ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ ކައުންސިލްގެ އިޙްތިޟޯސް ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ، ވަރުވާއަށް ދޫކުރުމާ ގުޅޭ 01/2022 ޤަވާއިދު

ގއ.ކޮލަމާފުށީ ކައުންސިލްގެ އިޙްތިޟޯސް ތެރޭގައިހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދޫކުރުމާ ގުޅޭ 01/2022 ގަވާއިދު

                       

 އިބްތިދާއީ މާއްދާތައް

ތަޢާރަފް/ ނަން   

                     1.(ހ) މި ގަވާއިދަކީ، ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)ގެ 22 ވަނަ މާއްދާއިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

                      (ށ) މި ގަވާއިދަށް ކިޔާނީ، "ގއ.ކޮލަމާފުށީ ކައުންސިލްގެ އިޙްތިޟޯސް ތެރޭގައިހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދޫކުރުމާ ގުޅޭ ގަވާއިދެ" އެވެ.

 މަޤްޞަދު     

                     2. މި ގަވާއިދުގެ  މަޤްޞަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

                     (ހ) ކައުންސިލްގެ އިޙްތިޟޯސް ތެރޭގައިވާ ފަޅުރަށްތަކުން އާންމުވެގެންވާ މަންފާއެއް ކައުންސިލަށާއި، ރައްޔިތުންނަށް ލިބެނިވިގޮތަކަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ވީހައިވެސް ހާމަކަންބޮޑު، އިންސާފާއި ހަމަހަމަކަމާއެކު ދެފުށް ފެންނަ ފަދަ ގޮތަކަށް އިންތިޒާމްކުރުން؛

(ށ) ކައުންސިލްގެ ހަވާލުގައިވާ ފަޅުރަށްރަށް ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި އެހެން ކަންކަމަށް ކުއްޔަށް ދިނުމުގައި ދެމެހެއްޓެނިވި ގޮތަކަށް ޤުދުރަތީ ވެށި ރައްކައުތެރި ކުރެވޭނެ ގޮތެއްގެ މަތިން އިޤްތިޞާދީގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ކުއްޔަށްދިނުން؛ އަދި

 (ނ) ދެމެހެއްޓެނިވި ގޮތަކަށް ޤުދުރަތީ ވެށި ރައްކައުތެރި ކުރެވޭނެ ގޮތެއްގެ މަތިން ފަޅުރަށްރަށް ވަރުވާއަށް ދިނުން

ގަވާއިދަށް ޢަމަލުކުރުން

 3 .މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ

ފަޅުރަށްރަށް ކުއްޔަށް ދޫކުރުން

 4. (ހ) އާންމުކޮށް އިޢުލާނު ކޮށްގެން ބީލަމުގެ އުސޫލުން ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ، ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ފަޅުރަށްރަށް ކުއްޔަށްދިނުމަށް އާންމުކޮށް ކުރާ އިޢުލާނުގައި، ކުއްޔަށް ދޫކުރާ ފަޅުރަށުގައި ކުރެވޭނީ ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި، އިޤްތިޞާދީ ކޮން މަސައްކަތެއްކަން ކައުންސިލުން ތަފުސީލުކޮށް ބަޔާން ކުރަންވާނެއެވެ. އަދި ބީލަން އިވެލުއޭޓްކޮށް މާކްސް ދޭނެ ކްރައިޓީރިއާ، އާންމުކޮށް ކުރާ އިޢުލާނުގައި ހިމަނަންވާނެއެވެ.

(ނ) ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން، ފަޅުރަށެއް ކުއްޔަށް ހިފުމަށް އެދި ކައުންސިލަށް ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލަށް ރިޢާޔަތްކޮށްފައި ކައުންސިލަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނީ، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(1) ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖެއަށް ފައިދާކުރާނެ ކަމަކަށް ވުން، ނުވަތަ އެ ކަމަކީ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވުން.

(2) ރަށަށް އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއްކަމަށް ވުން.

(3) ރަށަށް އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ފަރާތެއްކަމަށް ވުން.

(4) ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، އިޤްތިޞާދީގޮތުންނާއި އެނޫން ގޮތްގޮތުން ކުރެވިދާނެ ކަމެއްކަމަށް ވުން.

(5) އެކުއިޒިޝަން ފީގެ ގޮތުގައި 5 (ފަހެއް) އަހަރުދުވަހުގެ ކުއްޔަށްވާ ފައިސާ ކައުންސިލަށް އެއްފަހަރާ ދެއްކުން (މި ފައިސާއަކީ ރަށުގެ ކުލީގެ ގޮތުގައި ހިމެނޭ ފައިސާއެއް ނޫނެވެ. އަދި ވަކި މުއްދަތަކަށް ހިފެހެއްޓޭ ފައިސާއެއް ވެސް ނޫނެވެ.)

(6) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރު ޝަރުޠުތަކެއް ކައުންސިލުން ކަނޑައަޅަން ބޭނުންނަމަ، އާންމުކޮށް ކުރާ އިޢުލާނެއްގެ ދަށުން އެފަދަ ޝަރުޠެއް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ކުލި ކަނޑައެޅުން

 5 .ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި، އިޤްތިޞާދީ އެކިއެކި މަސައްކަތްތައް ކުރުމަށް ފަޅުރަށްރަށުގެ ސަރަޙައްދުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ)  ފަޅުރަށްރަށުގެ ކުލި ކަނޑައެޅުމުގައި ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް 10(ދިހައެއް) ލާރިއެވެ.

