އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

                              

                                                    ނަންބަރު:(PR)203-ERC/1/2021/10

ނޫސް ބަޔާން

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

އެނގިވަޑައިގަންނަވާނެ ފަދައިން އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވ"ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުފައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-25) ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫންޏެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ މިއެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެކެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ މި އެޖެންސީއަށް ލިބެމުންދާތީވެ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް ނަސޭހަތްތެރިވަމެވެ.

ހަމައެެހެންމެ، ރާއްޖެ ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ދޫންޏަކީވެސް މި ދުވަސްވަރު ގިނަ ޢަދަދަކަށް ރާއްޖެއަށް ހިޖުރަކުރާ ދޮންދޫނިމޫސުމަށްވެފައި، މިފަދަ ބާވަތުގެ ދޫންޏަކީ މަދިރި ކޮންޓްރޯލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކަށްވާތީވެ، މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި މި ފަދަ ދޫނިތައް އަދާކުރާ ދައުރަކީ ނުހަނު މުހިންމުކަމެއް ކަމަށްވާތީވެ، މިފަދަ ހުރިހާ ބާވަތެއްގެ ދޫނިތައް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ދަންނަވަމެވެ.

އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރު: 4/93  ގެ ދަށުން ހެދިފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއ ބަދަލު ހޯދުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު: 2011/R-9) އާއި "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުފައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-25) ގެ  ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، މި ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުން އެދެމެވެ. އަދި، މިހާރުވެސް އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

29 ޞަފަރު 1443

06 އޮކްޓޯބަރ 2021

 

 

                                                                                                                                  

06 އޮކްޓޫބަރު 2021
ހޯދާ