  • އައި.ޑީކާޑަށް ބޭނުން ކުރުމަށް ޑިޒައިނެއް ހޮވުމަށްފަހު، އެ ޑިޒައިންވާނީ މި ޑިޕާޓްމަންޓުގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އަކަށެވެ. އޭގެ މައްޗަށް ޑިޒައިން ކުރި ފަރާތުގެ އެއްވެސް ހައްޤެއް ނޯންނާނެއެވެ.
  • އައި.ޑީ ކާޑުގައި ބޭނުންކުރުމަށް ހޮވޭ ހުށަހެޅުން ފިޔަވައި އެހެން ހުށަހެޅުންތަކުގެ ކުރެހުންތައް މިޑިޕާޓްމަންޓްއަށް ބޭނުމެއް ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލްގައިވާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެކެވެ.

ނ. ޕްރޮޕޯސަލް ހުށަހެޅޭނެ ފަރާތްތައް

  • ދިވެހިރައްޔިތެއް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް / ޖަމިއްޔާއެއް ކަމުގައިވުން.
  • މިޑިޕާޓްމަންޓުގެ މުވައްޒަފެއް ނުވަތަ މިކަމަށް މިޑިޕާޓްމަންޓުން ކަނޑައަޅާ ލަފާދޭ ކޮމިޓީގެ މެމްބަރެއް ކަމުގައި ނުވުން. އަދި އެފަރާތްތަކުގެ އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ ނުވަތަ ދަރިއެއް ކަމުގައި ނުވުން.

 

ރ. ޕްރޮޕޯސަލް ހުށަހެޅުމުގައި ގެންގުޅެންޖެހޭ އުޞޫލުތައް

  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލެވެ.
  • އެއް ޕްރޮޕޯސަލްގައި ގިނަވެގެން 3 ކޮންސެޕްޓަށް 3 ޑިޒައިން ހުށަހެޅިދާނެއެވެ.

  - ޕްރޮޕޯސަލް ހުށަހެޅުމަށް [email protected] އަށް ސޮފްޓްކޮޕީ އީމެއިލް ކުރުން.

  • ސޮފްޓްކޮޕީ ހުށަހަޅަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައެވެ.

 

ބ. އައި.ޑީ ކާޑުގެ ސިފަތައް ދިރާސާކުރުން

ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ބޭނުން ކުރަމުންދާ ޒަމާނީ ބައޮމެޓްރިކް އައި.ޑީ ކާޑާއި އޭގެ ސިފަތަކާބެހޭ މަޢުލޫމާތު ތިރީގައިވާ ކިއު.އާރު ކޯޑްއިން ލިންކް ލިބޭނެއެވެ.

   

ޅ. ހޮވޭ ފަރާތަކަށް ލިބޭ އިނާމު

  • އައި.ޑީ.ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތަކަށް )200,000.00ދެ ލައްކަ) ރުފިޔާ ލިބޭނެއެވެ.
  • އައި.ޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ 3 ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެއެވެ.
  • އައި.ޑީ.ކާޑުގައި ބޭނުންކުރުމަށް ހުށަހަޅާ ފަރުމާތަށް ރަސްމީކޮށް ޢާއްމުކުރެވޭނެއެވެ. އަދި އެފަރާތްތަކަށް އެކަން އަންގާނެއެވެ.
  • އަދި ހުށަހަޅާފައިވާ އައި.ޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާލެވޭނެއެވެ. މީގެ އިތުރަށް މިކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެއެވެ.

 

ކ. ސުންގަޑި އާއި ވަގުތީ ޓައިމްލައިން

  • އިންފޮރމޭޝަން ސެޝަން: 26 އޮކްޓޯބަރ 2022 ވާ (ބުދަ) ދުވަހުގެ 14:00އެވެ.
  • ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި: 14 ނޮވެމްބަރ 2022 ވާ (ހޯމަ) ދުވަހުގެ 14:00އެވެ.

 

އ. ނަކަލު ނުކުރުން

  • ހުށަހަޅާ ޕްރޮޕޯސަލަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެއެވެ. އެމަސައްކަތަކީ އަދި އެމަސައްކަތުގެ އެއްވެސް ބަޔަކީ އެހެން މީހެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެއެވެ.

 

  • ހުށަހަޅާ ކޮންސެޕްޓްގައި ކުރިން ކޮށްފައިވާ އެއްވެސް މަސައްކަތެއް ހިމަނައިގެން ނުވާނެއެވެ.

 

  • ކޮންސެޕްޓްގައި ހުށަހަޅާ ފަރުމާގައި އެހެން ފަރާތެއްގެ ފޮޓޯއެއް ނުވަތަ ފޮޓޯއެއްގެ ބައެއް ބަލައިގެން ފަރުމާކުރާނަމަ އެފޮޓޯއަށް ރިފަރެންސް ނުދީ ހިމަނައިގެން ނުވާނެއެވެ.
  • ހުށަހަޅާފައިވާ ކޮންސެޕްޓަކީ ނުވަތަ ކޮންސެޕްޓްގެ ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތެއް ނުވަތަ މަސައްކަތެއްގެ ބައެއް ކަމަށް މިޑިޕާޓްމަންޓަށް ސާބިތުވެއްޖެނަމަ އެޕްރޮޕޯސަލެއް ބާޠިލު ކުރެވޭނެއެވެ.

 

  • އައި.ޑީ.ކާޑުގެ ފަރުމާގެ އެއްވެސް ބައެއްގައި ކުރެހުންތެރިޔާއަށް ނިސްބަތްވާފަދަ އެއްވެސް ނިޝާނެއް ނުވަތަ ފާހަގައެއް ހިމަނައިގެން ނުވާނެއެވެ.

 

  • އައި.ޑީކާޑުގައި ބޭނުންކުރުމަށް ހުށަހަޅާ ޑިޒައިނާ ގުޅިގެން އެހެން ފަރާތަކުން ހުށަހަޅާ އެއްވެސް މައްސަލައެއްގެ ޒިންމާ މި ޑިޕާޓްމަންޓަކުން ނުނަގާނެއެވެ.

 

  • ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ އެ ހުށަހަޅާފަރާތުގެ އަމިއްލަ މަސައްކަތެއްކަމުގައި ކަށަވަރުކޮށްދީ އިޤްރާރު ފޯމުގައި ސޮއިކުރަންވާނެއެވެ.

 

ވ. މަޢުލޫމާތު ސެޝަން

އައި.ޑީ ކާޑަށް ފަރުމާކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ:

ތަން: ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން    ( ވެލާނާގެ / 4 ވަނަ ފަންގިފިލާ)

ތާރީޚު: 26 އޮކްޓޯބަރ 2022 (ބުދަ)

ވަގުތު: 14:00

 

މ. ގުޅުއްވުމަށް

  • އައިޑީ ކާޑުގެ އަލަށް ހަދާ ފަރުމާއާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ގުޅާނެ ނަމްބަރަކީ 3033200 އެވެ. މިނަމްބަރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މަޢުލޫމާތު ލިބޭނެއެވެ.
  • މީގެ އިތުރުން އީމެއިލް ކުރައްވާނީ [email protected]

 

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މިއިޢުލާނާއި ގުޅޭ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

16 އޮކްޓޫބަރު 2022
ހޯދާ