(ށ) ފަޅުރަށާއެކު ދެވޭ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއް ކުރާ ސަރަޙައްދަކަށް ކުލި ނެގުމުގައި ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް 10(ދިހައެއް) ލާރިއެވެ.

(ނ) ފަޅުރަށާއެކު ދެވޭ ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއް ނަމަ، އެ ސަރަޙައްދެއް، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ނަގާ ކުލިން އިސްތިސްނާ ކުރެވޭނެއެވެ.

(ރ) ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް އިޢުލާނުކޮށްގެން ބީލަމުގެ އުސޫލުން ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގައި ފަޅުރަށްރަށުގެ ކުލި ކަނޑައެޅުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކުލީގެ މިންގަނޑަށްވުރެ ދަށްނުވާނެ ގޮތެއްގެ މަތިން ކުލި ވަކި މިންވަރަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) ކައުންސިލްގެ ފަރާތުން ފަޅު ރަށެއް ކުއްޔަށް ދިނުމުގައި 1( އެކެއް) އަހަރުގެ ގްރޭސް ޕީރިއަޑެއް، ރަށް ކުއްޔަށް ހިފާ ފަރާތަށް ދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ފަޅުރަށް ކުއްޔަށް ހިފުމަށްއެދި ހުށަހެޅުން

6. މި ގަވާއިދުގެ ދަށުން، އާންމުކޮށް އިޢުލާނު ކޮށްގެން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ، ކައުންސިލުން ދޫކުރި ބިޑް ޑޮކިޔުމަންޓުގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކައުންސިލުން ކަނޑައަޅާ އަގެއްގައި މި ބިޑް ޑޮކިޔުމަންޓް ވިއްކުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ކުއްޔަށް ދޫކުރެވޭފަޅުރަށްރަށާއި، ފަޅުރަށާއެކުދޫކުރެވޭ ފަޅުގެ ސަރަޙައްދު

7. (ހ) ފަޅުރަށެއްގެ ގޮތުގައި ކުއްޔަށް ދޫކުރެވޭނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައި، ކައުންސިލްގެ ދަފުތަރުގައިވާ ފަޅުރަށްތަކުގެ ތެރެއިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާ ކޮންމެ ފަޅުރަށެކެވެ.

  (ށ) ކުއްޔަށް ދޫކުރާ ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށުގެ ހޭޅިފަށުން ފެށިގެން ވަށައިގެންވާ ފަޅުގެ 300( ތިން ސަތޭކަ) މީޓަރުގެ ސަރަޙައްދު އާންމު ބޭނުންތަކަށް، ފަޅުރަށް ކުއްޔަށް ހިފާ ފަރާތަށް ދޫކުރެވޭނެއެވެ. ނަމަވެސް އެއް ރަށަށްވުރެ ގިނަ ރަށް ހިމެނޭ ފަޅެއް ނަމަ، ފަޅުރަށުގެ އިން ވަކިކުރާނީ، ދެ ރަށް ދެމެދު ހަމަހަމަޔަށް ބަހައިލައިގެންނެވެ. އަދި ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަޙައްދުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއް ކުރާ ސަރަޙައްދަށް ކުލި ނެގޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށެއްގެ ފަޅުގައި ވަކި މަސައްކަތެއް ކުރުމަށް (އެކުއަކަލޗަރ ކުރުން ފަދަ) ފަޅުރަށެއް ކުއްޔަށް ދޫކުރާނަމަ، ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަ ޙައްދު މި މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުގެ މަތިން އިތުރުކުރެވޭ ސަރަޙައްދަށް ކުލި ނެގުމުގައި ކައުންސިލުން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް 5( ފަހެއް) ލާރިއެވެ.

(ރ) ކައުންސިލުން ކަނޑައަޅާ ފަޅުރަށެއް، ކަނޑައަޅާ ގޮތެއްގެ މަތިން ބައިކޮށް، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް، އަންނަނިވި ގޮތުގެ މަތިން ކުއްޔަށް ދޫކުރުމުގެ އިޚްތިޔާރު ކައުންސިލަށް  ލިބިގެންވެއެވެ.

(1) ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި ރަށުގެ ބިން ބައިކުރާނެ ގޮތް އެއްބަސްވެފައިވުން.

(2) ރަށް ބައިކުރުމުގައި، ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ ޒިންމާތައް އެނގެން އޮތުން.

(3) ރަށުގައި ހަދާ ކޮމަން ފެސިލިޓީތައް ޤާއިމްކޮށް ބޭނުންކުރުމާ ގުޅޭގޮތުން، ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ޤާއިމްވެފައި ވުން.

