އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސްބަޔާން - އައްޑޫސިޓީގައި ހިންގަމުންދާ މާރާމާރީގެ މައްސަލަތަކާއި ގުޅޭ

ނޫސްބަޔާން

އައްޑޫސިޓީގައި ހިންގަމުންދާ މާރާމާރީގެ މައްސަލަތަކާއި ގުޅޭ

އައްޑޫސިޓީގައި ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދި، އެކި ފަރާތްތަކަށް ސީރިއަސް އަނިޔާ ލިބި، ޒުވާނެއްގެ ފުރާނަ ގޮސްފައިވާ މައްސަލަ އާއި ގުޅިގެން ކަންބޮޑުވުމާއިއެކު ދަންނަވަމެވެ.

މާރާމާރީ އާއި މީހުންނަށް އަނިޔާ ދިނުމުގެ އެއްވެސް އަމަލަކީ މި ކައުންސިލުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫންކަމާށާއި މިފަދަ އަމަލުތައް އައްޑޫސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި ކައުންސިލުން ދެކޭގޮތުގައި މީހުންގެ ފުރާނައައް ގެއްލުންވާ އަނިޔާވެރި މިފަދަޢަމަލަކީ ވަރަށް ލާއިންސާނީ، ދަށުދަރަޖައިގެ އަމަލްތަކެއް ކަމާއި، އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާތަކުން މަނާކުރާ، އަދި ހައްޤުތައް ކަށަވަރުކޮށްދެވިފައިވާ މުޖްތަމަޢެއްގައި މިފަދަ އަމަލުތައް ހިނގުމަކީ އައްޑޫސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް ދަންނަވަމެވެ.

މި މައްސަލައަކީ މުޖްތަމަޢުގެ އަމަންއަމާންކަމާއި ސަލާމަތާއި ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން، މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށުތެރޭގައި އަމާންކަން ޤާއިމްކޮށްދެއްވުން އަވަސްކޮށްދިނުމަށް ދަޢުލަތުގެ މުވައްސަސާތަކާއި ކަމާއިބެހޭ އެންމެހާ އިދާރާތަކަށް މިކައުންސިލުން ގޮވާލަމެވެ.

02 ޖޫން 2022
ހޯދާ