މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަށާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން (ދެވަނަ ފިޔަވަހި)

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައި ދިނުމާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތަކެވެ. މިސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯނަށް އެދި ފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު 20 އޮކްޓޫބަރު 2014 އިން ފެށިގެން 20 ނޮވެންބަރު 2014 ގެ ނިޔަލަށް ޢާންމުކޮށް ހުޅުވާލަމެވެ.

މިފިޔަވަހީގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތަކެތިން ކާނާގެ ބާވަތްތައް (ވެލިއު އެޑިޝަން) އުފެއްދުމަށާއި ކުޑަ ބިން ކޮޅެއްގައި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ތަޢާރުފު ކުރުމަށެވެ.

މިލޯން ސްކީމުގެ %60 އަމާޒު ކުރެވިފައިވަނީ ޒުވާނުންނާއި އަންހެން ދަނޑުވެރިންނަށެވެ.

1. ލޯން ދޫކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ދާއިރާތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދުތައް

ލޯން ދޫކުރެވޭ ދާއިރާތައް

މި ދާއިރާއަށް ކަނޑައަޅާފައިވާ ޖުމުލަ އަދަދު (ރުފިޔާ)

ތައްޔާރީ (ވެލިއު އެޑިޝަން) ބާވަތްތައް އުފެއްދުމަށް

  7  މިލިޔަން

ކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ތަޢާރުފު ކުރުމަށް

 12  މިލިޔަން

1.1 ޒުވާނުން

ޒުވާނުންގެ ކަމުގައި ބަލާނީ، ލޯނަށް އިޢުލާން ކުރި ތާރީޚާ ހަމައަށް 35-18 އަހަރާ ދެމެދުގެ (އަށާރަ އަހަރު ފުރި އަދި ތިރީސް ފަސް އަހަރު ނުފުރޭ) ފަރާތްތަކަށެވެ.

2. ލޯން ސްކީމުގެ މައިގަނޑު ޓާރމްސް

2.1 މި ލޯނު ސްކީމުގެ ދަށުން މަތީގައި ދެންނެވިފައިވާ ދާއިރާތަކަށް ލޯނު ދޫކުރެވޭނެ އެންމެ ބޮޑު އަދަދަކީ -/500،000 ރުފިޔާއެވެ. އަދި އެންމެ ކުޑަ އަދަދަކީ -/50,000 ރުފިޔާއެވެ.

2.2 ލޯނުގެ އިންޓްރަސްޓް ރޭޓަކީ %6 އެވެ.

ލޯނު ހޯދުމަށް ހުށަހަޅާ ޕްރޮޖެކްޓްގެ (ފަނަރަ އިންސައްތަ) ލޯނަށް އެދޭ ފަރާތުން އިންވެސްޓް ކުރަންވާނެއެވެ. (ލޯނަށް އެދި ހުށަހަޅާއިރު މިޚަރަދު ކޮށްފައިވާނަމަ، ޚަރަދު ކޮށްފައިވާ ގޮތުގެ ލިޔުން ހުށަހަޅަންވާނެއެވެ. ޚަރަދު ކޮށްފައި ނުވާނަމަ، އެ ޚަރަދު ކުރަން ރާވާފައިވާ ގޮތުގެ ތަފުސީލު ހުށަހަޅަންވާނެއެވެ.)

2.3 ލޯނު ދެއްކުމުގެ މުއްދަތު:

  • ލޯނު ދެއްކުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 5 އަހަރުގެ ތެރޭގައެވެ. މީގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް (މުއްދަތެއް) ހިމެނޭނެއެވެ.
  • ލޯނު ފައިސާ އަދާކުރަން ފަށްޓާނީ ގްރޭސް ޕީރިއަޑް ނިމުމުންނެވެ. އެހެންނަމަވެސް ގްރޭސް ޕީރިއަޑުގައި ލޯނުގެ އިންޓްރަސްޓަށްވާ ފައިސާ އަދާކުރަން ފަށަންވާނެއެވެ.

