އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއި ބެހޭ ޢާންމު އުސޫލު

                             ނަންބަރު: (RUL)/342/2021/05

                               ތާރީޚް: 27 އޮކްޓޫބަރު 2021     

ބަނދަރު ބެލެހެއްޓުމާއި ބެހޭ ޢާންމު އުސޫލު

 

ތަޢާރަފާއި ނަން:            1. (ހ) މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން

                            ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ހހ) އިން ބާރުލިބިގެން ހެދިފައިވާ  ގަވާއިދު

                            ނަންބަރު: 1255-R/2013 (10 ޑިސެންބަރު 2013) ގެ ދަށުން އެކުލަވާލާފައިވާ ޢާންމު

                            އުސޫލެވެ.

 

                           (ށ)  މި އުސޫލަށް ކިޔާނީ އއ. މަތިވެރީގެ ބަނދަރު ބެލެހެއްޓުމާއިބެހޭ ޢާންމު އުސޫލެވެ.

 

ޢަމަލުކުރަން ފަށާ ތާރީޚް:       2. (ހ) މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން ފާސްކޮށް ޢާންމުކޮށް އިޢުލާން ކުރާ  ދުވަހުން

                           ފެށިގެންނެވެ.

 

(ށ) މި އުސޫލަށް ޢަމަލުކުރަން ފެށުމުގެކުރިން ބަނދަރުގައި ހިނގާފައިވާ ކަންކަން ނިންމުމަށް 1 (އެކެއް) ހަފުތާގެ މުއްދަތު ދެވޭނެއެވެ.

 

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތު ހަމަވުމުން މި އުސޫލާ އެއްގޮތަށް (ށ) ގައިވާ ކަންކަންވެސް ހިންގަން ފެށޭނެއެވެ.

 

ބަނދަރު ބެލެހެއްޓުން:

 

3. (ހ) އަރިއަތޮޅު އުތުރުބުރީ މަތިވެރީ ބަނދަރު ބެލެހެއްޓުމަކީ މަތިވެރީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތަކުން ބަނދަރު ބޭނުން ކުރަންވާނީ މިއުސޫލާއެއްގޮތަށެވެ.

 

 

އިސްތިސްނާތަށް

 

4. (ހ) މިއުސޫލުގެ ދަށުން، ހާއްޞަހާލަތެއް ދިމާވެގެން ވަކި ސަރަޙައްދެއްގައި ކައުންސިލްގެ ހުއްދައާއެކު އުޅަނދެއް ކައިރިކުރުމާއި ދަޢުލަތުގެ ބޭނުމަށް ބަނދަރުގެ ވަކި ސަރަޙައްދެއް ބޭނުން ކުރުން ނުވަތަ ހުސްކުރުން ނުހިމެނޭނެއެވެ.

    (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި ވަކި ސަރަޙައްދެއް ހުސްކުރަން ޖެހިއްޖެ ހާލަތެއްގައި އެ ސަރަޙައްދުގައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ ހަވާލުވެހުރި ފަރާތަކުން އެކަން ކޮށްދެއްވާނެއެވެ.

   (ނ) ދޯނިފަހަރު މަރާމާތުކުރުމަށް ދޯނިފަހަރުން ބާލާ ބަހައްޓާ ތަކެތި ނުވަތަ އެހެނިހެން ތަކެތި ކައުންސިލްގެ ހުއްދައާއެކު ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައި ބެހެއްޓިދާނެއެވެ.

 

ބަނދަރު ސަރަޙައްދު ގޮތުގައި ކަނޑައެޅިފައިވާ ސަރަޙައްދު

 

5. (ހ) ބަދަރުގެ ސަރަޙައްދު ކަމުގައި ކަނޑައަޅާފައިވަނީ، މަތިވެރީ ބަނދަރުގެ ދެފައްތޮށީގެ ބޭރު ތޮށީގެ ބޭރުކައިރިން ފެށިގެން އިރުމަތީ ކޮޅުން ޖަހާފައިވާ ހިލަ ތޮށީގެ ބޭރުކައިރި، ބަނދަރުގެ އައްދަށު ތޮށިން ފެށިގެން ދެކުނައް ކުޑަކުދިންގެ ޕާކުގެ އުތުފާރައް ތެދުކޮއް، ހުޅަނގު ތޮށިން ފެށިގެން ހުޅަނގައް އޮތް ވެލިގަނޑު ހިފެހެއްޓުމައް ޖަހާފައިވާ ތޮށީފެ ބޭރު ކައިރިއާއި ހަމައަށެވެ.

