ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޞުކޫކް

ޞުކޫކް

1. ޞުކޫކަކީ ކޮބާ؟

   ޞުކޫކަކީ ޢަރަބި ބަހުން ސެޓުފިކެޓަށް ކިޔާ ނަމެކެވެ. ޞުކޫކަކީ މުދަލެއްގެ މިލްކުވެރިކަން ލިބިފައިވާ ކަމުގެ، ނުވަތަ މިންގަނޑެއްގެ މައްޗަށް ބިނާވެފައިވާ އިންވެސްޓެއްގައި އިންވެސްޓްކޮށްފައިވާކަމާއި، އެމުދަލަކުން ނުވަތަ އެ އިންވެސްޓްމަންޓަކުން ލިބޭ ނަފާގެ މިލްކްވެރިކަން ލިބިފައިވާކަމުގެ ސެޓުފިކެޓެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އިލެކްޓްރޯނިކް ރިކޯޑެކެވެ.

2. ޢާންމުންނަށް ދޫކުރާ ޞުކޫކްގެ މައިގަނޑު ބާވަތްތަކަކީ ކޮބާ؟

   ޢާންމުންނަށް ދޫކުރާ ޞުކޫކްގެ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޞުކޫކް މުޟާރަބާ، ޞުކޫކް މުޝާރަކާ އަދި ޞުކޫކް އިޖާރާއެވެ.

3. އިންފޮރމޭޝަން މެމޮރެންޑަމަކީ ކޮބާ؟

   އިންފޮރމޭޝަން މެމޮރެންޑަމަކީ ޞުކޫކް ދޫކުރަން ފެށުމުގެ ކުރިން ޞުކޫކް ޕްރޮޕޯޒަލްގައި ހިމަނަންވާނެކަމަށް ޞުކޫކް ދޫކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ކަންކަމާއި، ޞުކޫކް ދޫކުރަން ފެށުމުގެ ކުރިން އިންވެސްޓަރުންނަށް ހާމަކުރަންޖެހޭ އެހެނިހެން މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ.

4. ޢާންމުކޮށް ޞުކޫކް ވިއްކާނަމަ، ޞުކޫކް ދޫކުރަން ފެށުމުގެ ކިތައް ދުވަސްކުރިން "އިންފޮރމޭޝަން މެމޮރެންޑަމް" ލިބެން ހުންނަންޖެހޭނެތަ؟

   ޢާންމުކޮށް ޞުކޫކް ދޫކުރަން ފެށުމުގެ 7 (ހަތް) ދުވަސް ކުރިން، އިންފޮރމޭޝަން މެމޮރެންޑަމް ޢާންމުކޮށް ލިބެން ހުންނަންވާނެއެވެ.

5. ޞުކޫކް ދޫކުރުމަށްފަހު ޞުކޫކްގެ ޝަރުޠުތަކަށް ބަދަލު ގެނައުމުގެ އުސޫލަކީ ކޮބާ؟

   ޞުކޫކް ދޫކުރުމަށްފަހު ޞުކޫކާބެހޭ އަސާސީ ޝަރުޠުތަކަށް ބަދަލުގެނެވޭނީ ހުރިހާ ޞުކޫކް ހޯލްޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، ހުރިހާ ޞުކޫކް ހޯލްޑަރުން އިއްތިފާޤުވާނަމައެވެ.

6. ޞުކޫކް ދޫކުރަން އެދޭ ފަރާތުން ޝަރީޢާ އެޑްވައިޒަރެއް ޢައްޔަންކުރުންޖެހޭތަ؟

   އާނއެކެވެ. ޞުކޫކް ދޫކުރަން އެދޭ ފަރާތުން، އޮތޯރިޓީއިން ހުއްދަ ދީފައިވާ ފަރާތެއް ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި ޢައްޔަންކުރަންވާނެއެވެ.