ކުއްޔަށް ދޫކޮށްފައިވާފަޅުރަށުގެ މުއްދަތުއިތުރުކުރުން

8. (ހ) ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ކައުންސިލަށް ލިޔުމުން ހުށަހަޅައިފިނަމަ، އެއްބަސްވުމުގެ މުއްދަތު، މި މާއްދާގައިވާ ގޮތުގެ މަތިން އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) ކުއްޔަށް ދޭ ރަށްރަށުގެ ކުލީގެ މުއްދަތު އިތުރުކުރެވޭނީ، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން މީލާދީ 21( އެކާވީސް) އަހަރު ދުވަހަށެވެ. ނަމަވެސް ފަށާއިރު ކުރާ އިންވެސްޓްމަންޓް 10( ދިހައެއް) މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުކަމުގައިވާނަމަ، އެ އިންވެސްޓްމަންޓުގެ ކުޑަ ބޮޑުމިނަށް ބަލައި، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 35( ތިރީސް ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭ ރަށްރަށުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައިފައިވާ މަސައްކަތްތައް އަންގައިދޭ، ކައުންސިލާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން %65( ފަސްދޮޅަސް ފަހެއް އިންސައްތަ) އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާނަމައެވެ. މިގޮތުން، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ޚަރަދު އެނގޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ކުއްޔަށް ދޫކޮށްފައިވާފަޅުރަށްތައް މޮނިޓަރކުރުން

9. (ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ދޫކުރި މަޤްޞަދާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދާކަން ކަށަވަރުކުރުމަށް ކައުންސިލުން އެ ފަޅުރަށްތައް މޮނިޓަރ ކުރަންވާނެއެވެ.

 (ށ) ރަށް މޮނިޓަރކުރުމުގެ އިންތިޒާމް ކައުންސިލުން ހަމަޖެއްސުމުން، މޮނިޓަރ ކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖެއްސުމަކީ ފަޅުރަށް ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެހެންނަމަވެސް، މިފަދައިން ކުއްޔަށް ހިފާ ފަރާތުގެ ޚަރަދު ހަމަޖައްސުމަށް ލާޒިމްވަނީ ކުއްޔަށް ހިފާ އަހަރެއްގައި 2( ދޭއް) މޮނިޓަރިންގ ދަތުރަށެވެ.

ރަށް އިންޝުއަރކުރުން

                  10. (ހ) ކުއްޔަށް ދޫކުރާ ފަޅުރަށްރަށް، ކާރިސާތަކުން ލިބޭ ގެއްލުމަށް، ފަޅުރަށް ކުއްޔަށް ހިފާ ފަރާތުން އިންޝުއަރ ކުރަންވާނެއެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 1 ( އެކެއް) އަހަރުދުވަހުގެ ތެރޭގައި އިންޝުއަރ ކުރަންވާނެއެވެ.

އިންވެސްޓްމަންޓް އެހެންފަރާތަކަށް ބަދަލުކުރުންނުވަތަ ވިއްކައިލުން

11.ކައުންސިލުން ކުއްޔަށް ދޫކޮށްފައި ވާ ފަޅުރަށެއްގައި ކުއްޔަށް ހިފައިފައިވާ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓް، ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން، އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ވިއްކައިލެވިދާނެއެވެ. އެގޮތުން އިންވެސްޓްމަންޓް ބަދަލުކުރެވޭނީ ނުވަތަ ވިއްކައިލެވޭނީ، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(ހ) ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް، ކައުންސިލުން ހުއްދަ ލިޔުމުން ލިބިގެން، އެހެން ފަރާތަކަށް ބަދަލުކުރެވޭނީ ނުވަތަ ވިއްކައިލެވޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައިފައިވާ މަސައްކަތްތައް އަންގައިދޭ، ކައުންސިލާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން %65( ފަސްދޮޅަސް ފަހެއް އިންސައްތަ) އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ. މިގޮތުން، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް، އިންވެސްޓްމަންޓުގެ ޚަރަދު އެނގޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާ ދެއްކުން.

މެނޭޖްމަންޓް ކޮންޓްރެކްޓްހެދުން

12. (ހ) ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތަށް އެ ރަށެއް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ލިބިދީފައިވާ އެއްވެސް ޙައްޤަކަށް އަދި އެއްބަސްވުމުގެ ދަށުން ކައުންސިލަށް އަދާކުރަންޖެހޭ އެއްވެސް ޒިންމާއަކަށް އުނިކަމެއް ނާންނާނޭ ގޮތެއްގެ މަތިން، ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން އެހެން ފަރާތަކަށް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންވެސްޓްމަންޓް މެނޭޖްކޮށް ބެލެހެއްޓުމަށް ހަވާލު ކުރެވިދާނެއެވެ.

(ށ) މެނޭޖްމަންޓް ކޮންޓްރެކްޓެއް ހެދޭނީ، އަންނަނިވި ގޮތުގެ މަތިން ކައުންސިލަށް ހުށަހަޅައި، ކައުންސިލުގެ ހުއްދަ ލިޔުމަކުން ލިބުމަށް ފަހުގައެވެ.

(1) މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުމުގެ ހުއްދައަށް އެދި ކުއްޔަށް ހިފާ ފަރާތުން ކައުންސިލަށް ލިޔުމުން ހުށަހެޅުން؛

(2) މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުމަށް ކުއްޔަށް ހިފާ ފަރާތާއި މެނޭޖްމަންޓް ކޮންޓްރެކްޓުގެ ދަށުން މަސައްކަތްކުރާ ފަރާތާ ދެމެދު ސޮއިކުރުމަށް އެކުލަވައިލައިފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ކައުންސިލަށް ހުށަހެޅުން؛

(3) މެނޭޖްމަންޓް ކޮންޓްރެކްޓް ހެދޭނީ ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައިފައިވާ މަސައްކަތްތައް އަންގައިދޭ، ކައުންސިލާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން %65( ފަސްދޮޅަސް ފަހެއް އިންސައްތަ( އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ. މިގޮތުން، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ޚަރަދު އެނގޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި

(4) ރަށާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން.