    (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަޙައްދުގެ ތެރެއިން ވަކި ގޮތަކަށް ކަނޑަނާޅާ ސަރަޙައްދެއްގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ.

 

އުޅަނދުފަހަރު އަޅާ ސަރަޙައްދުތައް:

 

6.       (ހ) މިއުސޫލުގެ ދަށުން ހިނގޭ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ބަނދަރުތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްޞަ ސަރަޙައްދުތައް ވަކިވަކިން އެގޭގޮތަށް އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލުން ޢާންމުކޮށް ފެންނާނެހެން ބެހިއްޓިފައިހުންނާނެއެވެ.

އުޅަނދުތައް އެޅުމަށް  ޙާއްޞަކުރެވިފައިވާ ސަރަޙައްދުތައް

 

 

 

ބަނދަރުތެރޭގައި ވާ އެޅުމާއި އެއްގަމަށް ވާ އެއްސުމާއި ލޮތާރިލުން:

 

7. (ހ) އުޅަނދުތަކުގެ ވާ އައްސަންވާނީ ވާ އެއްސުމަށް ޙާއްޞަ ކުރެވިފައިވާ ބުޑު ތަކާއި ވާޓަރު ތަކުގައި ވާ އެއްސުމަށް ޙާއްޞަ ކުރެވިފައިވާ ތަންތަނުގައެވެ. އަދި ބުޑުތަށް ފާހަގަކުރުމަށް އެއްސިފައިހުރި ބޮއެއްގެ ވަލުގައި ވާ އެއްސުމަކީ މަނާ ކަމެކެވެ.

 

(ށ) އެއްވެސް އުޅަނދަކުން ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް އަޅައިގެން ނުވާނެއެވެ.

 

 
 

މުދާ ބާލާ ސަރަޙައްދާއި މުދާ ބޭލުމާއި މުދާ ބަރުކުރުން:

 

 

 

8. (ހ) މިސަރަޙައްދު ކަނޑައެޅިފައިވަނީ ހަމައެކަނި އުޅަނދުފަހަރު މުދާ އަރުވަން ނުވަތަ ބޭލުމަށް ތޮށިގަނޑާއި ކައިރިކުރުމަށެވެ. މިނޫން ބޭނުމެއްގައި އެއްވެސް އުޅަނދެއް މިސަރަޙައްދުގައި ބޭއްވުމަކީ މަނާކަމެކެވެ.

(ށ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ، ބާއްވަންވާނީ އެ ސައިޒަކަށް ކަނޑައެޅިފައިވާ އުޅަނދުފަހަރަށް ޙާއްސަ ސަރަޙައްދެއްގައެވެ.

(ނ) ހުރިހާ ވައްތަރެއްގެވެސް މުދަލެއްވެސް ބާލާ ބަހައްޓަންވާނީ ތޮށިގަނޑާއި 10 ފޫޓު ދުރުމިނުގައި ކައުންސިލުން ކަނޑައަޅާ ހިސާބެއްގައެވެ. މުދާ ބާލަން ޚާއްސަ ސަރަޙައްދުގައި މުދާ ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރަށެވެ. 48 ގަޑިއިރަށްވުރެ އިތުރުވާނަމަ ކައުންސިލްގެ ހުއްދަ ނަގަންވާނެއެވެ.

 

(ރ) ސިމެންތި، ހިލަ، ހިލަވެލި، ދޮންވެލި، އަކިރި، ގެރިގުއި ފަދަ ތަކަތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ބަނދަރުގެ ސަރަޙައްދަކަށެވެ. މިފަދަ ތަކެތި ބާލަންވާނީ އެ ސަރަޙައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 5  ގަޑިއިރު ތެރޭ އެ ސަރަޙައްދު ސާފުކުރަންވާނެއެވެ.

