ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ސަރވަރ އަށް ދިން ރެންސަމްވެއަރ ހަމަލާއާއި ގުޅޭ ނޫސްބަޔާން

 

 

މި ކުންފުނީގެ ސަރވަރ އަށް ދިން ރެންސަމްވެއަރ ހަމަލާއާއި ގުޅޭ ނޫސްބަޔާން

            2022 މާރިޗު 24 ގައި މި ކުންފުނީގެ ސަރވަރ އަށް ރެންސަމްވެއަރ ހަމަލާއެއް ދިނުމާއި ގުޅިގެން، ކުންފުނީގެ އައި.ޓީ ނެޓްވާރކް މެދުވެރިކޮށް ދެމުންދޭ ޚިދުމަތްތަކާއެކު މިކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ޚިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތަށް އެތާރީޚުން ފެށިގެން މެދުކެނޑުނެވެ. އަދި މިހަމަލާގެ ސަބަބުން މި ކުންފުނީގެ އައިޓީ ނެޓްވޯރކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ. މިހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށްއެދި ފޯމް ހުށަހެޅުމާއި، ބިލްދެއްކުމުގެ ޚިދުމަތް ވަނީ ފެށިފައެވެ. 

            މިހަމަލާގެ ސަބަބުން ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ އެންމެހާ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުންފުނިން މިގެންދަނީ ކުރަމުންނެވެ. އަދި މި މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އަދި މި މައްސަލަ ބަލާ ތަޙްޤީޤްކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހުށަހަޅާފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ.

            އަދި ދަންނަވަމެވެ. މި މައްސަލަ ހައްލުކޮށް، މިކުންފުނިން ދެމުންގެންދާ ޚިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް ލޮބުވެތި ރައްޔިތުންނާއި މިކުންފުނީގެ އެންމެހާ ލޮބުވެތި ކަސްޓަމަރުންނަށް ހާމަކޮށްދިނުމަށް މި ފުރުޞަތުގެ ބޭނުން ހިފީމެވެ. އަދި މި ހަމަލާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މި ދަނޑިވަޅުގައި ދައުލަތުގެ އެކި މުވައްސަސާތަކުންނާއި ތިޔަ ލޮބުވެތި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

              26 ޝަޢުބާން 1443 

              29 މާރިޗު   2022 

 

 

ދިވެހިސަރުކާރުގެ ގެޒެޓް

މާލެ، ދިވެހިރާއްޖެ

30 މާރިޗު 2022
ހޯދާ