މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާއްމު އުނދަގުލާބެހޭ ޤަވައިދުގެ 18 ވަނަ މާއްދާގެ ދަށުން ހެދިފައިވާ އުޞޫލު

ޢާއްމު އުނދަގުލާ ބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ނ.ހެނބަދޫގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލު

 

ތަޢާރަފާއި ނަން:        

1.

(ހ.)

މިއީ ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާޔާއެކު، އެ މާއްދާގެ (ޕ) ގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވާ އާންމު އުނދަގުލާބެހޭ ޤަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ޢަމަލުކުރުމަށް ހެދިފައިވާ އުސޫލެވެ.

(ށ.)

މި އުސޫލަށް ކިޔާނީ "އާންމު އުނދަގުލޭބެހޭ ޤަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އަމަލުކުރުމަށް ހެދިފައިވާ އުސޫލް" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު   

2.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.  މި އުސޫލު ގެޒެޓުގައި ޝާއިރުކުރުމަށް ހަމަޖެހިފައިވަނީ 08 އޮކްޓޯބަރ 2022 ވަނަ ދުވަހުއެވެ.

މީހުންގެ ޒާތީ ދިރިއުޅުން

3.

އެއްވެސް މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ބެހޭގޮތުން އެ މީހަކު ދެރަކޮށް ނިކަމެތިކޮއްލުމަށްޓަކައި އަނެކާއާއި ދިމާއަށް އެއްޗިހި ކިޔާ އުނދަގޫކޮށްގެން ނުވާނެއެވެ.

އަވަށްޓެރިންނަށް އުންދަގޫކުރުން

4.

(ހ.)

އެއްވެސް މީހެއްގެ ގޯތިތެރޭގައި ހުންނަގަހަކުން ޖެހިގެން ހުންނަ ގޯއްޗަށް އުންދަގޫވެގެން ނުވާނެއެވެ.

(ށ.)

ގަހެއްގެ ގޮފިގަނޑެއް އަނެކާގެ ގޯތިތެރެއަށް ގޮސްފައިވުމުގެ ސަބަބުން ޖެހިގެން ހުންނަގެއިން ޝަކުވާ ހުށަހަޅައިފިނަމަ އެކަން ހައްލުކުރަންވާނެއެވެ.

(ނ.)

އެއްވެސް ގޮތަކަށް ޖެހިގެން ހުންނަ ގެއާއި މަގަށް ކާށި ވެރޭގޮތަށް ރުކެއް ބަހައްޓައިގެން ނުވާނެއެވެ.

(ރ.)

މީގެ އިތުރުން އާންމު އުނދަގުލާބެހޭ ޤަވާއިދުގެ 4 ވަނަ މާއްދާގެ ހ،ށ،ނ،ރ ގައި ވާއެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

މަގުމަތީ ހިނގާމީހުންނަށް އުނދަގޫކުރުން

5.

އެއްވެސް ހާލަތެއްގައި މަގުހިނގާ މީހުންނަށް އުނދަގޫވާގޮތަށް އެމީހަކާއި ދިމާކޮށް ހަޅޭއްލަވައި އެއްޗިހިކިޔައިގެން ނުވާނެއެވެ.

އަވަށްޓެރިންނަށް އުނދަގޫވާގޮތަށް ލަވަޖެހުން

6.

(ހ.)

އެއްވެސްގޮތަކަށް އަވައްޓެރިންނަށް އުނދަގޫވާގޮތަށް ޓީވީގެ އަޑު ބާރުކޮށްގެން ޓީވީބެލުމާއި އަޑުގަދަކުރާޒާތުގެ އެއްޗެއް ބޭނުންކޮއްގެން ލަވަ ޖެހުމާއި އެހެން ގޮތަކުން ވެސް އަޑު ގަދަކޮށްގެން ނުވާނެއެވެ.

(ށ.)

މިމާއްދާގެ (ހ.) ގައި އެގޮތަށް ބަޔާންކޮށްފައި ވީ ނަމަވެސް، ހާއްސަ ހާލަތަކާއިގުޅިގެން ކައުންސިލުން ހުއްދަ ހޯދައިގެން ހިންގާ ހަރަކާތްތަކުގައި އަޑުގަދަކުރުން މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ.)

ހާއްސަ ހާލަތްތެއްކަމުގައި ބެލެވޭނީ :

  1. ސަރުކާރު އިސްވެރިޔަކު އައުމާއިގުޅިގެން ހިންގާ ހަރަކާތް
  2. އިއްޒަތްތެރިއަކު އައުމުން ހިންގާ ހަރަކާތް
  3. ކައިވެނި ހަފުލާއަކާއި ގުޅިގެން ހިންގާ ހަރަކާތް
  4. ސަރުކާރު މުވައްސަސާތަކުން ހިންގާ ހަރަކާތް

ކުނިއުކަން ޙާއްސަކުރެވިފައިވާ ތަންތަން ފިޔަވާ އެހެންތަންތަނަށް ކުނިއުކުން

7.

(ހ.)

ކުނި އުންކަންވާނީ ކުނިއުކުމަށް ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށެވެ.

(ށ.)

ވަކިބާވަތެއްގެ ކުނި ވަކިތަނަކަށް އެޅުމަށް ކަނޑައެޅިފައިވަނިކޮށް އެހެންބާވަތެއްގެ ކުނި އެތަނަކަށް އެޅުމަކީ މަގުމަށްޗަށް ކުނި އެޅުންކަމުގައި ބެލެވިދާނެއެވެ. ނުވަތަ އާންމު އުންދަގޫކުރުންކަމުގައި ބެލެވޭނެއެވެ.

