މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނޫސް ބަޔާން

    ނަންބަރު:(OTHR)202-A/202/2021/2

ނޫސްބަޔާން

15 ޖުލައި 2021 ގައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައި، ޓްރާންސްޕޯޓް މިނިސްޓްރީން ބަޔާނެއް ނެރުނީ އެކައުންސިލަށް ނާންގާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ، ޙަޤީގަތް ހާމަކުރުމުގެ ގޮތުން ދަންނަވަމެވެ.

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 4 ވަނަ އިޞްލާހުގައި އެއްގަމު އުޅަނދާބެހޭ ބައެއް މަސައްކަތްތައް ކުރުމަކީ ކައުންސިލްތަކުގެ މައްޗައް ލާޒިމްކުރާ ކަމަކަށްވާތީ، މިއޮތޯރިޓީގެ ފަރާތުން ކުރަމުންގެދިޔަ އެއްގަމު އުޅަނދުގެ މަސައްކަތްތަކުގެ ތެރެއިން ސިޓީ ކައުންސިލަށް ބަދަލުކުރަންޖެހޭ މަސައްކަތްތައް ބަދަލުކުރުމަށްޓައި، 2020 ނޮވެމްބަރ މަހުން ފެށިގެން މާލޭ ސިޓީ ކައުންސިލާއި މަޝްވަރާކޮށް، މިގެންދަނީ މުޢާމަލާތް ކުރަމުންނެވެ. އެގޮތުން ނިމިދިޔަ ސިޓީ ކައުންސިލާއެކު ވެސް މިކަމުގައި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރަމެވެ.

މިގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖުގެ ހުއްދަ ދިނުމާއި، ގަރާޖު ޗެކްކުރުމުގެ މަސައްކަތް 4 ޖުލައި 2021 އިން ފެށިގެން ސިޓީ ކައުންސިލުން ކުރިޔަށް ގެންދިއުމަށްވެސް ވަނީ ދެންނެވިފައެވެ. އަދި 27 ޖޫން 2021 ގައި މަލޭ ސިޓީ ކައުންސިލުން މިއޮތޯރިޓީއަށް ފޮނުއްވި ސިޓީއެއްގައި، "ޓްރާސްޕޯޓް އޮތޯރިޓީއާއި ގުޅޭ މައިގަނޑު މަސައްކަތްތައް އެއްތަނަކުން ކުރެވެން އޮންނަ ހިނދު، މަސައްކަތްތައް ބައި ކޮށްގެން ދެތަނުން ކުރަމުން ދިއުމަކީ ރައްޔިތުންނަށް ނުހަނު އުނދަގޫ ބޮޑު ތަކުލީފުތަކެއް ކުރިމަތިވާނެ ކަމެއްކަމުގައި" ބަޔާންކޮށްފައި ވެއެވެ. ވުމާއެކު، ސިޓީ ކައުންސިލުގެ ނަންބަރު 202-L/425/2021/47 (27 ޖޫން 2021) ސިޓީއިން އެދިވަޑައިގަތުމާ އެއްގޮތަށް ގަރާޖުހުއްދަ ދިނުމުގެ އެންމެހާ ކަންކަން ސިޓީ ކައުންސިލުން ކުރިޔަށް ގެންދިއުމަށް، 29 ޖޫން 2021 ގައި ވާނީ ސިޓީއަކުން ދެންނެވިފައެވެ.

އެހެންނަމެވެސް މާލެ ސިޓީ ކައުންސިލަށް އިތުރުވަގުތު ބޭނުންވާތީވެ، 01 އޮގަސްޓް 2021 އިން ފެށިގެން މިދެންނެވި ޚިދުމަތްތައް ދެމުންގެންދާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް މިއޮތޯރިޓީގެ ފަރާތުން އިޢުލާނުކުރީ މާލޭ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރެވި ލިޔުމުން އެކަން އެންގުމަށްފަހު ޚިދުމަތްލިބިގަންނަ ފަރާތްތަކަށް ދުރާލައި މިބަދަލުއައިކަން އެންގުމުގެ ގޮތުންނެވެ. މިހެންވެ މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

16 ޖުލައި 2021

17 ޖުލައި 2021
ހޯދާ