ދެވަނަ ފަރާތަކަށް ފަޅުރަށްކުއްޔަށް ދިނުން

13. (ހ) މި ގަވާއިދަށް ޢަމަލުކުރަށް ފެށުމަށްފަހު، ކުއްޔަށް ހިފި ފަރާތުން ކައުންސިލުން ކުއްޔަށް ދީފައިވާ ފަޅުރަށެއް އެއްކޮށް ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށެއް ކައުންސިލުގެ ހުއްދަކުރާ ގޮތެއްގެ މަތިން ބައިކޮށްގެން ދެވަނަ ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ.

(ށ) ކުއްޔަށް ހިފި ފަރާތުން ކައުންސިލުން ކުއްޔަށް ދީފައިވާ ފަޅުރަށެއް އެކީއެކަށް ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނީ އަންނަނިވި ގޮތުގެ މަތިން ކައުންސިލަށް ހުށަހަޅައި، ކައުންސިލްގެ ހުއްދަ ލިޔުމަކުން ލިބުމަށް ފަހުގައެވެ.

(1) ދެވަނަ ފަރާތަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ކުއްޔަށް ހިފާ ފަރާތުން ކައުންސިލަށް ލިޔުމުން ހުށަހެޅުން؛

(2) ދެވަނަ ފަރާތަށް ކުއްޔަށް ދިނުމަށްޓަކައި ސޮއިކުރުމަށް ތައްޔާރުކުރެވިފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ކައުންސިލަށް ހުށަހެޅުން؛

(3) ދެވަނަ ފަރާތަށް ކުއްޔަށް ދެވޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައި ފައިވާ މަސައްކަތްތައް އަންގައިދޭ، ކައުންސިލާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން %65( ފަސްދޮޅަސް ފަހެއް އިންސައްތަ( އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ. މިގޮތުން، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ޚަރަދު އެނގޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި

(4) ރަށާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން.

މޯގޭޖްކުރުން ނުވަތަރަހުނުކުރުން

14. (ހ) ކުއްޔަށް ހިފައިފައިވާ ރަށެއްގައި އިންވެސްޓްކުރުމަށް ލޯނެއް ނެގުމަށް ޓަކައި ރަށުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އުފުލޭ މުދާ އަދި/ނުވަތަ މި އެއްބަސްވުމުގެ ދަށުން ރަށުގެ މައްޗަށް ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ޙައްޤުތައް، ކައުންސިލްގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހު، ކައުންސިލުން ކަނޑައަޅާ ޝަރުޠުތަކެއްގެ ދަށުން މޯގޭޖް ކުރެވިދާނެއެވެ. ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓިދާނެއެވެ. މިގޮތުން މޯގޭޖް ކުރެވޭނީ ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓޭނީ، އެންމެ ލަސްވެގެން ކުއްޔަށް ހިފާ އެއްބަސްވުމުގެ މުއްދަތު ހަމަވާން 18( އަށާރަ( މަސްދުވަހަށް ވުމުގެ ކުރިން އެ ލޯނު ނުވަތަ ދަރަނި އަދާކުރާ ގޮތުގެ މަތިންނެވެ. އަދި މޯގޭޖް ކުރެވޭނީ ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓޭނީ، މި އެއްބަސްވުމުގެ ދަށުން ކައުންސިލަށް ލިބިދޭ އެއްވެސް ޙައްޤަކަށް އުނިކަމެއް ނުލިބޭނެ ގޮތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަށެއް ކުއްޔަށް ހިފާ ފަރާތުން މޯގޭޖް ކުރުމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅާއިރު، މޯގޭޖް އެގްރީމަންޓުގެ ދެލިކޮޕީ ކައުންސިލަށް ހުށަހަޅަން ވާނެއެވެ. މިގޮތުގެ މަތިން ހުށަހެޅުމުން، މޯގޭޖް ކުރުމަށް ކައުންސިލުން ހުއްދަދޭން ފެންނަނަމަ، ކައުންސިލްގެ ފަރާތުން ދައުލަތުގެ މާލީ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން އެކަން އެންގުމުން، ކުއްޔަށް ހިފާ ފަރާތުން މޯގޭޖް އެގްރީމަންޓް ކައުންސިލްގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(1) ފަޅު ރަށުގެ ރަޖިސްޓަރީ.

(2) މޯގޭޖް އެއްބަސްވުމާއި ލޯނު އެއްބަސްވުމުގެ ކޮޕީ.

(3) ރަހުނު ކުރަނީ ނުވަތަ މޯގޭޖްކުރަނީ، ކުރިން މޯގޭޖް ކޮށްފައިވާ ބޭންކް ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށްވާނަމަ، ކުރިން ރަހުނު ކޮށްފައިވާ ނުވަތަ މޯގޭޖް ކޮށްފައިވާ ފަރާތުން އެކަމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

ގެއްލުމުގެ ބަދަލު

15. (ހ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ކައުންސިލާއި އެކު ގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ކުރާ މަސައްކަތުގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ފަޅު ރަށަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ދޭންވާނެއެވެ.

(ށ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ކައުންސިލާއި އެކު ގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ކުރާ މަސައްކަތުގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ފަޅު ރަށުގެ އެއްބަސްވުން ކައުންސިލުން ބާޠިލުކޮށްފި ނަމަ، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލު، ކުއްޔަށް ހިފާ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.

