ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަ ހޯދުމެއްނެތި ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި ރުއްގަސް އިންދުމާއި ގުޅޭ

މިރަށުގައި އެކި ދުވަސްވަރު އިޖުތިމާޢީ އެކި ބިންތަކުގައި މިއިދާރާއަށް ނޭނގި ރުއްގަސް އިންދަމުންދާ ކަމީ  ޢާންމުވަމުންދާކަމެކެވެ. ނަމަވެސް، މިކަމަކީ ދިވެހިރާއްޖޭގައި ހެދިފައިވާ "މީހުންއުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު 98/21) ގެ ދެވަނަ މާއްދާއިން މުޅިން މަނާ ކުރެވިފައިވާ ކަމެކެވެ. އަދި މިފަދައިން ރުއްގަސް އިންދަންވާނީ ރަށުކައުންސިލުގެ ހުއްދަ ހޯދުމަށްފަހު މި އިދާރާއިން ކަނޑައަޅާ ތަނެއްގައި ކަމުގައިވެސް ދަންނަވަމެވެ.  އެހެނީ އިޖުތިމާޢީ ސަރަޙައްދު ތަކަކީ ވަކި ފަރާތަކަށް ދެވިފައިވާ ބިންތަކަށް ނުވެފައި، މިކަމުގެ ސަބަބުން ރަށުގެ ޢާންމު މަޞްލަޙަތަށް ނޭދެވޭނެ އަސަރު ކުރާނެ ކަމެއް ކަމުގައި ވާތީ، މިކަން ހުއްޓާލުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރަމެވެ.

    ހުއްދަ ހޯދުމެއްނެތި މިފަދަ މަސައްކަތް ކުރާ ފަރާތްތަކުން ރަށުގެ އެކި އެކި ސަރަޙައްދު ތަކުގައި ހެދިފައިވާ މިދިލި،ކަށިކެޔޮ ފަދަ ގަސްތައް ކަނޑަމުންދާ ކަމުގެ ޝަކުވާ ވަނީ މިއިދާރާއަށް ލިބިފައެވެ. ރަށުގައި ހުރި ޤުދުރަތީ ވަޞީލަތްތައް މަދުކަމާ، އެވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް އަންނަންއޮތް ޖީލްތަކަށް ވާޞިލް ކޮށްދިނުމުގެ އެންމެބޮޑު ޒިންމާ އެއް، އެޅިފައިވާ ބަޔަކީ މިރަށުގައި ދިރިއުޅެމުންދާ ރައްޔިތުންކަމަށްވާއިރު، އަޅުގަނޑުމެންގެ ވެށި ޙިމާޔަތްކޮށް، ޤުދުރަތީ ވަޞީލަތްތައް ބަލަހައްޓާނެ އެހެން ފަރާތެއް ނެތްކަން އެނގިތިބެމެ،އެ ކަންކަމަށް ގެއްލުންތައް ލިބޭނެގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ، އަޅުގަޑުމެންގެ މުސްތަޤްބަލަށް ލިބޭނެ ދެރައެއްކަން ޤަބޫލްކޮށް، މިފަދަ އަމަލުތައް ނުހިންގުމަށާއި މިފަދަ ނާތަހުޒީބީ ކަންތައްތަކުން ދުރުހެލިވެ ތިބުމަށް މިއިދާރާއިން އިލްތިމާސް ކުރަމެވެ.

 ޤާނޫނު ނަންބަރ 98/21 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގައި ވާގޮތުގެ މަތިން ރަށުގެ ގޯތިން ބޭރުގައި ރުއްގަސް އިންދޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. މި  ޤާނޫނާއި ޚިލާފަށް އިންދާފައިވާ ރުއްގަހުގެ މިލްކުވެރިފަރާތަކީ ނޮޅިވަރަމް ކައުންސިލް ކަމުގައި ދަންނަވަމެވެ. އަދި  ޤަވާޢިދާއި ޚިލާފައް އިންދާފައިވާ ރުއްގަސް ކައުންސިލް އިން ބޭނުންވެއްޖެހިނދެއްގައި އިތުރުއެންގުމަކާއި ނުލައި ނައްތާލެވޭނެކަމުގައި ދަންނަވަމެވެ.

14 ޑިސެންބަރު 2021
ހޯދާ