މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫގައި ގެސްޓްހައުސް ވިޔަފާރީގެ ހަރަކާތްތައް ހިންގުމާބެހޭ އުޞޫލު

މި އިޢުލާންވަނީ 27 ސެޕްޓެންބަރު 2021 11:36 ގައި ބާތިލް ކުރެވިފައެވެ.


 

 

 c

 

 

  

 

 

         މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ

 

ބ. ކަމަދޫ ، ދިވެހިރާއްޖެ.

 

Secretariat of the South Maalhosmadulu Kamadhoo Council

 

Baa.Kamadhoo, Republic of Maldives

މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫގައި ގެސްޓްހައުސް ވިޔަފާރީގެ ހަރަކާތްތައް ހިންގުމާބެހޭ އުޞޫލު

1-ތަޢާރަފް

މިއުޞޫލަކީ ދިވެހިރާއްޖޭގެ ޓުއަރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/99) ގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ޓުއަރިސްޓް ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމާއި، އެފަދަ ގެސްޓް ހައުސްތަކުން ލިބެން ހުންނަންޖެހޭ ފަސޭހަ ތަކުގެ މިންގަނޑާއި އެފަދަ ގެސްޓް ހައުސްތަކުން ލިބެން ހުންނަން ޖެހޭ ޚިދުމަތްތައް ކަނޑައެޅުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކުލަވާ ލާފައިވާ ޤަވާއިދު ނެގެހެއްޓުމުގެ ގޮތުން އެކުލަވާ ބ.ކަމަދޫގައި ގެސްޓް ހައުސްގެ ހަރަކާތްތައް ހިންގުމާބެހޭ މައިގަނޑު އުޞޫލެވެ. މިއުޞޫލު ފާސްކުރެވިފައި އެވަނީ ކަމަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 11 ވަނަ ޢާއްމު ޖަލްސާ އެޖެންޑާރ ނަންބަރ 05، 04 އޮގަސްޓް 2021 ވީ ބުދަ ދުވަހުއެވެ. މިއުޞޫލަށް އަމަލު ކުރަން ފަށާނީ މިޢުޞޫލު އާންމު ކުރެވޭދުވަހުން ފެށިގެންނެވެ.

2-ގެސްޓްހައުސް ވިޔަފާރި ހިންގުން:

(ހ) ގެސްޓްހައުސް ވިޔަފާރި ހިންގަން ޖެހޭނީ ދިވެހިރާއްޖޭގެ ޓުއަރިޒަމާއިބެހޭ ޤާނޫނު (ޤާނޫން ނަންބަރު 2/99) ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކުލަވާލާފައިވާ ދިވެހިރާއްޖޭގައި ގެސްޓް ހައުސް ހިންގުމާއިބެހޭ ޤަވާއިދާއި، އަދި އެޤަވާއިދުގެ ދަށުން ކަމަދޫ ކައުންސިލުން އެކުލަވާލާފައިވާ ކަމަދޫގައި ގެސްޓްހައުސްގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމާބެހޭ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ގެސްޓްހައުސްގެ ވިޔަފާރި ހިންގަން ޖެހޭނީ އެވިޔަފާރި ކުރުމަށް މިނިސްޓްރީ އޮފް ޓްއަރިޒަމް އިން ދޫކުރާ ހުއްދަ ހޯދުމަށްފަހުއެވެ.

3-ގެސްޓްހައުސް ތަކަށް އަންނަ ފަތުރުވެރިންގެ އެންމެހާ ކަންތައްތަކަށް ޒިންމާވުން.

(ހ) ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ކޮންމެ ގެސްޓް ހައުސްއެއް ހިންގާ ފަރާތުން ފުރިހަމަ މެހެމާންދާރީއެއް އަދާކުރަން ވާނެއެވެ. ގެސްޓް ހައުސްތައް މެދުވެރިކޮށް ރަށަށް އަންނަ ފަތުރުވެރިންނަކީ ހިތްހަމަ ޖެހުމާއިއެކު ޗުއްޓީ ހޭދަ ކޮށްލެވޭ ބަޔަކަށް ހެދުމަށް ގެސްޓްހައުސްތައް ހިންގާ ފަރާތުންނާއި ކައުންސިލުން މަސައްކަތް ކުރަންވާނެއެވެ.

