ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް ކުއްޔަށް ދިނުމުގެ އުސުލު

ވެހިކަލް ކުއްޔަށް ދިނުމުގެ އުސޫލު

 

v     ތަޢާރަފް :

މިއުޞޫލަކީ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ ޖަލްސާއިން ކައުންސިލްގެ ވެހިކަލްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން ކައުންސިލުން އެކަށައަޅާ ފާސްކުރެވިފައިވާ އުޞޫލެކެވެ.

 

v     ޢަމަލު ކުރަން ފަށާތާރީޚް:

މިއުޞޫލަށް ޢަމަލު ކުރަންފަށާނީ މިއުސޫލު ގެޒެޓުގައި ޝާޢިއު ކުރާ ދުވަހުން ފެށިގެންނެވެ.

 

  1. 1.      އަގު:

1.1     - އާންމު ފަރުދުންނަށް ހައިމާކު ދޫކުރެވޭނީ ގަޑިއަކު 1000ރ (އެއްހާސް) ރުފިޔާގެ ރޭޓުންނެވެ. ވިޔަފާރިތަކަށް ދޫކުރެވޭނީ 1500ރ (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރޭޓުންނެވެ.

1.2     - އާންމު ފަރުދުންނަށް ޑަންމްޕު ލޮރީ ދޫކުރެވޭނީ ގަޑިއަކަށް 500ރ (ފަސްސަތޭކަ) ރުފިޔާގެ ރޭޓުންނެވެ. ވިޔަފާރިތަކަށް ދޫކުރެވޭނީ 1000ރ (އެއްހާސް) ރުފިޔާގެ ރޭޓުންނެވެ.

 

  1. 2.      ވެހިކަލްތައް ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް.

2.1 - ހައިމާކު ކުއްޔައް ދޫކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 1 (އެކެއް) ގަޑިއިރަށެވެ. އަދި އިތުރުވާ ވަގުތަށް އަގު ނަގާނީ ފަހަރަކު ގަޑިއިރަކުން އިތުރުކުރާ ގޮތަށެވެ.

2.2     - ޑަންމްޕު ލޮރީ ކުއްޔަށް ދޫކުރާނީ މަދުވެގެން 30 (ތިރީސް) މިނެޓަށެވެ. މިގޮތުން ކުއްޔަށް ދިނުމުގައި އަގު ނަގާނީ ގަޑި އިރަކަށް ޖެހޭ ރޭޓުން ބަލައިގެންނެވެ. އަދި އިތުރުވާ ވަގުތަށް އަގު ނަގާނީ ފަހަރަކު ބައިގަޑިއިރަކުން އިތުރުކުރާ ގޮތަށެވެ.

2.3     - ވެހިކަލް ކުއްޔަށް ދޫކުރެވޭނީ، ވެހިކަލް ކުއްޔަށް ދޫކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފޯމް އަދި އެހެނިހެން   ލިޔެކިޔުންތައް ހުށައެޅުމުންނެވެ.

2.4      - ވެހިކަލް ކުއްޔަށްނަގާ ވަގުތު ގުނަންފަށާނީ ވެހިކަލް ކުއްޔަށް ނަގާފަރާތުން މަސައްކަތްކުރާ ސައިޓަށް ވެހިކަލް  ދާހިސާބުން ފެށިގެން، މަސައްކަތްކޮށް ނިންމާ ވެހިކަލް އެ ސައިޓަކުން ނިކުންނަ ހިސާބަށެވެ.

2.5        - ފައިސާ ދެއްކި ރަސީދު ކުންފުންޏެއްގެ ނަމުގައި ހަދައިފިނަމަ ފައިސާ ބަލައިގަންނަންވާނީ ކުންފުނީގެ ރޭޓުންނެވެ. އަދި އަމިއްލަ ފަރުދެއްގެ ނަމުގައި ފައިސާ ދައްކައިގެން ކުންފުންޏެއްގެ ނަމުގައި ފައިސާގެ ރަޝީދެއް ނުހެދޭނެއެވެ.

 

 

2.6     - އަމިއްލަ ފަރާތަކުން ވެހިކަލް ކުއްޔަށް ނަގައިގެން ކުރަންވާނީ އެމީހެއްގެ އަމިއްލަ މަސައްކަތެވެ. އަދި އެއްވެސް ކުންފުންޏަކަށް، މުއައްސަސާއަކަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް މަސައްކަތް ކޮށްދިނުމަކީ މަނާކަމެކެވެ.

2.7        - މި އުސޫލުގެ 2 ވަނަ ނަންބަރުގެ 6 ވަނަ މާއްދާއާއި ޚިލާފަށް އެއްވެސް މަސައްކަތެއް ކުރާކަން އެނގިއްޖެ ހިނދެއްގައި އެމަސައްކަތެއް ހުއްޓުވައި، ވެހިކަލް ކުއްޔަށް ހިފިފަރާތް 5000ރ (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

2.8        - ވެހިކަލް ކުއްޔަށް ހިފާފަރާތުން ކުރަންވާނީ ވެހިކަލް ކުއްޔަށް ހިފުމަށް އެދޭ ފޯމުގައި ބަޔާން ކޮށްފައިވާ މަސައްކަތެވެ. އިތުރު އެހެން މަސައްކަތެއް ކުރާކަން ކައުންސިލަށް ފާހަގަވެއްޖެނަމަ، އެ މަސައްކަތެއް ހުއްޓުވައި ވެހިކަލް ކުއްޔަށް ނެގި ފަރާތް 5000ރ (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

2.9        - މަސައްކަތް ކުރުމަށް ވެހިކަލް ފޮނުވޭނީ ހަނިމާދޫ ކައުންސިލަށް ފައިސާ ދެއްކުމަށްފަހުއެވެ.

