ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކައުންސިލިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު)ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 1. ތަޢާރަފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މިއޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާއި އަނިޔާލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި ހަމަ އެހެންމެ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު އުފެދުމުގެ މަގްސަދު ހާސިލްކުރުމަށް މަސައްކަތްކުރުމަކީވެސް މި އޮތޯރިޓީގެ އަމާޒެކެވެ. މިގޮތުން، މި އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާރުކުރުމެއްނެތި، ހަމަހަމަކަމާއެކު ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ. ވުމާއެކު މި ގާނޫނުގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަ ވުމަށް ބޭނުންވާ ކައުންސިލިންގ ގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމައް އޮތޯރިޓީން ގަސްދުކުރަމެވެ.  

އަދި، ގާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު)ގެ  (64) ވަނަ މާއްދާގެ ދަށުން، ޖިންސީ ކުށުގެ ޝިކާރައަށްވާ ފަރާތަށް ނަފްސާނީ ގޮތުން ދިމާވެދާނެ އުނދަގުލެއް ލުއި ކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ  އޮތޯރިޓީގެ ހަރަދުގައި، އޮތޯރިޓީން އިންތިޒާމް ކުރާ އުސޫލެއްގެ މަތިން، އޮތޯރިޓީން ކަނޑައަޅާ ތަނެއް ނުވަތަ ބަޔަކު މެދުވެރިވެގެން ހަމަޖައްސާދިނުމަށް ވަނީ ބަޔާންކޮށްފައެވެ.

ވީމާ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ކައުންސެލިންގ ގެ ހިދުމަތް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

2. މަގްސަދު

މި މަސައްކަތަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އަދި 17/2014 (ޖިންސީ ކުށުގެ ގާނޫނު)ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ނަފްސާނީ އެހީ ފޯރުކޮއްދޭނެފަރާތެއް ހޯދުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މި ހިދުމަތް ފޯރުކޮށްދިނިމުގެ މަގްސަދަކީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ނަފްސާނީ ގޮތުން ދިމާވެދާނެ އުނދަގޫތައް ލުއިކޮށްދިނުމާއި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

 3.  ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު

  • ހިދުމަތްފޯރުކޮށްދޭން އެދޭ އޯގަނައިޒޭޝަންގެ ޕްރޮފައިލް (އެފަރާތަކުން ފޯރުކޮށްދޭ ނަފްސާނީ ހިދުމަތްތައް ތަފްސީލްކޮށް އެނގޭގޮތަށް ބަޔާންކުރެވިފައިވާންވާނެއެވެ).
  • ހިދުމަތްފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވާނެ ފަރާތްތަކުގެ ކްރައިޓީރިއާ (ހިދުމަތް ފޯރުކޮށްދޭ އޯގަނައިޒޭޝަނުން މިފަދަ ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ހޯދުމުގައި ބަލާ ތައުލީމީ އަދި ތަޖުރިބާގެ މިންގަނޑުތައް ހިމަނަންވާނެއެވެ.)
  • ހިދުމަތް ފޯރުކޮށްދިނުމުގެ އަގު ތަފްސީލްކޮށް އެނގޭ ގޮތަށް ބަޔާން ކޮށްފައި ވާންވާނެއެވެ. މިގޮތުން ސިންގަލް ސެޝަނެއް ނުވަތަ ތެރަޕީ ޕެކޭޖްތަކުގެ އަގުތައް ވަކިން ބަޔާން ކުރަންވާނެއެވެ.

 

 4. ޕްރޮޕޯސަލް ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ އޯގަނައިޒޭޝަނަކީ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. މިބައިގައި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ކައުންސެލިންގ ނުވަތަ ތެރަޕީ ދިނުމުގެ ތަޖުރިބާތަކަށް ބެލޭނެއެވެ. މި ގޮތުން ކުރިމަތިލާ އޯގަނައިޒޭޝަންގެ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކާއި، ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

25%

ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ފެންވަރު: ހިދުމަތް ފޯރުކޮށްދޭން ހުށަހަޅާ އޯގަނައިޒޭޝަނުން، މިފަދަ ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ހޯދުމުގައި ބަލާ ތައުލީމީ އަދި ތަޖުރިބާގެ މިންގަނޑުތައް ހުށަހަޅަންވާނެއެވެ.

20%

ޓެކްނިކަލް ޕްރޮޕޯސަލް: ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތް ހިމަނަންވާނެއެވެ. މިގޮތުން އޮތޯރިޓީއިން ރިފަރ ކުރާ ކްލައިންޓްގެ އެސެސްމެންޓް ހަދާނެގޮތާއި، ކައުންސިލިންގ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލާނެ މިންގަނޑުތަށް ހިމަނަންވާނެއެވެ.