(ބ) މިމާއްދާގެ (ރ) ގައި ވާ މުއްދަތުތެރޭގައި ސާފު ނުކޮށްފިނަމަ މުދާ ބެހެއްޓިފައި ހުރިސަރަޙައްދުބަލާ ދުވާލަކަށް އަކަ ފޫޓަކަށް 20  (ރުފިޔާ) މި ކައުންސިލަށް ދައްކަންވާނެއެވެ.

(ޅ) މި ސަރަޙައްދުގައި ފައްތިޔާ އެޅުމާއި ވައު ދޫކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ.

 

މަސް ބޭލުމަށް ޙާއްސަ ސަރަޙައްދު

 

 

9.   (ހ) މި ސަރަޙައްދު ކަނޑައެޅިފައިވަނީ މަސް ބާނައިގެން އަންނަ އުޅަނދުފަހަރު މަސް ބޭލުމަށް ގާތްކުރުމަށެވެ

      (ށ) މަސް ކެނޑުމާއި މަސް ވިއްކާ ހަދަންވާނީ މިކަމަށް ޙާއްޞަކުރެވިފައިވާ ސަރަޙައްދުގައެވެ. ބަނދަރުގެ އެހެން ސަރަޙައްދެއްގައި މަސް ބެހެއްޓުމާއި މަސް ކެނޑުމާއި މަސް ވިއްކާ ހެދުމަކީ މަނާކަމެކެވެ.

      (ނ) މަސް ބޭލުމަށް އަންނަ އުޅަނދު މަސް ބޭލުވުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަންވާނީ އެ ސައިޒަކަށް ކަނޑައެޅިފައިވާ އުޅަނދުފަހަރަށް ޙާއްސަ ސަރަޙައްދެއްގައެވެ.

      (ރ) މަސްބާލާ ނިމުމުން އެ އުޅަނދަކުން ވާޓަރުމައްޗާއި މަސް ބޭލި ސަރަޙައްދު ސާފުކުރަންވާނެއެވެ.

      (ބ) މިސަރަޙައްދުގައި ފައްތިޔާ އެޅުމާއި ވާ ދޫކޮށްފައި ބޭއްވުމަކީ މަނާކަމެކެ.

 

އުޅަނދު މަރާމާތުކުރުމަށް ޙާއްޞަ ސަރަޙައްދު

 

 

10.   (ހ) މި ސަރަޙައްދަކީ ކުދި ބޮޑު އުޅަނދު ފަހަރު ބަނދަރުގައި ބާއްވައިގެން މަރާމާތުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެވެ.

      (ށ) މި ސަރަޙައްދުގައި ކުރާ މަސައްކަތެއްގެ ނުވަތަ ބޭނުންކުރާ މައުދަނެއްގެ ސަބަބުން ޞިއްޙީ ގޮތުން ގެއްލުމެއް އެހެންފަރާތަކަށް ފޯރާނެފަދަ ގޮތަކަށް މަސައްކަތް ކުރަންވެއްޖެނަމަ އެކަމާއި ގުޅޭގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު އަޅަންވާނެއެވެ.

      (ނ) މި ސަރަޙައްދަށް އުޅަނދެއް މަރާމާތަށް ގާތްކުރެވޭނީ ކައުންސިލުން ހުއްދަ ލިބުމުންނެވެ

      (ރ) މަރާމާތަށް ކޮންމެ އުޅަނދަކަށްވެސް މި ސަރަޙައްދުގައި ބޭއްވޭނީ ގިނަވެގެން 5 ދުވަހަށެވެ. 5 ދުވަހަށްވުރެ އިތުރުވާނަމަ މި ސަރަޙައްދުގައި އެ އުޅަނދަކަށް ބޭއްވޭނީ މުއްދަތު އިތުރުވާ ސަބަބު ކައުންސިލަށް ހުށައަޅާ އެ އުޅަނދެއް ބޭއްވުމަށް ކައުންސިލުން ހުއްދަ ދީގެނެވެ.