2.10 - މި އުސޫލުގެ 2 ވަނަ ނަންބަރުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ވެހިކަލް ކުއްޔަށް ހިފާފަރާތުން މަސައްކަތަށް ހޭދަވާނެކަމަށް އަންދާޒާ ކުރާ ވަގުތަށް އަގު ދެއްކުމަށްފަހު، އެވަގުތަށް މަސައްކަތް ނުނިމި އިތުރަށް ވެހިކަލް ބޭނުންކޮށްގެން މަސައްކަތް ކުރުވައިފިނަމަ އިތުރަށް ބޭނުންކުރެވުނު ވަގުތަށް ކައުންސިލަށް ފައިސާ ދައްކަންވާނެއެވެ.

2.11-     ފައިސާ ދެއްކި ވަގުތައްވުރެ އަވަހަށް މަސައްކަތް ނިމުނު ނަމަވެސް ބާކީ ފައިސާ އަނބުރާ ނުދެވޭނެއެވެ.

2.12-     ވެހިކަލް ކުއްޔަށް ނެގުމަށްފަހު ކުއްޔަށް ނެގި ފަރާތުން އަގު ދެއްކި ވަގުތަށް ވެހިކަލް އޮޕަރޭޓްކުރުމަކީ ހަނިމާދޫ ކައުންސިލްގެ ޒިންމާއެކެވެ. އަދި ވެހިކަލް އޮޕަރޭޓް ނުކުރެވޭ ވަގުތު ކުއްޔަށްނެގި ވަގުތުން އުނި ކުރެވޭނެއެވެ. މިގޮތުން އުނިކުރެވޭނީ ވެހިކަލްގެ ޓެކްނިކަލް މައްސަލަތަކުގައި އޮޕަރޭޓް ނުކުރެވޭ ވަގުތުތަކަށާއި އޮޕަރޭޓަރުންގެ ޒަރޫރީ ބޭނުންތަކަށް ދެވޭ ވަގުތުތަކަށެވެ.

2.13-     އެއްވެސް ތަނަކަށް ނުވަތަ މީހެއްގެ މުދަލަކަށް ގެއްލުންވާފަދަ ގޮތަކަށް އެއްވެސް މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

2.14-     ވެހިކަލް ކުއްޔަށް ނަގައިގެން ކުރާ އެއްވެސް މަސައްކަތަކުން މީހެއްގެ ނުވަތަ މުއައްސަސާއެއްގެ، ކުންފުންޏެއްގެ މުދަލަކަށް ތަނަކަށް ގެއްލުން ވެއްޖެނަމަ އެ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގަންވާނީ ވެހިކަލް ކުއްޔަށް ހިފާ ފަރާތުންނެވެ. ވެހިކަލް އޮޕަރޭޓްކުރާ ފަރާތުގެ އިހުމާލުން މެދުވެރިވާ ކަންކަން މިކަމުން އިސްތިސްނާ ވާނެއެވެ.

2.15-     އެއްވެސް ފަރާތަކަށް ފަހުން ފައިސާ ދައްކާގޮތަށް ވެހިކަލް ކުއްޔަކަށް ނުދެވޭނެއެވެ.

2.16-     ސަރުކާރު ބަންދު ދުވަހެއްގައި ވެހިކަލް ކުއްޔަށް ނަގާނަމަ ރަސްމީ ދުވަހެއްގައި ފައިސާ ދައްކަންވާނެއެވެ.

 

3 - ވެހިކަލް ބޭނުންކޮށްގެން ކުރުން މަނާ މަސައްކަތް (ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ކޮށްގެން ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގަންވާނީ ކުއްޔަށްހިފާ ފަރާތުންނެވެ.)

3.1- އަމިއްލަ ގެޔަށް ނުވަތަ އެހެން މީހެއްގެ ގެއަށް އެޅުމަށް ކަޅުވެލިކޮނެ ލޯޑުކުރުން.

3.2- ހަނިމާދޫ ކައުންސިލުން ހުއްދަ ދީފައިނުވާ  ނުވަތަ ހުއްދަނޫން މަސައްކަތް ކުރުން.

3.3- މޫދުން ވެލިނެގުން ނުވަތަ ހިއްކުން.

3.4- ތިމާވެއްޓަށް ގެއްލުންވާފަދަ އެއްވެސް މަސައްކަތެއް ކުރުން.

 

3.5- ވެހިކަލްތަކަށް ނުއުފުލޭ ނުވަތަ ނުހިފޭވަރަށް ލޯޑުކުރުން.

3.6- އެހެންމީހެއްގެ މުދަލަށް ގެއްލުމެއްވާފަދަ ގޮތަކަށް މަސައްކަތް ކުރުން.

3.7- ވެހިކަލް ކުއްޔަށް ހިފާފަރާތުން އެއްވެސް ވެހިކަލެއް ބޭނުންކޮށްގެން ކުރަންވާނީ ވެހިކަލް ކުއްޔަށްހިފާފަރާތުން ފުރިހަމަކޮށް ހުށައަޅާ ފޯމުގައި ބަޔާންކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް އެކަންޏެވެ. އިސްވެ ބަޔާންކުރެވުނު ގޮތައް ހަނިމާދޫ ކައުންސިލުން ލިޔުމުން ހުއްދަނުދޭ އެއްވެސް މަސައްކަތެއް ކޮށްގެން ދިމާވާ އެންމެހާ ކަންކަމުގެ ފުރިހަމަ ޒިންމާ ވެހިކަލް ކުއްޔަށް ނެގިފަރާތުން އުފުލަން ވާނެއެވެ.

 

               19 ސެޕްޓެމްބަރ 2022

19 ސެޕްޓެންބަރު 2022
ހޯދާ