7. ޞުކޫކް ގަތުމަކީ އިންވެސްޓްމަންޓަކަށް ވަނީ ކީއްވެ؟

   ޞުކޫކް ގަތުމަކީ ޞުކޫކް މުދަލުން ލިބޭ ފައިދާގައި ބައިވެރިވުމަށް ހިއްސާއެއް ގަތުމެވެ. ޞުކޫކް ކޮންމެ ސެޓުފިކެޓަކުންވެސް އެ ގަންނަ ފަރާތަކަށް ކަނޑައަޅާފައިވާ ގޮތުގެ މަތިން ޞުކޫކްގެ ފައިދާ ލިބޭނެއެވެ. އެހެންކަމުން ޞުކޫކް ސެޓުފިކެޓު ގަތުމަކީ ކުރެވޭ އިންވެސްޓުމަންޓެކެވެ.

8. ޞުކޫކްއާ ކޮންވެންޝަނަލް ބޮންޑާ ހުރި ތަފާތަކީ ކޮބާ؟

   ޞުކޫކްއާ ކޮންވެންޝަނަލް ބޮންޑާ ހުރި މައިގަނޑު ތަފާތަކީ، ކޮންވެންޝަނަލް ބޮންޑަކީ އަރަނިވެރިޔަކާއި ދަރަނިވެރިޔަކާމެދު އުފެދޭ ގުޅުމަކަށް އިންޓަރެސްޓުގެ ނަމުގައި ރިބާގެ ބާވަތެއް ނަގައިގެން ކުރެވޭ މުޢާމަލާތެކެވެ. ނަމަވެސް ޞުކޫކަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ގަނެވިއްކުމުގެ މުޢާމަލާތަކަށް ބަރޯސާވެގެން ކުރެވޭ ޝަރީޢާ ހުއްދަ މުޢާމަލާތެކެވެ.

9. ޞުކޫކް މުޟާރަބާއަކީ ކޮބާ؟

   މިއީ ހަމަހަމަކަމާއެކު މުޟާރަބާ އިކުއިޓީއެއްގައި ހިމެނޭ ބައިތަކުގެ މިލްކްވެރިކަން ދައްކުވައިދޭ އިސްވެންޓްމަންޓް ޞުކޫކެކެވެ. މިއިންވެސްޓްމަންޓުން ލިބޭ ފައިދާ ބަހާލެވޭނީ އެމީހަކު ހިއްސާވާ ނިސްބަތުންނެވެ.  މިފަދަ ޞުކޫކްތަކުގެ ވެރިފަރާތަކީ ފައިސާ އިންވެސްޓުކުރާ ފަރާތް ނުވަތަ ރައްބު އަލް މާލެވެ. މުޟާރަބާ ޞުކޫކަކީ ބޮޑެތި އިންވެސްޓްމަންޓްތަކުގައި ޢާންމުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އިޝޫކުރާ ޞުކޫކެވެ.

10. ޞުކޫކް މުޝާރަކާއަކީ ކޮބާ؟

   މިއީ މުޝާރަކާ މުޢާމަލާތެއްގެ މައްޗަށް ދޫކުރެވޭ ޞުކޫކް އިންވެސްޓުމަންޓު ސެޓުފިކެޓެކެވެ. އެގޮތުން މުޝާރަކާއަކީ ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތަކުން އެއްބަސްވާގޮތެއްގެ މަތިން ޙަލާލު ވިޔަފާރީއެއްކޮށް، އެ ވިޔަފާރީއަކުން ލިބޭ ޙަލާލު ފައިދާ ދެފަރާތުގެ މެދުގައި ކުރިން ކަނޑައެޅޭ ފައިދާ އަދި ގެއްލުން ބަހާނެ ރޭޝިއޯއަކާ އެއްގޮތަށް ބަހާ ޕާޓްނަރޝިޕްގެ އެއްބަސްވުމެކެވެ.

11. ޞުކޫކް އިޖާރާއަކީ ކޮބާ؟

   މިއީ އިޖާރާ މުޢާމަލާތެއްގެ މައްޗަށް ދޫކުރެވޭ ޞުކޫކް އިންވެސްޓުމަންޓު ސެޓުފިކެޓެކެވެ. އިޖާރާއަކީ ކުލީގެ އެއްބަސްވުމެކެވެ. ކުއްޔަށް ދެވޭނީ މަންފާ ދެމެހެއްޓެނިވިގޮތަކަށް ލިބޭ މުދަލެއް ކަނޑައެޅޭ ވަކި ކުލީގެ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގައި ދައްކަންޖެހޭ ކުލީގެ އަދަދު ކަނޑައެޅުމަށްފަހުގައެވެ.