(ށ) ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރަށާބެހޭ ފުރިހަމަ މަޢުލޫމާތާއި، އަދި މިރަށުގައި ހަރަކާތްތެރިވެ އުޅެވޭނޭ ގޮތްތަކުގެ މަޢުލޫމާތާއި، ފަތުރުވެރިންނަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދުގެ މަޢުލޫމާތު ގެސްޓް ހައުސްތައް ހިންގާފަރާތްތަކުން އެގެސްޓް ހައުސްތަކަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

(ނ)ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނިވާކަންކުޑަ ގޮތްގޮތައް ހެދުން އެޅުމާއި، ޢާއްމުންނަށް ފެންނަ ގޮތްގޮތަށް އިސްލާމްދީން ނޫން އެހެން ދީންތަކަށް އަޅުކަން ކުރުމުގެ ހަރަކާތްތައް ހިންގުމާއި، ހާމަ ތަންތަނުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވަޢިދުތަކާއި ހިލާފު ކަންކަން ކުރުމާއި، އެފަދަ އެއްވެސް ކަމަކަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ. އަދި މިފަދަ އަމަލެއް އެއްވެސް ފަތުރުވެރިއެއް ހިންގައިފިނަމަ އެކަމުގެ ޒިންމާ ގެސްޓްހައުސްތައް ހިންގަވާ ފަރާތްތަކުން ނަންގަވަން ޖެހޭނެއެވެ. އަދި އެފަދަ އަމަލެއް ހިންގައިފި ކަމުގެ މަޢުލޫމާތު ކައުންސިލަށް ލިބިއްޖެނަމަ އެކަމެއް ތަހުޤީޤުކޮށް ސާބިތުވާނަމަ އެއަމަލެއްގެ ކުޑަބޮޑު މިނަށްބަލައި، އެޢަމަލެއް ހިންގި ފަތުރުވެރިއެއް

ނިސްބަތްވާ ގެސްޓްހައުސްއެއް ހިންގާފަރާތެއް 1000.00 (އެއްހާސް) ރުފިޔާއާއި، 5000.00 (ފަސްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. ގެސްޓްހައުސްތަކަށް ނިސްބަތްވާ މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކު ހިންގާ ހަރަކާތަކުން ނުވަތަ ކުރާ ކަމަކުން ޖިނާއީ ނުވަތަ މަދަނީ ކުށަކަށް ހުށަހެޅޭނެފަދަ އަމަލެއް ހިންގައިފިނަމަ އެކަމެއް ތަހުޤީޤު ކުރުމަށް ކަމާބެހޭ ފަރާތައް ހުށަހެޅޭނެއެވެ.

(ރ) ގެސްޓްހައުސްއަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ފަރާތުން ނުވަތަ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުން ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާއިދުތަކާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

4-ގެސްޓްހައުސްތަކުގެ މުވައްޒަފުންނާއި، ފަތުރުވެރިން ޢާއްމު ސަރަޙައްދު ތަކުގައި ހަރަކާތްތެރިވުމާއި، ކުޅިވަރު ކޯޓްތަކާއި، ޕާކްފަދަ ތަންތަން ބޭނުންކުރުން.

(ހ) ގެސްޓްހައުސްތައް މެދުވެރިކޮށް ރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، މުވައްޒަފުންނަށް ރަށުގެ ހުރިހާ ސަރަޙައްދެއްގައި ހަރަކާތްތެރިވެވޭނެއެވެ. ނަމަވެސް ޢާއްމު ސަރަޙައްދުތަކުގައި ނިވާކަންކުޑަ ހެދުން ލައިގެން އުޅުމަކީ މަނާކަމެކެވެ.