 

ތެޔޮ ބާޖް / ރޭގަނޑު މަޑުކުރާ އުޅަނދުތަކަށް ޙާއްޞަ ސަރަޙައްދު

 

 

11.   (ހ) މި ސަރަޙައްދު ޙާއްސަކުރެވިފައިވަނީ ތެޔޮ ބާޖް އަދި ޙާއްސަކޮށް ރޭގަނޑު މަޑުކޮށްލުމަށް އަންނަ  10-20 މީޓަރުގެ އުޅަނދުފަހަރަށެވެ.

      (ށ) މި ސަރަޙައްދަށް ތެޔޮ ބާޖް ގާތްކުރެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެނެވެ.

      (ނ) ރޭގަނޑު މަޑުކޮށްލުމަށް އަންނަ އުޅަނދުފަހަރު މިސަރަޙައްދުގައި ބޭއްވޭނީ 17:00 އާއި 08:00 އާއި ދެމެދުގެ ވަގުތުތަކުގައެވެ. މިނޫން ވަގުތުތަކުގައި ތެޔޮ ބާޖް ފިޔަވާ އެއްވެސް އުޅަނދެއް މި ސަރަޙައްދުގައި ބޭއްވުމަކީ މަނާކަމެކެވެ.

      (ރ) މި ސަރަޙައްދުގައި ފައްތިޔާ އެޅުމާއި ވާ ދޫކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ.

 

  

ލަފާފުރުމަށް ޙާއްސަ ސަރަޙައްދު

 

 

12.   (ހ) މި ސަރަޙައްދަކީ ހަމައެކަނި ލަފާފުރުމަށް ޙާއްސަ ސަރަޙައްދެވެ.

     (ށ) މި ސަރަޙައްދުގައި އެއްވެސް އުޅަނދެއް މަޑުކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ.

     (ނ) މި ސަރަޙައްދުގައި ފައްތިޔާ އެޅުމާއި ވާ ދޫކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ

 

ކުދި އުޅަނދުތަކަށް ޙާއްސަ ސަރަޙައްދު

 

 

13.  (ހ) މި ސަރަޙައްދު ޙާއްސަ ކުރެވިފައިވަނީ 10 މީޓަރުން ފެށިގެން ކުދި އުޅަނދުފަހަރު ފައްތިޔާ ކުރުމަށެވެ.

    (ށ) މި ސަރަޙައްދުގައި ކޮންމެ އުޅަނދެއްވެސް ބާއްވަންވާނީ ތޮށިގަނޑު ހުރަހަށެވެ.

 

 

10-20 މީޓަރުގެ އުޅަނދުތައް ފައްތިޔާކުރުމަށް ޙާއްސަ ސަރަޙައްދު

 

 

14.  (ހ) މި ސަރަޙައްދު ޙާއްސަ ކުރެވިފައިވަނީ 10-20 މީޓަރުގެ އުޅަނދުފަހަރު ފައްތިޔާ ކުރުމަށެވެ.

    (ށ) މި ސަރަޙައްދުގައި ކޮންމެ އުޅަނދެއްވެސް ބާއްވަންވާނީ ތޮށިގަނޑު ހުރަހަށެވެ.

 

21 މީޓަރުން ފެށިގެން ބޮޑު އުޅަނދުތަކަށް ޙާއްސަ ސަރަޙައްދު

 

 

15.  (ހ) މި ސަރަޙައްދު ޙާއްސަ ކުރެވިފައިވަނީ 21 މީޓަރުން މަތީގެ ބޮޑެތި އުޅަނދުފަހަރަށެވެ.

    (ށ) މި ސަރަޙައްދުގައި ކޮންމެ އުޅަނދެއްވެސް ބާއްވަންވާނީ ތޮށިގަނޑު ހުރަހަށެވެ.