30%

އަގު: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

25%

 

5. މަސައްކަތުގެ މުއްދަތު

މި މަސައްކަތުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ 1 އަހަރު ދުވަހުގެ މުއްދަތެވެ.

 6. ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ.

ހިދުމަތް ފޯރުކޮށްދޭ އޯގަނައިޒޭޝަންގެ މައުލޫމާތު

  • ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ
  • ވިޔަފާރި/ކުންފުންޏެއްނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ސެޓްފިކެޓްގެ (އެސް.އެމް.އީ ރަޖިސްޓްރީ) ކޮޕީ
  • މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި، މަސައްކަތުގެ ތަޖުރިބާތަކަށް ބެލޭނެއެވެ.
  • މެނޭޖްމަންޓް ޓީމްގެ މައުލޫމާތު، އަދި އޮތޯރިޓީން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރާނެ ފަރާތުގެ މައުލޫމާތު
  • މި އޮތޯރިޓީން އެދޭ ހިދުމަތްތައް ފޯރުކޮއްދިނުމުގައި ޝާމިލުވާނެ ޓީމްގައި ހިމެނޭ މުވައްޒަފުންގެ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
  • ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
  • ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.
  • މިފަދަ ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ހޯދުމުގައި ބަލާ ތައުލީމީ އަދި ތަޖުރިބާގެ މިންގަނޑުތައް ހުށަހަޅަންވާނެއެވެ.

ޓެކްނިކަލް ޕްރޮޕޯސަލް

  • މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
  • މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހިމަނަން ވާނެއެވެ. މިގޮތުން އޮތޯރިޓީއިން ރިފަރ ކުރާ ކްލައިންޓުންގެ އެސެސްމެންޓް ހަދާނެގޮތާއި، ކައުންސިލިންގ ހިދުމަތް ފޯރުކޮށްދިނުމުގައި ބަލާނެ މިންގަނޑުތަށް ހިމަނަންވާނެއެވެ.

އަންދާސީ ހިސާބު

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަންދާސީ ހިސާބު އިވަލުއޭޓް ކުރުމަށް އިންޑިކޭޓިވް އަގުގެ ގޮތުގައި ތިރީގައިވާ ކަންކަމަށް އަގު ހުށަހަޅަންވާނެއެވެ:
  1. އިނިޝިއަލް އެސެސްމަންޓް ހެދުމުގެ އަގު
  2. ކައުންސެލިންގ ސެޝަނަކަށް ނަގާނެ އަގު (ސެޝަނުގެ ޑިއުރޭޝަން އެނގޭގޮތަށް)
  3. ތެރަޕީ ސެޝަނަކަށް ނަގާނެ އަގު (ސެޝަނުގެ ޑިއުރޭޝަން އެނގޭގޮތަށް)
  4. ކަޕްލް ކައުންސެލިންގ ސެޝަނަކަށް ނަގާނެ އަގު (ސެޝަނުގެ ޑިއުރޭޝަން އެނގޭގޮތަށް)

 7. ފައިސާ ދޫކުރުން

މި މަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ހިދުމަތްދެވޭ މިންވަރަކަށް ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

 

8. ޕްރޮޕޯސަލް ހުށަހެޅުން


މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ. ގަޑިއަށް ހާޒިރު ވެވަޑައި ނުގަންނަވާ ބޭފުޅުންގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭއެވެ. ޕްރޮޕޯސަލްތައް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.

އެޑްރެސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ހ. މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ

ސުންގަޑި: 14 އޮކްޓޫބަރު 2021، 11:00

9. އެހެނިހެން

  • ހިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ އޯގަނައިޒޭޝަންއިން، އޮތޯރިޓީއާއި މެދު މަސްލަހަތު ފުށުއަރާ ކަމެއްވާނަމަ، އެކަން އެޕްލިކޭޝަންގައި ހިމަނަންވާނެއެވެ. މިސާލަކަށް އޮތޯރިޓީގެ މުވައްޒަފަކާއި ހިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ އޯގަނައިޒޭޝަންގެ މުވައްޒަފަކު އާއިލީގޮތުން ގުޅިފައިވާނަމަ، ނުވަތަ ވިޔަފާރީގެ ގޮތުން ގުޅިފައިވާނަމަ އެކަން ހިއްސާކުރަންވާނެއެވެ.
  • ހިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރުމަށްފަހު، ހޮވޭފަރާތަކާއިއެކު އެއްބަސްވުން އެކުލަވާލާނީ ދެފަރާތުން މަޝްވަރާކޮށް، އެއްބަސްވެވޭ ހަމަތަކެއްގެ މައްޗަށެވެ.
  • މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، 12 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
04 އޮކްޓޫބަރު 2021
ހޯދާ