(ށ) ގެސްޓްހައުސްތަކަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޙާއްޞަ ބީޗެއް ރަށުގެ ގޮނޑުދޮށުގެ ވަކި ސަރަޙައްދަކުން ކަނޑައެޅޭނެއެވެ. މިގޮތުގެމަތީން ކަނޑައެޅޭ ސަރަޙައްދެއް މެނުވީ ދާއިމީ ޓްއަރިސްޓް ބީޗެއްގެ ގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި މިސަރަޙައްދު ބޭނުންކުރާ ގެސްޓްހައުސްތަކުން މިޢުޞޫލުގައި ބަޔާންކުރާ ފީތައް ކައުންސިލަށް ދައްކަވަން ޖެހޭނެއެވެ.

(ނ) ރަށުގެ ކުޅިވަރު ކޯޓްތަކާއި، ޢާއްމު ޕާކުފަދަ ތަންތަން ގެސްޓްހައުސްތަކުގެ ފަތުރުވެރިންނަށް ބޭނުންކުރެވޭނެއެވެ. ނަމަވެސް މިފަދަ ތަންތަނުން ފުރަތަމަ އިސްކަންދެވޭނީ ރަށުގެ ރައްވެހީންނަށެވެ. އަދި އެފަދަ ތަންތަން ގެސްޓްހައުސްތަކުގެ ފަތުރުވެރިން ބޭނުންކުރާނަމަ އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގައި ގެސްޓްހައުސްތައްހިންގަވާ ފަރާތަތަކުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ.

(ރ) ގެސްޓްހައުސް ހިންގާ ފަރާތްތަކުން ކައުންސިލުން ކަނޑައަޅާ ބީޗު ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ގޮތުން ހަޓުފަދަ ތަންތަން ހެދުމުގެ ހުއްދަ ކައުންސިލުން ދެވިދާނެއެވެ. އަދި އެފަދަ ތަނެއް އިމާރާތް ކުރަންވާނީ އެކަމެއް ކައުންސިލަށް ލިޔުމުން ހުށަހަޅާ ހުއްދަ ލިބިގެން، ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައެވެ. އަދި މިފަދަ ތަންތަން ވާންޖެހޭނީ ޢާއްމުކޮށް ހުރިހާ ފަރާތަކަށް ފީއަކާއިނުލާ ބޭނުން ކުރެވޭނޭ ތަންތަނަށެވެ. އަދި އެފަދަ ތަންތަނަކީ އެތަނެއް އިމާރާތް ކުރާ ފަރާތްތަކަށް އެއްވެސް ގޮތަކުން ރަޖިސްޓްރީއެއް ހަދާދެވޭނޭ ތަންތަނެއް ނޫނެވެ. އަދި އެފަދަ ތަންތަން ބެލެވޭނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކައުންސިލްގެ ތަންތަން ގޮތުގައެވެ. އަދި އެފަދަ ތަންތަން ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް ހަދާނަމަ އެޕްލޭންއެއް ހަދާނީ މިކައުންސިލުންނެވެ. އަދި އެފަދަ ތަންތަން ބޭނުންކުރަންވާނީ ހުރިހާ ފަރާތަކަށްވެސް ހަމަހަމަ ޢުޞޫލުން ބޭނުންކުރެވޭ ގޮތުގެ މަތީންނެވެ. އަދި މިފަދަ ތަންތަން އެއްބަޔަކު ބޭނުންކުރަން ތިއްބާ އެބަޔަކަށް އުނދަގޫވާ ގޮތަކަށް އަނެއް ބަޔަކު ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތަކުން މިފަދަ ތަންތަނުގައި ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގާނަމަ އެހިނގާ ވިޔަފާރި މުޢާމަލާތެއްގެ ފުރިހަމަ މަޢުލޫމާތު މިކައުންސިލަށް ހުށަހަޅަން ވާނެއެވެ. އަދި ވިޔަފާރީގެ މުޢާމަލާތެއް ހިންގާނަމަ އެހިންގާ ހަރަކާތަކަށް މިކައުންސިލުން ކަނޑައަޅާ ފީއެއް އެހަރަކާތް ހިންގާ ފަރާތްތަކުން މިކައުންސިލަށް ދައްކަން ޖެހޭނެއެވެ. އަދި މިފަދަ ތަންތަން ނަގަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އެއްވެސް ޝަރުޢީ ބަދަލަކާއިނުލާ ނެގުމުގެ ނުވަތަ ބަންދުކުރުމުގެ ފުރިހަމަ އިޙްތިޔާރާ ބާރު ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި މިފަދަ ތަންތަނުގައި ދިވެހި ރާއްޖޭގެ ޤާނޫނާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