(ނ)

އެއްވެސް މީހަކަށް ނުވަތަ އަވަށްޓެރިންނަށް ނުބައިވަސް ދުވާގޮތަށް އެއްވެސް އެއްޗެއްބަހައްޓަކައިގެން ނުވާނެއެވެ.

(ރ.)

ނަޖިސްހުންނަ ޖަންގުޝަނެއް ސާފުކުރަން ޖެހިއްޖެނަމަ އެކަން ކުރަންވާނީ ރޭގަނޑު 10:00 ގެ ފަހުންނެވެ. އަދި މިގޮތަށް ސާފުކުރާ ޖަންގުޝަންތަކުގެ ނަޖިސް ބޭރުކުރަންވާނީ އެއިރެއްގައި ވައި ޖެހޭގޮތަށް ބެލުމަށްފަހު ޖެޓީގެ ބޭރުކޮޅުންނެވެ.

(ބ.)

މަދިރިއުފެދޭގޮތަށް އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ.

މަގުމަތި ހަޑިކުރުން

8.

(ހ.)

މަގުމަތީގައި ވަކިބާވަތެއްގެ ކުނިއެޅުމަށް ޑަސްބިން ބަހައްޓާފައިވަނިކޮށް އެހެން ބާވަތެއްގެ ކުނި ނުވަތަ އެޑަސްބިނަކަށް އެޅުމަށް ޚާއްސަ ކޮށްފައިވާ ކުނި ނޫން އެހެން އެއްޗެއް އެޅުމަކީ މަގުމަށްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ. ނުވަތަ އާންމު އުނދަގޫ ކުރުންކަމުގައި ބެލެވޭނެއެވެ. މީގެ އިތުރުން ކައުންސިލްގެ ހުއްދަނެތި އިންފާރުން ބޭރަށް ވެލި އެޅުމަކީ މަގުމަތި ހަޑިކުރުން ކަމުގައި ބެލެވޭނެއެވެ.

(ށ.)

އެއްވެސް ބާވަތެއްގެ ގަހެއް ގޯތީގެ އިންފާރުން ބޭރުގައި ހެއްދުމަކީ މަނާކަމެކެވެ. އަދި މިފަދަ ގޮތަކަށް ގަސް ހައްދައިފިނަމަ މަގުމަތި ހަޑިކުރުން ކަމުގައި ބެލެވޭނެއެވެ.

މަގުމަތީގައި ތަކެތި ބެހެއްޓުން

9.

(ހ.)

މަގުހިނގާ މީހުންނަށާއި ދުއްވާ އެއްޗިސްއަށް އުނދަގޫވާގޮތަށް މަގުމަތީގައި ތަކެތި ބެހެއްޓޭނީ ކައުންސިލްގެ ހުއްދައާއެކުގައެވެ.

(ށ.)

ގޯތީގެ އިންފާރުން ފެށިގެން ބޭރަށް ހުންނަ ގަސްގަހުގެ ގޮފިތަށް ނުވަތަ ރުކުގެ ފަންތަށް ހުންނަން ވާނީ  10 ފޫޓަށްވުރެން ތިރި ނުވާގޮތަށެވެ. މި ނޫންގޮތަކަށް ގޮފިތަށް ބެހެއްޓުމަކީ މަނާ ކަމެކެވެ. މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް މިހާރު ހުރި ބޮޑެތި ގަސްތަކުގެ މައިގަނޑު އިސްތިސްނާ ވާނެއެވެ. މި ގަސްތައް ކަނޑައަޅާނީ ކައުންސިލުންނެވެ.

(ނ.)

މަގުމަތީގައި ޖޯލިފަތި ބެހެއްޓުމަކީ މަނާކަމެކެވެ.

(ރ.)

އިމާރާތް ކުރުމަށްޓަކައި ގެންނަ ހިލަ،ހިލަވެލި ފަދަ ތަކެތި މަގުމަތީގައި ޖައްސަންވާނީ ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ. އެގޮތުން އެފަދަ ތަކެތި މަގުމަތީ ބަހައްޓަންވާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އަދި މިފަދަތަކެތި ބެހެއްޓުމަށް ކައުންސިލުން 1 މަސްދުވަހުގެ މުއްދަތެއް އެފަރާތަށް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ބެހެއްޓޭނީ މަގު ހިންގާ މީހުންނަށާއި ދުއްވާ އެއްޗިސްއަށް އުނދަގޫ ނުވާގޮތަށެވެ.

މިގޮތަށް ހުއްދަދެވިފައިވާ މުއްދަތު ހަމަވުން، އެފަދަ ތަކެތި ބެހެއްޓޭނީ ކައުންސިލުން ދޫކުރާ ބޯޑެއްގެ ދަށުންނެވެ. އަދި މި ބޯޑަށް ދުވާލަކު 10 ރުފިޔާ ޗާޖް ކުރެވޭނެއެވެ. އަދި ދުވާލަކު 10 ރުފިޔާ ދައްކާގޮތަށް ގިނަވެގެން ތަކެތި ބެހެއްޓޭނީ 6 މަސްދުވަހުގެ ނިޔަލަށެވެ. 6 މަސްދުވަހުގެ އިތުރަށް ބެހެއްޓުމަކީ މަނާކަމެކެމެވެ.

އުސޫލާއި ޚިލާފުވުން

10.

މި އުސޫލާ ޚިލާފުވެއްޖެނަމަ، އާންމު އުނދަގުލާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގައި ވާގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

07 އޮކްޓޫބަރު 2022
ހޯދާ