2.4 ރަހުނުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު:

  •  -/50,000 ރުފިޔާގެ ލޯނެއް ނަންގަވާނަމަ ރަހުނު ބަހައްޓާކަށް ނުޖެހޭނެއެވެ.
  •  -/50,001 އާއި -/500,000 ރުފިޔާއާ ދެމެދުގެ ލޯނެއް ނަންގަވާނަމަ ބޭންކް އޮފް މޯލްޑިވްސްގެ އުސޫލުތަކުން ބަހައްޓަންޖެހޭ ރަހުނެއް ބަހައްޓަންޖެހޭނެއެވެ.

2.5 ލޯނަށް އެދި ހުށަހަޅާ ފޯމު ލިބެން ހުންނާނެ ތަނާއި އަދި ފޯމު ހުށަހެޅޭނެ ތަންތަން:

  • ލޯނަށް އެދި ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓާއި ބޭންކް އޮފް މޯލްޑިވްސްގެ ހުރިހައި ގޮފިތަކުން ލިބެން ހުންނާނެއެވެ.
  • ލޯނަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވާނީ ބޭންކް އޮފް މޯލްޑިވްސްގެ މާލެ ގޮފިތަކަށް (ލައިޓް ބްރާންޗް ފިޔަވައި) ނުވަތަ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޤާއިމު ކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކަށެވެ.

2.6 ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 އޮކްޓޫބަރު 2014 އިން ފެށިގެންނެވެ.

2.7 ލޯނަށް އެދި ފޯމު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 20 ނޮވެންބަރު 2015 ވަނަ ދުވަހުގެ 14:00 އެވެ.

3. ލޯނު ޕްރޮސެސް ކުރިއަށްދާނެ ގޮތް

  ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކަށް ލޯނު ފޯމު ލިބުމުން، ތިރީގައި މިދަންނަވާ ގޮތުގެ މަތިން އެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

  • ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކަށް ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަނެ ފޯމުތައް މިމިނިސްޓްރީން އެކުލަވާލައިފައިވާ ލޯން އިވެލުއޭޝަން ކޮމެޓީއަށް ފޮނުވާނީ ލޯނަށް އެދި ހުށަހަޅާފައިވާ ފޯމުތައް އެއްފަހަރާއެވެ.
  • މި މިނިސްޓްރީގެ ލޯން އިވެލުއޭޝަން ކޮމެޓީން ފޯމުތައް އިވެލުއޭޓް ކުރުމަށްފަހު، ލޯނަށް ޝަރުޠު ހަމަވާ ފޯމުތައް ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވޭނެއެވެ.
  • ލޯން އިވެލުއޭޝަން ކޮމެޓީން ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވި ފޯމުތަކަކީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފޯމުތަކެއްތޯ ބޭންކް އޮފް މޯލްޑިވްސްއިން ޗެކް ކުރައްވާނެއެވެ.
  • ލޯނަށް ހުށަހަޅާ ފަރާތުން މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ނަގާފައިވޭތޯ އަދި ލޯނެއް ނަގާފައިވާނަމަ ލޯނު އަދާކުރަމުންދާގޮތް ބަލާނެއެވެ.
  • ލޯނަށް އެދި ހުށަހަޅާ ފަރާތުގެ ޗެކް ބައުންސްވެފައި އޮތްތޯ ބަލާނެއެވެ.
  • ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް އެސެސްމަންޓަށްފަހު ލޯނަށް ޝަރުޠު ހަމަވާ ފޯމުތަކާއި އަދި ޝަރުޠު ހަމަނުވާ ފޯމުތަކުގެ މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްއިން މި މިނިސްޓްރީއާ ހިއްސާކުރާނެއެވެ.
  • ލޯނު އެޕްރޫވް ވަމުންދާ ވަރަކުން، މިމިނިސްޓްރީގެ ވެބްސައިޓުގައި އެކަން އިޢުލާނުކުރެވޭނެއެވެ.

މިލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިންނާއި 3339248 ނުވަތަ 3339238 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.  

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ޛުލްޙިއްޖާ 1435

19 އޮކްޓޫބަރު 2014
ހޯދާ