5-ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދޭތެރޭ ޢާއްމުން އަމަލުކުރަންވާނެގޮތް:

(ހ) ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ނުވަތަ ގެސްޓް ހައުސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށުގެ ޢާއްމުން ޢިހްތިރާމް ކުރަންވާނެއެވެ. އަދި އެމީހުންނަށް ފޮށެ، ފުރައްސާރަކޮށްގެން ނުވާނެއެވެ. އަދި ދިވެހި ރާއްޖޭގެ ޤާނޫނުތަކުން އެންމެނަށް ކަށަވަރު ކޮށްދޭ މިނިވަންކަމާއެކު ރަށުގައި އުޅެވޭނޭ މާހައުލެއް އެފަރާތްތަކަށް ޤާއިމްކޮށްދިނުމުގައި ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ.

(ށ) ރަށުގެ އެއްވެސް ފަރާތަކުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިޔަކާއި ދޭތެރޭ ނުވަތަ ގެސްޓް ހައުސްއެއްގެ މުވައްޒަފަކާއި ދޭތެރޭ އަމަލުކުރާ ގޮތެއްގެ ސަބަބުން އެކަން ޖިނާޢީ ނުވަތަ މަދަނީ ކުށަކަށް މަގުފަހިވާނަމަ އެކަމެއް ތަޙުޤީޤު ކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ.

6-ގެސްޓްހައުސްތަކުގައި އުފެދޭ ކުނިބުނި ނައްތާލުން:

(ހ) ގެސްޓް ހައުސްތަކުގައި އުފެދޭ ކުނިބުނި ކަމަދޫ ކައުންސިލުން ކަނޑައަޅާ ޢާއްމުކޮށްފައި ޢުޞޫލުތަކާއި އެއްގޮތަށް ނައްތާލުމުގައި ހުރިހާ ގެސްޓް ހައުސްތަކުން ޢަމަލުކުރަން ޖެހޭނެއެވެ. އަދި އެކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދައްކަން ޖެހޭ މަހުފީއެއް ގެސްޓް ހައުސްތައް ހިންގަވާ ފަރާތްތަކުން ކައުންސިލަށް ދައްކަވަން ޖެހޭނެއެވެ.

7-ގެސްޓްހައުސްތަކަށް ޙާއްސަ ކުރެވޭ ބީޗް:

