އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކ. ރަސްފަރީގެ ފަރަށް "އެމް.ވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން.

                                                                             ނަންބަރު: 203-ERC/1/2021/1

ނޫސްބަޔާން

ކ. ރަސްފަރީގެ ފަރަށް "އެމް.ވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން.

 

19 އޯގަސްޓް 2021 ގައި ކ. ރަސްފަރީގެ ފަރަށް "އެމް.ވީ ނެވިއޯސް އެމެރައިލިސް" ނަމަކަށް ކިޔާ އުޅަނދު (އައި.އެމް.އޯ ނަންބަރު:9423487) އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 100,000,000.00 (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 25 އޮކްޓޫބަރު 2021 ގައި ވަނީ އެންގިފައެވެ.

އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއާއި އެމް.އެން.ޑީ.އެފް އާއި ގުޅިގެން އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވެއެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 8867   އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 893,952,569.83 ( އަށްސަތޭކަ ނުވަދިހަ ތިން މިލިއަން ނުވަލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވައެއް ރުފިޔާ އަށްޑިހަ ތިންލާރި) އެވެ. ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކާ ޚަލާސްކުރުމަށް އަންގާފައިވާނެއެވެ.

އަދި، ކ. ރަސްފަރީގެ ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޤާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ޝަރީޢަތް މެދުވެރިކޮށް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ވަނީ ފެށިފައެވެ.

ކ. ރަސްފަރިއާއި އެ ރަށުގެ ވަށައިގެންވާ ފަރަކީ ޤާނޫނު ނަންބަރު:4/93 ގެ ދަށުން 27 ސެޕްޓެމްބަރު 1995 އިން ފެށިގެން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެކެވެ.

20 ރަބީޢުލްއައްވަލް 1443

26 އޮކްޓޫބަރު 2021

26 އޮކްޓޫބަރު 2021
ހޯދާ