(ނ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ކައުންސިލާއި އެކު ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ކުއްޔަށް ހިފި ފަރާތުން އެ ރަށުގައި ބަހައްޓައިފައިވާ އުފުލޭ މުދާ ގެންދިޔުމަށްޓަކައި ކައުންސިލުން ކަނޑައަޅާ އެކަށީގެންވާ މުއްދަތެއް ކުއްޔަށް ހިފާ ފަރާތަށް ދިނުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ކައުންސިލާއި އެކު ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ރަށުގައި ހުރި ނުއުފުލޭ މުދަލަކީ ކައުންސިލުގެ މިލްކެކެވެ. އަދި މި މުދަލުގެ ބަދަލު ކުއްޔަށް ހިފާ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.

ކުއްޔަށް ދޫކޮށްފައިވާފަޅުރަށު ގެ ރުއްގަހާއި ،ތިމާވެށްޓާއި، މަ އުނަވީ ތަރިކަރައްކައުތެރިކުރުން

16. މި އުސޫލަށް ޢަމަލުކުރުމުގެ ކުރިން އަދި މި އުސޫލު ޢަމަލުކުރަން ފެށުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑުމަށް/އުފުރުމަށް/ނެގުމަށް ބޭނުންވާނަމަ، އެކަން ކުރަންވާނީ ކައުންސިލުން ހުއްދަ ދޫކޮށްފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުންނެވެ. މީގެ އިތުރުން، ރަށުގައި އުފެދިފައިވާ ކުޅި ފަދަ ޤުދުރަތީ ވަސީލަތްތަކާއި މައުނަވީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަގުފަހިކޮށްދިނުމަކީ ރަށް ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

       ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

ވަރުވާއަށް ފަޅުރަށްރަށްދޫކުރެވޭނެ ފަރާތްތައް

17. (ހ) ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ޤާނޫނު ނަންބަރު 2010/7(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކުރެވޭ ސިޓީ ކައުންސިލަކަށް، ނުވަތަ އަތޮޅު ކައުންސިލަކަށް، ނުވަތަ ރަށު ކައުންސިލަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ރާއްޖެއިން ބޭރުގެ ޤާނޫނީ ޝަޚްޞަކަށް ފަޅުރަށެއް ވަރުވާއަށް ދޫކުރުމަށް ހުއްދައެއް ނުކުރެއެވެ.

ފަޅުރަށްރަށް ވަރުވާއަށްދިނުމަށް އެދި ހުށަހެޅުން

18. ފަޅުރަށެއް ވަރުވާއަށް ހިފުމަށް އެދި ހުށަހަޅާނީ، ކައުންސިލުން އާންމުކުރާ އިޢުލާނުގައި ބަޔާންކޮށްފައިވާ ސެލެކްޝަން ކްރައިޓީރިއާގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކައުންސިލުން ކަނޑައަޅާ އަގެއްގައި ބިޑް ޑޮކިޔުމަންޓް ވިއްކުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ފަޅުރަށް ވަރުވާއަށް ލިޔެދެވޭމުއްދަތު

19. މި އުސޫލުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، )ދިހައެއް) އަހަރުދުވަހެވެ.

ވަރުވާ ކަނޑައެޅުން

20. (ހ) ވަރުވާ އުސޫލުން އެންމެ ކުޑަ އަގެއްގެ ގޮތުގައި  0(ސުމެއް)  ހެކްޓަރުން  ފެށިގެން 1 (އެކެއް) ހެކްޓަރަށް އަހަރަކު 6000 (ހަހާސް) ރުފިޔާ

(ށ) ވަރުވާ އުސޫލުން އެންމެ ކުޑަ އަގެއްގެ ގޮތުގައި 1(އެކެއް) ހެކްޓަރުން ފެށިގެން 5 (ފަހެއް) ހެކްޓަރަށް އަހަރަކަށް 12000 (ބާރަހާސް) ރުފިޔާ

(ނ) ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް ވަރުވާގެ ގޮތުގައި ދައްކާ ފައިސާ 1( އެކެއް( އަހަރުދުވަހުގެ މުއްދަތަށް ގަނޑުކޮށް ނުވަތަ 1( އެކެއް) އަހަރުދުވަހުގެ ވަރުވާ އެ އަހަރަށް 4( ހަތަރު) ޕޭމަންޓުގެ ގޮތުގައި ބަހައިލައިގެން ދެއްކިދާނެއެވެ.

ފަޅުރަށްރަށް ވަރުވާއަށްދޫކުރުން

21. (ހ) ފަޅުރަށް ވަރުވާއަށް ދޫކުރެވޭނީ، އާންމުކޮށް އިޢުލާނުކޮށްގެން ފަޅުރަށް ވަރުވާއަށް ގެންގުޅެން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމަށްފަހު، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކުން ފަޅުރަށް ވަރުވާއަށް ހިފުމަށް އެދި ހުށަހަޅައިފައިވާނަމަ، އާންމުކުރާ އިޢުލާނުގައި ބަޔާންކޮށްފައިވާ ސެލެކްޝަން ކްރައިޓީރިއާގެ އުސޫލަށް ރިޢާޔަތްކޮށެވެ.

