ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭ މައުލޫމާތު ބެލެހެއްޓުމަކީ މި މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮންމެ މަރުކަޒަކުން ވެސް އެތަނަށް އަންނަ މުހިންމު ބަދަލުތައް މި މިނިސްޓްރީއަށް އަންގަންވާނެއެވެ. އެގޮތުން، މެނޭޖްމަންޓް، މަސްއޫލުވެރި ފަރާތް، ހިންގާ ވެރިޔާ، ކެމްޕަސް، އައުޓްރީޗް ސެންޓަރ، އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް ފަދަ، ތަނުގެ އެއްވެސް މުހިންމު މައުލޫމާތަކަށް ބަދަލު އަންނަ ނަމަ މި މިނިސްޓްރީއަށް އެކަން އަންގަން ވާނެއެވެ.
މި މިނިސްޓްރީން ކޮލެޖް/ އިންސްޓިއުޓްތަކަށް ދޫކުރާ ރަޖިސްޓްރީގައި ވެސް އިންސްޓިޓުއުޓް ނުވަތަ ކޮލެޖްގެ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން މި މިނިސްޓްރީއަށް އަންގަންވާނެ ކަމުގައި އޮންނާނެއެވެ.
މި މިނިސްޓްރީން ޢަމަލުކުރަމުންދާ "ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" ގެ މާއްދާ 4.11 ގައި ވެސް، ކިޔަވައިދޭ ތަނެއްގެ މަސްއޫލުވެރި ފަރާތް ބަދަލުކުރަން ބޭނުންވާނަމަ، މަސްއޫލުވެރި ފަރާތުން އެގޮތަށް އެދޭކަމުގެ ލިޔުމާއި، މަސްއޫލުވެރިކަން ހަވާލުވާ ފަރާތުން އެކަމަށް އެދޭކަމުގެ ލިޔުމާއި، އެފަރާތުން ތަނުގެ މަސްއޫލުވެރިކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމުގެ ލިޔުމަކާއި އެކު މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމުގައި އޮންނާނެއެވެ.
އެ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުން، ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިޚުތިޔާރާއި އިންސްޓިޓިއުޓް އުވާލަންޖެހޭ ހާލަތްތަކުގައި އުވާލުމުގެ އިޚުތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެން ވެއެވެ. އަދި ގަވާއިދާ ޚިލާފުވެގެން އިންސްޓިޓިއުޓެއް އުވާލަންޖެހޭ ހާލަތުގައި މިނިސްޓްރީއާއި ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއް ނޯންނާނެ ކަމުގައި ވެސް އެމާއްދާގައި އޮވެއެވެ.
ބައެއް ކޮލެޖް/ އިންސްޓިޓިއުޓްތަކުން މިނިސްޓްރީއަށް އަންގަންޖެހޭ ކަންކަން ނާންގައި ހުންނަކަން ފާހަގަކުރެވެމުންދާތީ، އެންމެހާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުން ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން ދެންނެވީމެވެ.
19 ޛުލްޤަޢިދާ 1442 ހ