12. ޞުކޫކް ސަލަމްއަކީ ކޮބާ؟

   މިއީ ސަލަމް މުޢާމަލާތެއްގެ މައްޗަށް ދޫކުރެވޭ ޞުކޫކް އިންވެސްޓުމަންޓު ސެޓުފިކެޓެކެވެ. ކަނޑައެޅޭ ވަކި މުދަލެއް މުސްތަޤްބަލުގައި ރައްދުކޮށްދިނުން ޝަރުޠުކޮށް، ރައްދުކޮށްދޭންޖެހޭ މުދަލުގެ މިންވަރާއި، ސިފައާއި އަދަދާއި އަގު އަދި ރައްދުކޮށްދޭންވީ ތާރީޚު ކަނޑައަޅައި، ޢަޤުދުކުރެވޭ ވަގުތު ކަނޑައެޅި އަގު އެއްކޮށް ދައްކާ ޚަލާޞްކުރަންޖެހޭ މުޢާމަލާތަކީ ސަލަމްއެވެ.

13. ޞުކޫކް އިސްތިސްނާއަކީ ކޮބާ؟

   މިއީ އިސްތިސްނާއު މުޢާމަލާތެއްގެ މައްޗަށް ދޫކުރެވޭ ޞުކޫކް އިންވެސްޓުމަންޓު ސެޓުފިކެޓެކެވެ. އިސްތިސްނާއު އަކީ ކަނޑައެޅޭ ވަކި މުދަލެއް މުސްތަޤްބަލުގައި ހަދައިދިނުން ނުވަތަ ތައްޔާރުކޮށްދިނުން ޝަރުޠުކޮށް، ހަދައިދޭން ނުވަތަ ތައްޔާރު ކޮށްދޭންޖެހޭ މުދަލުގެ ސިފައާއި އަދަދާއި އަގު އަދި ތައްޔާރުކޮށް ނިންމަންޖެހޭ ތާރީޚު ކަނޑައަޅައި، ޢަޤުދުކުރެވޭ ވަގުތު ކަނޑައެޅި އަގު އެއްކޮށް ދައްކަން ކޮންމެހެންނުޖެހޭ މުޢާމަލާތެކެވެ.

14. ޞުކޫކް މުރާބަޙާއަކީ ކޮބާ؟

   މިއީ މުރާބަޙާ މުޢާމަލާތެއްގެ މައްޗަށް ދޫކުރެވޭ ޞުކޫކް އިންވެސްޓުމަންޓު ސެޓުފިކެޓެކެވެ. މުރާބަޙާއަކީ ކަނޑައެޅޭ ވަކި މުދަލެއް ގަތުމަށްފަހު، އެހެން ފަރާތަކަށް އެ މުދާ ވިއްކާއިރު، މުދާ ގަތް އަގާއި، އަދި އެމުދަލުގެ އަގަށް ވިއްކާ ފަރާތުން ފައިދާގެ ގޮތުގައި ލީ އަދަދު ހާމަކުރުމަށްފަހު ވިއްކާލުމެވެ.

15. ޞުކޫކް ދޫކޮށްގެން ލިބޭ ފައިސާ ބޭނުންކުރަން ޖެހޭނީ ކޮންކަމަކަށް؟

   ޞުކޫކް ދޫކޮށްގެން ލިބޭ ފައިސާގެ ބޭނުން ކުރަންވާނީ، ޞުކޫކެއް އިޝޫ ކުރާއިރު އެއިން ހިފާނެ ބޭނުންކަމަށް އަންގައިފައިވާ ގޮތާ އެއްގޮތަށެވެ. އަދި ޞުކޫކް ދޫކޮށްގެން ލިބޭ ފައިސާ ބޭނުން ކުރަންވާނީ ޝަރީޢާ ހުއްދަ ކުރާ ބޭނުންތަކަށެވެ.

   ޞުކޫކް ދޫކުރުމާބެހޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ފޯނުންނަމަ މިއޮތޯރިޓީގެ ނަންބަރު 3336619 އަށް ގުޅުއްވުން އެދެމެވެ.

14 ޛުލްޙިއްޖާ 1435

08 އޮކްޓޫބަރު 2014
ހޯދާ