(ށ) ފަޅުރަށް ވަރުވާއަށް ދޫކުރުމަށް އާންމުކޮށް އިޢުލާނު ކުރުމުން، އެއް ފަރާތުން ބިޑު ހުށަހަޅައިފައިވާނަމަ، ރަށް އެ ފަރާތަށް ވަރުވާއަށް ދޫކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނީ، ކައުންސިލާއި އެ ފަޅުރަށެއް ވަރުވާއަށް ދިނުމަށް ކަނޑައަޅާ ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ވަރުވާއަށް ދޫކުރެވޭނެފަޅުރަށްރަށް

22. ވަރުވާއަށް ދޫކުރެވޭނީ، ކައުންސިލުގެ އިޙްތިޟޯސް ތެރޭގައި ހިމެނޭ ފަޅުރަށްތަކުގެ ތެރެއިން، ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާ ރަށްތަކެވެ.

ވަރުވާއަށް ދޫކޮށްފައިވާފަޅުރަށްތައް މޮނިޓަރ ކުރުން

23. (ހ) މި ގަވާއިދުގެ ދަށުން ވަރުވާއަށް ދޫކުރާ ފަޅުރަށްރަށް ވަރުވާއަށް ދޫކުރި މަޤްޞަދާއި، މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދާކަން ކަށަވަރުކުރުމަށް ކައުންސިލުން އެ ފަޅުރަށްތައް މޮނިޓަރ ކުރަންވާނެއެވެ.

(ށ) ރަށް މޮނިޓަރކުރުމުގެ އިންތިޒާމް ކައުންސިލުން ހަމަޖެއްސުމުން، މޮނިޓަރ ކުރުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖެއްސުމަކީ ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެހެންނަމަވެސް، މިފަދައިން ކުއްޔަށް ހިފާ ފަރާތުގެ ޚަރަދު ހަމަޖައްސުމަށް ލާޒިމްވަނީ ކުއްޔަށް ހިފާ އަހަރެއްގެ 1( އެކެއް) މޮނިޓަރިންގ ދަތުރަށެވެ.

ވަރުވާއަށް ދޫކޮށްފައިވާފަޅުރަށެއްގެ އެއްބަސްވުމުގެޙައްޤުތައް އެހެން ފަރާތަކަށްބަދަލުކުރުން

24. ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތަށް އެ ރަށެއް ވަރުވާއަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

ފަޅުރަށްރަށް ވަރުވާއަށްދީފައިވާ ފަރާތަކުންވަކިކުރުން

25. (ހ) ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އާއި ނުވަތަ މި އުސޫލު ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ ޝަރުޠަކާ ޚިލާފު ނުވާހައި ހިނދަކު، ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތަކުން، އެ ފަޅުރަށެއް ވަރުވާއަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ވަރުވާއަށް ކުއްޔަށް ދޫކޮށްފައިވާ ރަށް ނޯޓިސް ދިނުމަށްފަހު، އެއްބަސްވުން ބާޠިލުކޮށްފައި، ރަށް ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުގެ މަތިން ވަކިކުރާއިރު، މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަދަލުދީ ވަރުވާއަށް ލިޔެދީފައިވަ ފަރާތުގެ އަމިއްލަ ތަކެތި ގެންދިޔުމަށް ކައުންސިލުން ކަނޑައަޅާ ވަކި މުއްދަތެއް ކައުންސިލަށް ދެވިދާނެއެވެ.

(ށ) ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އާ ނުވަތަ މި އުސޫލާ، ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމުގެ އެއްބަސް ވުމާ، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން ޚިލާފުވެއްޖެ ހިނދެއްގައި، ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތުން އެ ރަށް ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ހާލަތުގައި ވަކިކުރާއިރު ވަރުވާއަށް ހިފާ ފަރާތަށް ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަޅުރަށެއް ވަރުވާއަށް ހިފައިފައިވާ އެ ރަށެއް ވަކިކުރާ ހާލަތުގައި، ވަރުވާއަށް ހިފައިފައިވާ ފަރާތަށް އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް، އަމިއްލަ އުފުލޭ މުދާ ގެންދިޔުމަށް ކައުންސިލުން ކަނޑައަޅާ ވަކި މުއްދަތެއް ކައުންސިލަށް ދެވިދާނެއެވެ.

 

ވަރުވާއަށް ދޫކޮށްފައިވާފަޅުރަށެއް ވަކިކުރުމުގައި ވަރުވާގެ ގޮތުގައިދައްކައިފައިވާ ފައިސާއަނބުރާ

26. ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް، މި  ޤަވާއިދުގެ 26 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދޫކޮށްފައިވާ ރަށެއް މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ވަރުވާގެ ގޮތުގައި ދައްކައިފައިވާ ފައިސާއިން، ހިނގާ އަހަރުގެ ބާކީ ވަރުވާއަށް ހިފައިފައިވާ ފަރާތަށް ލިބދެވޭނެއެވެ.

ވަރުވާއަށް ހިފާ ފަރާތުގެޒިންމާތައް

27. (ހ) ފަޅު ރަށްރަށް ވަރުވާއަށް ހިފާ ފަރާތުން، ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، ފަޅުރަށްރަށުގައި ރުއްގަސް އިންދައި އެ ރަށްރަށް ދިރުވައި ބަލަހައްޓަންވާނެއެވެ.