(ހ) ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްޓަކައި ކައުންސިލްގެ ފަރާތުން ބީޗެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދަކީ ކަމަދޫ ގެސްޓް ފިޔަފާރިއަށް ޙާއްސަ ބީޗް އިތުރުން އާބަހާރު މަގުގެ އިރުމަތީ ހޭޅިން ފެށިގެން އޯކިޑްމަގުގެ ދެކުނު އަތިރިމައްޗާއި ހަމައަށް ގޮނޑުދޮށުންވާ ސަރަޙައްދެވެ. އަދި މިސަރަޙައްދު އިންވަކިކުރުމަށްޓަކައި ސަރަޙައްދު ފާހަގަވާނޭ ގޮތުގެ ސަރަޙައްދު ދައްކުވާދޭނޭ ބޯޑުތައް ކައުންސިލްގެ ފަރާތުން އެސަރަޙައްދުގައި ބަހައްޓަންވާނެއެވެ. އަދި އެސަރަޙައްދަކީ ޢާއްމު ގޮތެއްގައި ޓްއަރިސްޓުން އުޅޭނޭ ސަރަޙައްދު ކަމަށްވާތީ އެސަރަޙައްދަށް ޢާއްމުން ނުދިއުމަށް ކައުންސިލްގެ ފަރާތުން އިލްތިމާސް ކުރަންވާނެއެވެ. އަދި މިސަރަޙައްދު ބޭނުންކުރާ ގެސްޓްހައުސްތަކުން އެސަރަޙައްދު ބޭނުންކުރުމަށްޓަކައި ކައުންސިލްގައި ރަޖިސްޓްރީ ވާން ޖެހޭނެއެވެ. އަދި އެސަރަޙައްދު ބޭނުންކުރުމުގެ ފީގެ ގޮތުގައި މިޢުޞޫލުގައި ބަޔާންކުރާ މަހުފީ ތަކާއި ، ކަނޑައެޅިފައިވާ އެއްމެހާ ފީތަށް ، ކައުންސިލަށް ދައްކަވަން ޖެހޭނެއެވެ. އަދި ގެސްޓް ބީޗް ސަރަޙައްދު ކުނިކަހާ ސާފުކުރެވޭނޭ އިންތިޒާމް ގެސްޓްހައުސްތަކުގެ ވެރިންނާއި، ކައުންސިލާއި ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ.

8- ގެސްޓު ބީޗްގައި މިހާރުކުރެވިފައިވާ އިމާރާތްތައް ބޭނުންކުރުން:

(ހ) މި ޢުޞޫލު ފާސްކުރުމަށްފަހު ގެސްޓު ބީޗްގައި މިހާރު ހެދިފައިހުރި ހުރިހާ އިމާރާތްތަކަކީ ބ.ކަމަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކައުންސިލްގެ އިމާރާތްތަކެކެވެ.

(ށ) އަދި އެއްވެސް ފަރާތަކުން އެއިން އެއްވެސް މުދަލަކަށް ގެއްލުންދީ ހަލާކުކޮށްގެން ނުވާނެއެވެ. އެފަދަ އަމަލެއް ހިންގާ ފަރާތަކާއިމެދު ކަމާބެހޭފަރާތްތަކަށް ހުށަހަޅައިގެން ތަހުޤީގު ކުރެވޭނެއެވެ.

(ނ) އެ އިމާރާތްތައް ބޭނުންކުރަންވާނީ ކައުންސިލްގެ މަޝްވަރާއާއި އެކު އެންމެ މަސްލަހަތު ހުރިގޮތަށެވެ.

9-ރަށުގެ އެހެނިހެން ސަރަޙައްދުތަކުގެ އަތިރިމަތި ގެސްޓް ވިޔަފާރީގެ މުޢާމަލާތްތަކަށް ބޭނުންކުރުން:

(ހ) ރަށުގެ އެހެނިހެން ސަރަޙައްދު ތަކުގެ އަތިރިމަތި ޓުއަރިސްޓުންގެ ހަރަކާތްތަކަށް ބޭނުންކުރަންވާނީ އެކަމަށް އެދި ކައުންސިލް އިދާރާއިން ހުއްދަ ހޯދުމަށް ފަހުއެވެ. އަދި ކައުންސިލުން ލިޔުމުން ހުއްދަ ލިބިގެންނޫނީ އެއްވެސް ސަރަހައްދެއް ބޭނުންކޮށްގެން ނުވާނެއެވެ. އެކަމާ ހިލާފަށް އެއްވެސް ގެސްޓުހައުސް އަކުން މަސައްކަތް ކޮށްފިނަމަ އެކަމެއް ތަޙުޤީޤު ކުރުމަށް ކަމާބެހޭ ފަރާތަކަށް ހުށަހެޅޭނެއެވެ.

