ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އުތުރުބައި (ދައްޕަރު) ހއ.ފިއްލަދޫގެ އިޙްތިޞާޞްއިން ވަކިކުރުމާއި ގުޅިގެން ކައުންސިލުން ނެރޭ ނޫސްބަޔާން

                   ނަމްބަރު: (PR)252/252/2021/1

 ނޫސް ބަޔާން

                      18މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ  އިޚްތިޞާޞް ހިމެނޭ ސަރަޙައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫ ދައްޕަރަކީ ހއ.ފިއްލަދޫ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެކެވެ. އެހެން ނަމަވެސް 29 އޮގަސްޓް 2021 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ ނަންބަރު 2021/5 ޤަރާރުގައި ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން، އިދާރީ ދާއިރާގެ އިޚްތިޞާޞްއިން ފިއްލަދޫދައްޕަރު، ހއ.ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކޮށްފައިވާތީ، އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން މިކައުންސިލްއާއި ހިއްޞާކުރަމުންދާތީ އާއި ފިއްލަދޫ އުތުރުބަޔަކީ މިކައުންސިލްގެ މުދާ ހުރިތަނަކަށްވެފައި، ރައްޔިތުންނަށް ޖަވާބުދާރީވުމަކީ މިކައުންސިލުން ކުރަންޖެހޭނެކަމެއް ކަމުގައިވާތީ، މިކައުންސިލުގެ މަޝްވަރާއެއްނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނަމެވެ. ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އަސާސްތައް ނެގެހެއްޓުމަށް ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ މަޝްވަރާއާއި ޙިޔާލް އަދި ރައްޔިތުންނާއި ގާތުން ކަންކަން ހިއްޞާކުރުމަށް ކައުންސިލްތަކަށް މަތިކޮށްފައިވާ ޤާނޫނީ ވާޖިބު މި ކައުންސިލުން، ރައްޔިތުންގެ ޙައްޤުގައި ފުރިހަމަޔަށް އަދާކުރާނެ ކަމުގައި ދަންނަވަމެވެ.

                   އަދި، ހއ. ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއްކަން ފާހަގަކުރަމެވެ. ފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީޚް ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ޤަބުރުސްތާނުން އެކަމަށް ހެކިދޭއިރު، އެސަރަހައްދުގައި ކޮންމެ މަޝްރޫޢުއެއް ހިންގިކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމަކީ މިކައުންސިލުން ކޮންމެހެން ކުރަންޖެހޭނެ ކައުންސިލްގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްގެ ގޮތުގައި މިކައުންސިލުން ދެކެމެވެ.  1960މގެ ދުވަސްވަރު ވުޒާރަތުލް މާލިއްޔާގެ ދަށުން ހއ. ފިއްލަދޫ ދައްޕަރާއި އެކު ހއ. އަތޮޅުން ވަރުވާއަށް ލިޔެދެއްވާފައިވާ، ކެލާ ތުނޑިއާއި ބާރަށުމާކޮޅު، އުލިގަމުކުޑަދޫ އަދި ކޮށިކޮޅު ފަދަ ތަންތަން، 1974 ގެ ފަހު ކޮޅު، އެރަށަކާއި އެއްފަސްކޮށްހުރިތަންތަން އެރަށެއްގެ ރައްޔިތުންނަށް ދައުލަތުންދެއްވި އިރު ފިއްލަދޫ ދައްޕަރުވެސް ފިއްލަދޫ ރައްޔިތުންނަށް ދެއްވާފައިވާކަން ފާހަގަކުރަމެވެ. ދެންނެވުނު ރަށްރަށުގެ ބިންތައް މިއަދު އެރަށްރަށުގެ އިޙްތިޞާޞްގައި ހިމެނިފައިވާފަދައިން، ފިއްލަދޫ އުތުރުބައި (ދައްޕަރު) އާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިޚްތިޞާޞްގައި ހިމަނައިދިނުމަށް މިކައުންސިލުން ގޮވާލަމެވެ. އަދި ފިއްލަދޫ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިޚްތިޞާޞްގައި އޮވެގެން ތަރައްޤީކުރުމަށް، ޤާނޫނީ އެއްވެސް ހުރަހެއް މިއަދު އޮތްކަމަކަށް މިކައުންސިލުން ނުދެކެމެވެ.

                           23 މުޙައްރަމު 1443

                           31 އޮގަސްޓް 2021

31 އޮގަސްޓް 2021
ހޯދާ