 

އުސޫލާއި ހިލާފްވާ ފަރާތްތަކާއިމެދު ޢަމަލުކުރާނެ ގޮތް

 

16.  (ހ) އެހެން ޤާނޫނަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މިއުސޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މިއުސޫލު ގައި ހިމެނިފައިވާކަމެއް ކުރުމުން، މި އުސޫލުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެކުށެއް ކުރި ފަރާތަކާމެދު ޢަމަލުކުރުމުގެ އިޚުތިޔާރު އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަށް ލިބިގެން ވެއެވެ.

        1. ފުރަތަމަ ފަހަރު ހިލާފްވެއްޖެނަމަ، އެފަރާތަކަށް އަނގަބަހުން އެކަން އަނގާ އިސްލާހުކުރަން އެނގުން، އުޅަނދެއްނަމަ އެ އުޅަނދެއްގެ ވެރި ފަރާތް ނުވަތަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތަކަށް އެނގުން

        2. އަނގަބަހުން ނަސޭހަތްދީގެން އިސްލާހުނުކޮށްފިނަމަ އެފަރާތަކާއިމެދު ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށް އެކަން އަންގާ ލިޔުމެއް ޢާންމުކޮށް ފެންނާނޭ ގޮތަށް އެ އުޅަނދުގައި ހަރުކުރުން. އަދި އެކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް ގެނައުން. އަދި ޖޫރިމަނާތަށް ދައްކަންދެން ބަނދަރުންނާއި ދޯނި އެހެލާ ބަނދަރުން އަދި ކައުންސިލްގެ އިދާރާއިން އުޅަނދުތަކަށް ފޯރުކޮށްދޭ ހިދުމަތްތަކުން އެކަހެރިކުރެވޭނެއެވެ.

     (ށ) އުސޫލާއި ހިލާފްވާ ރަޖިސްޓްރީ ނުކޮށްހުރި އުޅަނދުތަކާއިމެދު ޢަމަލުކުރެވޭގޮތް:

        1. ފުރަތަމަ ފަހަރު ހިލާފްވެއްޖެނަމަ، އުޅަނދެއްގެ ނުވަތަ އެ އެއްޗެއްގެ ވެރި ފަރާތް ނުވަތަ ހަވާލުވެ ހުރި ފަރާތަކަށް އަނގަބަހުން އެކަން އަނގާ އިސްލާހުކުރަން އެނގުން، ވެރިފަރާތް ކަށަވަރު ނުވާނަމަ އެކަން އަންގާ ލިޔުމެއް ޢާންމުކޮށް ފެންނާނޭ ގޮތަށް އެ އުޅަނދުގައި ހަރުކުރުން. އަދި ވެރިފަރާތް ހޯދުމަށް ޢާންމުކޮށް އިއުލާން ކުރުން

        2. އަނގަބަހުން އަނގައިގެން 3 ގަޑިއިރުތެރޭ އިސްލާހުނުކޮށްފިނަމަ ލިޔުމުން ނަސޭހަތްދީ އެކަން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް ގެނައުން،  އަދި އެ ލިޔުމެއް ޢާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހަރުކުރެވޭނެއެވެ. އަދި ބަނދަރުންނާއި ދޯނި އެހެލާ ބަނދަރުން އަދި ކައުންސިލްގެ އިދާރާއިން އުޅަނދުތަކަށް ފޯރުކޮށްދޭ އެންމެހާ ހިދުމަތްތަކުން އެކަހެރިކުރެވޭނެއެވެ. މިފަދަ އުޅަނދުތަކަށް ހިދުމަތްތަށް އަލުން ފޯރުކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

މާނަކުރުން

 

 

17.   މި އުސޫލުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު، އަންނަނިވި ބަސްތަކާއި ޢިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

     (ހ) "ކައުންސިލް" މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ ދަށުން އިންތިޚާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަށެވެ.

     (ށ) "ބަނދަރު ސަރަޙައްދު" ކަމަށް ބުނެފައި އެވަނީ މި އުސޫލުގެ 5 ވަނަ ންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަޙައްދަށެވެ.

    

 

 

27 އޮކްޓޫބަރު 2021
ހޯދާ