(ށ) ފަޅު ރަށްރަށް ވަރުވާއަށް ހިފާ ފަރާތުން، ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ރަށް ބަލަހައްޓާ ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ރަށުގައި ހަދަންވާނެއެވެ .މިފަދައިން ތަނެއް ހެދުމުގައި، ތަނުގެ ޑިޒައިނާއެކު ކައުންސިލުން ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

ވަރުވާއަށް ދޫކުރާފަޅުރަށްރަށުގައި މަސައްކަތްކުރުން

28. (ހ) ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއްގައި އެއްވެސް މަސައްކަތެއް ކުރެވޭނީ، އެ މަސައްކަތެއް ކުރުމަށް އެދި ކައުންސިލުން ލިޔުމުން ހުށަހަޅައި، ކައުންސިލުގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގައި މަންފާ ހޯދުމުގެ ގޮތުން އަންނަނިވި މަސައްކަތްތައް ކައުންސިލްގެ ހުއްދަ ހޯދުމަކާނުލައި ކުރެވިދާނެއެވެ.

(1) ރަށުގައިވާ ރުކުން ލިބޭ ތަފާތު ތަކެތި ވިއްކުން. މިގޮތުން ކާށި، ކުރުނބާ، ފަން، ރުކުރާ ފަދަ ތަކެތި ވިއްކިދާނެއެވެ.

(2) ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން ބޮޑު ސަރަޙައްދެއް ސާފުނުކޮށް ބާއްވައިގެން، ކުދިގަހުގެ ނާސަރީއެއް ޤާއިމްކުރުން. މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ގަހެއް ކަނޑައިގެން ނުވާނެއެވެ.

(3)  ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑުވާ ޒާތުގެ ތަރުކާރީއާއި މޭވާ ހެއްދުން.

(4) ރަށުގައިވާ ބޮޑެތި ރުއްގަސް ނުކަނޑައި، އިތުރަށް ރުއްގަސް އިންދާނެ ޖާގަ އޮތްނަމަ، އެ ޖާގައިގައި ރުކާއި، ބަނބުކެޔޮ ގަސް ފަދަ ބޮޑެތިވާ ، ދިގު މުއްދަތަކުން ހެދިބޮޑުވާ ޒާތުގެ ގަސް އިންދައި، އެ ގަސްތަކުން އިތުރު މަންފާ ހޯދުން.

(5) ރަށުގައިވާ ގަސްގެހާގެހިން ލިބެންހުރި އެހެނިހެން ތަފާތު ވައްތަރުގެ ކެއުމަށް ބޭނުންކުރެވިދާނެ ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރެވިދާނެ ތަކެތި، ވެށްޓަށް ގެއްލުން ނުލިބޭގޮތަށް ހޮވައިގެން ބޭނުންކުރުމާއި ވިއްކުން (މިސާލު: ކަނަމަދު، އަހިވައް، ކުއްޅަވައް)

(6) ރަށުތެރެއަށް ދޫކޮށްގެން ކުކުޅާއި އަސްދޫނި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތްކުރުން. (މި މަސައްކަތަށް ރަށުން ގަސްކަނޑައި، ބިން ސާފުކޮށްގެން، ހިޔާކޮށްފައިވާ ބޮޑެތި ކޮށި އަޅައި ހެދުމަކީ މަނާ ކަމެކެވެ.(

(7) ރަށުގެ ފަޅަށް ނުވަތަ ގޮނޑުދޮށަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް، ރަށުގެ ފަޅުން، ޤާނޫނު ނަންބަރު 2019/14( ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އާ ޚިލާފު ނުވާ ގޮތެއްގެ މަތިން މަސް ހިފުން ނުވަތަ ގޮނޑުދޮށުގެ ބޭނުންކުރުން. މިކަމަށް ފަޅާއި ގޮނޑުދޮށުގެ ބޭނުން ހިފާއިރު، ދޫނި ޖައްސާ ނުވަތަ ވެލާ އަރާ ނުވަތަ ވެލާ ބިސް އަޅާ ސަރަޙައްދުތަކަށް ގެއްލުމެއް ނުވާނެ ގޮތެއްގެ މަތިން ޢަމަލުކުރަންވާނެއެވެ.

(8) ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، މި މާއްދާގެ )ހ) އާއި (ށ) ގެ ދަށުން ކުރާ މަސައްކަތްތަކަށް ބަދަލެއް ނުދެވޭނެއެވެ. ނަމަވެސް، ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ކައުންސިލުން ކަނޑައަޅާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އުފުލޭ މުދާ ފަޅުރަށުން ގެންދިޔުމުގެ ފުރުސަތު، ވަރުވާއަށް ހިފައިފައިވާ ފަރާތަށް ދޭންވާނެއެވެ.

(ނ) ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިޚްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވެއެވެ.

(ރ) ވަރުވާއަށް ފަޅު ރަށްރަށް ހިފާ ފަރާތުން ޤާނޫނާ ޚިލާފުވާ ހާލަތުގައި، އެ ފަރާތެއް 10000.00( ދިހަ ހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

އެހެނިހެން

އިސްތިސްނާ

29. (ހ) ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަޝްރޫޢު ހިންގާ ރަށްރަށާއި، ސަރުކާރުގެ 0( ސައްތައިން ސައްތަ) ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، ޤާނޫނު ނަންބަރު 98/20( ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާކޮށް، ރަށްރަށް ހަވާލުކުރުމުގައި ކައުންސިލާއި އެ ފަރާތަކާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ރަށް ހަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ރަށަކާ ގުޅިގެން އަންނަނިވި ކަންކަމެއް ނުކުރެވޭނެއެވެ.

(1) ރަށް އެކީއެކަށް އިތުރު ފަރާތަކަށް ސަބްލީސްއެއް ނުކުރެވޭނެއެވެ.

