ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޑީވޯޓަރިން ރެގިއުލޭޝަނާއި ޚިލާފުވާފަރާތްތަކާމެދު ފިޔަވަޅު އެޅުމާގުޅޭ

 ނޫސް ބަޔާން

ނަންބަރު: (PR)485-HIF/1/2022/1 

 

ޑީވޯޓަރިން ރެގިއުލޭޝަނާއި ޚިލާފުވާފަރާތްތަކާމެދު ފިޔަވަޅު އެޅުމާގުޅޭ

މި އޮތޯރިޓީއިން ތަންފީޒުކުރަމުންދާ ޤާނޫނު ނަންބަރު  8/2020 "ފެނާއި ނަރުދަމާގެ ޤާނޫނު" އަދި ޤަވާއިދު  R-20/2021 "އިމާރާތްކުރުމާއި ޞިނާޢީ އެހެނިހެން މަޝްރޫޢުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ޤަވާއިދު" އާ ޚިލާފަށް،  މި އޮތޯރިޓީގެ ހުއްދަ ނުނަގައި، ބިމުން ފެންނަގައި ފެންބޭރުކުރަމުންދާކަން މި އޮތީރިޓީއަށްވަނީ ފާހަގަކުރެވިފައެވެ. 

ޤަވާއިދު ނަންބަރު R-138/2022 (އިމާރާތްކުރުމާއި ޞިނާޢީ އެހެނިހެން މަޝްރޫޢުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ޤަވާއިދަށް ގެނެވުނު ފުރަތަމަ އިޞްލާހު) ގައިވާގޮތުން، މި އޮތޯރިޓީގެ ހުއްދައާއި ނުލައި ބިމުން ފެންނަގައި ފެންބޭރުކުރާ ކޮންމެ ދުވަހަކަށް 40،000 (ސާޅީސް ހާސް) ރުފިޔާ އިން ޖޫރިމަނާކުރެވޭނެއެވެ. އަދި ހުއްދައާއި ނުލައި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވަނިކޮށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނަމަ، ހުއްދަ ދެވޭނީ ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކުރެވޭނީ ހުއްދައާއި ނުލައި މަސައްކަތްކޮށްފައިވާ މުއްދަތަށްވާ ޖޫރިމަނާގެ ޖުމްލަ ފައިސާ މި އިދާރާއަށް ދެއްކުމުންނެވެ.  މި ޤަވާއިދު ގައި ބަޔާންކުރާގޮތުން ބިމުން ފެންނަގައި ފެން ބޭރުކުރުން ކަމަށް ބެލެވޭނީ ޕަންޕެއްގެ އެހީގައި ބިމުން ފެންނެގުމަށެވެ. އެ ފެން ނަގައި އަޅަމުންދަނީ އިމާރާތްކުރާ ސަރަޙައްދުގެ ތެރެއަށް ކަމުގައިވީނަމަވެސް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރާ ކަމުގައެވެ. 

އަދި ޤާނޫނު ނަންބަރު 8/2020 ގެ 21 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން، މި އޮތޯރިޓީގެ ހުއްދަނެތި ބިމުން ފެންނަގައި ފެން ބޭރުކުރުމާއި އެކަމަށް އެހީތެރިވުމަކީ މަނާކަމެކެވެ. މިގޮތުން މި އޮތޯރިޓީގެ ހުއްދަޔާނުލައި ބިމުން ފެންނަގައި ފެން ބޭރުކުރާ ފަރާތަކަށް އެކަންކުރުމަށް މަގުމަތީ ހޮޅިއެޅުމުގެ ހުއްދަޔާއި، ބިމުން ފެންނަގައި ފެން ބޭރުކުރާއިރު އެފެން ބޭރުކުރުމަށް ރަށުގެ ސަރަހައްދެއް ކަނޑައަޅައި އެތަނަކަށް ފެންބޭރުކުރުމުގެ ހުއްދަދޭ ފަރާތެއް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތައް އެހީތެރިވާ ފަރާތެއްގެ ގޮތުގައެވެ. އެހެންކަމުން، ބިމުން ފެންނަގައި ފެން ބޭރުކުރުމުގައި، މި އޮތޯރިޓީން ތަންފީޒުކުރަމުންދާ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާއި އެކަމަށް ވާގިވެރިވާ ފަރާތްތައް، ޤަވާއިދު ނަންބަރު R-138/2022 (އިމާރާތްކުރުމާއި ޞިނާޢީ އެހެނިހެން މަޝްރޫޢުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ޤަވާއިދަށް ގެނެވުނު ފުރަތަމަ އިޞްލާހު) ގެ ދަށުން 5000 (ފަސް ހާސް) ރުފިޔާ އާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި އޮތޯރިޓީގެ ހުއްދައާނުލައި ބިމުންފެންނަގައި ފެންބޭރުކުރުމުގެ މަސައްކަތްކުރަމުންދާނަމަ، އެ މައްސަލަ ބަލައި، ވަކި ފަރާތެއް ތަފާތުކުރުމެއްނެތި ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގަމެވެ. އަދި  އިމާރާތްކުރުމާއި ޞިނާޢީ އެހެނިހެން މަޝްރޫޢުތަކަށް ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ޤަވާއިދާ ޚިލާފަށް މި މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާނަމަ އެ މަޢުލޫމާތު މި އޮތޯރިޓީ އާ ހިއްސާކޮށްދެއްވުން އެދެމެވެ. 

މި ފުރުސަތުގައި، އިމާރާތްކުރުމާއި ޞިނާޢީ އެހެނިހެން މަޝްރޫޢުތައް ހިންގާ ފަރާތްތަކުން ޤާނޫނަށް ބޯލަބައި، ކަމާގުޅޭ އިދާރާތްތަކުން ނަގަންޖެހޭ ހުއްދަތަކާއެކު މަސައްކަތްކުރިއަށްގެންދިއުމަށް އިލްތިމާސްކުރަމެވެ. 

29 ސެޕްޓެމްބަރ 2022

03 ރަބީޢުލްއައްވަލް 1444

29 ސެޕްޓެންބަރު 2022
ހޯދާ