10-އެކިއެކި ކަންކަމަށް ނެގޭ ފީތައް:

(ހ) ގެސްޓްހައުސްތަކާއި ގުޅުންހުރި ފީތައް ނެގިގެންދާނީ ތިރީގައި ބަޔާންކުރާ ތާވަލުގައިވާ ގޮތުގެ މަތީންނެވެ. އަދި އަގުތަށް ބަޔާންކުރެވިފައިވާނީ ދިވެހި ރުފިޔާއިންނެވެ.

(ށ) މީގެ އިތުރުން އެއްވެސް ފީއެއް ނަގަން ކައުންސިލަށް ފެނިއްޖެ ހާލަތެއްގައި ކައުންސިލްގެ ބައްދަލުވުމަކުން އެކަމަށް ފާސްކޮށް ގޮތެއް ނިންމިދާނެއެވެ.

#

ތަފްޞީލް

ސަރަޙައްދު

ފީ ކަނޑައެޅޭ މިންގަނޑު

ނެގޭނޭ ފީގެ އަދަދު

1

މުނިސްޕަލްސާރވިސް ފީ / ޙިދްމަތްތަކުގެ

ގެސްޓުން ހަރަކާތެރިވާ ގެސްޓް ހައުސް ފިޔަވާ އެއްމެހާ ސަރަޙައްދުތަކަށް.

ގެސްޓް ހައުސް އަށް އިންވާ ދުވަހުން ފެށިގެން ޑިޕާރޗާ ވާ ދުވަހަށް.

ދުވާލަކަށް ބޮލަކަށް 1 ޔޫ،އެސް ޑޮލަރުގެ ރޭޓް ކަމުގައި ބަލާނީ ބެންކް އޮފް މޯލޑިވްސް އިން ކަނޑައަޅާފައިވާ ރޭޓުންނެވެ.

ނޯޓް

މުނިސްޕަލްސާރވިސް ފީ ބޮލަކަށް ދުވާލަކަށް 1 ޑޮލަރު(ޔޫ،އެސް ޑޮލަރު) ނަގާނީ އެމީހަކު ކަމަދޫއަށް ( އިން ) އަދި ( އައުޓް ) ވާދުވަހަށެވެ.އެފައިސާ ޖަމާކުރައްވާނީ ކަމަދޫ ކައުންސިލްގެ ރެވެނިއު 1 ގެ އެކައުންޓް ނޫންނަމަ ކައުންސިލްގެ ނަމުގައި ހުޅުވޭ ޔޫ،އެސް ޑޮލަރު އެކައުންޓަކަށެވެ. މުނިސިޕަލްސާރވިސް ނެގޭ ފައިސާ ކައުންސިލަށް ދައްކަން ވަޑައިގަންނަވާއިރު ކޮންމެ 03 މަހުން 01 މަހު މީރާއަށް ގެސްޓްހައުސް ގެ ފަރާތުން ހުށަހަޅާ މަޢުލޫމާތު ކަރުދާސްތަކުގެ އޮކިއުޕެންސީ ތަފްޟީލެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި ފީ ދެއްކުމުގެ އެންމެ ފަހު މުއްދަތަކީ ތިރީގައިވާ ތާވަލްގެ ފައިސާދެއްކުމުގެ އެންމެ ފަހުތާރީޙް ކަމަށް ކަނޑައަޅާފައިވާ ދުވަހަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ ފީތައް ކައުންސިލް އިދާރާއަށް ދައްކާ ޙަލާސް ނުކުރާނަމަ ދެން ފީ ބަލައި ގަނެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް 1 ޑޮލަރު ޖޫރިމަނާއަކާއި އެކުއެވެ. އަދި ތިރީގައިވާ ތާވަލް އާއި އެއްގޮތައް ހުރިހާ ގެސްޓުހައުސްއަކުންވެސް ފީ ދައްކަންވާނެއެވެ.

