އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ފުރުތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތާއި އެމަނިކުފާނުގެ ނިމުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލުން

              ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރްޙޫމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތް ސާފުނުވާތީއާއި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ދަޢުވާގެ ސީޣާ ސާފުވެފައިނެތުމާއި، ކުރެވުނު ޝަރީއަތުގެ ޞައްޙަ މަޢުލޫމާތު ލިބިފައިނުވާތީއާއި، އެމަނިކުފާނަށް ކުރެއްވިކަމަށް ބުނާ އަނިޔާތަކަކީ ކޮބައިކަމާއި، އަނިޔާކުރި ފަރާތްތަކާއި، އެފަރާތްތަކާއިމެދު އެއްވެސް ޝަރީޢަތެއް ކުރެވުނުކަން ސާފުވެފައިނުވާތީ، މިކަންކަން ކަމުގެ ޙަޤީޤަތް ހޯދައިދިނުމަށާއި، މިކަންކަން ހިންގާފައިވަނީ ދައުލަތުގެ މުއައްސަސަތަކާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ނިޒާމީ ސިފައެއްގައި ރާވައިގެންކަމަށްބުނެ، ޤާނޫނު ނަންބަރ 2020/28 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން މި އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކީ މި އޮފީހުން ތަޙުޤީޤުކުރުމަށް ނިންމާފައިވާ މައްސަލައެކެވެ.

               މި މައްސަލައާގުޅިގެން، މި އޮފީހުން ކުރިއަށްދާ ތަޙުޤީޤަށާއި، މިޙާދިސާއަކީ 1953 ވަނަ އަހަރު ހިނގާފައިވާ ޙާދިޘާއަކަށްވާތީ، މިއީ ގިނަދުވަސްވީ ޙާދިސާއަކަށްވެފައި މައްސަލައާގުޅޭ މަޢުލޫމާތު ހޯދުމަށް މިއޮފީހުން ކުރިއަށް ގެންދާ ދިރާސާއަށް މަޢުލޫމާތު ހޯދުމުގެ ގޮތުން، ކުރިއަށް ގެންދާ އިންޓަރވިއުތަކަށާއި ތަޙުޤީޤަށް މަޢުލޫމާތު ދެއްވޭނެ ފަރާތްތަކުން 05 ޖުލައި 2022 އިން ފެށިގެން 21 ޖުލައި 2022 އާ ދެމެދު ތިރީގައިވާ މަޢުލޫމާތުތައް މި އޮފީހާ ޙިއްޞާކުރައްވައި ނަންނޯޓު ކުރެއްވުން އެދެމެވެ.

  1. ފުރިހަމަ ނަން
  2. އައިޑީ ކާޑު ނަންބަރު
  3. ގުޅޭނެ ނަންބަރު
  4. ދާއިމީ އެޑްރެސް
  5. އީމެއިލް އެޑްރެސް
  6. މި ޙާދިސާއިގެ މަޢުލޫމާތުދެވިދާނެ ހައިސިއްޔަތު ނުވަތަ މަޢުލޫމާތު އެނގޭގޮތް

             މިގޮތުން މި އޮފީހުގެ ނަންބަރ 7337486 އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected] އަށް އީމެއިލް ކުރައްވައިގެންވެސް މި މަޢުލޫމާތުތައް ހިއްޞާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

            06  ޛުލްޙިއްޖާ 1443

05 ޖުލައި 2022
ހޯދާ