މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއިބެހޭ:

ބަނދަރުމަތީގައި ހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއިބެހޭ:

                 އެނގިވަޑައިގަންނަވާނޭ ފަދައިން ކޮންމެ ރަށެއްގައިވެސް އެރަށެއްގެ މޫނުމައްޗަށްވާގޮތަށް އޮންނަ ބަނދަރަކީ ވަރަށް ރީތިކޮށް ސާފުކޮށް އަދި  ރަށަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށާއި އެނޫންވެސް ގޮތްގޮތުން ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް އޮންނަންވާނެތަނެކެވެ. އެގޮތުން ބަނދަރުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް، އެއްވެސް ފަރާތަކުން ބަހައްޓާނަމަ ބަހައްޓަންވާނީ މިރަށުގެ ބަނދަރު ބެލެހެއްޓުމުގެ ޤަވައިދު (2013/R-804) ގެ ދަށުން ކައުންސިލްގެ ހުއްދަ ލިބިގެން ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދެންނެވުނު ޤަވައިދާ ޚިލާފުވާ ފަރާތައް ފުރަތަމަ ފަހަރަށް  ނަސޭހަތް ދިނުމާއި އިތުރަށް ތަކުރާރުކުރާނަމަ ޖޫރިމަނާ ކުރުމުގެ ފުރިހަމަ އިޙްތިޔާރާއި ބާރު އެޤަވާއިދުގެ (ރ) ގެ ދަށުން މިކައުންސިލަށް ލިބިގެންވެއެވެ.

                 ބަނދަރު ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ބެހެއްޓިފައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމަށް އެންގުމުގެ ގޮތުން 20 މެއި 2021 ވަނަ ދުވަހުވާނީ އާއްމު ޢިއުލާނެއް ކުރެވިފައެވެ. އަދި ގިނަ ފަރާތްތަކަކުން އެކަން އޭރު އިސްލާހްކޮށްދެއްވާފައި ވީނަމަވެސް، މިހާރަކަށް އައިސް ބަނދަރުގައި ޤަވާއިދާ ޚިލާފަށް ތަކެތި ބެހެއްޓުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.    

            ވީމާ، މިރަށުގެ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން  5 (ފަހެއް) ދުވަހުގެ ތެރޭގައި ( ބަންދުދުވަސްތައް ހިމެނޭގޮތަށް )  ނަގައި ބަނދަރު ސަރަޙައްދު ސާފުކުރުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ.  އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ބަނދަރު ސަރަޙައްދުން ނަގާފައި ނުވާނަމަ، ބަނދަރު ސާފުކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން މި ކައުންސިލުން ކުރާނެކަމުގައިވެސް ދަންނަވަމެވެ.  

 

             މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2022
ހޯދާ