 

ޓާމް

ހިސާބު ހުށަހެޅުމުގެ އެންމެ ފަހު ތާރީޙް

ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޙް

01 ޖަނަވަރީ އިން 30 މާރޗް އަށް

30 އޭޕްރީލް ގެ ނިޔަލަށް

10 މެއި ގެ ނިޔަލަށް

01 އެޕްރީލް އިން 30 ޖޫން އަށް

31 ޖުލައި ގެ ނިޔަލަށް

10 އޮގަސްޓް ގެ ނިޔަލަށް

01 ޖުލައި އިން 31 ސެޕްޓެމްބަރ އަށް

30 އޮކްޓޯބަރ ގެ ނިޔަލަށް

10 ނޮވެމްބަރ ގެ ނިޔަލަށް

01 އޮކްޓޯބަރ އިން 31 ޑިސެމްބަރ އަށް

31 ޖަނަވަރީ ގެ ނިޔަލަށް

10 ފެބްރުއަރީ ގެ ނިޔަލަށް

 

11- ފައިސާ ގޮތުގައި ނެގޭ ފީތަކާއި ކުލި ނެގުމުގައި ޙަރަދު ކުރެވިދާނެގޮތްތަށް،

( ހ ) ގެސްޓް ހައުސްތަކަށް ބިނާކުރެވޭ އެއްމަހާ ކުލި ނެގޭނެކަންކަމާއި ކައުންސިލްގެ ޢާމްދަނީއަށް އިތުރު ކުރެވޭނެ ގޮތްތަށް ހޯދައި ކުރެވޭ މަސައްކަތްތަކާއި ، މުނިސްޕަލްސާރވިސް ޙިދްމަތް ހަރުދަނާ ކުރެވޭނެހާ މުވައްޒިފުން ނެގުމާއި ، ދެމެހެއްޓެނިވި ގޮތުގައި ގެސްޓް ބީޗް ޙިދްމަތް ދެވޭނެ އިމާރާތް ބިނާކުރުމާއި، ކައުންސިލުން ކަނޑައަޅާ ހެދިފައިވާ ޤަވާއިދުތަކާއި އުސޫލްތަކާއި ހިލާފް ނުވާނޭހެން އެހެނިހެން ކަންކަންކުރުން.

12- ކާރީސާ އެއް ނުވަތަ ސިއްޙީގޮތުން ހަލާތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތް:

( ހ ) ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ލަފާއާއި އިރްޝާދްއާއި އެއްގޮތަށް އަމަލުކުރުން.

13- މިޢުޞޫލްތަކާއި ޚިލާފުވުން

މިޢުޞޫލާއި ޙިލާފަށް އަމަލުކުރާ ފަރާތްތައް އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 1000.00 ރުފިޔާއާއި 10000.00 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި މިޢުޞޫލުގެ ދަށުން ނެގޭ މުނިސިޕަލް ފީ ނަގަމުން ގެންދާނީ 01 އޮކްޓޯބަރ 2021 އިން ފެށިގެންނެވެ.

 

މަތީގައިވާ ގޮތަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 11 ވަނަ ޖަލްސާ އިން މި އުޞޫލް ފާސްކޮށްފީމެވެ.

ނަން

މަޤާމް

ސޮއި

ޙަސަން ޒަރީރު

ކައުންސިލްގެ ރައީސް

 

ޙަސަން މުފީދު

ކައުންސިލްގެނައިބް ރައީސް

 

މުޙައްމަދު ޝަރީފް

ކައުންސިލް މެމްބަރ

 

ފާޠިމަތު ޝަޒްނާ

ކައުންސިލް މެމްބަރ

 

މަރްޔަމް ނަފްހަތު

ކައުންސިލް މެމްބަރ

 

 

04 އޮގަސްޓް 2021

 

c

04 އޮގަސްޓް 2021
ހޯދާ