(2) ރަށުގައި ކުރާ އިންވެސްޓްމަންޓް ވިއްކައެއް ނުލެވޭނެއެވެ.

(3) ރަށް ހިފާ ކުންފުނީގެ ހިއްސާ ބަދަލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރާ، ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަޝްރޫޢު ހިންގާ ރަށްރަށާއި، ސަރުކާރުގެ  100% ހިއްސާވާ ކުންފުނިތަކުން، އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށުގެ ކުއްޔާ ގުޅޭގޮތުން އަންނަނިވި ގޮތުގެމަތިން ޢަމަލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

1.  އެއްބަސްވުމުގެ މުއްދަތަށް ކުލި ނުނެގުން.

2.  ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ރަށުގެ ކުލީގެ މުއްދަތަށް ގްރޭސް ޕީރިއަޑެއް .

3.  އެއްބަސްވުމުގެ ކުލީގެ މިންވަރު މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ .

ފަޅުރަށެއް ކުއްޔަށްހިފައިފައިވާ ނުވަތަވަރުވާއަށް ދޫކޮށްފައިވާފަރާތުގެ މަޢުލޫމާތުބަދަލުވުން

30. ފަޅުރަށެއް ކުއްޔަށް ހިފައިފައިވަނީ ނުވަތަ ވަރުވާއަށް ދޫކޮށްފައިވަނީ ކުންފުންޏެއް ނަމަ، ކުންފުނީގެ ޝެއަރ ހޯލްޑަރުން، ޕާޓްނަރޝިޕެއް ނަމަ، ޕާޓްނަ ރޝިޕްގެ ބައިވެރިން، ކޯޕަރޭޓިވް ސޮސައިޓީއެއްގައި ނަމަ، ކޯޕަރޭޓިވް ސޮސައިޓީގެ މެންބަރުން ނުވަތަ ޖަމްޢިއްޔާއެއް ނަމަ، މެންބަރުން އެއްވެސް ސަބަބަކާހުރެ ބަދަލުވެއްޖެނަމަ، އެ އަންނަ ބަދަލުތައް 15( ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ނުވަތަ ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އެޑްރެސް ނުވަތަ މުޢާމަލާތު ކުރުމަށް ގުޅޭނެ ތަފުސީލުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ އަންނަ ބަދަލުތައް، 15( ފަނަރަ) ދުވަހުގެ ތެރޭގައި މިކައުންސިލަށް އަންގަންވާނެއެވެ.

މާނަކުރުން

31. މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތަކަށް ދީފައިވަނީ، އެ ލަ ފުޒުތަކާއި ޢިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢެއްގެ ދަށުން ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ ރާއްޖޭގެ ބިނާވެށީގެ ޕްލޭނުގެ ދަށުން ކުރިންސުރެ ވަކި ކަމަކަށް ރޭވިފައިވާ ޤައުމީ މަސައްކަތަކަށް، ނުވަތަ މުޅި ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ފަދަ މަޝްރޫޢެއް ހިންގުމަށެވެ.

(ށ) "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ފަޅު ރަށްރަށާ ގުޅޭ ކަންކަން ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަ ޅައި ފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 300( ތިން ސަތޭކަ) މީޓަރުގެ ސަރަޙައްދު ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރުކުރާ ފަޅުގެ ސަރަޙައްދު ހިމެނޭ ގޮތަށެވެ.

(ރ) "އާންމު ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފާ ފުރުމަށް ބޭނުންވާ ޖެޓީ/ފާލަން ހެދުމަށާއި، ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.

(ބ) "ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމަޢެއްގެ ނުވަތަ ޖަމާޢަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަޙައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިޤްތިޞާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ.އިތުރު ތަފުސީލު: "ކާރިސާ" މާނަކުރުމުގައި އާންމުކޮށް 3( ތިނެއް) ކަމަކަށް ބަލަންޖެހެއެވެ. އެއީ މުޖުތަމަޢެއް ނުރައްކަލަކަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި، ތަޙައްމަލް ކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ.

(ޅ) "ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ޤާ ނޫނު ނަންބަރު 96/10( ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުންޏަށެވެ.

(ކ) "ޕާޓްނަރޝިޕް" ކަމުގައި ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2011/13 )ޕާޓްނަރޝިޕްގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓްނަރޝިޕަށެވެ.

(އ) "ޖަމްޢިއްޔާ" ކަމުގައި ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2003/1 )ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާތަކަށެވެ.

(ވ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމުގައި ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2007/3 )ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.

(މ) "ވަރުވާ" ކަމުގައި ބުނެފައި އެވަނީ، ކައުންސިލަށް ދެއްކުމަށް ކައުންސިލާއި ވަރުވާއަށް ރަށެއް ނަގާ ފަރާތާއެކު އެއްބަސްވެވޭ ފައިސާގެ އަގަށެވެ.

(ފ) "ވަރުވާއަށް ދޫކުރުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށްރަށުގެ ޤުދުރަތީ ވެށްޓަށް ބަދަލު ނުގެނެސް ފަޅުރަށްރަށް ބެލެހެއްޓުން ހަވާލުކުރުމަށެވެ.

(ދ) "ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ އިދާރާއިން ރުއްގަސް އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް އެކުލަވައިލައިފައިވާ ގަވާއިދުގައި "ބޮޑު ގަހެއް "ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.

29 އޭޕްރިލް 2022
ހޯދާ