ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީ ރައްޔިތުންގެ ގޮއި ބެލެހެއްޓުން ވަރުވާއަށް ޙަވާލުކުރުމާބެހޭ

ތ.ދިޔަމިގިލީގައިހުރި ރައްޔިތުންގެ ރުއްތަކާއި، ތިންކޮޅުފުށި ސަރަޙައްދުގައިހުރި ރައްޔިތުންގެ ރުއްގަސް (ރުއް، މިދިލިގަސް، ކަށިކެޔޮގަސް) ހިމެނޭގޮތަށް ތ. ދިޔަމިގިލީ ރައްޔިތުންގެ ގޮއި ކުއްޔަށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ތ. ދިޔަމިގިލީ ރައްޔިތުންގެ ގޮއި މިހާރު ކުއްޔަށް ޙަވަލުވެފައިވާ ފަރާތައް ދީފައިވާ އެއްއަހަރުދުވަހުގެ މުއްދަތު 2022 އެޕްރީލް 24 ވަނަ ދުވަހު ހަމަވާނެއެވެ. އެހެންވީމާ 2022 އެޕްރީލް 25 އިން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ވަރުވާއަށް ބަލަހައްޓަން ބޭނުންވާ ފަރާތެއްހޯދުމަށް އަނގަބަހުން ނީލަންކިޔުން 2022 އެޕްރީލް 24 ވާ އާދީއްތަ ދުވަހު ހެނދުނު 10:30ގައި ގަނޑުވަރު މަގު އިރުމަތީކޮޅު ކާނިގަސްދޮށުގައި އޮންނާނެއެވެ. މިގޮތުން އެންމެމަތީ އަގެއް ހުށަހެޅުއްވި ފަރާތަކާ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، ތިންކޮޅުފުށި ސަރަޙައްދުގައިހުރި ރައްޔިތުންގެ ގޮއިގެ ގޮތުގައި ހިމެނޭ ރުއްގަސް (ރުއް، މިދިލިގަސް، ކަށިކެޔޮގަސް)  އަދި ދިޔަމިގިލީ ގައިހުރި ރައްޔިތުންގެ ރުއްތައް ހިމެނޭގޮތަށް ރައްޔިތުންގެ ގޮއި ބެލެހެއްޓުން ހަވާލުކުރެވޭނެއެވެ. މިހާރު ވަކިރަށެއްގެ ގޮތުގައި ނުވަތަ ތިންކޮޅުފުށީގެ ގޮތުގައި ނީލަން ކިޔާގޮތަށް ހަމަޖެހިފައިނުވެއެވެ. ސަބަބަކީ އެއީ މިހާރުވެސް ދިރިއުޅުމަށް ގޯތީ ދޫކޮށްފައިވާ އަދި ރަށުގެ ގިނަބަޔަކު ދިރިއުޅެމުންދާ ތަނަކަށްވެފައި އަދި ސިނާއީ ބައެއް މަސައްކަތް ކުރުމަށް ބިންދޫކޮށްފައިވާތީއެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުން 2022 އެޕްރީލް 24 ވާ އާދީއްތަ ދުވަހު ހެނދުނު 10:30ށް ގަނޑުވަރު މަގު އިރުމަތީކޮޅު ކާނިގަސްދޮށަށް ވަޑައިގެންދެއްވުން އެދެމެވެ. މިނީލަން ފެށޭ އެންމެ ދަށްއަގަކީ -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/50ރ (ފަންސާސް ރުފިޔާއެވެ.) ނީލަން ކާމިޔާބު ކުރާއަގަކީ 1 އަހަރު ހަމަވަންދެން މަހުކުއްޔެއްގެ ގޮތުގައި ކޮންމެ މަހަކުވެސް ދައްކަން ޖެހޭނެ އަގަކަށްވާތީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވަން ޖެހޭނެއެވެ.

            އަދި، މިފަހަރު މިނީލަން ކާމިޔާބުކުރާ ފަރާތުން އެގްރީމަންޓް ސޮއިކުރުމުގެ ކުރިން ދޫކޮށްލާނަމަ ނީލަން ނިމުނުއަގު އެއްމަސްދުވަހަށްވާ ފައިސާ މި އިދާރާއަށް ދައްކަން ޖެހޭނެއެވެ. އަދި، އެގްރީމަންޓް ސޮއިކުރުމުގެ ފަހުންނަމަ ޢަމަލުރާނީ އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ރަމަޟާން 1443

21 އޭޕްރިލް 2022
ހޯދާ